[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (2): ޒަކާތުގެ ޙުކުމާއި ޒަކާތް ނުދޭމީހާގެ ޙުކުމް

ޒަކާތުގެ ޙުކުމް

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ.

ދަލީލުތައް:

ފުރަތަމައީ؛ ކީރިތި ޤުރުއާނުގެ ދަލީލެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَأَقِيمُوا الصَّلاة وَآتُوا الزَّكاة)) (المزمل: 20) މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ. އަދި ޒަކާތް ދޭށެވެ.”

ދެވަނައީ؛ ސުންނަތުގެ ދަލީލެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ))(1) މާނައީ: “އިސްލާމްދީން ބިނާވެގެންވަނީ ފަސްރުކުނެއްގެ މައްޗަށެވެ. އެއީ؛ ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ގެފުޅަށް ގޮސް ޙައްޖުވުމާއި، ރަމަޟާންމަހު ރޯދަ ހިފުމެވެ.”

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ޔަމަނަށް ފޮނުއްވަވަން ގާތްވިހިނދު ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((أَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ)) މާނައީ: “އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެ ޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެ ޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިންވާ ފަޤީރުންނަށެވެ.”

ތިންވަނައީ؛ އިޖުމާޢުއެވެ. ޒަކާތަކީ ފަރުޟުވެގެންވާކަމެއްކަމަށް އިބްނު ޙަޒްމުއާއި،(2] އިބްނު ރުޝްދުއާއި،(3) އިބްނު ޤުދާމާއާއި،(4) އަންނަވަވީ(5) އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ.

ޒަކާތް ނުދޭމީހާގެ ޙުކުމް

(1) ޒަކާތްދިނުމަކީ ވާޖިބުކަމެއްކަމަށް ދެކޮޅުހެދުމާއެކު ޒަކާތްނުދޭމީހާ

ޒަކާތްދިނުމަކީ ވާޖިބުކަމެއްކަން ދެނެހުރެ، އެކަމާ ދެކޮޅުހެދުމާއެކު ޒަކާތްނުދޭމީހާ ކާފަރުވާނެއެވެ.(6)

ދަލީލުތައް:

ފުރަތަމައީ؛ އިޖުމާޢުއެވެ. ޒަކާތްދިނުމަކީ ވާޖިބުކަމެއްކަން ދެނެހުރެ، އެކަމާ ދެކޮޅުހެދުމާއެކު ޒަކާތްނުދޭމީހާ ކާފަރުވާނެކަމަށް އިބްނު ޢަބްދުލްބައްރުއާއި،(7) އަންނަވަވީއާއި،(8) އައްޒަރުޤާނީ(9) އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ.

ދެވަނައީ؛ ދީނުގައި ޟަރޫރީކޮށް އެނގެންޖެހޭކަމަކަށް އިންކާރުކުރީތީއެވެ.(10)

 

(2) ޒަކާތް ވާޖިބުވެގެންވާކަން ނުއެނގި ޒަކާތްނުދޭމީހާ

އިސްލާމްދީނަށް ވަތްތާ ކުރީކޮޅުގައި، ނުވަތަ ރަށްފުށު ހިސާބުތަކުގައި އުޅުމުގެ ސަބަބުން ނޭނގިހުރެ، ޒަކާތަކީ ވާޖިބުކަމެއްކަމަށް އިންކާރުކޮށްފިމީހަކު ކާފަރެއް ނުވާނެއެވެ. އެހެންނަމަވެސް، އެފަދަ މީހަކަށް އެ ޙުކުމް އުނގަންނައި ދޭނީއެވެ.(11)

ދަލީލު:

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގެ ޢާއްމު މާނައެވެ. ((وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولًا)) (الإسراء: 15) މާނައީ: “އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ތިމަންރަސްކަލާނގެ ޢަޛާބު ނުދެއްވަމެވެ.”(12)

(3) ދަހިކަމުގެ ސަބަބުން ޒަކާތްނުދޭމީހާ

ދަހިކަމުގެ ސަބަބުން ޒަކާތްނުދޭމީހާ ކާފަރެއް ނުވާނެއެވެ. މި ޙުކުމަކީ ޙަނަފީ،(13) މާލިކީ،(14) ޝާފިޢީ،(15) އަދި ޙަންބަލީ(16) މަޛްހަބުގެ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ޙުކުމެކެވެ.

ދަލީލު:

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّي مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِيَ عَلَيْهَا فِى نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ، كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِى يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ فَيُرَى سَبِيلُهُ إِمَّا إِلَى الْجَنَّةِ وَإِمَّا إِلَى النَّارِ…الحديث))(17) މާނައީ: “ރަނާއި ރިހި (މުދަލުގެ ގޮތުގައި ލިބިގެންވާ) މީހަކު، އެ ތަކެތީގެ ޙައްޤު (އެބަހީ؛ ޒަކާތް) ނުދީފިކަމުގައި ވާނަމަ، ޤިޔާމަތްދުވަހު، އެމީހަކަށް އެ މުދާތައް އަލިފާނުންވާ (ދަގަނޑު) ފޮތިތަކެއްފަދައިން ހަދާލެވެއެވެ. ފަހެ، އެތަކެތި ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެތަކެތިން، އެމީހާގެ ނިތްކުރީގައްޔާއި، އަރިކަށީގައްޔާއި، ބުރިކަށީގައި، ޖައްސަވަމުން ގެންދަވާނެތެވެ. އެ ފޮތިތައް ހިހޫވާ ކޮންމެފަހަރަކު އަނެއްކާވެސް ދޮންކުރެވެއެވެ. ކޮންމެ ދުވަހެއްގެ ދިގުމިން ފަންސާސްހާސް އަހަރުވާ (ޤިޔާމަތް) ދުވަހުގައި، މީސްތަކުންނާމެދު ޙުކުމް ކުރެވިއްޖެއުމަށް ދާންދެން، އެމީހަކަށް މި ޢުޤޫބާތް ދެއްވާނެތެވެ. ފަހެ، އޭގެފަހުގައި، އެމީހާއަށް މަގު ދެއްކެވޭނެއެވެ. ސުވަރުގޭގެ މަގަށް، ނޫނީ ނަރަކައިގެ މަގަށެވެ….”

ދަލީލުނެގޭ ގޮތް:

ދަހިކަމުގެ ސަބަބުން ޒަކާތްނުދޭމީހާ، އެކަމުގެ ސަބަބުން ކާފަރުވާކަމުގައިވާނަމަ، އެމީހަކަށް ސުވަރުގޭގެ މަގަށް މަގު ލިބުން (ޙަދީޘްގައި) ނައީހެވެ.(18)

(ނުނިމޭ)

___________________________

(1) رواه البخاري (8)، ومسلم (16).

(2) އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. “(ޒަކާތަކީ) ނަމާދުފަދަ ފަރުޟެކެވެ. މިކަމަކީ ޔަޤީންވެފައިވާ އިޖުމާޢުއެކެވެ.” ((المحلى)) (4/3) رقم (637).

(3) އިބްނު ރުޝްދު ވިދާޅުވެފައިވެއެވެ. “ޒަކާތުގެ ވާހަކަ ނަންގަނެވުނު ފޮތް… ޒަކާތް ވާޖިބުވެގެންވާކަން ޤުރުއާނުންނާއި، ސުންނަތުންނާއި، އިޖުމާޢުން އެނގެއެވެ. އަދި (ޒަކާތަކީ) ވާޖިބުވެގެންވާކަމެއްކަމާމެދަކު ޚިލާފެއްނެތެވެ.” ((بداية المجتهد)) (1/244).

(4) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ހުރިހާ ޒަމާނެއްގެ އެންމެހާ މުސްލިމުން ވަނީ ޒަކާތްނެރުމަކީ ވާޖިބުކަމެއްކަމަށް އެއްބަސްވެފައެވެ.” ((المغني)) (2/427).

(5) އަންނަވަވީ ވިދާޅުވެފައިވެއެވެ. “މުސްލިމުންގެ އިޖުމާޢުން ޒަކާތަކީ ފަރުޟެކެވެ. އަދި (ދީނުގެ) ރުކުނެކެވެ. މިކަމަށް ޤުރުއާނާއި، ސުންނަތުންނާއި، އިޖުމާޢުން ދަލީލު ލިބެއެވެ.” ((المجموع)) (5/326).

(6) އިބްނު ޢުޘައިމީން ވިދާޅުވެފައިވެއެވެ. “ޒަކާތަކީ ވާޖިބުކަމެއްކަން ދެނެހުރެ އެކަމަށް އިންކާރުކޮށްފިމީހަކު ކާފަރުވާނެއެވެ. އެހެނީ، ޒަކާތަކީ ވާޖިބުކަމެއްކަން ދެނެގަތުމަކީ އިސްލާމްދީނުގައި ޟަރޫރީކޮށް އެނގެންޖެހޭކަމެކެވެ. ފަހެ، ޒަކާތަކީ ވާޖިބުކަމެއްކަން ކޮންމެ މުސްލިމަކަށްމެ އެނގޭނެއެވެ. އަދި ހަމައެހެންމެ، އެކަމުގެ ވާޖިބުކަން ނޭނގި އެކަމަށް އިންކާރުކޮށްފިމީހަކު ކާފަރެއް ނުވާނެއެވެ. އެހެނީ، ޖުމްލަގޮތެއްގައި ޖާހިލުކަމުގެ ޢުޛުރަކީ ޤުރުއާނުންނާއި، ސުންނަތުންނާއި، އިޖުމާޢުން ސާބިތުވާކަމެކެވެ. އެހެންނަމަވެސް، ކޮންމެ މީހެއްގެ ކިބައިން ޖާހިލުކަމުގެ ޢުޛުރު ޤަބޫލުކުރެވޭނެ ހެއްޔެވެ؟ (މި ސުވާލުގެ) ޖަވާބަކީ؛ ނޫނެކެވެ. މުސްލިމުންގެ ތެރޭގައި އުޅެމުންދާމީހަކު، ނަމާދަށް، ނުވަތަ ޒަކާތަށް، ނުވަތަ ރޯދައަށް، ނުވަތަ ޙައްޖަށް އިންކާރުކޮށް، ‘ތިމަންނައަކަށް ނޭނގެއޭ’ ބުނިކަމުގައިވީނަމަވެސް ޤަބޫލެއް ނުކުރެވޭނެއެވެ. އެހެނީ، މިކަންމަކީ އިސްލާމްދީނުގައި ކޮންމެހެން އެނގެންޖެހޭ ކަންކަމެވެ. ޢިލްމުވެރިންނާއި، ޢާއްމުންނަށްވެސް މިކަންކަން އެނގެންޖެހޭނެއެވެ. މިއާއިޚިލާފަށް، އިސްލާމްދީނަށް ވަތްތާ ކުރީކޮޅުގައި، ނުވަތަ ރަށްފުށު ހިސާބުތަކުގައި އުޅުމުގެ ސަބަބުން ނޭނގިހުރެ (ޒަކާތަކީ ވާޖިބުކަމެއްކަމަށް އިންކާރުކޮށްފިކަމުގައިވާނަމަ)، އެފަދަ މީހެއްގެ ޖާހިލުކަމުގެ ދަޢުވާ ޤަބޫލުކުރެވި، އެމީހަކު ކާފަރެއް ނުވާނެއެވެ. އަހަރެމެން އެމީހަކަށް އެ ޙުކުމް އުނގަންނައިދޭނީއެވެ. އުނގަންނައިދީ، ބަޔާންކޮށްދިނުމަށްފަހުވެސް އެމީހާ ދެކޮޅުހަދައިފިކަމުގައިވާނަމަ، އަހަރެމެން އެމީހެއްގެ މައްޗަށް ކުފުރުގެ ޙުކުމްކުރާނީއެވެ.” ((الشرح الممتع)) (6/191).

(7) އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “ޒަކާތުގެ ޙުކުމާމެދު ދެނެހުރެ ދެކޮޅުހަދާމީހާ ދަންނާށެވެ. ފަހެ، އެއީ އިޖުމާޢުން މީހާ މުރުތައްދުވާނެކަމެކެވެ.” ((الاستذكار)) (3/217).

(8) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ފަހެ، މި ޒަމާންތަކުގައި ޒަކާތަކީ ފަރުޟުވެގެންވާކަމެއްކަމާމެދު އިންކާރުކޮށްފިމީހަކީ މުސްލިމުން އިޖުމާޢުވެފައިވާގޮތުގައި ކާފަރެކެވެ.” ((شرح النووي على مسلم)) (1/205).

(9) އައްޒަރުޤާނީ ވިދާޅުވެފައިވެއެވެ. “ދެން އޭގެފަހުގައި ދަންނައެވެ. ޒަކާތުގެ ޙުކުމާމެދު އިޤްރާރުވެއްޖެމީހަކީ މުސްލިމެކެވެ. އަދި ދެނެހުރެ، އެކަމުގެ ޙުކުމަށް އިންކާރުކޮށްފިމީހަކީ އިޖުމާޢުން ކާފަރެކެވެ.” ((شرح الزرقاني على الموطأ)) (2/186).

(10) ((فتاوى اللجنة الدائمة – 1)) (2/394)، و (2/140).

(11) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ޒަކާތުގެ ޙުކުމާމެދު ޖާހިލުވެގެންވާ ޙާލު އިންކާރުކޮށްފިމީހަކު ވާނީ އެ ޙުކުމް ނުދަންނަ މީހަކަށެވެ. އެއީ އިސްލާމްދީނަށް ވަތްތާ ކުރީކޮޅުގައި، ނުވަތަ ރަށްފުށު ހިސާބުތަކުގައި އުޅުމުގެ ސަބަބުންނެވެ. އެފަދަ މީހަކަށް ޖެހޭނީ ޒަކާތުގެ ވާޖިބުކަން އަންގައިދޭށެވެ. އަދި އެފަދަ މީހެއްގެ މައްޗަށް ކުފުރުގެ ޙުކުމް ނާންނާނެއެވެ. އެހެނީ، އެމީހަކީ ޢުޛުރުވެރިއެކެވެ.” ((المغني)) (2/427-428) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ޒަކާތުގެ ޙުކުމާމެދު އިންކާރުކުރާ ޙާލު ޒަކާތް ދިނުމަށް މަނާވެގެންފިމީހާ ދަންނައެވެ. އިސްލާމްދީނަށް ވަތްތާ ކުރީކޮޅުގައި، ނުވަތަ ރަށްފުށު ހިސާބުތަކުގައި އުޅުމުގެ ސަބަބުންފަދަ ސަބަބާހުރެ އެކަމުގެ ޙުކުމް ނޭނގޭމީހެއްގެ މައްޗަށް ކުފުރުގެ ޙުކުމެއް ނާންނާނެއެވެ. އެފަދަ މީހަކަށް ޖެހޭނީ ޒަކާތް ވާޖިބުވެގެންވާކަން އަންގައިދޭށެވެ. އަދި އެމީހާގެ އަތުން ޒަކާތް ހޯދާށެވެ. އޭގެފަހުންވެސް އެމީހާ އެކަމަށް އިންކާރުކޮށްފިނަމަ، އެމީހާގެ މައްޗަށް ކުފުރުގެ ޙުކުމް އަންނާނެއެވެ.” ((المجموع)) (5/334).

(12) އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. “ވަކި ޚާއްޞަކަމެއްގައި އެމީހެއްގެ ގާތަށް ރަސޫލާގެ އަމުރު ނާންނަހާހިނދެއްގައި، އެކަމެއް ވާޖިބުވިކަމުގެ ޙުކުމް އެމީހެއްގެ މައްޗަށް ސާބިތު ނުކުރެވޭނެއެވެ.” ((مجموع الفتاوى)) (22/102) އަދިވެސް ވިދާޅުވެފައިވެއެވެ. “ޤުރުއާނާއި ސުންނަތުގައި ސާބިތުވެފައިވާ ޙުކުމަކާ ޚިލާފުވެއްޖެމީހަކު ވާހުށީ ކާފަރަކަށް، ނުވަތަ ފާސިޤަކަށް، ނުވަތަ ފާފަވެރިއަކަށެވެ. ނުބައިކޮށް އިޖުތިހާދު ކުރެވިފައިވާ މުއުމިނަކު މެނުވީއެވެ. އެމީހާގެ އިޖުތިހާދަށް ޘަވާބު ލިބި، އެމީހާގެ ކުށަށް ޢަފޫ ލިބޭނެއެވެ. ހަމަމިފަދައިން، އެމީހާގެ މައްޗަށް ޙުއްޖަތް ޤާއިމުކުރާނެ ޢިލްމު ފޯރާފައިނުވާމީހާ (އިސްތިސްނާވާނެ) އެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولًا)) މާނައީ: “އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ތިމަންރަސްކަލާނގެ ޢަޛާބު ނުދެއްވަމެވެ.” އަދި ޤުރުއާނާއި ސުންނަތުން އެމީހެއްގެ މައްޗަށް ސާބިތުވެގެންވާ ޙުއްޖަތް ޤާއިމުކުރުމަށްފަހުވެސް ޚިލާފުވެއްޖެނަމަ ދަންނައެވެ. އެ ޚިލާފުވާ ޙުކުމަކާ އެކަށޭނެގޮތުން އެމީހަކަށް ޢުޤޫބާތް ދޭންޖެހޭނެއެވެ. އެއީ ޤަތުލުކުރުން ނުވަތަ އެނޫންވެސް (އެކަމަކާގުޅޭ) ޙުކުމެކެވެ. والله أعلم.” ((مجموع الفتاوى)) (1/113) އަދިވެސް ވިދާޅުވެފައިވެއެވެ. “އެ ޚަބަރެއް ފޯރައްޖެއުމަށް ދާންދެން އެ ޚަބަރެއްގައި ގޮވާލެވޭމީހުންގެ ތެރޭގައި އެމީހަކު ނުހިމެނޭނެއެވެ. އެއީ ﷲގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. ((لِأُنذِرَ‌كُم بِهِ وَمَن بَلَغَ)) މާނައީ: “ތިޔަބައިމީހުންނަށާއި، އެމީހަކާ ހަމައަށް ފޯރިމީހަކަށް އެއިން ތިމަންކަލޭގެފާނު އިންޒާރު ކުރެއްވުމަށެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولًا)) މާނައީ: “އަދި ތިމަންރަސްކަލާނގެ ރަސޫލަކު ފޮނުއްވައިފުމަށް ދާނދެން (އެއްވެސްބަޔަކަށް) ތިމަންރަސްކަލާނގެ ޢަޛާބު ނުދެއްވަމެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّ‌سُلِ)) މާނައީ: “(އެއީ) ރަސޫލުން ފޮނުއްވުމަށްފަހު، ﷲ ގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ.” މި މާނައިގައި ޤުރުއާނުގައި އެތައް އާޔަތެއް އައިސްފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔާންކުރައްވާފައި އެވަނީ ރަސޫލުން ފޮނުއްވިއްޖެއުމަށް ދާންދެން އެއްވެސްބަޔަކަށް އެކަލާނގެ ޢުޤޫބާތް ނުދެއްވާނެކަމެވެ. އަދި މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަން ދެނެގަނެ، އެކަމަށް އީމާންވުމަށްފަހު، އެކަލޭގެފާނު ގެނެސްދެއްވި ގިނަ ކަންތައްތަކެއް އެމީހަކަށް އެނގިގެންނުވާނަމަ، އެމީހާއާ ހިސާބަށް ފޯރާފައިނުވާ ކަންކަމަށް ﷲ އެމީހަކަށް ޢަޛާބު ނުދެއްވާނެއެވެ. އެހެންކަމުން، ފޯރައްޖެއުމަށްދާންދެން އީމާންކަން ދޫވެފައިވުމަކުން ﷲ އެމީހަކަށް ޢަޛާބު ނުދެއްވާއިރު، ޝަރީޢަތުގެ ބައެއްކަންކަން ފޯރާފައިނުވުމުގެ ސަބަބުން އެކަލާނގެ އެމީހަކަށް ޢަޛާބު ނުދެއްވުން މާ އައުލާވެގެންވެއެވެ.” ((المسائل والأجوبة)) (1/164).

(13) ((البناية شرح الهداية)) للعيني (3/291)، ((درر الحكام)) للملا خسرو (1/178).

(14) ((شرح الزرقاني على الموطأ)) لمحمد بن عبد الباقي الزرقاني (2/186)، ((حاشية الدسوقي)) لمحمد بن أحمد الدسوقي (1/191).

(15) ((المجموع)) للنووي (5/334)، ((كفاية الأخيار في حل غاية الاختصار)) للحصني (ص: 168).

(16) ((كشاف القناع)) للبهوتي (2/258)، ((المغني)) لابن قدامة(2/428) .

(17) رواه مسلم (987).

(18) ބަޔާންވެ ދިޔަ ޙަދީޘް ގެންނެވުމަށްފަހު އަލްމަރުވަޒީ ވިދާޅުވެފައިވެއެވެ. “ފަހެ، (ޙަދީޘުން) ދަލީލު ލިބޭގޮތުގައި (ދަހިކަމުގެ ސަބަބުން) ޒަކާތް ނުދޭމީހަކީ ކާފަރެއް ނޫނެވެ. އަދި މުޝްރިކެއްވެސް ނޫނެވެ. (އެއީ) އެފަދަ މީހަކަށް ސުވަރުގެ ވަދެވުމުގެ އުއްމީދު އޮތަތީއެވެ. އެއީ ﷲގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. ((إِنَّ اللَّـهَ لَا يَغْفِرُ‌ أَن يُشْرَ‌كَ بِهِ وَيَغْفِرُ‌ مَا دُونَ ذَٰلِكَ لِمَن يَشَاءُ)) (النساء : 48) މާނައީ: “ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ.” (ދަހިކަމުގެ ސަބަބުން) ޒަކާތް ނުދޭމީހަކީ މުއުމިނެއްކަމަށް ދަލީލުކޮށްދެނީ؛ އެމީހާއަށް ސުވަރުގެ ވަދެވުމުގެ އުއްމީދު އޮތަތީއެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((لاَ يَدْخُلُ الجنَّةَ إلَّا مُؤْمِنٌ)) މާނައީ: “މުއުމިނަކު މެނުވީ ސުވަރުގެ ނުވަންނާނެތެވެ.” ((تعظيم قدر الصلاة)) (2/1012)، وينظر: ((الشرح الممتع)) لابن عثيمين (2/29).

___________________________

ޒަކާތާބެހޭ ފިޤްހުގެ ކުރީގެ ލިޔުންތައް