[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (13)

jinni

ނަބިއްޔާ صلى الله عليه وسلم، ޖިންނީންނާއި އެސޮރުމެންގެ ޖަނަވާރުތަކުގެ ކާނާއިން އިސްތިންޖާކުރުން ނަހީކުރެއްވުމުން އެއީ އިންސާނުންނާއި އެބައިމީހުންގެ ޖަނަވާރުތަކުގެ ކާނާވެސް އެފަދައިން ފަސާދަ ނުކުރުމަށް ބާރުލިބޭ ކަމެކެވެ. ނަޖިސް އުނގުޅިފައިވާ ކާނާއަށް ނުރުހުންތެރިވުމަކީ އިންސާނުންގެ ފިތުރަތުގައިވާކަމަކަށް ވާތީ އެވާހަކަ ގެންނަވާފައި ނުވަނީއެވެ. ނަމަވެސް ޖިންނީންގެ ކާނާއަކީ ކޮބާކަން އިންސާނުންނަށް ނޭނގޭތީ ކައްޓަކާއި ޖަނަވާރުގެ ބޮޑުކަމުދާ ތަކެތީގެ ވާހަކަ ގެންނަވާފައި ވަނީއެވެ. އެހެންކަމުން އެތައް ޞައްޙަ ޙަދީޘެއްގައި އެކަން ނަހީކުރައްވާފައިވަނީއެވެ. އަދި މިޞައްޙަ ޙަދީޘްތަކުން ޖިންނީންނާ އެކަލޭގެފާނު މުޚާޠަބުކުރެއްވިކަމާއި، އެސޮރުމެންވެސް އެކަލޭގެފާނާ މުޚާޠަބުކުރިކަމާއި، އެސޮރުމެންނަށް ޤުރުއާން ކިޔަވައި ދެއްވިކަމާ އަދި އެސޮރުމެންގެ ކޮއްތާ ބެހޭގޮތުން ސުވާލުކުރެއްވިކަން ޘާބިތުވެއެވެ.

ޞަޙީޙް ބުޚާރީއާއި ޞަޙީޙް މުސްލިމްގައި އިބްނު ޢައްބާސް ވިދާޅުވިކަމަށް ރިވާވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވީ ނަބިއްޔާ صلى الله عليه وسلم ޖިންނީން ދެކެވަޑައެއް ނުގަންނަވައެވެ. އަދި އެސޮރުމެންނާ މުޚާޠަބުވެސް ނުކުރައްވައެވެ. ނަމަވެސް އެސޮރުމެން ޤުރުއާން އަޑުއެއްސެވެ.  [البخاري في التفسير (4921)، ومسلم في الصلاة (449/149)]

އެކަމާ ގުޅޭގޮތުން ޤުރުއާނުގައި އައިސްފައިވާ ވާހަކަތައް އިބްނު ޢައްބާސް ދެނެވަޑައިގަންނަވައެވެ. ނަމަވެސް އިބްނު މަސްޢޫދާއި އަބޫހުރައިރާ އަދި އެނޫންވެސް އެހެން ޞަޙާބީންނަށް އެނގިވަޑައިގެންފައިވާ ފަދައިން ޖިންނީން އެކަލޭގެފާނުގެ އަރިހަށް އައިކަމާއި، އެސޮރުމެންނާ މުޚާޠަބު ކުރެއްވިކަމާއި އެކަލޭގެފާނު އެފަދައިން ޚަބަރުކުރެއްވިކަމާ އަދި ޤުރުއާނުގައި އެކަލޭގެފާނަށް އެފަދައިން ޚަބަރުކުރުމަށް އަމުރުކުރައްވާފައިވާކަން އިބްނު ޢައްބާސް ދެނެވަޑައިނުގަންނަވައެވެ. އެއީ ޖިންނީންނަށް އުޑު ބަންދުކުރެވި، އެތަން ވަރުގަދައަށް ބެލެހެއްޓުމަށް ބެލެހެއްޓުންތެރިން (މަލާއިކަތުން) ލެއްވި، ބެލެހެއްޓެން ފެށި ހިސާބުންނެވެ. އެއީ ނަބީކަމުގެ ދަލީލުތަކުގެ ތެރެއިން ޢިބްރަތްތެރި ދަލީލެކެވެ…

އޭގެފަހުން އެސޮރުމެން އެކަލޭގެފާނުގެ އަރިހަށް އައުމުން އެސޮރުމެނަށް ޤުރުއާން ކިޔަވައި ދެއްވިއެވެ. އަދި ރިވާވެގެންވެއެވެ. އެސޮރުމެންނަށް ރަޙްމާން ސޫރަތް ކިޔައިދެއްވި ހިނދު،

فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ﴿١٣﴾

(މާނައީ: “(އޭ ޖިންނީންނާއި، އިންސީންނޭވެ!) ފަހެ، ތިޔަ ދެބައިމީހުން ދޮގުކޮށް އިންކާރުކުރަނީ، ތިޔަ ދެބައިމީހުންގެ ވެރިރައްބުގެ ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތަކަށް ހެއްޔެވެ.”)،

މިއާޔަތް ކިޔަވާ ވިދާޅުވުމުން އެސޮރުމެން ބުންޏެވެ. “ތިމަންމެންގެ ވެރިރައްބުގެ ނިޢުމަތްތަކުން އެއްވެސް ނިޢުމަތެއް ތިމަންމެން ދޮގުކޮށް އިންކާރެއް ނުކުރަމެވެ. ފަހެ، އެންމެހާ ޙަމްދުހުރީ އިބައިލާހަށެވެ.”

މިއަޞްލު ބަޔާންކޮށްދެއްވުމުގެ ގޮތުން ﷲ ތަޢާލާވަނީ ޤުރުއާނުގައި ޖިންނީންނާއި އިންސާނުންނާ މުޚާޠަބުކުރައްވާފައެވެ. އެއީ އެއިލާހުގެ އަންނަނިވި ބަސްފުޅުގައިވާ ފަދައިންނެވެ.

﴿يَا مَعْشَرَ الْجِنِّ وَالْإِنسِ أَلَمْ يَأْتِكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِي وَيُنذِرُونَكُمْ لِقَاءَ يَوْمِكُمْ هَـٰذَا ۚ قَالُوا شَهِدْنَا عَلَىٰ أَنفُسِنَا…﴾ [سورة الأنعام 130]

މާނައީ: “އޭ ޖިންނީންނާއި އިންސީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ތިމަންއިލާހުގެ އާޔަތްތަކުގެ ވާހަކަ ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތިޔަބައިމީހުން މިދުވަހާ ބައްދަލުވާނެކަމުގެ އިންޛާރުކުރައްވާނެ ރަސޫލުންތަކެއް، ތިޔަބައިމީހުންގެ ގާތަށް ވަޑައިނުގަންނަވާ ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަޅަމެން ހެކިދީފީމުއެވެ…”

______________________________

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް