[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައުރަ ނިވާކުރުމަށް އަވަސްވާކަށް ނުވޭހެއްޔެވެ؟

އަޅުގަނޑުމެންނަށް ﷲ ދެއްވި އެންމެބޮޑު ނިޢުމަތަކީ އިސްލާމްދީނުގެ މަތިވެރި ނިޢުމަތްކަން ކަށަވަރެވެ. އެންމެ ވަރުގަދަ ހަތިޔާރަކީ އެދީނުގެ އަޤީދާކަން ކަށަވަރެވެ. އެ ދީނުގައި ސާބިތުކަމާއެކު ތިބެވޭނީ އެކަކު އަނެކަކަށް އެއްބާރުލުންދީ އެހީތެރިވެގެންކަމަށް އަޅުގަނޑު ދެކެމެވެ.

ފަހަކަށް އައިސް އިސްލާމީ މުޖުތަމަޢުތަކުގެ ގިނަ އަންހެނުންވަނީ ހުޅަނގުގެ ޘަޤާފަތުގެ  ޝިކާރައަކަށް ވެފައެވެ. މީގެ އަސަރު އަޅުގަނޑުމެންގެ މުޖުތަމަޢަށްވެސް ވަނީ ކޮށްފައެވެ. ބައެއް އަންހެނުންވަނީ އައުރަ ނިވާނުވާވަރުގެ ހެނދުން ލުމުގައި ޣާފިލުވެފައެވެ. އެއީ އެމީހުންނަށް ދީނުގައި އޮންނަގޮތް ނޭގެތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އެނގިހުރެ ތިމާގެ ހަވާނަފުސަށް ތަބާވަނީކަމަށްވެސް  ވެދާނެއެވެ.

ލޮބުވެތި އުޙުތާއެވެ! ވަގުތު ފާއިތުވުމުގެ ކުރިން ތިބާގެ އައުރަ ނިވާކުރުމަށް އަވަސްވެގަންނާށެވެ. އަންހެނާގެ އައުރައަކީ އޭނާގެ އަބުރާ ޝަރަފެވެ. އިއްޒަތާއި ކަރާމަތެވެ. އަޅުގަނޑުމެންނަށް އަންގަވާފައިވަނީ ހެނދުންލައިގެން ނިވާވެގެން ތިބުމަށެވެ. އަޅުގަނޑުމެންގެ ހަޤީޤީ އަދާވަތްތެރިޔާ ޝައިތާނާ، އޭނާގެ މަޅީގައި އަޅުގަނޑުމެން އެންމެން ޖެއްސުމަށް މަސައްކަތްކުރާނެއެވެ. ﷲ ގެ ވަހީބަސް ފުޅެއްގެ މާނަގައި ވެއެވެ. ” އާދަމްގެ ދަރީންނޭ! ޝައިތާނާގެ ފިތުނައިގައި ތިޔަބައިމީހުން ނުޖެހޭ ހުށިކަމެވެ. ތިޔަބައިމީހުންގެ  މައިންބަފައިން މީގެކުރިން ސުވަރުގެއިން ނެރިލި ފަދައިންނެވެ. އެދެމީހުންގެ ކިބައިން އެދެމީހުންގެ ހެނދުން ބޭލުވިއެވެ. އެއީ އެދެމީހުންގެ ހަށިގަނޑުގެ އައިބުތައް ދެއްކުމަށެވެ. އެސޮރާއި އެސޮރުގެ ބައިވެރީން ތިޔަބައިމީހުންނަށް ނުފެންނަތަނުގައި ތިބެ ތިޔަބައިމީހުންނަށް އެބަ ބަލައެވެ. ހަމަކަށަވަރުން ތިމަންއިލާހަށް އީމާންނުވާ މީހުންގެ ރަޙްމަތްތެރީންކަމުގައި ޝައިތާނުން ލެއްވީމެވެ.”

މުސްލިމް އަންހެނުން ބުރުގާއަޅައި ހަށިގަނޑު  ނިވާކޮށް އަބުރުވެރިކަމާއި ޢިއްފަތްތެރިކަމާއެކުގައި ތިބުމަށް ﷲ އެކަނބަލުންނަށް އަމުރުކުރައްވާފައި ވެއެވެ. ” އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ ތަންތަން ފިޔަވައި (އެބަހީ : މޫނާ ދެއަތްތިލަ ފިޔަވައި ) އެކަނބަލުންގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފާޅު ނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެންދަރީންނަށް ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ އައުރައަކީ ކޮބައިކަން ނޭގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ (ގަހަނާތަކާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާ ހުށިކަމެވެ. އޭ އެންމެހައި މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ. (އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބިގަތުމަށްޓަކައެވެ.”

އަދި ހަމައެހެންމެ އަލް އަޙްޒާބު ސޫރަތުގައި ﷲ ވަހީކުރައްވާފައިވަނީ ” އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން ނިވާވެތިބުމަށް  އަންގަވާށެވެ! ފާސިޤުންގެ ކިބައިން އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާންގެއެވެ.”

ލޮބުވެތި އުޚުތުންނޭވެ! ބުރުގާ އަޅައި އައުރަ ނިވާކުރަންޖެހޭކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުންވެސް އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. “ނަރަކައިގެ އަހުލުވެރިންގެތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނު އެދެބާވަތުގެ މީހުން ދެކެވަޑައެއް ނުގަންނަވަމެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކުން މީހުންގައިގާ ނުހައްގުން ތަޅާ އަދަބުދޭ ބަޔަކާ، ހެނދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ. އެކަނބަލުންނަކީ ސީދާމަގުން އެއްކިބާވެ ނުބައިކަންތަކަށް ލެނބިފައިތިބޭ  އަދި އެހެންމީހުން ސީދާމަގުން އެއްކިބާކޮށް ލަންބުވާބައެކެވެ. އެކަނބަލުންގެ އިސްތަށިގަނޑު ހީވާނީ ޖަމަލުގެ ގޮންގަނޑުހެންނެވެ. އެކަނބަލުންނަށް އެއްގޮތަކަށްވެސް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވާރުގޭގެވަސްވެސް ނުގަނެވޭނެއެވެ. އެތާނގެވަސް މިވެނި އެވެނި ދުރުމިނަކަށް ހުންނާނެއެވެ.”

ލޮބުވެތި އުޚުތުންނޭވެ! މިފަދަ ވަރުގަދަ ވަޢީދުގެ ބަސްފުޅުތަކަށް ބިރުގަނެ އައުރަ ނިވާކުރުމަށް އަވަސްވާކަށް ނުވޭހެއްޔެވެ؟ ލޮބުވެތި އުޚުތުންނޭވެ.! މިއީ ﷲ އާއި މާތްރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަގެ ބަސްފުޅެވެ. މިއާ އިދިކޮޅު ހެދޭނެ ހަމަ އެއްވެސް އިންސާނަކު މިދުނިޔެމަތީގައި ނުވެއެވެ. ވީމާ މިއާއި އެއްގޮތަށް ޢަމަލުކުރުމަށް އަވަސްވެގަންނަމާ ހިންގަވާށެވެ! ލޮބުވެތި އުޚުތުންނޭވެ!ތިޔަކަނބަލުން ނަރަކައަށް ވަންނަން ބޭނުންވަނީތޯއެވެ؟ އެފަދަ ބަދުނަސީބުވެރި ބަޔަކު ކަމުގައި ނުވުމަށްޓަކައި ވަގުތުފާއިތުވުމުގެ ކުރިން މަސައްކަތްކުރައްވާށެވެ! ﷲ ތަޢާލާ، އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމައުގެ އުޚުތުންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ލައްވާށި! އާމިން