[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة القارعة ގެ ތަފްސީރު – 4

 الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ:

ހަމަކަށަވަރުން އެއީ އެންމެ މީޒާނެކެވެ. އަދި ޖަމްޢުގެ ޞީޣާގައި އައިސްފައިވަނީ އޭގެން ކިރާ އެއްޗިއްސަށް ރިޢާއަތްކުރެވިގެންނެވެ. އެހެނީ އޭގެން ހެޔޮކަންތައްތަކާއި ނުބައިކަންތައްތައް ކިރައެވެ. އަދި އެވެނި މީހަކާއި މިވެނި މީހެއްގެ ހެޔޮކަންތައް އެއިން ކިރައެވެ. އަދި މިއުންމަތާއި އެހެން އުންމަތެއްގެ ހެޔޮކަންތައްވެސް ކިރައެވެ. ފަހެ ޖަމާކުރެވިގެންވަނީ އެއިން ކިރާ އެއްޗެއްސެވެ. މީޒާންތަކެއް ނޫނެވެ. އަދި އެއީ ހަމައެކަނި އެންމެ މީޒާނެކެވެ.

އަދި ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވެފައިވެއެވެ:

ހަމަކަށަވަރުން އެއީ ބައިވަރު މީޒާންތަކެކެވެ. ކޮންމެ އުންމަތަކަށް މީޒާނެކެވެ. އަދި ކޮންމެ ޢަމަލަކަށް މީޒާނެކެވެ. ފަހެ ޖަމްޢުގެ ޞީޣާގައި އައިސްފައިވަނީ މިހެންވެއެވެ.

އަދި މިކަމުގައި ބޮޑަށް ބުރަވެވޭ ގޮތަކީ އެއީ އެންމެ މީޒާނެކެވެ. ނަމަވެސް ޖަމްޢުގެ ޞީޣާގައި އައިސްފައިވަނީ އޭގެން ކިރާ އެއްޗިއްސަށް ރިޢާއަތްކުރެވިގެންނެވެ. ނުވަތަ އުންމަތްތަކުގެ ނިސްބަތުންނެވެ. ނުވަތަ ފަރުދުންގެ ނިސްބަތުންނެވެ. والله أعلم.

ހަމަކަށަވަރުން އިންސާނާގެ ހެޔޮކަންތައްތަކާއި ނުބައި ކަންތައްތައް އެއްވަރު ވެއްޖެނަމަ އޭނާއަށް އޮތްގޮތާމެދު މިއާޔަތުގައި އިތުރު ވާހަކައެއް ދެކެވިފައެއް ނެތެވެ. ނަމަވެސް އަލްއަޢްރާފް ސޫރަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވަނީ، ހަމަކަށަވަރުން އެބައިމީހުން ނަރަކައަށް ނުވަންނާނެކަމުގައެވެ. އަދި އެބައިމީހުން ހިފެހެއްޓިފައިވާނީ “އަލްއަޢްރާފް”އޭ ކިޔޭ ތަނުގައެވެ. އަދި މުއުމިނުންނާއި އެބައިމީހުންނާ ދެމެދު ހިނގާ ކަންތައްތައް ﷲ ތަޢާލާވަނީ އަލްއަޢްރާފް ސޫރަތުގައި ޛިކުރުކުރައްވާފައެވެ. އަދި އެބައިމީހުން، އެބައިމީހުން ލޯތައް ނަރަކައިގެ އަހުލުވެރިންނާ ދިމާއަށް އަނބުރާލާހިނދު ބުނާނެއެވެ. “އަޅަމެންގެ رَبُّ! އަނިޔާވެރިވީ މީހުންނާ އެކުގައި އަޅަމެން ނުލައްވާނދޭވެ!”

ﷲ عز وجلގެ ޙަޟްރަތުން އަޅަމެން އެދެނީ ނުބައި ކަންތަކުގެ މައްޗަށް ހެޔޮކަންތައް ބަރުވާމީހުންގެ ތެރެއިން އަޅަމެން ލެއްވުމެވެ. އަދި އަޅަމެންނަށް ޢަފޫކޮށްދެއްވާ ފާފަތައް ފުއްސަވާދެއްވުމެވެ. ހަމަކަށަވަރުން އެއިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.

=ނިމުނީ=

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ تَفْسِير سُورَة الْقَارِعَةގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް