[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ނާބިތުގެ ޢަޒުމް

hardworkއަށް އަހަރުގެ ނާބިތު ކިޔަވާ މޭޒު ކައިރީގައި ވަރަށް ޝަޢުޤުވެރިކަމާއެކު އެއްޗެއް ކުރަހަމުން ގެންދިޔައެވެ. އެއީ ސްކޫލުގައި އޮތް ކުރެހުމުގެ މައުރަޒެއްގައި ބައިވެރިވުމުގެ އުއްމީދުގައި ނާބިތު ކުރަހަމުންގެންދިޔަ ޤުދުރަތީ ރީތި މަންޒަރެކެވެ.

 ކުރަހާ ނިމެނިކޮށް ނާބިތުގެ ތިން އަހަރުގެ ކޮއްކޮ ސާރާ އެތަނަށް ދިޔައެވެ. ދޮންބެ ކުރަހަމުން ގެންދިޔަ ތަސްވީރު ފެނުމާއެކު ސާރާ އުފަލުން ފޮޅުނެވެ. “މާޝާﷲ މި މާ ކޮއްކޮއަށް ވަރަށް ރީތި….ރެޑް ރޯސްވެސް.ކޮއްކޮ އަށްރީތި…މިއީ މޫދުތަ ދޮންބޭ..” ސާރާގެ ތުއްތު އަޑުން ނާބިތު ކުރަހާފައި ހުރި މަންޒަރުތައް ރީތިވެގެން ވާހަކަދެއްކިއެވެ. އަދި ސާރާވެސް އެގޮތަށް ކުރަހަންބޭނުންވިއެވެ. އެހެންކަމުން މޭޒުމަތީގައި އޮތް ފަންސުރެއް ނަގާފައި ނާބިތު ކުރަހަމުންދިޔަ ގަނޑުގައި ރޮނގެއް ދަމާލިއެވެ. އެއާއެކު ނާބިތު ވަރަށް ރުޅިއައިސްފައި ކޮއްކޮ ކޮއްޕާލިއެވެ. ކައިރީގައި ހުރި މޭޒުގެ ކަނުގައި ސާރާގެ ބޯޖެހުނެވެ. އެއާއެކު ސާރާ ތަދުވެގެން ވަރަށް ބާރަށް ރޯންފެށިއެވެ.

ސާރާގެ ބޯ މޭޒުގައި ޖެހުމުން ނާބިތު ވަރަށް ކަންބޮޑުވެ ހާސްވިއެވެ. ނާބިތު ކޮއްކޮ ކޮއްޕާލީ ގަސްދުގައި ކޮއްކޮއަށް އަނިޔާ ކުރާކަށް ނޫނެވެ. އެއަށްވުރެ ނާބިތު ކޮއްކޮދެކެ ލޯބިވެއެވެ. އެހެން ނަމަވެސް ބައެއް ފަހަރު ނާބިތަށް މާ އަވަހަށް ރުޅި އާދެވި ކޮންޓްރޯލު ނުކުރެވެނީއެވެ.

ނާބިތު އަވަހަށް ގޮސް ކޮއްކޮނެގިއެވެ. އޭރު ސާރާގެ ނިތްކުރިމަތި އޮތީ ދުޅަވެފައެވެ. އެވަގުތު މަންމަވެސް ސާރާ ރޯއަޑަށް ދިޔައެވެ. އަދި އަވަހަށް ސާރާގެ ނިތްކުރިމަތީ ގަނޑުފެންއަޅަންފެށިއެވެ.

ނާބިތު ހުރީ ކަންތައް ވީގޮތުން ވަރަށްދެރަވެފައެވެ. ނާބިތުގެ މަންމަ އަބަދުވެސް ރުޅި ނައުމަށް ނަސޭޙަތްތެރިވެއެވެ. އެއީ ޝައިޠާނާ ވަރަށް އުފާވާ ކަމެކޭ މަންމަ ބުނެއެވެ. އަދި ރުޅިއަންނަވަގުތު ޝައިޠާނާ މީހާގެ މައްޗަށް ގަދަވެ ވަރަށް ގޯސް އަދި ގެއްލުން ހުރިކަންތައް ކުރެވޭނޭ ކަމަށް މަންމަ ކިޔައިދެއެވެ. މިއަދު ނާބިތަށް ވެސް އެވަނީ އެފަދަ ކަމެއްކުރެވިފައެވެ. ނާބިތުގެ ހުރި ނުހަނު ލޯބިވާ ހަމައެކަނި ކޮއްކޮއަށް އޭނަގެ ސަބަބުން އަނިޔާއެއް ލިބުނީއެވެ.

ސާރާ ރުއިން ހުއްޓާލުމުން މަންމަ ނާބިތަށް ގޮވާލިއެވެ. ނާބިތު ހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އެހެންނަމަވެސް މަޑުމަޑުން މަންމަގެ ގާތަށް ދިޔައެވެ.އޭރު ނާބިތުގެ ދެލޯވަނީ ފެންކަޅިވެފައެވެ.މަންމަ ނާބިތުއަށް އޯގާތެރިކަމާއެކު ނަޞޭޙަތް ދިނެވެ. ނާބިތު އެހެންދުވަހާއި ޚިލާފަށް މިއަދު މަންމަގެ ނަޞޭޙަތް އަޑުއެހީ ވަރުގަދަ ޢަޒުމަކާއެކުގައެވެ. ކަމަކާހިތްހަމަ ނުޖެހުނަސް ދުވަހަކުވެސް ރުޅިނާންނަން ނިންމިއެވެ. ރުޅީގެ ސަބަބުން ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެ ކަމަށް ނާބިތުއަށް މިއަދު ޤަބޫލުކުރެވުނެވެ.

މަންމަ ނާބިތަށް ނަޞޭޙަތް ދިންއިރު ރުޅިމަޑުކުރަން ކުރެވިދާނެ ކަންތައްތައްވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްގެ އަލީގައި ކިޔައިދިނެވެ. ނާބިތު ރުޅިމަޑު ކުއްޖަކަށްވާން ބޭނުންވެފައި ހުރިވަރުން އެކަންތައްތައް ނޯޓް ކުރިއެވެ. ނާބިތު ލިޔުނު ނޯޓުގައި ވެއެވެ. “ރުޅި އަތުވެއްޖެނަމަ އަޢޫޛު ކިޔާށެވެ. އެގޮތަށް ނުވެއްޖެނަމަ އިށީންނާށެވެ. ނުވަތަ އޮށޯންނާށެވެ. އެހެންނޫނީ ހިނގާލާށެވެ. އަދި އެވަރުންވެސް ރުޅިމަޑު ނުވެއްޖެނަމަ ވުޟޫކޮށްލާށެވެ.”

އަދި ރުޅިއައުމާ ގުޅޭގޮތުން މަންމަ ކިޔައިދިން ޙަދީޘެއްވެސް ކަރުދާސްގަނޑެއްގައި ލިޔުމަށްފަހު ކިޔަވާ މޭޒުކައިރީގައި ތަތްކޮށްލިއެވެ. އެ ޙަދީޘްގައި ވެއެވެ.

((لَيْسَ الشَّدِيدُ بِالصُّرَعَةِ إِنَّمَا الشَّدِيدُ الَّذِى يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ))(1) މާނައީ: “ވަރުގަދަ މީހާޔަކީ ތަޅާފޮޅުމުގައި ގަދަމީހާއެއްނޫނެވެ. އެހެނެއްކަމަކު އެއީ ރުޅިއަންނަހިނދު ތިމާގެ ނަފްސު ކޮންޓްރޯލުކުރާ މީހާއެވެ.”

އޭގެ ދުވަސްކޮޅެއްފަހެވެ. ނާބިތުއަށް ހެނދުނު ހޭލެވުމާއެކު ސިއްސައިގެން ދިޔައެވެ. ކުރިމަތީގައި ހުރީބޮޑު ޕާރުސަލެކެވެ. އޭގައިވާ ލިޔުންކޮޅު ކިޔާލުމުން އެއީ މަންމަ އާއި ބައްޕަ ނާބިތަށް ދީފައިވާ ހަދިޔާއެއްކަން އެނގުނެވެ. އަދި އެއީ ނާބިތު ރުޅިމަޑުކުރަން އާދަކުރީތީ މަންމަމެން ދިން ހަދިޔާއެއްކަމުގައި ލިޔެފައި އޮތެވެ. ނާބިތު ރުޅިމަޑުކުރަން މަސައްކަތް ކުރީ މަންމަމެން ހަދިޔާދޭން ބުނެގެނެއް ނޫނެވެ. އެހެންނަމަވެސް މަންމަމެން އެކަން ފާހަގަކޮށް ހަދިޔާއެއް ދިނީތީ ނާބިތު ވަރަށް ބޮޑަށް އުފާވިއެވެ.

ހަދިޔާ ކެނޑުމުގެ ކުރިން މަންމަމެން ކޮބައިތޯ ބަލާލިއިރު މަންމައާއި ބައްޕަ އަދި ކޮއްކޮ ސާރާ ތިބީ ސިޓިންރޫމް ގައެވެ. ނާބިތު ގޮސް މަންމަމެން ގައިގައި ބައްދާލައިފާ ހަދިޔާ ދިނީތީ ޝުކުރު އަދާކުރިއެވެ. އަދި ވަރަށް އުފަލުންހުރެ ޕާރުސަލުކަނޑާލިއިރު އޮތީ ނާބިތު އެންމެ ބޭނުންވާކަހަލަ ރިމޯޓް ކާރަކާއި ވާހަކަފޮތެކެވެ. ކާރުފެނުނުއިރަށް ސާރާ އައިސް ކޮއްކޮ ކާރު ދުއްވަން ބޭނުމޭ ކިޔާފައި ކާރުނެގިއެވެ. ކޮއްކޮ އެކަހަލަ ކަމެއް ކުރިޔަސް ނާބިތު މިހާރު ރުޅިއެއްނާދެއެވެ. ހިނިތުންވެލާފައި ނާބިތު ބުންޏެވެ. “ކޮއްކޮ ކުޅެ ނިމުނީމަ ދޮންބެ އަތަށްދީ އިނގޭ”.

_______________________

(1) ޞަޙީޙުލް ބުޚާރީ: ޙަދީޘް ނަންބަރު 6114، ޞަހީޙު މުސްލިމް: ޙަދީޘް ނަންބަރު: 6809