[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الماعون ގެ ތަފްސީރު – 4

﴿وَيَمْنَعُونَ الْمَاعُونَ

މާނައީ: “އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.”

އެބަހީ: މީސްތަކުން ބޭނުންވެގެން އަންނަ ކަންވާރުފަދަ ތަކެތި އެބައިމީހުންނަށް ދިނުމުން މަނާވެގަތުމެވެ. މިސާލަކަށް މީހަކު އައިސް “އަހަރެން ބާލިދީއަކަށް ބޭނުންޖެހިއްޖެ އޭ”، ނުވަތަ “ފެންބޯތައްޓަކަށް ބޭނުން ޖެހިއްޖެ އޭ” ނުވަތަ “ހޮޅިބުރިއަކަށް ބޭނުންޖެހިއްޖެ އޭ” ނުވަތަ މިފަދަ ކަމަކަށް އެދުމުން މަނާވެގަތުމެވެ. މިފަދަ މީހަކީވެސް މަލާމާތް ލިބިގެންވާ މީހެކެވެ. މިފަދަ ތަކެތި ދިނުން މަނާވެގަތުން ދެ ބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމަ ބައި: ނުދިނުމުގެ ސަބަބުން ފާފަވެރިވާ ބައި

ދެވަނަ ބައި: ނުދިނުމުގެ ސަބަބުން ފާފަވެރިނުވާ އެހެނަސް ހެޔޮކަމަކުން މަޙްރޫމުވާ ބައި

އޭނާ ކުރުން ވާޖިބުވާ މިންވަރުން މަނާވެގަތުމުން ފާފަވެރިވެއެވެ. އަދި ވާޖިބުނުވާ މިންވަރުން މަނާވެގަތުމުން ފާފަވެރިއެއް ނުވާނެއެވެ. އެހެނަސް ހެވަކުން މަޙްރޫމުވެއެވެ. މިސާލަކަށް: ޙާލުގައި ޖެހިފައިވާ މީހަކު އައިސް ތިމަންނާއަށް ފެންފޮދެއް ދޭށޭ، ފެންފޮދެއް ނުލިބިއްޖެނަމަ މަރުވެދާނޭ ބުނެފިނަމަ އެފަދަ މީހަކަށް ފެންދިނުން ވާޖިބުވާނެއެވެ. އަދި ނުދީފިނަމަ ފާފަވެރިވެސްވާނެއެވެ. އެފަދަ މީހަކު ފެންނުދިނުމުގެ ސަބަބުން މަރުވެއްޖެނަމަ ފެންނުދިންމީހާގެ މައްޗަށް މަރުގެ ދިޔަދިނުންވެސް ލާޒިމުވާނެކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.  އެހެނީ މަރުވިމީހާ މަރުވުމުގެ ސަބަބަކީ ފެންނުދިން މީހާކަމުގައިވާތީއެވެ. އަދި އޭނާގެ މައްޗަށް އެފަދަ މީހެއްގެ އެއެދުނު ކަންތައް ކޮށްދިނުމަކީ ވާޖިބެކެވެ.

އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސު މިފަދަ ސިފަތަކުން ސިފަލިބިގެންވޭތޯ މުރާޖަޢާ ކޮށްލަން ޖެހެއެވެ. އަދި މިފަދަ ސިފަތަކުން ސިފަ ލިބިގެންވާކަމުގައިވާނަމަ، (އެބަހީ: ނަމާދު އަޅާ އެކަމަށް ފަރުވާކުޑަކޮށް، އެހެންމީހުންނަށް ހެޔޮފޯރުކޮށްދިނުމުން މަނާވެގަންނަނަމަ)، އެމީހަކު ﷲ ތަޢާލާއަށް ތައުބާވެ ޙައްޤުމަގަށް އެނބުރި ރުޖޫޢަވާން ޖެހެއެވެ. އެހެންނޫންނަމަ އެފަދަމީހަކަށް ހަލާކުހުރިކަމުގެ ޚަބަރު ހުއްޓެވެ. އަދި އެފަދަ ސިފަތަކުން ސަލާމަތްވެގެންވާނަމަ އެމީހަކަށް އުފާވެރިކަމަގެ ޚަބަރު ހުއްޓެވެ. ﷲ ތަޢާލާ އަޅަމެން އެފަދަ ބަޔަކަށްވުމުން ސަލާމަތް ކުރައްވާށިއެވެ!

ދަންނާށެވެ. ޤުރުއާނުގެ ހަމައެކަނި މަޤްޞަދަކީ އަޅުކަމެއްގެ ގޮތުގައި ކިޔުމެއްނޫނެވެ. އެ ކިޔެވުމާއެކު އޭގައިވާ ސިފަތަކުން ސިފަލިބިގަތުންވެސް ލާޒިމުވެއެވެ. އެހެންކަމުން ޢާއިޝާ رضي الله عنها ވިދާޅުވިއެވެ.

((فَإِنَّ خُلُقَ نَبِيِّ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ الْقُرْآنَ)) [أخرجه مسلم]

މާނައީ: “ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلمގެ ޚުލްޤުފުޅަކީ ޤުރުއާނެވެ.”

ޚުލްޤުފުޅުގެ މާނައަކީ އަޚްލާޤެވެ. އެ އަޚްލާޤު ނަންގަވަނީ ޤުރުއާނުންކަމެވެ. ﷲ ތަޢާލާ އަޅަމެންނަށް ދުނިޔެއާއި އާޚިރަތުގައި ޤުރުއާނުގައިވާ ހެވާއި މަންފާއަށް ތައުފީޤުދެއްވާށިއެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

=ނިމުނީ=

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة الماعونގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް