[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الكوثر ގެ ތަފްސީރު – 2

ދެންފަހެ ހެޔޮކަމަށް މަގު ދެއްކުމީ އެހެޔޮކަންކުރާ ފަރާތާ އެއްފަދާގައިވާ ކަމެއްކަން އެނގި ބަޔާންވެގެން ވެއެވެ. އަދި މިބޮޑުވެގެންވާ އުއްމަތަށް ލިބުނު، އެހެން އުއްމަތް ތަކަށް ނުލިބޭ ބޮޑު ޝަރަފަކީ މުޙައްމަދު ނަބީކަލޭގެފާނެވެ. މިކަމަށްޓަކައި އެކަލޭގެފާނުގެ އުއްމަތުގެ ކޮންމެ ފަރުދެއްގެ އަޖުރުން ބައެއް [އެބައިމީހުންނަ އުނިވުމަކާ ނުލައި] އެކަލޭގެފާނަށް ވެއެވެ. ﷲ ތަޢާލާ ފިޔަވައި އެއްވެސް ފަރާތަކަށް އުއްމަތުގެ ޢަދަދު އެނގިގެން ނުވެއެވެ.

އަދި އާޚިރަތް ދުވަހުގައި އެކަލޭގެފާނަށް ދެވިފައިވާ ހެޔޮކަންތަކުގެ ތެރޭގައި المَقَامُ المَحْمُوْد (ޙަމްދު ލިބިގެންވާ މަޤާމް) ހިމެނެއެވެ. އަދި އޭގެ ތެރޭގައި ބޮޑުވެގެންވާ ޝަފާޢަތްތެރިވުން ހިމެނެއެވެ. ފަހެ ޤިޔާމަތް ދުވަހުގައި މީސްތަކުން ވާހުށީ އެބައިމީހުންނަށް ތަޙައްމަލު ނުވާފަދަ ދެރައާއި ހިތާމައިގެ ތެރޭގައެވެ. ދެންފަހެ އެބައިމީހުން ޝަފާޢަތްތެރިކަމަށް އެދި ދަންނަވައެވެ. އަދި އާދަމްގެފާނުގެ އަރިހަށް އާދެއެވެ. އެއަށްފަހު ނޫޙުގެފާނުގެ އަރިހަށެވެ. އެއަށްފަހު އިބްރާހީމްގެފާނު ދެން މޫސާގެފާނު ދެންއެއަށްފަހު ޢީސާގެފާނު –عليهم الصلاة والسلام– ގެ އަރިއަހަށެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބީކަލޭގެފާނުގެ އަރިހަށް އަތުވެއްޖައުމަށް ދާންދެނެވެ. ފަހެ އެކަލޭގެފާނު ތެދުވެވަޑައިގެން ޝަފާޢަތްތެރި ވެދެއްވައެވެ. އަދި އެކަލޭގެފާނުގެ ޝަފާޢަތުން، ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ ޙިސާބު ބައްލެވުމުގެ ފައިސަލާ ކުރައްވަތެވެ.

މިއީ އިސްވެދިޔަ މީސްތަކުންނާއި ފަސްވެއައި މީސްތަކުން އެކަމަށްޓަކައި ޙަމްދުކުރި މަޤާމެކެވެ. އަދި ﷲ ތަޢާލާގެ ބަސްފުޅުގައި މިވާހަކަ ވޭމެއެވެ: ﴿عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا﴾ (سورة الإسراء: 79) މާނައީ: “އެކަމުން، ކަލޭގެފާނުގެ ވެރިރައްބު، ޙަމްދު ލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!”

ކޮންމެއަކަސް ކައުޘަރުގެ މުރާދަކީ ގިނަގުނަވެގެންވީ ހެޔޮކަމެވެ. އޭގެތެރޭގައި ސުވަރުގޭގައިވާ ފެންއާރު ހިމެނެއެވެ. ފަހެ އެއްވެސް ޝައްކެއް ނެތްގޮތުގައި ސުވަރުގޭގައިވާ ފެންއާރަކީ އެއީ ކައުޘަރު އާރެވެ. އަދި ކައުޘަރުގެ ނަންގަނެވިފައި ވިއެއްކަމަކު، މިއީ ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ صلى الله عليه وسلم އަށް ދެއްވާފައިވާ ހަމައެކަނި ހެޔޮކަންތަކެއް ނޫނެވެ.

ދެންފަހެ އެކަލޭގެފާނަށް ދެއްވާފައިވާ ގިނަގުނަވެގެންވީ ހެޔޮކަންތަކުގެ ވާހަކަ ޛިކުރު ކުރެއްވުމާއެކު ވަޙީ ކުރައްވާފައި މިވަނީ: ﴿فَصَلِّ لِرَبِّكَ وَانْحَرْ﴾ “ފަހެ، ކަލޭގެފާނުގެ ވެރިރަައްބަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!” މިމަތިވެރިވެގެންވީ ނިޢުމަތްތަކަށް އެކަލާނގެއަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. ނަމާދުކޮށް އަދި ﷲ އަށްޓަކައި ޤުރުބާން ކުރުމުންނެވެ. މިތާނގައި ނަމާދުގެ މުރާދަކީ އެންމެހާ ނަމާދު ތަކެވެ.

ޤުރުބާން ކުރުމާ ގުޅިފައިވާ އެންމެ ފުރަތަމަ ނަމާދަކީ ޢީދު ނަމާދެވެ. ނަމަވެސް މިއާޔަތްވަނީ ޢާންމުކޮށް ޝާމިލުވެގެންނެވެ. ﴿فَصَلِّ لِرَبِّكَ﴾ މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ!” ފަރުޟު ނަމާދު ތަކާއި ސުންނަތް ނަމާދުތައް ވެސް މެއެވެ. ޢީދުގެ ނަމާދު ތަކާއި ހުކުރު ނަމާދު އަދި ﴿وَانْحَرْ﴾ އެބަހީ: ނަޙްރު ކުރުމުން އެކަލާނގެއާ ކުއްތަންވުން ޙާޞިލްކުރާށެވެ.

ދެންފަހެ ނަޙުރު[1] ކުރުން ޚާއްޞަ ވެގެންވަނީ ޖަމަލަށެވެ. އަދި ޛަބަޙަ[2] ކުރުން ވަނީ ގެރި އަށާއި ބަކަރިއަށެވެ. ނަމަވެސް މިތާ ޛިކުރު ކުރެވިފައި ވަނީ ނަޙްރު ކުރުމެވެ. އެހެނީ އެހެން ބާވަތަކަށްވުރެ ޖަމަލުގެ ފައިދާ މިސްކީނުންނަށް މާބޮޑުވެގެން ވެއެވެ. މިހެންކަމުން ޙައްޖަތުލް ވަދާޢުގައި ހަދުޔުގެ ގޮތުގައި ސަތޭކަ ޖަމަލު، ނަބިއްޔާ صلى الله عليه وسلّم ޤުރުބާން ކުރެއްވިއެވެ. އަދި އޭގެ ތެރެއިން ފަސްދޮޅަސް ތިން އެތި އެކަލޭގެފާނުގެ އަތްޕުޅުން ނަޙްރު ކުރެއްވިއެވެ. އަދި ބާކީބައި ޢަލީ ބިން އަބީޠާލިބް رضي الله عنه އާ ހަވާލު ކުރެއްވުމުން އެކަލޭގެފާނު އެތަކެތި ނަޙްރު ކުރެއްވިއެވެ.

އަދި އެއިން ކޮންމެ ޖަމަލެއްގެ ކުޑަ އެތިކޮޅެއް ފިޔަވައި ހުރިހާ ބައެއް ޞަދަޤާތް ކުރެއްވިއެވެ. އަދި އެބައި ނަންގަވައި ތެއްޔަކަށް އަޅައި ކެއްކުމުން އެކަލޭގެފާނު އެއިން ފަރީއްކުޅުވިއެވެ. އަދި އޭގެ ގަރުދިޔަގަނޑުން ބުއިން ހިއްޕެވިއެވެ. އަދި އެތަކެތީގެ މީރު ބައިތަކާއި ހަމަށް ދާންދެން ޞަދަޤާތް ކުރެއްވުމަށް އެކަލޭގެފާނު صلى الله عليه وسلّم އަމުރު ކުރެއްވިއެވެ.

ދެންފަހެ އާޔަތުގައި އައިސްފައިވާ އަމުރަކީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އުއްމަތަށް ކުރެވިފައިވާ އަމުރެކެވެ. ފަހެ އަހުރެމެންނަށް ވަނީ ﷲ އަށްޓަކައި އިޚްލާޞްތެރި ކަމާއެކު ނަމާދު ކުރުމެވެ. އަދި އަހުރެމެންގެ ނަބިއްޔާ صلى الله عليه وسلّم އަށް އަމުރު ކުރެއްވިފައިވާ ފަދައިން، ޤުރުބާން ކުރުމުގައިވެސް އެކަލާނގެއަށް އިޚްލާޞްތެރި ވުމެވެ.

-ނުނިމޭ-

________________________________________________________

[1]  ނަޙްރު ކުރުމަކީ ވައިނޮޅީގެ ތިރިއަށް ތޫނު އެއްޗެއް ކޮށްޕާލައި ލޭއޮރުވާލައިގެން ޖަނަވާރު ޤުރުބާން ކުރުމެވެ.

[2]  ޛަބަޙަ ކުރުމަކީ ތޫނުއެއްޗަކުން ވައިނޮޅިއާއި ލޭނާރުތައް އަދި ކާހޮޅި ކަތިލައި ބުރިކޮށްލައިގެން ކުރެވޭ ޤުރުބާނީއެވެ.

 

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الكوثر ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް