[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 2

womens rights

ފަހެ ދުނިޔޭގައި އިންސާނުން މަގު ގެއްލި ލިބެންވީ ޙައްްޤުތައް ނޭނގި، އަދާކުރަންވީ ޙައްޤުތައް ނޭނގި، އަނދިރިކަމާއި ނާމާންކަމާއި، ދަތި އުނދަގޫތަކެއްގައި ވަނިކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަޚްލޫޤުންނަށް އިޙްސާންތެރިވެ ވޮޑިގެން އެއިލާހުގެ ޢިލްމުތަކުގެ ތެރެއިން ޢިލްމުތައް ބަޔާންކޮށްދިނުމަށްޓަކައި ރަސޫލުންނާއި ނަބީން ފޮނުއްވަން ފެއްޓެވި ހިނދު ތިޔަބައިމީހުން ހަނދުމަކުރާހުށިކަމެވެ.

ކޮންމެ ރަސޫލަކާއި ނަބީއަކުމެ ބަޔާންކުރައްވަމުން ގެންދެވި ރިސާލަތުގައި ހިމެނިގެންވާ އެކައްޗަކީ އެކިއެކި ޙައްޤުތަކެވެ. މީހުން އެކަކު އަނެކަކަށް އަދާކުރަން ޖެހޭ ޙައްޤުތަކާއި އަދި ލިބެން ޖެހޭނެ ޙައްޤުތަކެވެ. އަދި އެހެނިހެން މަޚްލޫޤުންގެ ޙައްޤުތައްވެސް ހިމެނޭގޮތުން ވަރަށް ޝާމިލު ޙައްޤުތަކުގެ ޤާނޫނެއް ﷲގެ ޙަޟުރަތުން ވަނީ މީސްތަކުންނަށް ބަޔާންކޮށްދެއްވާފައެވެ. އޭގައި އުނިކަމެއް ނެތެވެ. ޙިމާޔަތް ނުލިބިވާ ހަމައެކައްޗެއްވެސް ނުވެތެވެ. ޢަދުލުވެރިކަމާއި އެކު ޙައްޤުތަކުގެ ޤަވާޢިދުތަކާއި ހަމަތަކާއި އުޞޫލުތައް ވަނީ ބަޔާންކުރައްވާފައެވެ.

އިންސާނުން އެބައިމީހުންގެ ޙައްޤުތަކާއި މެދު މާޔޫސްވެ އެތައް ދުވަސްތަކެއް ހޭދަކުރަމުން ދަނިކޮށް ﷲ ސުބްޙާނަހޫ ވަތަޢާލާ މީސްތަކުންގެ މައްޗަށް ރަޙުމަތާއި މަދަދުވެރިކަން ބާއްވައިލައްވާ، ލިބެންވީ ޙައްޤުތަކާއި އަދާކުރަންވީ ޙައްޤުތައް ބަޔާންކުރައްވައިފިއެވެ. ފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާ އެހުރިހާ އެއްޗެއްމެ ބަޔާންކުރައްވާ އިސްލާމްދީން ބާވައިލެއްވިއެވެ.

އިސްލާމްދީން އައުމަށްފަހު އަންހެނުންނަށް ލިބިގެން ދިޔައީ ވިސްނާ ފިކުރުކޮށް ޚިޔާލަށްވެސް ގެނެސްގަންނަން އުނދަގޫވާ ފަދަ މަތިވެރި ޙައްޤުތަކެކެވެ. ޙިމާޔަތަކާއި ރައްކާތެރިކަމެކެވެ. ލުއިފަސޭހަތަކެކެވެ. އެހެން އެކަން ނުވާންވީ ސަބަބެއް ނެތެވެ. އެހެނީ އެެޙައްޤުތައް ބަޔާންކުރެއްވީ ހެއްދެވި ފަރާތުންނެވެ. ހެއްދެވި ފަރާތަށް، އެމަޚްލޫޤަކަށް ބޭނުންވަނީ ކޮންފަދަ އުޞޫލުތަކެއްކަން ރަނގަޅަށް ދެނެވޮޑިގެންވާނެތެވެ. އެގޮތުން ޢިލްމާއި އެކު އައި އެޙައްޤުތައް ބުއްދީގެ އަހުލުވެރިންނަށް ޤަބޫލުކުރެވުނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި (އެބަހީ: ޤުރުއާނުގައި) އަންހެނުންގެ ނަމުގައި އެބައިމީހުންނަށް ޚާއްޞަ ސޫރަތެއް ވަނީ ބާއްވައިލައްވާފައެވެ. މިއީ ޤުރުއާނުގައި ވާ އެންމެ ދިގު ސޫރަތްތަކުގެ ތެރެއިން އެއް ސޫރަތެކެވެ. އެއީ ސޫރަތުއް ނިސާއެވެ. އަދި ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ އަންހެނުންގެ ކަންކަން ބަޔާންކުރައްވާފައިވާ ދިގު ސޫރަތެވެ. ކުރު ސޫރަތަކީ ސޫރަތުއް ޠަލާޤެވެ. އެބަހީ މި ދެ ސޫރަތްވެސް ޚާއްޞަވެގެންވަނީ އަންހެނުންގެ ޙައްޤުތަކާއި ޙުކުމްތައް ބަޔާންކޮށްދޭ ޚާއްޞަ ދެ ސޫރަތް ކަމުގައެވެ. އިސްލާމްދީނުގައި އަންހެނުންނަށް ދެވިފައިވާ ޤަދަރާއި މަތިވެރިކަމާއި، ހިމާޔަތްތެރިކަމާއި ރައްކާތެރިކަން މިކަމުންވެސް ހާމަވެގެން އެބަދެއެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް