[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މިއަދުގެ ޙާލަތު، ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅުން…؟

20110823_023މީސްތަކުން ހާސްވެ ކަންބޮޑުވެގެން، ވާނުވާ ނޭނގި އުޅެނީއެވެ. މުޅި ދުނިޔެ ހުއްޓުމަކަށް އަންނަން އުޅޭ ކަހަލައެވެ. ނުވަތަ ބޮޑު ތަދުމަޑު ކަމެއް ފެތުރިދާނޭހެން ހީވާ ކަހަލައެވެ. ކަމުގެ މާހިރުންވެސް ވަނީ ވާނުވާ ނޭނގި ހާސްކަމެއްގެ ތެރޭގައެވެ. ހަމަ ނޭނގި ތިއްބާ ފާޑުފާޑުގެ ގޮތްނޭނގޭ އެތައް ބަލިތަކެއް ފެތުރިގެން ދަނީއެވެ. ތަކެތީގެ އަގުބޮޑުވެ އަތްނުފޯރާ ފަށަށް އަގުތައް އުފުލި ދަނީއެވެ. ކިތަންމެ ހަރުއަޑުން މިނިވަންކަމޭ ޑިމޮކްރަސީއޭ ކިޔާ ގޮވާއިރުވެސް، އަނިޔާވެރި ނުބައި ނުލަފާ ވެރީންތައް ހައްތަހާ އިތުރުވަނީއެވެ. ވާރޭ ނުވެހުމުގެ ސަބަބުން ހަނަފަސްކަން ފެތުރި، ފެނަށް ޖެހިދާނެތީ އެއްބަޔަކު ބިރުން ހާސްވެގެން އުޅެނީއެވެ. އަނެއްބަޔަކަށް ފެނުގެ ތޫފާންތައް ކުރިމަތިވެ މުދަލާއި ގެދޮރާއި އެތައް ފުރާނަތަކެއް ވޭންދެނިވި ގޮތެއްގައި ފަނާވެދަނީއެވެ. އަޅުގަނޑުމެން ހަމަ ބަލަން ތިއްބާ، އަޅުގަނޑުމެންގެ މައްޗަށް ކާފަރުންގެ ޢަދުއްވުންތައް ވެރިވެގަނެ ތަޅާ ސުންނާފަތި ކުރަމުންދަނީއެވެ. އަޅުގަނޑުމެންގެ ތެރޭގައި ތަޅާފޮޅުން ޢާއްމުވެ އެއްބަޔަކު އަނެއްބަޔަކު މަރަމުން ދަނީއެވެ. ސުބްޙާނަﷲ އެވެ.

ކޮންމެއަކަސް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު الله صلى الله عليه وسلم ވަނީ މީގެ ސާދަސަތޭކަ އަހަރު ކުރިން މިކަންތައްތައް ކުރިމަތިވާނޭކަން ބަޔާން ކުރައްވާފައެވެ. އާދެ މިއީ އެނަބިއްޔާގެ ރިސާލަތަކީ ޙައްޤު ތެދުކަން ބަޔާންކޮށްދޭ ވަރުގަދަ ދަލީލެކެވެ. އަދި ހަމައެހެންމެ މިއީ މުއުމިނުތަކުންނަށް ހުރި ޢިބްރަތްތެރި ފިލާވަޅުތަކެއްވެސްމެއެވެ. ކޮންމެއަކަސް މިކަން ބަޔާންކުރައްވާ، ކީރިތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

“يا معشر المهاجرين، خمسٌ إذا ابتليتم بهن، وأعوذ بالله أن تدركوهن:
1. لم تظهر الفاحشة في قوم قط حتى يُعلنوا بها إلا فَشَا فيهم الطاعون والأوجاع التي لم تكن مَضَتْ في أسلافهم الذين مَضَوا.

2. ولم ينقصوا المكيال والميزان ، إلا أُخذوا بالسنين وشدة المئونة وجور السلطان عليهم.

3. ولم يمنعوا زكاة أموالهم إلا مُنِعُوا القَطْر من السماء ، ولولا البهائم لم يُمطروا.

4. ولم ينقضوا عهد الله وعهد رسوله إلا سلَّط الله عليهم عدواً من غيرهم،فأخذوا بعض ما في أيديهم.

5. وما لم تحكم أئمتهم بكتاب الله ويتخيروا مما أنزل الله ، إلا جعل الله بأسهم بينهم”.
(رواه ابن ماجة وحسَّنه العلامة الألباني)

މާނައީ: “އޭ މުހާޖިރުންނޭވެ. ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވެ އޭގެ ފިތުނަވެރިކަން ޖެހިއްޖެނަމައެވެ، ފަހެ އެކަންތައްތައް ތިޔަބައިމީހުންނާއި ލައިނުގަތުމަށް، ތިމަންކަލޭގެފާނު الله تعالىގެ ޙަޟްރަތުން (އެބަހީ އެއިލާހުގެ ޙަޟްރަތުން ރައްކައުތެރިކަމަށް) އެދެމެވެ. (އެކަންކަމަކީ):

1.      ބައެއްގެ ތެރޭގައި ފާޙިޝްކަންތައްތައް ފައުޅުވެ، އެކަންތައްތައް އިޢުލާނުކޮށް ޢާއްމުކުރުން ނެތިނުދެއެވެ. ފަހެ އެހިނދު އެބައެއްގެ ތެރޭގައި ޠާޢޫންއާއި (ގައިން ގަޔަށް އަރާ ބަލިތަކާއި) އެމީހުންގެ ކުރީން އެއްވެސް ބަޔަކު ދެކެފައި ނުވާފަދަ އާބަލިތަކާއި ރޯގާތަކާއި ތަދުމަޑުކަން ފެތުރި އާއްމުވެދެއެވެ.

2.      އަދި މިނެކިރުމުގައި މަކަރާއި ޙީލަތް ހެދުން ނެތި ނުދެއެވެ. އެހިނދު އެތަކެއް އަހަރުދުވަހެއްގެ ތަދުމަޑުކަމާއި ދަތި އުނދަގޫތައް އެބައިމީހުންނާއި ކުރިމަތި ކުރުވައެވެ. އަދި ނުބައި ނުލަފާ އަނިޔާވެރި ވެރީން އެމީހުންގެ މައްޗަށް ވެރިކުރުވެއެވެ.

3.      އަދި އެބައިމީހުންގެ މުދަލުން ޒަކާތް ނެރުން މަނާވެގަންނަކަމުގައި މެނުވީ ނުވެއެވެ. އެހިނދު އެބައިމީހުންގެ މައްޗަށް އުޑުން ވާރޭ ވެއްސެވުން މަނާ ކުރެވެއެވެ. ފަހެ ނައަމި ސޫފި ނުވާނަމަ އެބައިމީހުންގެ މައްޗަށް ހަމަ އެއްގޮތަކަށްވެސް ވާރޭ ނުވެހުނީހެވެ. (މުތަރުޖިމުގެ ބަސް: މިއީ ވާރޭ ނުވެހުމުގެ ސަބަބުންނެވެ. ހަމަ މިގޮތަށް ވާރޭ ވައްސަވައިގެންވެސް ﷲ ތަޢާލާ މީސްތަކުންނަށް ޢަޛާބު ދެއްވަވައެވެ. މިގޮތުން އަނބިދަރީންނާއި ގާތް ތިމާގެ މީހުންނާއި މުދަލާއި ގޯތި ގެދޮރު ހަލާކުވެ ދިއުމާއި މިފަދަ އެތަކެއް ބޮޑު މުޞީބާތްތަކެއް ވާރޭ ވެހުމުގެ ސަބަބުންވެސް ކުރިމަތިވެއެވެ.)

4.      އަދި އެބައިމީހުން الله تعالىއާއި އެއިލާހުގެ ރަސޫލާއަށް ހިފި އަހުދަށް ބޭވަފާތެރިވާ ބައެއް ކަމުގައި މެނުވީ ނުވެއެވެ. އެހިނދު الله تعالى އެހެން ބަޔަކު އެބައިމީހުންގެ މައްޗަށް ޢަދުއްވުން ކަމުގައި ލައްވަވައި އެބައިމީހުންގެ އަތްތަކުގައިވާ މުދާތަކުން ބައެއް ޖަހައިގަނުވައެވެ.

5.      އަދި އެބައިމީހުންގެ ވެރީން الله تعالىގެ ފޮތަށް ޙުކުމް ނުކޮށް އަދި އެއިލާހު ބާއްވަވާލެއްވެވި ޙުކުމްތައް ފިޔަވައި އެހެން ޙުކުމްތައް ޚިޔާރު ކުރާ ބަޔަކު ކަމުގައި ނޫނީ ނުވެއެވެ. އެހިނދު އެބައެއްގެ ކަންތައް އެބައިމީހުންނާއިގެން ދޫކޮށްލައްވައެވެ. (އެބަހީ: ތަޅާފޮޅުމާއި ހަމަނުޖެހުމުގެ ތެރެއަށް އެބަޔަކު ދޫކޮށްލައްވައެވެ.)”

އާދެ މީގެ ސާދަސަތޭކަ އަހަރު ކުރިން އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މިވަނީ މިއަދުގެ ޙާލަތު ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައެވެ. މިޙަދީޘްފުޅުގައި ބަޔާންވެފައިމިވާ ހުރިހާ ކަމަކީވެސް ހަމަ އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރެއިން އެއްވެސް އުނިކަމެއް ނެތި ފެންނަން ހުރި ކަންކަމެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ރަސޫލު الله صلى الله عليه وسلم ގެ ބަސްފުޅުގެ ތެދުކަން މިހާ ސާފުކޮށް ތެދުކޮށް ފެންނަން އޮތްއިރުވެސް، އަދިވެސް ތައުބާވެ ދީނަށް ރުޖޫޢަވާން ނުވަނީތޯއެވެ؟ ދަންނާށެވެ. ދެދުނިޔޭގައިވެސް ކާމިޔާބު ލިބުން އޮތީ ﷲ އާއި އެއިލާހުގެ ނަބިއްޔާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ.