[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާއަށް ފުރައްސާރަ ކުރި މީހުން ނާކާމިޔާބު ވެއްޖެއެވެ

sahlahAllah
ނަވާރަސަތޭކަ ހަތްދިހަ އަށްވަނަ އަހަރު އެމެރިކާގެ ލިޔުންތެރިޔެއްކަމަށްވާ މައިކަލް އެޗް.ހާރޓު އޭނާގެ ފޮތެއްކަމަށްވާ ދަ ހަންޑްރެޑް : އަ ރޭންކިން އޮފް ދަ މޮސްޓު އިންފުލުވެންޝަލް ޕާރސަންސް އިންދަ ހިސްޓުރީ. ( ތާރީޚުގައި އެންމެ ނުފޫޒުގަދަ ސަތޭކަ މީހުންގެ ދަރަޖަތައް) ޕަބްލިޝްކުރިއެވެ .މިފޮތުގެ އަޖައިބުކަމަކީ މީނާއަކީ ނަޞާރާއަކަށް ވުމެއްނޫނެވެ. އަދި ކިއެއްހެއްޔެވެ؟ މިފޮތާއި މެދުގައި އަހަރެމެން މުސްލިމުންނަށް ސަމާލުކަމަށް ގެނުވީ އެސްޓޮރޮނޮމީގެ ގޮއްޕެއްކަމަށްވާ
އެސްޓުރޯފިޒިކްސް އިލްމުގެ މި އިލްމުވެރިޔާގެ މިފޮތުގެ އެއްވަނައަކަށް އަހަރެމެންގެ މާތްނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ހިޔާރުކޮށްފައިވާތީއެވެ.
އެފޮތުގައި މައިކަލް ބުނެފައިވެއެވެ. “My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level.”
“އަހަރެންގެ ހޮވުމަކަށް މުޙައްމަދު – ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދުނިޔޭގެ ތާރީޚުގައި އެންމެ ނުފޫޒުގަދަ ބޭކަލަކަށް ހޮވުމުން ކިޔުންތެރިން ފަހަރެއްގައި ހައިރާންވެދާނެއެވެ. އަދި ބައެއްމީހުން އެކަމާ ސުވާލުވެސް ކޮށްފާނެއެވެ. ނަމަވެސް އެކަލޭގެފާނަކީ އިންސާނީ ތާރީޚުގައި އެންމެ ބޮޑަށް ދީނީގޮތުންނާއި އަދި ދުނިޔަވީ ގޮތުން ކާމިޔާބު ހޯދި ހަމައެކަނި ކަލޭގެފާނެވެ. “


އޭނާއަކީ ނަޞާރާއަކަށް ވުމާއެކުގައިވެސް އެހެން ހުރިހާ ލީޑަރުންގެ މައްޗަށް އޭނާ ހިޔާރުކުރީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.. މިކަމުން އަންގައިދޭ އެއްޗަކީ ކާފަރުންވެސް އަހަރެމެންގެ މާތްނަބިއްޔާގެ މަތިވެރިކަމަށް އިގުރާރުވާކަމެވެ. އެކަލޭގެފާނަކީ ހުރިހާ ގޮތަކުން ކާމިޔާބު ލީޑަރެއްކަމަށް އެބައިމީހުން އެއްބަސްވެއެވެ. އެކަލޭގެފާނުގެ ދުސްމަނުންވެސް މިކަމަށް އިގްރާރުވެއެވެ. ނަމަވެސް އެބައިމީހުންގެ ހަސަދަވެރިކަމުގެ ސަބަބުން ބައެއްމީހުން އެކަލޭގެފާނަށް ބަދުބަސްރައްދުކުރަނީއެވެ

އެބައިމީހުން އެކަލޭގެފާނަކީ ކޮންބޭކަލެއްކަން ރަނގަޅަށް އެނގެއެވެ. އަދި މުސްލިމުންގެ ގާތުގައި އެކަލޭގެފާނުގެ މަޤާމަކީ ކޮބައިކަންވެސް އެބައިމީހުންނަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެބައިމީހުން މުސްލިމުން ރުޅި އަރުވާލާ މުސްލިމުންނަށް ގޯނާކޮށްލުމަށް ބޭނުންވާ ހިނދު އަހަރެމެންގެ މާތް ނަބިއްޔާއަށް ފުރައްސާރަކުރުމާއި އަދި އެނޫންވެސް އެބައިމިހުންނަށް ކުރެވުނު ކަމެއް ކުރުމަށް ގަދައަޅައި އުޅެއެވެ. ނަމަވެސް އެކަލޭގެފާނަށް އަންނާނެ އެއްވެސް އުނިކަމެއް އަދި ދެރައެއްވެސް ނެތެވެ.

އެކަލޭގެފާނަކީ މުޅި ޢާލަމްތަކަށް ﷲ ސުބުހާނަހޫ ވަތަޢާލާ ފޮނުއްވި ރަޙުމަތެވެ. ﷲ ސުބުޙާނަހޫ ވަޙީކުރެއްވިއެވެ.
(وَمَا أَرْ‌سَلْنَاكَ إِلَّا رَ‌حْمَةً لِّلْعَالَمِينَ) ﴿سورة الأنبياء: ١٠٧﴾
މާނައިގެ ތަރުޖަމާއީ: “އަދި ތިމަންއިލާހު ކަލޭގެފާނު ޢާލާމްތަކަށް ރަޙުމަތެއްކަމުގައި މެނުވީ ނުފޮނުއްވަމެވެ. “

އެބައިމީހުން އެކަންކުރީ މުސްލިމުންގެ ހިތްތަކުގައި އެމާތް ނަބިއްޔާގެ ގަދަރުކުޑަކޮށްލަން ކަމުގައިވާނަމަ އެބައިމީހުންނަށް އެކަމުން ނާކާމިޔާބުވެއްޖެއެވެ. ނުވަތަ އިސްލާމްދީނުގެ އަގުވައްޓާލާ ދެރަކޮށްލަން ކަމުގައިވާނަމަ އެކަމުގައި ވެސް އެބައިމީހުން ނާކާމިޔާބު ވެއްޖެއެވެ. އޭގެ ބަދަލުގައި އިސްލާމްދީނާއި ބެހޭ ގޮތުން އެއްވެސް ކަމެއް ނޭނގޭ މީހުންނަށް އެދީން އެނގި އެދީން ފުޅާވުމަށް މަގުފަހިވެއްޖެއެވެ. އަދި އެމާތް ނަބިއްޔާ އަށް ލޯބިކޮށް އެނަބިއްޔާއަށް ތަބާވުމަކީ މުސްލިމުންނަށް ކުރަން ޖެހިފައިވާ ކަމެއްކަން އެކަމުގައި ޣާފިލުވެފައިވާ މީސްތަކުންނަށް އެނގުމަށް ފަހިވެއްޖެއެވެ. އަދި ދީނަށް ފަރުވާކުޑަ ކުރެވޭ މީހުންނަށް އެބައިމީހުންނަށް ފަރުވާ ކުޑަ ކުރެވެމުން ދަނީ ކޮންކަމަކުން އެބައިމީހުންނަށް އެނގުމަށް ފަހިވެއްޖެއެވެ.

އެކަލޭގެފާނަކީ މުސްލިމުންގެ ނަމޫނާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަންބަޔާންކުރައްވާފައެވެ.
(وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا …)  (سورة الحشر: 7)
ތަރުޖަމާއީ: “އަދި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވި އެއްޗެއްކަމުގައިވާނަމަ ތިޔަބައިމީހުން އޭގައި ހިފާށެވެ. އަދި ނަހީކުރެއްވި ކަމެއް ކަމުގައިވާނަމަ އެކަމުން ދުރުވެގަންނާށެވެ. “

އަބަދުވެސް މުސްލިމުންގެ ގޮތަކަށް ވާނީ މިއެވެ. ނަޖާވާ ކާމިޔާބުވާ މުސްލިމުންގެ މަގަކީ މިއެވެ.


ފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފުރައްސާރަ ކުރުން ކާފަރުން ހުރިހާ ޒަމާނެއްގައިވެސް ކުރަމުން އަންނަ ކަމެކެވެ. އެކަލޭގެފާނު އެބިމަކަށް އުފަންވި މައްކާގެ ބިމުގައި އެކަލޭގެފާނަކީ އަމީނުގެ ނަމުގައި މަސްޙޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އޭގެ މާނައަކީ އަމާނާތްތެރިޔާއެވެ. ނަމަވެސް އެކަލޭގެފާނު ނަބީކަމައިގެން ފޮނުވުމުން ކުއްފާރުންގެ މީހުންތައް އެކަމާއި އިންކާރުކޮށްހަސަދަ ވެރިވެގަތެވެ.. އަދި އެކަލޭގެފާނަށް ބަދުބަސްތައް ރައްދުކުރަން ފެށިއެވެ. އެކަލޭގެފާނަކީ ޝާއިރެއްކަމުގަޔާއި އަދި އެކަލޭގެފާނަކީ ކާހިނެއްކަމުގައި ބުނަމުން ދިޔައެވެ.

ނަމަވެސް ރަޙުމަތުގެ ނަބިއްޔާއަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އަދި ކިއެއް ހެއްޔެވެ؟ އެކަލޭގެފާނަށް ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވެވި ނަބީކަން އެކަލޭގެފާނު ހަތިމުކުރައްވައި ދުނިޔޭގައި ނުވާފަދަ މަތިވެރި ނަމޫނާއެއް ހުރިހާ ގޮތަކުން ދެއްކެވުމަށްފަހު އެކަލޭގެފާނު ވަނީ އެހެން އިންސާނުންނެކޭ އެއްފަދައިން
އަވަހާރަވެވަޑައިގެންފައެވެ.

މީސްތަކުން އަބަދުވެސް މަސްހޫރުވުމަށާއި ނުވަަތ އެނޫންވެސްކަންކަން ކުރުމަށްޓަކައި ބޭކާރު ވިޔާނުދާ ކަންތައްތައް ކޮށް އުޅެއެވެ. އަޅުގަނޑުމެން ކުޑައިރު ހަނދުގައި އަތްލަން މައްޗަށް ފުމެ ހަދައި ހަދަމެވެ. ބައެއް ފަހަރަށް ހަނދަށް ފެންޖަހަމުއެވެ. އަނެއްބައި ފަހަރަށް އެނޫންކަންކަންވެސް ކުރެވެއެވެ. ނަމަވެސް އަޅުގަނޑުމެން ކުރާ ކަމަކުން ހަނދަށް ފެނެއް ނުދެއެވެ. އަދި ކިއެއްހެއްޔެވެ؟ އަތެއްވެސް ނުލެވެއެވެ. ބުރަނީ އަމިއްލަ މޫނަށެވެ.
ބަޔަކު އެބަ ހަނދާ ދިމައަށް ވައްވައް ޖަހައެވެ. އެކަމަކު ހަނދު އޭގެ ފަލަކުގައި ބުރު އެޖަހަނީ އޭގެ ކުރީގެ ނަލަކަމާ އެކުގައެވެ.
ދުޢާއަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަގުގައި ފައިތިލަ ސާބިތުކޮށްދެއްވައި މިދީނުގެ ދުސްމަނުންގެ މައްޗަށް މިދީނުގެ ދިފާޢުގައި ޖިހާދުކުރާ އެންމެހާ މުސްލިމުން އަޚުންނާއި އުޚުތުންނަށް ނަސްރުދެއްވުމެވެ. އަދި މާތްނަބިއްޔާ ގެންނެވި މަގުގައި ޙައްޤު ގޮތުގައި ހިނގާ މީހުން ކަމުގައި ލެއްވުމެވެ.
سُبْحَانَ رَ‌بِّكَ رَ‌بِّ الْعِزَّةِ عَمَّا يَصِفُونَ ﴿١٨٠﴾ وَسَلَامٌ عَلَى الْمُرْ‌سَلِينَ ﴿١٨١﴾ وَالْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ ﴿١٨٢﴾