[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (35)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އަންހެނުން (ގެއިން ބޭރުގައި) މަސައްކަތްކުރުމުގެ މައްސަލައިގައި އިސްލާމީ މަންހަޖާއި ޢަލްމާނީން (secularists) ދެކޭގޮތުގެ ފަރަޤުތަކުގެ ތެރެއިން އެންމެ މުހިންމު ފަރަޤަކީ މިމައްސަލައިގައި އެބައިމީހުން އަޞްލަކަށް ބަލާ މިންގަނޑެވެ.

އިސްލާމީ ތަޞައްވުރުގެ އުޞޫލަކީ:

﴿وَقَرْنَ فِي بُيُوتِكُنَّ…﴾ [سورة الأحزاب٣٣]

މާނައީ: “އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ…”

އަދި ޙާޖަތެއް ޖެހުމުން ނުކުތުމެވެ.

«…أُذِنَ لَكُنَّ أَنْ تَخْرُجْنَ لِحَاجَتِكُنَّ» [رواه البخاري رقم ٤٧٩٥ ]

މާނައީ: “…ހަމަކަށަވަރުން، ޙާޖަތްތަކުގައި ނުކުތުމަށް ތިޔަކަބަލުންނަށްވަނީ އިޛުނަދެވިގެންނެވެ.”

އަލްމާނިއްޔަތުގައި ވާގޮތުން (އަންހެނުން ގެއިން ބޭރަށް ނުކުތުމުގައި) އަޞްލަކީ ހުރިހާ ޙާލަތެއްގައިވެސް ނުކުތުމެވެ.

އަޅުގަނޑުމެންގެ ބަހުގައި ޢަދުލުވެރިވުމުގެ ގޮތުން އަޅުގަނޑުމެން ބުނަންޖެހޭނީ:

އަންހެނާ (ގެއިން ބޭރުގައި) މަސައްކަތްކުރުމުގައި ޙަޤީޤަތުގައިވެސް ޙާޖަތެއް އޮވެދާނެއެވެ. މިޘާލަކަށް ފިރިމީހާ ނިޔާވުމުން، ނުވަތަ ބައްޕަ މުސްކުޅިވުމުން، ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވުގެ ސަބަބުން ޚަރަދުތައް ބަލަހައްޓާ މީހަކީ އަންހެންމީހާ ކަމުގައި ވުމެވެ.

ނަމަވެސް އިސްލާމީ އަސާސްތައް ޤާއިމް ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ޤައުމުތަކުގައި، ގޭގެ ޚަރަދުތައް ބެހެލެއްޓުމުގައި ފިރިމީހާއާއެކު ބައިވެރިވުމުގެ ގޮތުން އަންހެނާއަށް (ގެއިން ބޭރުގައި) މަސައްކަތްކުރަން މަޖުބޫރު ކުރެއެވެ. އަދި ވަޡީފާ އަދާނުކުރާނަމަ ކައިވެންޏަށް އެދި ހުށަނާޅައެވެ. އަދި ކައިވެނި ޢަޤުދުކުރާއިރު (ގެއިން ބޭރުގައި) މަސައްކަތްކުރުމަށް އަނބިމީހާއަށް ޝަރުޠުކުރެއެވެ!!

 

ޚުލާޞާއަކީ:

ޙާޖަތެއްގައި އަންހެނަކަށް (ގެއިން ބޭރުގައި) މަސައްކަތްކުރެވިދާނެއެވެ. ނުވަތަ ތަޢުލީމުގެ މައިދާނުގައި ﷲ ތަޢާލާގެ ދީނަށް ދަޢުވަތުދިނުންފަދަ އިސްލާމްދީނުގެ ކަމެއްގައި މަސައްކަތް ކުރެވިދާނެއެވެ. ނުވަތަ ދަރިން ނެތް އަންހެނުން އެބައިމީހުންގެ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ގޮތުންވެސްމެއެވެ.

 

އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމުގައި ހުރި ނުރަނގަޅު ކަންތައްތަކުގެ ތެރޭގައި:

  • އެކަމުގައި ހިމެނޭ ގިނަ ކަންތައްތަކަކީ އަންހެނުންނާއި ފިރިހެނުން އެއްވެ އެކަކު އަނެކަކަށް ތަޢާރަފުވެ، އެމީހުންގެ މަޙްރަމު ނޫން މީހުންނާއެކު އެކަހެރިވުމާއި، އެމީހުން ކައިރިއަށް ދާއިރު މީރުވަސް ދުވާފަދަ ތަކެތި ބޭނުންކުރުމާއި، މަޙްރަމު ނޫން މީހުންނަށް ޒީނަތްތެރިކަން ފާޅުކުރުންފަދަ ތަފާތު ވައްތަރުތަކުގެ ޝަރުޢީ މުންކަރާތްތައް. އެކަމުގެ ނިމުމަކަށްވަނީ ފާޙިޝްކަންތައްތަކެވެ.
  • ފިރިމީހާގެ ޙައްޤުތައް އަދާކޮށް ނުދެވުމާއި، ގޭތެރޭގެ ކަންތައްތަކަށް އިހުމާލުވުމާއި ދަރިންގެ ޙައްޤުތައް ފުރިހަމައަށް އަދާކޮށް ނުދެވުން. އަޅުގަނޑުމެންގެ އަޞްލު މައުޟޫޢަކީ މިއީއެވެ.
  • ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުންތެރިވާ ބައެއްކަމަށް ބުނާ ބުނުމުގެ ޙަޤީޤީ މާނައާމެދު ބައެއް އަންހެނުން އެބައިމީހުންގެ ނަފްސުތަކުގައި ނިކަމެތި ކަމުގެ ޝޫޢޫރު އުފެދުން.

އޭނާގެ ފިރިމީހާއާއި އެއް ފެންވަރެއްގެ ސެޓްފިކެޓެއް އޮތް އަންހެނެއް ނުވަތަ އޭނާގެ ފިރިމީހާއަށްވުރެ މަތީ ސެޓްފިކެޓެއް އޮތް އަންހެނެއް ތަޞައްވުރުކުރެވޭ ހެއްޔެވެ. މިއީ އޭގެ ޛާތުގައި ޢައިބުކަމެއް ނޫނެވެ. އަދި އޭނާގެ ފިރިމީހާއަށް ވުރެ ބޮޑު މުސާރައެއް އޭނާ މަސައްކަތްކޮށްގެން ހޯދާ އަންހެނެއް ތަޞައްވުރުކުރެވޭ ހެއްޔެވެ. ފަހެ، އޭނާގެ ފިރިމީހާއަށް އޭނާގެ ޙާޖަތެއް ނެތްކަމުގެ ޝުޢޫރެއް ނުވާނެ ހެއްޔެވެ. އަދި ފިރިމީހާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރެވޭނެ ހެއްޔެވެ. ނުވަތަ އޭނާއަކީ ފުދިގެންވާ މީހެއްކަމުގެ އިޙްސާސް ކުރެވުމުގެ ސަބަބުން އުފެދޭ މައްސަލަތަކުން ގޭގެ ބިންގަލަށް ގުޑުން އަރައިގެން ނުދާނެ ހެއްޔެވެ. އެއީ ﷲ ތަޢާލާ އެމީހަކަށް ހެޔޮގޮތް މިންވަރުކުރައްވައިފި މީހަކު ފިޔަވައެވެ. މަސައްކަތްކުރާ އަނބިމީހާއަށް ޚަރަދުކުރުމާއި ގޭތެރޭގެ ޚަރަދުތައް ބެލެހެއްޓުމުންފަދަ މައްސަލަތަކަކީ ނިމުމެއް އޮތްކަމެއް ނޫނެވެ.

  • ބުރަ މަސައްކަތުގެ ސަބަބުން ހަށިގަނޑަށްވެރިވާ ވަރުބަލިކަމާއި ނާރުތަކަށް ބާރު ބޮޑުވުމާއި ނަފްސާނީ އުނދަގޫތަކަކީ އަންހެނާގެ ޠަބީޢަތާ މުނާސަބު ނޫން ކަންކަން.

 

އަންހެނުން (ގެއިން ބޭރުގައި) މަސައްކަތްކުރުމުގައި ހުރި ފައިދާތަކާއި ގެއްލުންތައް ކުރުގޮތަކަށް ބަޔާންކޮށްދިނުމަށްފަހު އަޅުގަނޑުމެން ދަންނަވަން އޮތީ:

ﷲއަށް ތަޤްވާވެރިވެ، ޝަރުޢީ މީޒާނުގައި މިމައްސަލަ ކިރުމަށްފަހު، އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުން ހުއްދަވާ ޙާލަތްތަކާއި ހުއްދަނުވާ ޙާލަތްތައް ދެނެގަންނާށެވެ. އަދި ދުނިޔަވީ އެދުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ލޯތައް ކަނުވެ ޙައްޤުމަގުން އެއްކިބާވިޔަދީގެން ނުވާނެއެވެ.

މިވަޞިއްޔަތަކީ އަންހެނާއާއި އޭނާގެ ދިރިއުޅުމުގެ މަޞްލަޙަތަށްޓަކައި ކުރާ ވަޞިއްޔަތެކެވެ.

ފިރިންގެ މައްޗަށް އޮތީ ބަދަލު ހިފުމުގެ ޢަމަލުތައް ދޫކޮށްލުމެވެ. އަދި ނުޙައްޤުން  އަނބީންގެ މުދާ ނުކެއުމެވެ.

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް