[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާއަށް ﷲގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟

އުމުރުން 70ގެ އަހަރުތައް ގުނަމުންދާ މުސްކުޅި ފިރިހެނެކެވެ. ބައްޔެއްގެ ސަބަބުން ކުޑަކަމު ދިޔުމުގައި ދަތިތަކެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. މިބަލިން ލުޔެއް ލިބުމަށް އޮތް ހަމަ އެކަނި މަގަކީ އޮޕަރޭޝަން ކުރުން ކަމުގައި ޑޮކްޓަރުން ލަފާދިނެވެ. ދުވަސްތައް ފާއިތުވަމުން ދާވަރަކަށް މިބަލީގެ ވޭން ބޮޑުވަމުން ދާތީ މުސްކުޅިޔާ އޮޕަރޭޝަން ކުރުމަށް އެއްބަސް ވިއެވެ.

އޮޕަރޭޝަން ކުރެވުނެވެ. ކާމިޔާބު އޮޕަރޭޝަނަށްފަހު އެކަމަށް ދިޔަ ހުރިހާ ޚަރަދެއްގެ ތަފްސީލުވާ  ބިލެއް ޑޮކްޓަރު މުސްކުޅިޔާއާއި ހަވާލު ކުރިއެވެ. ބިލް ލިބުމުން ބިލަށް ބަލަހައްޓައިގެން ހުރެ މުސްކުޅިޔާ ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަޖައިބު ވެފައިވާ ޑޮކްޓަރު ބުންޏެވެ.” ހިސާބުތައް މާބޮޑިއްޔާ އަޅުގަނޑުމެން ބޭބެއަށް އެހެން ގޮތެއް އިންތިޒާމު ކޮއްދީފާނަން” އެވަގުތު މޫނު ކަރުނައިން ތެމިފައިވާ މުސްކުޅިޔާ ޖަވާބުދިނެވެ. “އަހަރެންގެ މިކަރުނައިގެ އަސްލަކީ މި އަގުބޮޑު ބިލެއްނޫނެވެ. އެހެނަސް އަހަރެންގެ ވެރި ރައްބު އަހަންނަށް 70 އަހަރު ފަސޭހަކަމާ އެކު ކުޑަކަމުދާނޭ ގޮތް މިންވަރުކުރެއްވި އިރުވެސް އެކަލާންގެ އަހަންނަށް ދުވަހަކުވެސް ބިލެއް ހުށަހަޅުއްވާފައި ނުވާތީ އެކަލާންގެ ދެއްވާފައިވާ އަގުބޮޑު ނިޢުމަތް ތަސައްވަރު ކުރެވުމުން ބޭއިޚްތިޔާރުގައި ލޮލުން ފޭބިކަރުނަތަކެކެވެ”.

سبحان الله އެވެ. އަހަރެމެންނަށް ﷲ ތަޢާލާ ދެއްވާފައިވާ މިފަދަ ގިނަގުނަ ނިޢުމަތްތަކަށް އަހަރެމެންނަށް ގިނަފަހަރަށް ޝުކުރުނުކުރެވެއެވެ.އެކަލާންގެ ދެއްވާފައިވާ ގުނާ އަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް އަބަދާ އަބަދު ހަނދުމަކޮށް އެކަލާންގެއަށް ޝުކުރުވެރިވަމާ ހިނގާށެވެ.

ﷲ ތަޢާލާ سورة ابراهيم ގެ 34 ވަނަ އާޔަތުގައި ވަހީކުރައްވާފައި ވެއެވެ.

وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ‌ ﴿٣٤

މާނައީ:“އަދި އެކަލާންގެ ހަޟްރަތައް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެކަލާންގެ ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ޢަދަދެއް ނުކުރެވޭ ހުއްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ އަނިޔާވެރިވުން ބޮޑު ޝުކުރުކުރުން ނެތް މީހެކެވެ.”