[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ބޮޑު ސްކޫލް

schoolއެއްދުވަހަކު ފައިރޫޝް  ރަށުގައި އަލަށް ހުޅުވި  ޕްރައިމަރީ ސްކޫލް ބަލާލުމަށްޓަކައި އޭނާގެ މަންމަޔާއެކު ދިޔައެވެ. އެއީކުދިންނާ ގުޅޭގޮތަށް ވަރަށް ރީތިކޮށް ހަދާފައިވާ ސްކޫލެކެވެ. ފާރުގައިވަނީ ރީތި، ހިތްގައިމު މަންޒަރުތައް ކުރަހާފައެވެ. އެހާމެ ރީތިކޮށް ފަރުމާކޮށްފައިވާ މަސްފެންގަނޑެއްވެސް ވެއެވެ. ރީތި މާގަސްތައް ފެންނަން ހުއްޓެވެ. މުޅި ސްކޫލުގެ ގޯތި ތެރެއަށް އިތުރު ފުރިހަމަ ކަމެއްގެނެސްދެނީ ފެތުރިފައިވާ ފެހި ވިނަގަނޑެވެ. މުޅިގޯތިތެރޭގައި ވަނީ ކާޕެޓް ވިނަ ހައްދާ ޒީނަތްތެރިކޮށްފައެވެ.

ސްކޫލްތެރެއަށް ވަދެގެންދަނިކޮށް ފައިރޫޝްއަށް ވަރަށް ރީތި ތަފާތު ބޯޑުތަކެއް ފެނުނެވެ. އެ ބޯޑުތަކުގައި ކޮންމެވެސް އެއްޗެއް ލިޔެފައިވެއެވެ. ފައިރޫޝްއަކީ ޔޫ.ކޭ.ޖީ ނިންމާފައިވާ މޮޅުކުއްޖެއްކަމުން ބޯޑުގައި ދިވެހި ބަހުންލިޔެފައިވާ ލިޔުން ކިޔަން އެނގެއެވެ. ބައެއް އުނދަގޫ އަކުރުތައް ކިޔަން މަންމަގެ އެހީހޯދިއެވެ. ފައިރޫޝް ބޯޑުތައް ކިޔަމުންދަނިކޮށް އެތަނުން ވަރަށް ރީތިކޮށް ދިއްލިފައިވާ ބޮޑު ބޯޑެއް ފައިރޫޝްއަށް ކުއްލިއަކަށް ފެނުނެވެ. ފައިރޫޝް އަވަހަށް އެބޯޑު ކައިރިއަށް ދިޔައެވެ.

އޭގައިވަނީ 1. ޝަހާދަތް ކިޔުން 2. ނަމާދުކުރުން 3. ޒަކާތްދިނުން 4. ރޯދަހިފުން 5. ޙައްޖުވުން މިހެންނެވެ. އެބޯޑުކިޔައި ނިންމާލުމަށްފަހު ފައިރޫޝް، ތަންކޮޅެއް ދުރުގައި ހުރި އޭނާގެ މަންމަޔަށް ގޮވައިލާފައި ބުންޏެވެ.

“މަންމާ. މިއީ އިސްލާމްދީނުގެ ފަސް ރުކުންދޯ؟ ޔޫ.ކޭ.ޖީ އާންޓީވެސް އަޅުގަނޑުމެންނަށް މި ފިލާވަޅު ބުނެދެއްވި”. އެވަގުތު ފައިރޫޝްގެ މަންމަ ބުންޏެވެ. “އެހެންތަ؟ އަޅެ ލޯމަރާލާފައި ބޮޑި ބޯޑުގައިވާ ހުރިހާ އެއްޗެއް މަންމަޔަށް ކިޔައިދީބަލަ.” ދެން ފައިރޫޝް ލޯމަރައިން އިނދެ ހުރިހާ ރުކުންތައް ތަރުތީބުން މަންމަޔަށް ކިޔައިދިނެވެ. “މަންމަ ވަރަށް އުފާވެއްޖެ!” މަންމަ މިހެން ބުނުމުން ފައިރޫޝްވެސް ވަރަށް އުފަލުން ހިނިތުންވެލިއެވެ. ފައިރޫޝް ހުރީ ސްކޫލުގެ ރީތިކަމާމެދު ޙައިރާން ވެފައެވެ. އެހެން ހުރެފައި އިރުކޮޅަކުން މަންމައަށް ގޮވާލާފައި ބުންޏެވެ.

“މަންމާ!. ކޮއްކޮ ކުޑަ ސްކޫލް ނިމިއްޖެ. ދެން ދާނީ ބޮޑު ސްކޫލަކަށް ދޯ. މިއީ ދޯ ކޮއްކޮގެ ބޮޑު ސްކޫލް.” މަންމަގެ ގައިގައި ކޮއްޓާލައިފައި ފައިރޫޝް އަހައިލިއެވެ.

“އާނ. ކޮއްކޯ. މިއީ ކޮއްކޮގެ ބޮޑު ސްކޫލް. ﷲ އިރާދަކުރެއްވިއްޔާ ދެން ކޮއްކޮ ކިޔަވަން އަންނާނީ މި ސްކޫލަށް.”  ފައިރޫޝްގެ މަންމަ ނަބާހަތު ލޯތްބާއެކު ބުންޏެވެ. ފައިރޫޝް އުފަލުން މަންމަގައިގައި ބައްދާލިއެވެ. އަދި ދެމައިން އުފާވެރިކަމާއެކު ގެއަށް ދިޔައެވެ.