[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 32 “ޤިޔާމަތުގެ ކުދި ޢަލާމާތްތައް.”

qiyaamai vumuge

ތިންވަނަ ފަޞްލު

ޤިޔާމަތުގެ ކުދި ޢަލާމާތްތައް.

ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ޤިޔާމަތުގެ ކުދި ޢަލާމާތްތައް ވަރަށްވެސް ގިނައެވެ. އޭގެތެރެއިން މިތާ އަޅުގަނޑު ޛިކުރުކޮށްފައިވާނީ [ނަބިއްޔާ صلى الله عليه وسلم ގެ] ސުންނަތުން ޘާބިތުވާންހުރި، ޤިޔާމަތުގެ ކުދި ޢަލާމާތްތަކެވެ. އަދި ޢިލްމީ ޙުދޫދުގެ ތެރެއިން ކަނޑައެޅިގެން ޘާބިތުވާންނެތް ކަމެއްނަމަ އެކަމެއް ދޫކޮށްލީމެވެ. އެއީ އެޙަދީޘްތަކަށް ނަޒަރުހިންގައި އަދި އެކަމުގެ މައްޗަށް ޢިލްމުވެރީން ދައްކަވާފައިވާ ވާހަކަފުޅުތަށް ދެނެގަތުމަށްފަހު ޞައްޙަކަމާއި ޟަޢީފްކަމަށް ބަލާފައެވެ.  ނުވަތަ އޭގެތެރޭގައި ޤިޔާމަތުގެ ޢަލާމާތެއް ކަމުގައި އެނގެންހުރި ކަމެއް، އެކަމަށް ބާރުލިބިދޭ ޘާބިތު ޙަދީޘެއް ނުވުމުގެ ސަބަބުން ވެސް [ދޫކޮށްލާފައި] ވާނެއެވެ.

އަދި މިޢަލާމާތްތައް އެކައްޗަށްފަހު އަނެކަތި އަޅުގަނޑު ގެނެސްފައިމިވަނީ އެއްވެސް ތަރުތީބެއް ނެތިއެވެ. އެހެނީ އެކަމުގެ ތަރުތީބު އަންގައިދޭ އެއްވެސް ޙަދިޘެއް ނުވަތަ ޙަދީޘްތަކެއް އަޅުގަނޑަށް ފެނިފައި ނުވެއެވެ. ފަހެ އެންމެ ފުރަތަމަ ޛިކުރުކޮށްފައިވާނީ ފާޅުވެ ނިމިފައިވާ ކަމުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ކަންކަމެވެ. އެއަށްފަހު ބާކީ ހުރި ކަންކަން ޛިކުރު ކުރުމުގައި، ކަމެއް ހިނގުމުގެ ކުރިޔަށް އަންނާނޭކަމެއް ވާނަމަ އެކަމެއް ޛިކުރުކުރުމަށް ޤަޞްދުކުރީމެވެ. މިޘާލަކަށް؛ ޢިލްމު އުފުއްލެވުމުގެ ކުރިން ފާޅުވާ ފިތުނަތަކެވެ. އެހެނީ އެފިތުނަތައް ޞަޙާބީބޭކަލުންގެ ޒަމާނުގައި ވަނީ ފާޅުވެފައެވެ. ޤިސްޠަންޠީނިއްޔާ ފަތަޙަ ކުރުމަށްޓަކައި ރޯމަނުންނާ ހަނގުރާމަކުރުން އިސްކުރީމެވެ. އެހެނީ އެކަމާ ބެހޭގޮތުން ވަނީ ޚަބަރު އައިސްފައެވެ. އަދި ޤިސްޠަންޠީނިއްޔާ ފަތަޙަކުރުން، ޢީސާ عليه السلام ގެ ޒަމާނުގައި ޔަހޫދީންނާ ހަނގުރާމަ ކުރެވުމުގެ ވާހަކައަށްވުރެ އިސްކޮށްފައިވާނެއެވެ. އެހެނީ އެތަން ފަތަޙަވުން ވަނީ ދައްޖާލު ފާޅުވުމުގެ ކުރިންކަން ކަށަވަރެވެ. އަދި ޢީސާ عليه السلام ފައިބައިވަޑައިގެންނެވުން ވަނީ ދައްޖާލު ފާޅު ކުރެއްވުމުގެ ފަހުންނެވެ. …….މިގޮތަށެވެ. އަދި ބައެއް ޢަލާމާތްތަކުގެ ފައިސަލާ ފަސްކޮށްފައިވާނެއެވެ. އެހެނީ ހަމަކަށަވަރުން ބޮޑެތި ޢަލާމާތްތަކަށް ފަހުގައި މެނުވީ އެކަންކަން ފާޅުނުވެއެވެ. މިޘާލަކަށް ޙަބަޝާގެ އަތުން ގެފުޅު ތަޅާލުމާއި އަދި މުއުމިނުންގެ ފުރާނަތައް ހިއްޕެވުމަށް ވައިރޯޅިއެއް ފާޅުވުން ހިމެނެއެވެ.

އަދި ހަމަކަށަވަރުން ޤިޔާމަތުގެ ގިނަ ޢަލާމާތްތައް ފާޅުވެ ފެށިފައިވަނީ އަޞްޙާބުބޭކަލުން -رضي الله عنهم-ގެ ޒަމާނުގައިކަން ދެނެގަތުމީ އެދެވިގެންވާ ކަމެކެވެ. އެއީ އެކަންކަން އިތުރުވާންފެށުމެވެ. އެއަށްފަހު ވަކިތަނެއްނެތި ހުރިހާ ކަންކޮޅުތަކަކަށް އިތުރުވެ ގިނަވެގެން ދިޔައެވެ. ޤިޔާމަތުގެ ޢަލާމަތްތައް އިސްވެ ފަސްވުމުގައި ޙިކްމަތްތަކެއް އެކުލެވިގެން ވެއެވެ. މިޘާލަކަށް ޢިލްމު އުފުއްލެވުން ކަންކަމުގައި ޖާހިލުން އިސްކުރެވުމާ މެނުވީ ދިމާނުވެއެވެ. އަދި އެކަމުގައި (އެބަހީ ޢިލްމު އުފުއްލެވޭހިނދު) ޢިލްމުގެ އަހުލުވެރީންގެ ތެރެއިން ބައެއް [ދުނިޔޭގައި] ތިބުން މިކަން މަނާއެއް ނުކުރޭމެއެވެ. އެހެނީ އެހިނދުގައި އެބައިމީހުން ވާހުށީ ޖާހިލުންގެ ތެރޭގައި ވަންހަނާވެފައިވާ ބައެއްކަމުގައެވެ. ޤިޔާމަތުގެ އެނޫން ޢަލާމާތްތައް އެކަމުގެ މައްޗަށް ބިނާވެއެވެ.[1]

އަދިވެސް ސަމާލުކަންދިނުން އެދެވިގެންވާ އަނެއްކަމަކީ، ބައެއްމީހުންނަށް ހީވެފައި އޮންނަނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިން ކަމަކީ [އެކަމާއިމެދު] އިންޒާރުކުރެވި މަނާކުރެވިގެންވީ ކަންކަމެވެ. މިއީ ރަނގަޅު ޤަވާޢިދެއް ނޫނެވެ. ފަހެ [ރަސޫލުﷲ] صلى الله عليه وسلم ޚަބަރު ކުރައްވާފައިވާ ޤިޔާމަތުގެ ކޮންމެ ޢަލާމާތަކީ ޙަރާމްވެގެންވީ ހުތުރު ކަންކަމެއް ނޫނެވެ. ފަހެ ބިނާތައް އުސްވުމާއި، މުދާ ގިނަވުމާއި އަދި ކޮންމެފިރިހެނަކަށް ފަންސާސް އަންހެނުން ވުމާއި މިކަންކަމީ އެއްވެސް ޝައްކެއް ނެތްގޮތުގައި ޙަރާމް ކަންކަމެއް ނޫންކަން ކަށަވަރެވެ. އަދި މިއީ ޢަލާމާތް ތަކެއް ކަމުގައި މެނުވީ ނުވެއެވެ. ޢަލާމާތަކީ އޭގައި އެފަދަ ކަމެއް ޝަރުޠުވެގެންވާ ކަމެއް ނުމެނޫންމެއެވެ. އަދި ކިއެއްތޯއެވެ. ހެޔޮ ކަންކަމާއި ނުބައި ކަންކަން ވާނެއެވެ. އަދި ހުއްދަ ކަންކަމާއި ޙަރާމްކަންކަން އަދި ވާޖިބު ކަންކަމާއި މިނޫންވެސް ކަންކަން ވާހުއްޓެވެ. وَاللهُ أَعْلَم.

=ނުނިމޭ=

__________________________________________

[1] ބައްލަވާ: ((فتح الباري)) (13/16)