[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 30

madheenah

ޤަބުރަށް ޒިޔާރަތްކުރާ މީހާ ދަންނައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ވާރިދުވެފައިވާ ދުޢާ މައްޔިތާއަށްޓަކައި ކޮށްދިނުންވެއެވެ.

ބުރައިދާ ބުން ޙުޞައިބު رضى الله عنه ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަޤްބަރާއަކަށް ޒިޔާރަތްކުރައްވައިފިނަމަ ތިމަންމެނަށް ކިޔާނެ ދުޢާއެއް ދަސްކޮށްދެއްވައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنْ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ، أسْأَلُ اللَّهَ لَنَا وَلَكُمْ الْعَافِيَةَ)) [رواه مسلم]

މާނައީ:” މުސްލިމުންނާއި މުއުމިނުންގެ މަޤްބަރާގެ އަހުލުވެރިންނަށް ސަލާމް ހުށްޓެވެ. ﷲއިރާދަކުރެއްވިއްޔާ ތިމަންމެން ތިޔަބައިމީހުންނާ ބައްދަލުވާނެއެވެ. ތިޔަބައިމީހުންނަށާއި އަހަރެމެންނަށް އެންމެހާ ނުރުހުންތެރިކަންކަމުން ސަލާމަތްކޮށްދެއްވުމަށް، ﷲތަޢާލާގެ ހަޟްރަތުން އެދެމެވެ.”

ޤަބުރަށް ޒިޔާރަތްކުރުން ފިރިހެނުންގެ ޙައްޤުގައި މުސްތަޙައްބެވެ. އަންހެނުން ޤަބުރަށް ޒިޔާރަތްކުރުމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އެބަހުއްޓެވެ. އެއްބައި ބޭކަލުން އެކަން ހުއްދަކުރައްވައެވެ. އަނެއްބައި ބޭކަލުން އެކަން މަނާ ކުރައްވައެވެ. އެންމެ ޞައްޙަ ރައުޔަކީ އެއީ މަނާ ކުރެވިގެން ވާ ކަމެކެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

((لعنَ اللهُ زوَّاراتِ القبورِ)) [أخرجه الترمذي وغيره وقال الترمذي حديث حسن صحيحٍ]

މާނައީ: “ޤަބުރަށް ޒިޔާރަތްކުރާ އަންހެނުންނަށް ﷲ ތަޢާލާގެ ލަޢުނަތް ހުށްޓެވެ.”

“زوَّاراتِ” މިލަފްޒުން ދޭހަވަނީ އެއީ އެކަން އެކަނބަލުންނަށް ނިސްބަތް ކުރުމެވެ. ނުވަތަ އެތަނަށް ޒިޔާރަތްކުރާ ކަނބަލުންނެވެ. ގިނަގިނައިން ޒިޔާރަތްކުރުމެއް ނޫނެވެ. އަންހެނުންނަށް ޒިޔާރަތްކުރެވޭނެކަމަށް ވިދާޅުވާ ބޭކަލުން ވިދާޅުވަނީ އެފަދައިންނެވެ. ﷲތަޢާލާ ގެ ވަޙީބަސްފުޅުގައި ވެއެވެ.

(وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ) [فصلت 46]

މާނައީ:”ﷲތަޢާލާ އެއިލާހުގެ އަޅުތަކުންގެ މައްޗައް އަނިޔާވެރިވެވޮޑި ނުގަންނަވައެވެ.”

މާނައަކީ އެއިލާހުގެ ހަޟްރަތަށް އަނިޔާވެރިކަން ނިސްބަތްވެގެން ނުވެއެވެ.

އެހެންކަމުން [ޙަދީޘްގައި އިޝާރާތްކުރެވިފައިވަނީވެސް] ގިނަގިނައިން ޒިޔާރަތްކުރާ އަންހެނުންނަކަށް ނޫނެވެ. [ނަމަވެސް ގިނަގިނައިން ނޫނަސް ޒިޔާރަތްކުރާ އަންހެނުންނަށް ނިސްބަތްކޮށްފައެވެ.] އަދި މީގެ އިތުރުން އަންހެނުންނަކީ ބަލިކަށި، ގަދައަށް ރޮއި އަދި ކެތްކުރަން ދަތި ބަޔަކަށްވާތީއެވެ.

އަދި މަނާކުރެވިގެންވާ ކަމެއްކަމަށް ބުނާ ރައުޔު ވަރުގަދައެވެ. އެއީ އަންހެނާ އެކަންތައް (އެބަހީ: ޤަބުރަށް ޒިޔާރަތްކުރުން) ދޫކޮށްލައިފިނަމަ އެދޫކޮށްލެވުނީ މުސްތަޙައްބު ކަމެކެވެ. ނަމަވެސް އެކަންކޮށްފި ކަމަށްވާނަމަ ލަޢުނަތުގެ ތެރެއަށް އެބަވަދެގެންދެއެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް