[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (5)

jinni

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

… އަދި މުޙައްމަދު صلى الله عليه وسلمގެ މައްޗަށް ބާވައިލެއްވުނު އާޔަތްތަކުން މުޚާޠަބު ކުރެވިފައިވަނީ ޚަލްޤުތަކުންގެ ތެރެއިން އެންމެހާ އިންސީންނާއި ޖިންނީންނަށެވެ. އެހެނީ އެރިސާލަތަކީ ޖިންނީންނާއި އިންސީންނަށް ޢާންމު ވެގެންވާ ރިސާލަތެކެވެ. ޢަރަބީންގެ ތެރޭގައި ހިނގާފައިވާ ކަންކަމާ ގުޅިގެން ބައެއް އާޔަތްތައް ބާވައިލެއްވުނުކަމުގައި ވިޔަސް، އެއްވެސް އާޔަތެއް ހަމައެކަނި އެއާޔަތެއް ބާވައިލެއްވުނު ސަބަބަށް ޚާއްޞަވެގެންވާ ނުވާކަމަށް މުސްލިމުންވަނީ އިއްތިފާޤުވެފައެވެ. ޚިލާފުވެފައިވަނީ: އާޔަތެއް ބާވައިލެއްވުނު ސަބަބުގެ އެވައްތަރަށް އެއާޔަތެއް ޚާއްޞަވާނެ ތޯއެވެ؟ ނަމަވެސް މުސްލިމުންގެ ތެރެއިން މީހަކުކުރި ކަމަކާ ގުޅިގެން އާޔަތެއް ބާވައިލެއްވުމުން އެއާޔަތަކީ ހަމައެކަނި އެމީހާއަށް ޚާއްޞަވެގެންވާ އާޔަތެއްކަމުގައި މުސްލިމުންކުރެ އެކަކުވެސް ބުނެފައިނުވެއެވެ. އެއީ ވަރި ނުވަތަ ޡިހާރު ނުވަތަ ލިޢާން ނުވަތަ ވައްކަމާއި ޙިރާބާގެ ޙައްދާއި އަދި މިނޫންވެސް އެފަދަކަންކަމެވެ …

މިތަނުގައި މަޤްޞަދަކީ މުޙައްމަދު صلى الله عليه وسلمގެ ދަޢުވަތަކީ އެންމެހާ ޖިންނީންނާއި އިންސީން ޝާމިލުވާ ދަޢުވަތެއްކަމެވެ. ފަހެ ޙުކުމްތަކުގެ ތެރެއިން ޙުކުމެއް އެއީ ޙަޤީޤަތުގައި ޢަރަބީންނަށް ޚާއްޞަވެފައިވާ ޙުކުމެއް ކަމަށް ހީކޮށްގެން ނުވާނެއެވެ. އެހެނެއްކަމަކު ހަމަކަށަވަރުން ޙުކުމްތައް ގުޅިލާމެހިފައިވަނީ މުސްލިމުނާއި ކާފިރުން، މުއުމިނުންނާއި މުނާފިޤުން، ހެޔޮލަފާ ޞާލިޙުންނާއި ފާޖިރުން އަދި މުޙްސިނުންނާއި އަނިޔާވެރިން، މިނަންތަކާއި މިނޫނަސް ޤުރުއާނާއި ޙަދީޘްގައި ޛިކުރުކުރެވިފައިވާ މިފަދަ ނަންތައް ދެވޭ ފަރާތްތަކަށެވެ. އަދި ޝަރުޢީ ޙުކުމްތަކުގެ ތެރެއިން ޙުކުމެއް ޢަރަބީންނަށް ޚާއްޞަކޮށް ޤުރުއާނާއި ޙަދީޘްގައި އައިސްފައެއް ނުވެއެވެ. ނަމަވެސް ބައެއް ޙުކުމްތަކުގައި އެފަދައިން ވާކަމަށް ބައެއް ޢިލްމުވެރިންނަށް ހީފުޅުވެފައިވެއެވެ. އަދި އެކަމުގައި ޖުމްހޫރު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ…

އަދި އެފަދައިން ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވިއެވެ:

ހަމަކަށަވަރުން ޢަރަބީން ހަޑި އެއްޗެހީގެ ގޮތުގައި ބަލާ އެއްޗެހި އެންމެހާ މުސްލިމުންނަށް ޙަރާމެވެ. އަދި އެބައިމީހުން ރަނގަޅު އެއްޗެހީގެ ގޮތުގައި ބަލާ އެއްޗެހި އެންމެހާ މުސްލިމުންނަށް ޙަލާލެވެ.

ފަހެ ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މިބުނުމާ ޚިލާފަށެވެ. އޭގެތެރޭގައި އިމާމު މާލިކާއި އަބޫ ޙަނީފާއާއި ޢަޙްމަދު އަދި އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ކުރީގެ ބޭކަލުން ހިމެނެއެވެ. ނަމަވެސް އަލްޚިރަޤީ އަދި ޙަންބަލީންގެ ބައެއް ބޭކަލުން ޝާފިޢީގެފާނާއި މިބަސްފުޅުގައި އެއްބަސްވެއެވެ. ނަމަވެސް ޚުދު އިމާމް އަޙްމަދު އެއްބަސްވެވަޑައިގަންނަވަނީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅާއެވެ. އަދި ޞަޙާބީންނާއި ތާބިޢީން  ދެކެވަޑައިގަންނަވާ ގޮތުގައި ޙަލާލާއި ޙަރާމް ބިނާވެގެންވަނީ ޢަރަބީންނަށް ރަނގަޅު އެއްޗެއްސާއި ހަޑި އެއްޗެހީގެ މައްޗަކަށް ނޫނެވެ. އެހެނީ އެބައިމީހުން ﷲ ތަޢާލާ ޙަރާމްކުރެއްވި އެއްޗެހި ރަނގަޅު އެއްޗެހީގެ ގޮތުގައި ދެކުނެވެ. އެއީ ލެޔާއި މުޅަތަކެއްޗާއި ކަރުގައި ހިފައިގެން މަރާލާ ތަކެއްޗާއި، ޖަހާ މަރާލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެއްޗާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. އަދި އެބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ރަނގަޅު މީހުން ﷲ ތަޢާލާ ޙަރާމް ނުކުރައްވާ ތަކެއްޗާ ނުރުހުންތެރިވިއެވެ. އެއީ ޟައްބު މަސް ފަދަ ތަކެއްޗެވެ. ނަބިއްޔާ صلى الله عليه وسلم ޟައްބު މަސް ފަރީއްނުކުޅުއްވައެވެ. އަދި ޙަދީޘްކުރެއްވިއެވެ.

((…لَمْ يَكُنْ بِأَرْضِ قَوْمِي، فَأَجِدُنِي أَعَافُهُ)) [البخاري في أطعمة (٥٣٩۱) ومسلم في الصيد والذبائح (۱٩٤٥ / ٤٣ ، ٤٤]

މާނައީ: “ތިމަންކަލޭގެފާނުގެ ޤައުމުގެމީހުންގެ ބިމުގައި އެޔެއް ނުހުރެއެވެ. އެހެންކަމުން ތިމަންކަލޭގެފާނު އެއާ ނުރުހުންތެރި އެބަވެއެވެ.”

އަދި މިއާއެކު ޙަދީޘްކުރެއްވިއެވެ. “އެއީ ޙަރާމް އެއްޗެއް ނޫނެވެ.”

އަދި އެކަލޭގެފާނުގެ ސުފުރާގައި، އެކަލޭގެފާނު ބައްލަވަން އިންނަވަނިކޮށް (އެހެން ބޭކަލުން ޟައްބު މަސް) ފަރީއްކުޅުވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((لاَ آكُلُهُ وَلاَ أُحَرِّمُهُ)) [البخاري في الذبائح (٥٥٣٦) ومسلم في الصيد والذبائح (۱٩٤٣ / ٣٩ – ٤۱]

މާނައީ: “ތިމަންކަލޭގެފާނު އެއެއް ފަރީއްނުކުޅުވާނަމެވެ. އަދި އެ ޙަރާމްއެއްވެސް ނުކުރައްވާނަމެވެ.”

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް