[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޤަދަރު މަތިވެރިކުރުން 5

3407821384_6fbabaa487ﷲ ތަޢާލާ އަޅުކަންތައް ފަރުޟުކުރައްވާފައިވަނީ ބައެއް ވަގުތުތަކެއްގައި ނުވަތަ ޙާލަތްތަކެއްގައެވެ. މިގޮތުން ރޯދަ ފަރުޟުވެގެންވަނީ ހަމައެކަނި ރަމަޟާންމަހުގައެވެ. ޒަކާތް ފަރުޟުވެގެންވަނީ ނިޞާބު ހަމަވެ އަހަރެއް ވުމުންނެވެ. ޙައްޖު ފަރުޟުވެގެންވަނީ ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް އުމުރުން އެއްފަހަރެވެ. ނަމަވެސް ނަމާދުގެ ޚާއްޞަ ކަމަކީ ކޮންމެ އިސްތިޘްނާއީ ޚާއްޞަ ޙާލަތްތައްފިޔަވައި ކޮންމެ ޙާލެއްގައި ނަމާދު ފަރުޟުވުމެވެ. ބަލިމީހަކަށްވިޔަސް، ދަތުރުވެރިއަކަށްވިޔަސް، ޤައިދުގައިވާ އަސީރަކަށްވިޔަސް، ހަނގުރާމައިގެ ޙާލަތުގައިވިޔަސް ނަމާދު ދޫކޮށްލަން އުޒުރެއްނެތެވެ. ޙައިޟުވެރިން ފަދަ މީހުންނަށް ނަމާދު ކުރުން މަނާވަނީވެސް ނަމާދުގެ ޤަދަރަށްޓަކައެވެ.

ހަމައެފަދައިން ނަމާދަށްޓަކައި ޚާއްޞަ ޠާހިރުވުމަކުން ޚާއްޞަ ގުނަވަންތަކެއް ޠާހިރުކުރުމާއި، އަދި އާއްމުކޮށް މުޅި ހަށިގަނޑުގެ ސާފުތާހިރުކަމާއި، ނަމާދުކުރާ ތަނުގެ ޠާހިރުކަމަށް އަހައްމިއްޔަތުކަން ދޭންޖެހެއެވެ.

ނަމާދުގެ މަތިވެރި ޤަދަރަކީ ނަމާދު ފިޔަވައި އެހެނިހެން އަޅުކަންތައް އަދާކުރުމަށް ބައެއް ގުނަވަންތަކަށް މެނުވީ ފަރުޞުވެގެނެއް ނުވެއެވެ. ނަމަވެސް ނަމާދަށްޓަކައި އަޅާގެ ހުރިހާ ގުނަވަނެއް ޙާޟިރުކުރަންޖެހެއެވެ. ދުލުން ކިޔާ ޒިކުރުތައް ހިތަށްވާސިލުވެ ގުނަވަންތަ ހަމަހިމޭންވާން ޖެހެއެވެ. ނަމަވެސް ރޯދަ ފަދަ އަޅުކަންތަކަށް ބަލާއިރު ރޯދަ އަށް ހުރެ އަޅާއަށް ނިދާ، ބޭނުން ހަރަކާތެއްކޮށް ވާހަކަދައްކާ ހީސަމާސާވެސް ކުރެވެއެވެ. ޙައްޖުގެ މަނާސިކުތައް އަދާކުރަމުންދާ ޙައްޖުވެރިޔާއަށްވެސް ކެއުން ބުއިމާއި ނިދާހެދުން އެއީ ޙައްޖުގެ އަޅުކަމަށް އޭގެއިން އަޘަރެއް ކުރާނެކަމެއްނޫނެވެ. ނަމަވެސް ނަމާދުގެ ޤަދަރަކީ ނަމާދުގެ ހަށަންބަން ތަކްބީރާއި އެކީ ވާހަކަދެއްކުމާއި، ކެއުންބުއިމާއި ނަމާދުން ބޭރުގެ ހުރިހާ ހަރަކާތްތަކާއި، ނަމާދުން ބޭރުގެ ވިސްނުމާއި ފިކުރުކުރުން އަޅާގެ މައްޗަށް ޙަރާމްވެގެންދެއެވެ. އެހެންނުވާންވީ ކީއްވެތޯއެވެ؟ އަޅާ އެވަނީ އޭނާގެ ވެރި އިލާހު އަދި ކާއިނާތުގެ މިލުކުވެރި އިލާހުގެ ދަރުބާރަށް ޙާޟިރުވެ އެއިލާހަށް މުނާޖާދެންނެވުމުގައެވެ. ފަހެ އެފަދަ ޙާލަތުގައިވާ މީހެއްގެ ހިތާއި ގުނަވަންތައް ޣާފިލުވެގެންވާ ޙާލު ހަމައެކަނި ދުލުން ރައްބަށް މުނާޖާ ދެންނެވުމީ ދުނިޔަވީ އުސޫލުން ބެލިކަމުގައިވިޔަސް ވަރަށް ބޭއަދަބީ ކަމެކެވެ.

ފަހެ އަޅާ ނަމާދަށް ޙާޟިރުވެ ޤިބްލައަށް ކުރިމަތިލުމުން ﷲ ތަޢާލާ އެއިލާހުގެ ވަޖުހަފުޅު އެއަޅަކަށް އިސްތިޤްބާލުކުރައްވައެވެ. ﷲ ތަޢާލާ އެއިލާހުގެ ވަޖުހުފުޅާއެކީ އިސްތިޤްބާލުކުރައްވާ އަޅެއްގެ ހިތާއި ގުނަވަންތައް އެހެންކަންކަމުގައި މަޝްޣޫލުކޮށް ޣާފިލުވެގަތުމަކީ ހަމަކަށަވަރުން ޤަދަރުކުޑަކުރުމުގެ ޢަމަލަކަށް މެނުވީ ވެނުދާނެތެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((إِذَا صَلَّى أَحَدُكُمْ فَلَا يَتَنَخَّمْ قِبَلَ وَجْهِهِ، فَإِنَّ اللَّهَ قِبَلَ وَجْهِ أَحَدِكُمْ إِذَا كَانَ فِي الصَّلَاةِ)) [مسند أحمد (4841) إسناده صحيح على شرط الشيخين. وأخرجه ابن أبي شيبة 2/365 ومسلم (547) (51) ، وأبو عوانة 1/403 و404 من طرق، عن عبيد الله بن عمر، بهذا الإسناد. وتحرف في “المصنف ” لابن أبي شيبة عبد الله بن عمر إلى: عبد الله بن عمر. وانظر (4509) .] މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުގައި ވެއްޖެނަމަ ފަހެ އެމީހެއްގެ ކުރިމައްޗަށް ކުޅު ނުޖަހާށެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުގައި ވެއްޖެނަމަ ﷲ ތަޢާލާ އެމީހަކު މޫނު ކުރިމަތިކުރާ ދިމާލުގައި (ޢަރުޝީގައި) ވޮޑިގެންވެއެވެ.

((مَنْ حَافَظَ عَلَى الصَّلَاةِ كَانَتْ لَهُ نُورًا وَبُرْهَانًا وَنَجَاةً مِنَ النَّارِ يَوْمَ الْقِيَامَةِ، وَمَنْ لَمْ يُحَافِظْ عَلَيْهَا لَمْ يَكُنْ لَهُ نُورٌ وَلَا بُرْهَانٌ وَلَا نَجَاةٌ يَوْمَ الْقِيَامَةِ، وَكَانَ يَوْمَ الْقِيَامَةِ مَعَ قَارُونَ وَهَامَانَ وَأُبَيِّ بْنِ خَلَفٍ)) [رواه أحمد والطّبراني وابن حباّن وصحّحه الألباني] މާނައި: “ނަމާދަށް ރައްކާތެރިވާ މީހާއަށް ޤިޔާމަތްދުވަހުން އަލިކަމަކާއި ޙުއްޖަތަކާއި ނަރަކައިގެ ޢަޒާބުން މިންޖުވުންވެއެވެ. އަދި ނަމާދަށް ރައްކާތެރިނުވާ މީހާއަށް ޤިޔާމަތްދުވަހުން އަލިކަމެއް އަދި ޙުއްޖަތެއް އަދި ނަރަކައިން މިންޖުވުމެއްވެސް ނުވެއެވެ. އަދި އޭނާ ވާހުށީ ޤިޔާމަތްދުވަހުން ޤާރޫނާއި ހާމާނާއި އުބައްޔު ބުން ޙަލަފާއި އެކީއެވެ”. (ނުނިމޭ)