[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު އައްޝާފިޢީ (محمد بن إدريس الشافعي) – 2

imam shafii

އުފަންވެ ވަޑައިގަތުމާއި ބޮޑުފުޅުވުން

الإمام الذهبي رحمه الله ވިދާޅުވިއެވެ.

“الإمام الشافعي رحمه الله އުފަންވެވަޑައިގެންފައިވަނީ ޣައްޒާގައިކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅު އިދްރީސް އަވަހާރަވެފައިވަނީ ޒުވާން ދުވަސްވަރުގައެވެ. އަދި މުޙައްމަދު ބޮޑުފުޅުވެފައިވަނީ ޔަތީމު ޙާލުގައި އެކަލޭގެފާނުގެ މަންމާފުޅުގެ ގެކޮޅުގައެވެ. އަދި އެގެކޮޅުގެ ކުޑަކަމުން އެކަމަނާ އެކަލޭގެފާނާމެދު ބިރުވެތިވެ، އެކަމަނާގެ ޢާއިލާގެ އަރިހަށް ބަދަލުވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ދެއަހަރެވެ. އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގަތީ މައްކާގައެވެ. އަދި އެކަލޭގެފާނު ދުނިދަނޑި އުއްކެވުމުގައިވިއެވެ. ދުނިދަނޑި އަމާޒުކުރުމުގައި އެންމެ މަތީ ހަރުފަތާ ހަމައަށް ދާނދެން އެކަން ކުރެއްވެވިއެވެ. ދިހަ ތީރުން ނުވަތީރު އެކަލޭގެފާނު އަމާޒުކުރައްވައެވެ. ދެން އެއަށްފަހުގައި ޢަރަބި ބަހާއި ޅެންވެރިކަމުގައި އުޅުއްވެވިއެވެ. އެކަމުގައި ހުނަރުވެރިއަކަށް ވެވަޑައިގަތެވެ. ދެން އެއަށްފަހުގައި އެކަލޭގެފާނު ފިޤުހަށް ލޯބިޖެހިވަޑައިގަތެވެ. ފަހެ އެކަލޭގެފާނުގެ ޒަމާނުގައި އެންމެ ޢިލްމުވެރި ބޭފުޅެއްކަމުގައި ވެވަޑައިގަތެވެ.”[1]

 ابن عبد الحكم ވިދާޅުވިއެވެ. ޝާފިޢީގެފާނު ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން ސަތޭކަ ފަންސާސްވަނަ އަހަރުގައި ޣައްޒާގައެވެ. އަދި ތިމަންކަލޭގެފާނުގެ އުމުރުން ދެއަހަރުގައި މައްކާއަށް ގެންދެވުނެވެ.”[2]

އިމާމު ޝާފިޢީގެފާނު އުފަންވެވަޑައިގަތީ އިމާމު އަބޫހަނީފާ ދުނިޔެ ދޫކުރެއްވި އަހަރުގައެވެ. مناقب البيهقيގައިވެއެވެ. للآبري ވިދާޅުވިއެވެ. الزبير بن عبد الواحد الهمذاني ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. علي بن محمد بن عيسى ތިމަންބޭކަލުންނަށް ޚަބަރު ދެއްވިއެވެ. الربيع بن سليمان ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

“ޝާފިޢީގެފާނު އުފަންވެ ވަޑައިގަތީ އިމާމު އަބު ޙަނީފާ އަވަހާރަ ވަޑައިގަތްދުވަހުގައެވެ.”[3] رَحِمَهُمَا اللهُ تَعَالَى

_______________________________________________________

[1] سير أعلام النبلاء (6/10), للإمام الذهبي, أشرف علي التحقيق/شعيب الأرناؤوط.دار الرسالة

[2] ترجمة الأئمة الأربعة (1/118)

[3] ” مناقب البيهقي ” (1 / 72)، و” مناقب الرازي “: 8، وفي ” توالي التأسيس “: ص 49: