[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކޮންމެ އަޅުކަމަކާއި އޭގެ ދަލީލު

koran0111-620x330

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްލާމްދީނުގައިވާ އަޅުކަންތަކަކީ ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ ކަންތައްތަކެކެވެ. އަދި އެކަންތައްތަކުގެ ތަފްސީލު އުނގަންނަވައިދެއްވުމަށް ﷲ ތަޢާލާވަނީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ފޮނުއްވާފައެވެ.

ދީނުގެ ކޮންމެ އަޅުކަމެއްވެސް އަދާކުރަންޖެހެނީ ޝަރީޢަތުގެ މުޢުތަބަރު ދަލީލެއް އޮވެގެންނެވެ. އެހެންކަމުން އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާނުވާ އަޅުކަމެއް އަދާކޮށްފިމީހެއްގެ ކިބައިން ﷲ ތަޢާލާ އެކަން ޤަބޫލުނުކުރައްވާނެތެވެ.

ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމަށް ޢާއިޝާ رضى الله عنها ރިވާކުރެއްވިއެވެ.

((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ)) [رواه مسلم]

މާނައީ: “މިދީނުގައި ނެތް އާގޮތްތައް މިދީނަށް ގެންނަމީހާއަށް، އޭނާ އެ ގެނައިކަމެއް ރައްދުކުރެވިގެންވެއެވެ.”

އަދި އިމާމް މުސްލިމްގެ ރިވާޔަތުގައި ވެއެވެ.

((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا، فَهُوَ رَدٌّ  (([متفق عليه]

މާނައީ: “ތިމަންކަލޭގެފާނު ގެންނެވިގޮތާ ޚިލާފަށް ޢަމަލުކުރާމީހާގެ ޢަމަލުވަނީ އޭނާއަށް ރައްދުވެގެންނެވެ”.

އެހެންކަމުން މީހަކު އަޅުކަމެއް އަދާކުރާތީ އެކަމުގެ ދަލީލަކީ ކޮބާތޯ އޭނާއާ ސުވާލުވެވުމުން، މިކަން މަނާކުރާ ދަލީލެއް ނެތޭ ބުނެ އެއަޅުކަމެއް ނުކުރެވޭނެއެވެ.

އެހެނީ މަތީގައިވާ ޙަދީޘުން އެނގެނީ ދަލީލުން ޘާބިތުވެފައިވާ އަޅުކަމެއް މެނުވީ، އަޅުކަމެއްގެ ގޮތުގައި އަދާކުރުމަކީ ހުއްދަވެގެންވާކަމެއް ނޫންކަމެވެ.

ދެން މިގެނެސްދެނީ ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ فضيلة الشيخ سعد بن ناصر الشثري މިކަމާ ގުޅޭގޮތުން شرح منظومة القواعد الفقهية ގައި ގެންނަވާފައިވާ ބަސްކޮޅެއްގެ ތަރުޖަމާއެވެ.

********************************

އަޅުކަމުގެ އަޞްލަކީ: (ދަލީލެއްވާރިދު ވެއްޖައުމަށް ދާންދެން) ޙަރާމްވުމެވެ. ފަހެ ޝަރުޢީ ދަލީލެއް ވާރިދުވުމުގެ ކުރިން ﷲ އަށް އަޅުކަމެއް އަދާކުރުމަކީ އިންސާނާއަށް ހުއްދަވެގެންވާކަމެއް ނޫނެވެ. ﷲގެ ޙަޟްރަތަށް އަޅުކަން އަދާކުރުމުގެ ގޮތުން އާ އަޅުކަމެއް ހެދުމަކީ އަޅުގަނޑުމެންނަށް ހުއްދަވެގެންވާކަމެއް ނޫނެވެ. އެއީ އޭގެ އަޞްލު ޝަރުޢުކުރައްވާފައިނުވާ އާ އަޅުކަމެއްވިޔަސް ނުވަތަ އަޅުކަންވާރިދުވެފައިވާ ގޮތް ނޫން އެހެންގޮތަކަށް ކުރުން ވިޔަސް ނުވަތަ ވަކި ވަގުތަކަށް ތަނަކަށް އަޅުކަން ޚާއްޞަކުރުން ކަމުގައި ވިޔަސްމެއެވެ.

މިއެންމެ ކަންތައްތަކަކީ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ބިދުޢަތަކެވެ. ބިދުޢަތައް ޙަރާމްވުމާއި އޭގެ ޛަރީޢާއިން ﷲއަށް އަޅުކަންކުރުން ޙަރާމްވުމުގެ ދަލީލުތަކަކީ:

﴿ قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ ﴾1

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲ އަށް ލޯބިވާކަމުގައިވާނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް  ތަބާވާށެވެ! އޭރުން ﷲ، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ.”

ފަހެ އަޞްލަކީ ތަބާވުމެވެ.

﴿ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ ﴾2

މާނައީ: “އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބާވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”

﴿ لَقَدْ كَانَ لَكُمْ فِي رَسُولِ ﷲ أُسْوَةٌ حَسَنَةٌ ﴾3 

މާނައީ: ” ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ.  “

﴿ أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ ﴾4 

މާނައީ: ” ނުވަތަ ﷲ، އިޛުނދެއްވާފައިނުވާ ދީނެއް، އެއުރެންނަށް ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެއުރެންނަށްވޭ ހެއްޔެވެ!  “

ފަހެ ޝަރުޢުކުރުމަކީ ﷲ އަށް ޚާއްޞަވެގެންވާ ޙައްޤެކެވެ.

ސުންނަތުން އެކަމުގެ ދަލީލަކީ ޢާއިޝާގެ އަރިހުން ރިވާވެފައިވާ ޞައްޙަ ޙަދީޘެވެ.

((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ)) 5

މާނައީ: “މިދީނުގައި ނެތް އާގޮތްތައް މިދީނަށް ގެންނަމީހާއަށް، އޭނާ އެ ގެނައިކަމެއް ރައްދުކުރެވިގެންވެއެވެ.”

އަދި ޢިރްބާޟު ވިދާޅުވިއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

(( وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ ))7

“އަދި (ދީނަށް) އަލަށް ތަޢަރަފުކުރެވޭ ކަންތައްތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ (ދީނަށް) އަލަށް ތަޢާރަފުކުރެވޭ ކޮންމެކަމަކީ ބިދުޢައެކެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”

ފަހެ މިއީ ވަރަށް މަތިވެރި ޤަވާޢިދެކެވެ. މީގެ ސަބަބުން ބަދަލުކުރުމާއި އޮޅުވާލުންތަކުން ޝަރީޢަތް ހިމާޔަތްކުރެވެއެވެ. ފަހެ އަޅުކަންތައް ހެދުމަކީ ހުއްދަކަމެއް ނަމަ އެކަމަކީ ޝަރީޢަތް ބަދަލުވުމަށް އޮތް މަގެއްކަމުގައި ވެގެންދާނެއެވެ. އަދި ޝަރީޢަތަކީ އުނިއެއްޗެއްކަމުގައި ބުނުމުގެ ޖާގަ ލިބި، އޭގެ ސަބަބުން އަހަރުމެން އެފުރިހަމަކޮށް އެއަށް އިތުރުކުރާނަމޭ ބުނުމުގެ ޖާގަ ލިބޭނެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަކީ ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި ކަލޭގެފާނުކަމަށް ބުނާބަހަށް އިންކާރުކުރަން ހުޅުވާލެވޭ ވަސީލަކަށްވެސް އެކަން ވެގެން ދިޔައީހެވެ.

ޝަރުޢުކުރެއްވިފައިނުވާ އަޅުކަންތަކުގެ މިޘާލަކީ: ﷲ އަށް ކުއްތަންވުމަށްޓަކައި ބައެއް މީހުން މިއުޒިކުކުޅެ އަތްޖަހާ ނަށާހެދުމެވެ. އަޅުކަމުގެ ގޮތުގައި މިކަންކޮށްފިނަމަ މިކަން ވެގެންދާނީ ޝަރީޢަތާ ޚިލާފު ބިދުޢަކަށެވެ. އަދި އާ އަހަރުފާހަގަކުރުމާއި ނަބިއްޔާ صلى الله عليه وسلم ގެ މައުލޫދު ފާހަގަކުރުންފަދަކަންކަންވެސް މީގައި ހިމެނެއެވެ.

ހަމައެފަދައިން ޢަމަލެއްކުރުމުގައި ވާރިދުވެފައިވާ ދަލީލަކީ ޟަޢީފު ދަލީލެއްނަމަވެސް އެއީ ބިދުޢައެއްކަމުގައި ބުނެވިދާނެއެވެ. އެހެނީ ޟަޢީފު ޙަދީޘަކަށް ބިނާކޮށް އަޅުކަމެއް އީޖާދުކޮށްފިނަމަ އެކަން ޞައްޙައެއް ނުވާނެއެވެ…

އަދި ޝަރަޢުކުރައްވާފައި ނުވާ އަޅުކަމެއްކުރުމަށް މީހަކު ނަދުރެއް ބުނެފިނަމަ ފަހެ ހަމަކަށަވަރުން އެއީ ނަދުރެއްކަމުގައި ނުބެލެވޭނެއެވެ. އަދި އެފަދަ ނަދުރެއް ފުއްދުމާއި އޭގެ ކައްފާރާ ދިނުން އޭނާގެ މައްޗަށް ވާޖިބުވެގެން ނުވެއެވެ. އެކަމުގެ ދަލީލަކީ  މީހަކު އަވީގައި ކޮޅަށް ހުއްޓާ ނަބިއްޔާ صلى الله عليه وسلم އަށް ފެނިވަޑައިގަތުމުން، އޭނާއާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. ފަހެ ޖަވާބުގައި ބުނެވުނެވެ. “މިއީ އަބޫ އިސްރާއީލުއެވެ. އޭނާއެވަނީ އަވީގައި ކޮޅަށް ހުރުމަށާއި ނުއިށީނުމަށާއި ހިޔަލަށް ނުވަނުމަށް ނަދުރުބުނެފައެވެ.” ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އިށީނުމަށާއި ހިޔަލަށް ވަނުމަށް އޭނާއަށް އަމުރުކުރާށެވެ. އަދި ރޯދަ ފުރިހަމަކުރުމަށްވެސް މެއެވެ.7

ފަހެ ޝަރުޢުކުރައްވާފައިވާ ޢަމަލަށް އިތުރުކޮށް، ޝަރުޢުކުރައްވާފައި ނުވާ ޢަމަލެއް ބަޔަކު ކޮށްފާނެއެވެ. އޭރުން އެ ޢަމަލުގެ އަޞްލު، ޝަރީޢަތުގައި ޝަރުޢުކުރައްވާފައިވިޔަސް އިތުރުކުރެވުނު ބައި އެއީ ޝަރުޢުކުރައްވާފައިވާ ކަމަކަށް ނުވާނެއެވެ. ފަހެ އޭރުން އިތުރުކުރެވުނުބައި ބާޠިލުވެގެންދާނެއެވެ. ނަމަވެސް ސުވާލަކީ އަޞްލު ޝަރުޢުކުރައްވާފައިވާ ޢަމަލުވެސް އެފަދަ ކަމެއްގެ ސަބަބަން ބާޠިލުވެދާނެ ހެއްޔެވެ؟

ޖަވާބުގައި ބުނަމެވެ. ޢަމަލުތައް ދެބަޔަކަށް ބެހިގެންވެއެވެ.

ފުރަތަމައީ: އިތުރުކުރެވޭ ބައި ޢަމަލާ ގުޅިލާމެހިފައިވުމެވެ. ފަހެ އޭރުން އިތުރުވިބައި ބާޠިލުވާއިރު އަޞްލު ޢަމަލުވެސް ބާޠިލުވެގެންދާނެއެވެ.

އޭގެ މިޘާލަކީ: (ޤަސްދުގައި) މެންދުރުނަމާދުގައި ފަސް ރަކުޢަތްކުރުމެވެ. ފަހެ އެފަދަ މީހެއްގެ މުޅި ނަމާދު ބާޠިލުވާނެއެވެ. އެހެނީ އިތުރުކުރި ރަކުޢަތްވަނީ ހަތަރުރަކުޢަތާ ގުޅިލާމެހިފައެވެ.

ދެވަނައީ:  އިތުރުކުރެވޭ ބައި ޢަމަލާ ވަކިކުރެވުމެވެ. ފަހެ އޭރުން އިތުރުވިބައި ބާޠިލުވާއިރު އަޞްލު ޢަމުލު ބާޠިލެއް ނުވާނެއެވެ.

އޭގެ މިޘާލަކީ: ހަތަރުފަހަރު ފެންލައިގެން ވުޟޫކުރި މީހެކެވެ. ފަހެ ހަތަރުވަނަ ފަހަރު ފެން ލުމަކީ ބިދުޢައެކެވެ. ނަމަވެސް ކުރީ ތިންފަހަރު ފެން ލުން ބާޠިލުވެގެން ނުދާނެއެވެ. އެހެނީ އެކަންވަނީ އެޢަމަލާ ވަކިވެފައެވެ.

= ނިމުނީ =

_______________________________________

 1  سورة آل عمران (سورة رقم: 3)؛ آية رقم:31
2  سورة الأعراف (سورة رقم: 7)؛ آية رقم:158
3   سورة الأحزاب (سورة رقم: 33)؛ آية رقم:21
4   سورة الشورى (سورة رقم: 42)؛ آية رقم:21
5  مسلم
6 أبو داود
7  البخاري

މިލިޔުމުގެ އަޞްލު