[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 6 “މުޤައްދިމާ”

 

qiyaamai vumuge

ދެވަނަ ބާބު އާމެދު ދަންނައެވެ؛ ފަހެ އެއީ ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކުގެ ވާހަކަ ނަންގަނެވިގެންވާ ބާބެވެ. އަދި މިބާބު އެކުލެވިގެންވަނީ ތަމްހީދަކާއި ނުވަ ފަޞްލުގެ މައްޗަށެވެ.

ތަމްހީދު: [ތަމްހީދު] އެކުލެވިގެންވަނީ 2 ބަޙުޘެއްގެ މައްޗަށެވެ؛

ފުރަތަމައީ: ޤިޔާމަތުގެ ބޮޑެތި ޢަލާމަތްތަކުގެ ތަރުތީބު.

ދެވަނައީ: ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަކަށް ތަބާވާ ކަންކަން.

އަދި ފަޞްލުތަކާ މެދު ދަންނައެވެ؛ އެއީ:

ފުރަތަމަ ފަޞްލު: އެއީ މަހުދީގެފާނު ފާޅުކުރެއްވުމާ ބެހޭ ވާހަކަ ނަންގަނެވުނު ފަޞްލެވެ.

މިވާހަކަތަކުގައި، އެކަލޭގެފާނުގެ ނަންފުޅާއި، އެކަލޭގެފާނުގެ ޞިފަފުޅުތަކާއި، ނުކުމެވަޑައިގަންނަވާނެ ތަނުގެ ވާހަކަ އެކުލެވިގެން ވެއެވެ. އެއަށްފަހު އެކަލޭގެފާނު ފާޅުވެވަޑައިގަތުމާމެދު (ރަސޫލު ﷲ صلى الله عليه وسلمގެ) ސުންނަތުން [ޘާބިތުވާ] ދަލީލުތައް ޛިކުރު ކުރީމެވެ. އެއީ އެކަލޭގެފާނާމެދު ނުވަތަ އެކަލޭގެފާނުގެ ޞިފަފުޅަކާމެދު [ވާރިދުވެފައިވާ] ނައްޞެއް ކަމުގައި ވީނަމަވެސް މެއެވެ. އަދި ހަމައެފަދައިން، ދެޞަޙީޙުގައި (އެބަހީ: ޞަޙީޙުލް ބުޚާރީ އާއި ޞަޙީހު މުސްލިމް ގައި) ވާރިދުވެފައިވާ، މަހުދީގެފާނުގެ ޞިފަފުޅުތަކުގެ ވާހަކަ އެކުލެވިގެންވާ ޙަދީޘްތައްވެސް ޛިކުރު ކުރީމެވެ. އެއިން ޙަދީޘެއްގައި އެކަލޭގެފާނުގެ ނަންފުޅު އައިސްފައި ނުވިކަމުގައި ވިޔަސް މެއެވެ.

އެއަށްފަހު ދެން ޛިކުރު ކޮށްފައިވާނީ މަހުދީގެފާނާ ބެހޭގޮތުންހުރި ޙަދީޘްތައް މުތަވާތިރު ދަރަޖައަށްދާކަމަށް ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަ ތަކެވެ. އަދި އެވާހަކަތައް ލިޔެވިފައިވާ ފޮތްތަކާއި، ޢިލްމުވެރިންގެ ތެރެއިން އެފޮތްތައް ލިޔުއްވި މުޞައްނިފުން ޛިކުރުކުރީމެވެ.

އޭގެ ފަހުގައި މަހުދީގެފާނު ފާޅުކުރެއްވުމުމާމެދު އިންކާރުކުރާ ފަރާތްތަކާ ދެކޮޅަށް ވާހަކަދައްކައި ރައްދު ދީފައި ވާނެއެވެ.

އޭގެފަހުގައި، ((لاَ مَهْدِيَّ إِلاَّ عِيسَى ابْنُ مَرْيَمَ)) [މަރްޔަމްގެފާނުގެ ދަރިކަލުން، ޢީސާގެފާނު ފިޔަވައި މަހުދީއަކު ނުވެއެވެ] ނަންގަތް ޙަދީޘްއާމެދު ވާހަކަ ދެއްކީމެވެ. އަދި މަހުދީގެފާނު ފާޅުކުރެއްވުމާމެދު އިންކާރުކުރާ މީހާގެ އެޙުއްޖަތް (އެބަހީ: އެދަޢުވާ) ޞައްޙަ ވެގެން ނުވާކަމުގައި ބަޔާންކޮށްދީފައި ވާނޭމެއެވެ.

އަދި ދެވަނަ ފަޞްލާމެދު ދަންނައެވެ؛ ފަހެ މީގައި ވާހަކަ ދައްކާފައިވާނީ މަސީޙުއްދައްޖާލްއާ ބެހޭގޮތުންނެވެ.

މިވާހަކަތަކުގައި މަސީޙުގެ ލަފްޒީ މާނައާއި ދައްޖާލުގެ ލަފްޒީ މާނައިގެ މައްޗަށް [އަލިއަޅުވާލައިފައި] ވާނެއެވެ.

އެއަށްފަހު ދައްޖާލުގެ ޞިފަތަކާއި އެކަމާބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ޛިކުރު ކުރީމެވެ. އަދި އެއާވިދިގެން ދައްޖާލު ދިރިހުރުމުގެ މައްޗަށް: އޭނާ [މިހާރުވެސް] ދިރިހުރިތޯ ނުވަތަ ނޫންތޯ، ވާހަކަ ދެކެވިފައިވާނެއެވެ.

އެގޮތުން އިބްނު ޞައްޔާދުގެ ވާހަކަ ކޮންމެހެންވެސް ނަންގަތީމެވެ. ފަހެ އޭނާގެ ދިރިއުޅުމާ ގުޅޭގޮތުންނާއި، އޭނާގެ ނަމާއި އަދި އޭނާގެ ޙާލަތު ޛިކުރު ކުރީމެވެ. އަދި އޭނާއަށް ނަބިއްޔާ صلى الله عليه وسلم އަށް ކުރިމަތިކުރުވި އިމްތިޙާނާއި، އޭނާއާ މެދު އޮޅުން ނުފިލާ ކަންކަމާއި، އެއަށްފަހު އޭނާ މަރުވެގެން ދިއުމާއި ބެހޭ ގޮތުންވެސް ޛިކުރު ކޮށްފައި ވާނެއެވެ. އަދި އޭނާއާމެދު ޢިލްމުވެރިންގެ މެދުގައި އުފެދިފައިވާ އިޚްތިލާފް؛ އެއީ ބޮޑު ދައްޖާލު [ޙަޤީޤީ ދައްޖާލު] ތޯ ނުވަތަ ނޫންތޯ، ވާހަކަދެއްކީމެވެ. ފަހެ އެންމެ ފުރަތަމަ ޛިކުރުކޮށްފައިވާނީ އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކާއި އެކަމާ ގުޅޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކެވެ. އޭގެފަހުގައި އިބްނު ޞައްޔާދު އާމެދު ޢިލްމުވެރިންގެ ބަސްފުޅުތައް ޛިކުރު ކުރީމެވެ. އަދި އިބްނު ޞައްޔާދަކީ (އެބަހީ: އެވާހަކައަކީ) ބުއްދި ހަމަނުޖެހޭ މީހުންގެ ޚުރާފީ ވާހަކައެއްކަމުގައި ބުނާ މީހުންނަށް ރައްދު ދީފައިވާނެއެވެ. އެއީ ހަމަކަށަވަރުންވެސް ޙަޤީޤަތެއް ކަމުގައި، ސުންނަތުގެ ޞައްޙަ ދަލީލުތަކާއެކު ބަޔާންކޮށްދީފައި ވާނެއެވެ.

ދެން ނަންގަނެފައިވާނީ ދައްޖާލު ނުކުންނާނެ ތަނުގެ ވާހަކައެވެ. އަދި ހަމަކަށަވަރުން މައްކާއާއި މަދީނާ ފިޔަވައި އެންމެހާ ރަށްތަކަށް ދައްޖާލު ވަންނާނެކަން ނަންގަނެފައިވާނެއެވެ.

އެއަށްފަހު ދައްޖާލަށް ތަބާވާ ފަރާތްތަކާއި އޭނާގެ ފިތުނަތަކާ ބެހޭ [ވާހަކަތައް] ޛިކުރު ކޮށްފައި ވާނެއެވެ.

އޭގެފަހުގައި ދައްޖާލު ފާޅުވުމާމެދު އިންކާރުކުރާ ފަރާތްތަކަށް ރައްދުދީ، އޭނާއަށް ލިބިދީފައިވާ އާދަޔާޚިލާފު ކަންކަމަކީ ޙަޤީޤަތް ކަމުގައި ބަޔާންކޮށްދީފައި ވާނެއެވެ.

ހަމައެފަދައިން ދައްޖާލުގެ ފިތުނައިން ދިފާޢުވާނޭ ގޮތާއި، އަދި މިބޮޑުވެގެންވާ ފިތުނައިން ސަލާމަތްވުމުގެ ގޮތުން މުސްލިމުން ހިފަންޖެހޭ ހަތިޔާރާ ބެހޭގޮތުން ވާހަކަދައްކާފައި ވާނެއެވެ.

ދެން އެއަށްފަހެ ޤުރުއާނުގައި ޞަރީޙަކޮށް ދައްޖާލުގެ ވާހަކަ ޛިކުރުކުރެވިފައިނުވުމުގެ ޙިކްމަތާ ބެހޭގޮތުން ވާހަކަދައްކާފައިވާނެއެވެ.

އޭގެފަހުގައި ދައްޖާލު ހަލާކުވެ ނެތިގެން ދާނެގޮތާއި އޭނާގެ ފިތުނަތައް ނިމިގެން ދާނެގޮތް ޛިކުރު ކުރާޙާލު މިވާހަކަތައް ނިންމައިލީމެވެ.

އަދި ތިންވަނަ ފަޞްލު ދަންނައެވެ؛ މިއީ ފަހުޒަމާނުގައި، ޢަދުލަށް ޙުކުމްކުރާ ޢަދުލުވެރި އިމާމެއްގެ ގޮތުގައި ޢީސާގެފާނު ފައިބައިވަޑައިގަންނަވާނެ ވާހަކަ ނަންގަނެވުނު ފަޞްލެވެ.

އަދި އެކަލޭގެފާނު ފައިބައިވަޑައިގެންނެވުމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ކުރިން، ޞައްޙަ ރިވާޔަތްތަކުން [ދަލީލު ލިއްބައިދޭ] އެކަލޭގެފާނުގެ ޞިފަފުޅުތަކާ ގުޅޭގޮތުން އަލިއަޅުވާލީމެވެ. އެއާއެކު މިދެންނެވި ރިވާޔަތްތައް ޛިކުރުކޮށްފައި ވާނެއެވެ.

ދެން އެއަށްފަހު ވާހަކަދައްކާފައިވާނީ ޢީސާ عليه السلام ފައިބައިވަޑައިގަންނަވާނީ ކިހިނެއްކަމާއި، އެކަލޭގެފާނު ފައިބައިވަޑައިގަންނަވާނީ ކޮންތަނަކަށް ކަމާމެދުއެވެ.

އޭގެފަހުގައި ޢީސާގެފާނު ފައިބައިވަޑައިގެންނެވުމާމެދު ވާރިދުވެފައިވާ ޙަދީޘްތަކަކީ ކަނޑައެޅިގެން މުތަވާތިރު ޙަދީޘްތަކެއްކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ޛިކުރުކޮށްފައި ވާނެއެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު ފައިބައިވަޑައިންނަވާނީ ފަހު ޒަމާނުގައެވެ. އަހުލުއްސުންނަތު ވަލްޖަމާޢަތުގެ ޢަޤީދާގެ ޢިލްމުވެރީންގެ ބޭފުޅުންތަކެއް މިފަދައިން ޛިކުރު ކުރައްވާފައިވެއެވެ.

އެއަށްފަހު އެކަލޭގެފާނު ފައިބާވަޑައިގަތުމާމެދުވާ ޤުރުއާނާއި ސުންނަތުގެ ދަލީލުތައް ޛިކުރުކޮށްފައިވާނެއެވެ. އެހެނީ [އެއީ] ޤިޔާމަތް ކައިރިވެއްޖެކަމުގެ ޢަލާމާތެކެވެ. ފަހެ އެކަލޭގެފާނު ފައިބައިވަޑައިގެންނެވުމާ ބެހޭގޮތުން ޤުރުއާނުގައިވާ ދަލީލުތަކުން ފެށީމެވެ. އެއާއެކު އެއާޔަތްތަކުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ޛިކުރުކުރީމެވެ. އަދި އޭގެފަހުގައި އެކަލޭގެފާނު ފައިބައިވަޑައިގެންނެވުމާމެދު ދަލީލުކުރާ ޙަދީޘްތައް ޛިކުރުކުރީމެވެ. ހަމަޔަޤީނުންވެސް އެއީ މުތަވާތިރު ޙަދީޘްތަކެވެ. އެރައްދުކުރުން (އެބަހީ: ޤަބޫލުނުކުރުން) ހުއްދަވެގެން ނުވެއެވެ. އަދި ކިއެއްތޯއެވެ! އެއަށް (އެބަހީ: އެފަދަ ޙަދީޘުން ދަލީލު ލިދޭ ކަންކަމަށް) އީމާންވުން ވާޖިބު ވެގެން ވެއެވެ.

ދެން ޛިކުރު ކޮށްފައިވާނީ އެހެން ނަބީ ބޭކަލުން ފައިބައިވަޑައިނުގަނެ، ނަބިބޭކަލުންގެ ތެރެއިން  ހަމައެކަނި ޢީސާ عليه السلام ފައިބައިވަޑައިގެންނެވުމުގެ ޙިކުމަތާ ބެހޭގޮތުންނެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވާނީ އިސްލާމީ ޝަރީޢަތަށް ޙުކުމްކުރާށެވެ. އެ ޝަރީޢަތް މަންސޫޚު ކުރުމަކަށް ނޫނެވެ. އެކަމަށް [ދަލާލަތުކުރާ] ދަލީލުތަކާއެކު ބަޔާންކުރީމެވެ.

ހަމައެފަދައިން ޢީސާ عليه السلام ގެ ޢަހުދުގެ (އެބަހީ: ވަޑައިގަންނެވުމަށްފަހު ބިމުގައި އުޅުއްވާ ދުވަސްވަރުގެ) ވާހަކަ ނަންގަތީމެވެ. އެހެނީ އެޒަމާނަކީ އަމާން ކަމާއި ސަލާމަތްކަން ލިބިގެންވާ ޒަމާންކަން ކަށަވަރެވެ. އުޑުން ބަރަކާތް ބާވައިލައްވާ ބިމުން ހެޔޮކަން ނުކުންނަ ހުއްޓެވެ!

އޭގެފަހުގައި އެކަލޭގެފާނު ފައިބައިވަޑައިގެންނެވުމަށްފަހު ހޭދަކުރައްވާނޭ މުއްދަތާއި، އެކަލޭގެފާނު އަވަހާރަވުމުގެ ވާހަކަ ބަޔާން ކުރުމާއި އެކު މިވާހަކަތައް ނިންމާލީމެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ