[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 40 “އިރުމަތީ ބިތުން ފިތުނަ ފާޅުވުން.”

qiyaamai vumuge

ހ. އިރުމަތީ ބިތުން ފިތުނަ ފާޅުވުން:

މުސްލިމުންގެ ތެރެއިން ފާޅުވާ އެންމެ ގިނަ ފިތުނަތައް ނުކުމެގެން އަންނަހުށީ قَرْنُ الشَّيْطَان (ޝައިޠާނާގެ ދަޅު)[1] އެދިމާއަކުން އަރައިގެން އަންނަ ފަރާތް ކަމުގައިވާ އިރުމަތީ ބިތުންނެވެ. އެއީ ރަޙުމަތުގެ ނަބިއްޔާ صلى الله عليه وسلم ދެއްވާފައިވާ ޚަބަރާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

ފަހެ ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم އިރުމައްޗާ ވީފަރާތަށް ކުރިމަތިލައްވައި ޙަދީޘް ކުރައްވާތީ އިބްނު ޢުމަރު رضي الله عنه އެއްސެވި ކަމުގައި އައިސްފައިވެއެވެ: ((أَلا إِنَّ الْفِتْنَةَ هَاهُنَا، أَلَا إِنَّ الْفِتْنَةَ هَاهُنَا، مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ))[2] މާނައީ: “ދަންނާށެވެ. ފިތުނަތައް ވަނީ މިދިމާގައެވެ. ދަންނާށެވެ. ފިތުނަތައް ވަނީ މިދިމާގައެވެ. (އެއީ) ޝައިޠާނާގެ ދަޅު އެދިމާއަކުން އަރައިގެން އަންނަ ދިމައެވެ.”

އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [ބަސްފުޅުގެ މާނައީ] “އެންމެ ފުރަތަމަ ފިތުނަތައް ފަޅައިގެން އަންނަހުށީ އިރުމަތީ ބިތުންނެވެ. ފަހެ އެއީ މުސްލިމުންގެ މެދުގައި ބައިބައިވުމުގެ ސަބަބެކެވެ. އަދި އެއީ ޝައިޠާނާ އެކަމަކާމެދު ލޯބިކުރާ އަދި އުފާކުރާ ކަންތަކެވެ. އަދި އެދިމާއިން ފެތުރިގެން އަންނަ ބިދުޢަތައްވެސް ހިމެނެއެވެ.”

ދެންފަހެ ޚަވާރިޖުންނާއި ޝިޔަޢީންނާއި ރާފިޟާއިންނާއި ބާޠިނިއްޔާއިންނާއި ޤަދަރިއްޔާއިންނާއި ޖަހުމިއްޔާއިންނާއި މުޢްތަޒިލާއިން، ޢިރާޤުން ފާޅުވިއެވެ. އަދި އެންމެ ގިނަ ކުފުރުގެ ބަސްތައްވެސް ފާޅުވެފައިވަނީވެސް އިރުމަތީ ބިތުންނެވެ. ފާރިސްކަރައިން، ޒިރްދަޝްތީންނާއި[3] މާނަވީންނާއި[4] މަޒްދަކީންނާއި[5] ހިންދޫންނާއި[6] ބުޑިސްޓުން[7]، އަދި ފަހުން ޤާދިޔާނީން[8] ފަދަ މަޖޫސީންނެވެ. އެންމެފަހުން ބަހާއިއްޔާއިން[9] ވެސް މެއެވެ… އަދި މިނޫންވެސް ހަލާކު ކުރަނިވި އެތައް މަޛްހަބެކެވެ.

އަދި ހަމައެފަދައިން ހިޖުރީ ސަނަތުން ހަތްވަނަ ޤަރުނުގައި، ތަތާރުން ފާޅުވެފައި ވަނީވެސް އިރުމަތީ ބިތުންނެވެ. އަދި ތާރީޚުގެ ޞަފްޙާތަކުގައި ލިޔެވިފައި ނުވާފަދަ ބޮޑެތިވެގެންވީ ޤަތުލުއާންމާއި ސުންނާފަތިކުރުންތައް އެބައިމީހުން ހިންގާފައިވާކަން ކަށަވަރެވެ.

ދެންފަހެ މިއަދާ ޖެހެންދެންވެސް ފިތުނަތަކާއި ނުބައިތައް އަދި ބިދުޢަތަކާއި ޚުރާފާތްތަކާއި ކަލަކު ނުވާކަމަށް ޤަބޫލުކުރުންފަދަ އެތައް ކަމެއް ނުކުމެނުކުމެ ހުރުން އިރުމަތީ ބިތުން ފިލައިގެން ނުދެއެވެ. ފަހެ ކަލަކު ނުވާކަމަށް ބުނާ ކޮމިޔުނިޒަމްގެ މަރުކަޒަކީ އިރުމަތީ ބިތުގެ ކޮމިއުނިސްޓު ދެޤައުމު ކަމުގައިވާ ޗައިނާ އާއި ރަޝިޔާއެވެ. އަދި ދައްޖާލު ފާޅުވުމާއި ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ވެސް ފާޅުވާހުށީ އިރުމަތީ ބިތުންނެވެ. ފިތުނަ ތަކުގެ ތެރެއިން ފާޅުވެ ހުރި ކަންކަމާއި ސިއްރުވެފައިވާ ކަންކަމުން އަޅަމެން ރައްކާތެރިކަމަށް އެދެމުއެވެ.

މިތަނުގައި ކޮންމެހެން ސަމާލުކަމަށް ގެންނަންޖެހޭ ކަމެއް ވެއެވެ. އެހެނީ ހަމަކަށަވަރުން ބައެއް ފިތުނަ ތަކަކީ ރަސޫލުﷲ صلى الله عليه وسلم އެކަންކަމާމެދު އަންގަވައިދެއްވާފައިވާ ކަންކަމެވެ. ޞިއްފީނު ހަނގުރާމައާއި ޚަވާރިޖުން ފާޅުވުންފަދަ ކަންކަމެވެ. މުސްލިމުން ބައިބައިވެ އަދި ބޮޑެތި ނުބައިތައް ފާޅުވުމުގެ ސަބަބުތައް ކަމުގައިވާ ބޮޑެތިވެގެންވީ ފިތުނަތަކާ ބެހޭގޮތުން ޚުލާޞާ ގޮތެއްގައި ވާހަކަ ދައްކާނަމެވެ.

=ނުނިމޭ=

__________________________________________

[1]  قَرْنُ الشَّيْطَان: އެއީ ޝައިޠާނާގެ ބާރުތަކާއި އޭނާއަށް ތަބާވާ ފަރާތްތަކެވެ. ނުވަތަ އިރަށް ޙަޤީޤަތުގައިވެސް ދަޅެއް ވަނީއެވެ. އަދި ބުނެވެއެވެ: އިރު އަރާހިނދު ޝައިޠާނާ އޭނާގެ ދަޅު އިރާ އެއްތަން ކުރެއެވެ. އިރަށް އަޅުކަން ކުރާ މީހުންގެ ސަޖިދަތައް އޭނާއާ ދިމާއަށް ވުމަށްޓަކައެވެ.

ބައްލަވާ: ((فتح الباري)) (13 / 46).

[2] ((صحيح البخاري)) كتاب الفتن، باب قول النبي صلى الله عليه وسلم: (( الفتنة من قبل المشرق))، (13 / 45 – مع الفتح، و صحيح مسلم))، كتاب الفتن وأشراط الساعة، (18 / 31 – مع شرح نووي).

[3]   الزِّرْدَشْتِيَّة: އެއީ ޒިރްދަޝްތު ބިން ޔޫރްޝަބަށް ތަބާވި މީހުންނެވެ. އޭނާގެ ބައްޕައަކީ އަޒަރުބައިޖާން މީހެކެވެ. އެބައިމީހުން ޤަބޫލުކުރާގޮތުން އަލިކަމާއި އަނދިރި ކަމަކީ އިދިކޮޅު ދެއަޞްލެވެ. އަދި އެއީ ޢާލަމުގައިވާހާ އެއްޗެއްގެ ފެށުމެވެ. އަދި ޒިރްދަޝްތު ބުނެއެވެ. އެންމެހާ އެއްޗެއް ޞޫރަކުރައްވާ ރަސްކަލާނގެއީ އަލިކަމާއި އަނދިރިކަން އަދި ނެތުމުގެ ތެރެއިން އެކަންކަން އުފެއްދެވި ފަރާތެވެ. ދެންފަހެ ޒިރްދަޝްތީންނީ ގެއްލެނިވެފައިވާ ޖަމާޢަތެކެވެ. އަދި އެބައިމީހުންގެ ތަފާތު  ގިންތިތަކާއި ފަންތިތައް ވެއެވެ. އެބައިމީހުންގެ ވަޠަނަކީ ފާރިސްކަރައެވެ.

ބައްލަވާ: ((الملل والنحل)) (1 / 236 – 237) للشهرستاني، وكتاب ((وجاء دور المجوس)) (ص 24) للدكتور عبد الله الغريب.

[4]  المَانَوِيَّة: އެއީ މާނީ ބިން ފާތިކް އަލްމަޖޫސީ އަށް ތަބާވި މީސްތަކުންނެވެ. ޢާލަމް އުފެދިފައި ވަނީ ޤަދީމީ ދެއަޞްލެއް ކަމުގައިވާ އަލިކަމާއި އަނދިރިކަމުން ކަމުގައި އެބައިމީހުން ޤަބޫލުކުރެއެވެ.

ބައްލަވާ: ((الملل والنحل)) (1 / 244).

[5] المَزْدَكِيَّة: މިއީ މަޒްދަކު ބިން ބާފިދާދަށް ތަބާވި މީހުންނަށް ކިޔާ ނަމެކެވެ. އޭނާއަކީ ހުރިހާ ކަމެއް ހުއްދަ ކުރުމަށް ގޮވާލާ، މުދަލާއި އަންހެނުންވެސް އެންމެންގެ މެދުގައި ބައިކުރުމަށް ގޮވާލި މީހެކެވެ. މިއަދު މިފެންނަ ކޮމިއުނިޒަމް އަކީ މިފިކުރުން ކުރިފަޅައިގެން އައިސްފައިވާ ކަމެއްކަމުގައި މެނުވީ ނުވެއެވެ.

ބައްލަވާ: ((الملل والنحل)) (1 / 249)، وكتاب ((وجاء دور المجوس)) (ص 27 – 29).

[6] الهِنْدُوْسِيَّة: މިދީނުގެ އެންމެ ބޮޑުބައެއް މިހާރު އުޅެމުންދަނީ އިންޑިޔާގައެވެ. އިންޑިޔާ ފަތަޙަކޮށް މިދީނާގެން އައިސްފާވަނީ އާރިޔާނީންނެވެ. އަދި މިދީން އުފެއްދި ވަކި މީހެއް އެނގޭކަށް ނެތެވެ. އެބައިމީހުންނަށް އެތައްބައިވަރު ކަލާނގެ އަކާއި ގިނަ ޢަޤީދާތަކެއް ވެއެވެ. އަދި އެބައިމީހުން، ހަތަރު ގިންތިއަކަށް މީސްތަކުން ބަހައެވެ. އެންމެ މަތީގައި ވަނީ ބަރާހިމުންނެވެ. އަދި އެންމެ ދަށުގައިވަނީ މަންބޫޛީންނެވެ. މިބައިމީހުންނަށް “الويدة” (vedas) ކިޔާ މުޤައްދަސް ފޮތެއް ވެއެވެ. އެއީ އާރިޔާނީންގެ ތާރީޚަށް ކިޔޭ ނަމެކެވެ. އދި އެއީ ބަރާހިމުންގެ ބައެކެވެ. އެއުނގެނިގެން ތިބި ބަޔަކުވެސް އޭގެތެރޭގައި ވެއެވެ.

ބައްލަވާ: ((مقارنة الأديان / أديان الهند الكبرى)) (4 /49 -46 ) لأحمد شلبي.

[7]  البُوْذِيَّة: މިދީން މުއައްސިސްގެ ނަމަކީ ސައްޔިދު ހާރިތާ އެވެ. އެއަށްފަހު އޭނާއަށް ބޫޛާ(ބުއްދާ) ގެ ނަމުން ނަންދެވުނެވެ. އޭނާގެ ދަޢުވަތަކަށް ވެފައިވަނީ އިޤްތިޞާދު ކުރުމާއި ޒުހުދުވެރިވުމާއި ޙިސާބު ޢިލްމެވެ. އަދި ތަނާސުޚް [ތަނާސުޚަކީ:Reincarnation ނުވަތަ މީހަކަު މަރުވުމަށްފަހު އޭނާގެ ރޫޙު އެހެން ހަށިގަނޑެއްގައި ދިރިއުޅުން ފަށާނެކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމެވެ.] ވެސް ޤަބޫލުކުރެއެވެ. މިޢަޤީދާއަކީ އިންޑިޔާގެ ދީން ތަކުގެ އަސާސްއެވެ.ދެންފަހެ އިލާހަކު ވާކަމަކަށް ބޫޛާ އީމާނެއް ނުވެއެވެ.

އަދި ބުދުދީނާއި ހިންދޫ ދީން  ވަނީ ގުޅި ލާމެހި އެކަތިގަނޑަކަށްވެފައެވެ. އަދި ބޫޛާ އަކީ ހިންދީންގެ އިލާހުންތަކުގެ ތެރެއިން އިލާހެއް ކަމުގައި ވެގެން ގޮސްފައިވެއެވެ.

ބައްލަވާ: ((مقارنة الأديان / أديان الهند الكبرى)) (4 / 137 – 170).

[8] القَادِيَانِيَّة: ނިސްބަތް ކުރެވިފައިވަނީ އޭގެ މުއައްސިސް ކަމުގައިވާ ޣުލާމު އަޙްމަދު އަލްޤާދިޔާނީ އަށެވެ. މިދީން ފާޅުވެފައިވަނީ މީލާދީ ސަނަތުން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި އިންޑިޔާއިންނެވެ. [މިހާރު] ޕާކިސްތާނުގެ ޕަންޖާބް ކިޔާ ހިސާބުގަނޑުންނެވެ. އޭނާ ވަނީ ނަބިއްޔެއް ކަމަށާއި ވަޢުދުވެވިގެންވާ މަސީޙަކީ އޭނާކަމަށް ދަޢުވާ ކޮށްފައެވެ. އޭނާގެ ދަޢުވަތު ފެތުރުމުގައި އިނގިރޭސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޖިހާދުކުރުން މަންސޫޚުވެފައި ވާކަމަށާއި އިނގިރޭސި ދައުލަތަށް ކިޔަމަންގަތުމީ ފަރުޟެއް ކަމަށާއި ޢީސާގެފާނު ފައިބައިވަޑައިގެންނެވުމީ ނަޞާރާއިން ހަވާނަފްސަށް ދައްކާ ވާހަކައެއް ކަމަށް އޭނާގެ ބާޠިލު [ދަޢުވާގައި] ވެއެވެ. އަދި ޢީސާ ގެފާނު އަވަހާރަފުޅު ނުވާކަމަށް ޤަބޫލުކުރާ ކޮންމެ މީހަކު ޝިރުކު ކޮށްފިކަމަށް ވެއެވެ. މީނާ ހަލާކުވެގެން ގޮސްފައިވަނީ މީލާދީ ސަނަތުން އޮނަވިހި ސަތޭކަ އަށްވަނަ އަހަރުއެވެ.

ބައްލަވާ: ((القاديانية ومعتقداته)) للشيخ منظور أحمد الباكستاني، و ((القاديانية ثورة على النبوة والإسلام))، و ((القادياني والقاديانية دراسة وتحليل))؛ كلاهما لأبي الحسن الندوي.

[9] البَهَائِيَّة: މިއީ ފާރިސީންގެ މީހަކު އުފެއްދި ދީނެކެވެ. އޭނާގެ ނަމަކީ އަލްމީރްޒާ ޢަލީ މުޙައްމަދު އައްޝީރާޒީ އެވެ. ބާބު ގެ ނަމުން އޭނާ އަމިއްލައަށް ލަޤަބު ދީފައި ވެއެވެ. ފާރިސީންގެ ރަސްކަމުން އޭނާ ޖަލަށް ލިއެވެ. އަދި އެއަށްފަހު ޤަތުލު ކޮށްލެވުނެވެ. އޭނާއަށް ތަބާވީ މީހުންކުރެ މީހަކު އޭގެ ފަހުގައި އައެވެ. އެއީ ބަހާއުﷲ މީރްޒާ ޙުސައިން ޢަލީ އެވެ. ޤުރުއާން ިމަންސޫޚުވެފައި ވުމާއި ގެފުޅު ތަޅާލެވިފައިވާ ކަމަށާއި ޙައްޖުވުމަކީ ބާޠިލު ކަމެއް ކަމަށް އޭނާގެ ޤަބޫލު ކުރުންތަކުގައި ހިމެނެއެވެ. އަދި ނަބީކަމަށް އޭނާ ދަޢުވާ ކުރިއެވެ. الكِتَابُ الأَقْدَسُ ، އެ ނަންކިޔޭ ފޮތެއް އޭނާގެ ވޭމެއެވެ.

އަދި ބަހާއިއްޔުންގެ މަޒްހަބުގެ ކަންކަން ބަދަލުވެގެން ދަމުންގޮސް، އެންމެފަހުން ބަހާއު އަކީ އިލާހެއްކަމަށް ދަޢުވާ ކުރީއެވެ. ދެންފަހެ އެބައިމީހުން ފަތުރާ ލިޔުންތަކުގައި ވެއެވެ. “އޭ އަހުރެންގެ އިލާހު ބަހާއުއެވެ.”

ބައްލަވާ: كتاب ((دراسات عن البهائية والبابية))، مجموعة رسائل لجماعة من الكتاب المسلمين، طبع المكتب الإسلامي، ط. الثانية، (1397هـ)، دمشق.