[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (3 ވަނަ ބައި )

 

ﷲ ތަޢާލާ އަށް ފުރައްސާރަކުރުމުގެ ޙުކުމް

 

ﷲ ތަޢާލާ އަށް ފުރައްސާރަކުރުމަކީ ކުފުރުގެ ޢަމަލެއްކަމުގައި އިސްލާމްދީނުގެ އަހުލުވެރިން ޚިލާފުވެފައި ނުވެއެވެ. އަދި ﷲ ތަޢާލާ އަށް ފުރައްސާރަކުރާ މީހާ ޤަތުލުކުރެވޭނޭ ކަމާއިމެދުވެސް ޚިލާފުވެފައި ނުވެއެވެ. އެހެން ނަމަވެސް އިޚްތިލާފު ވެފައި ވަނީ ފުރައްސާރަކުރި މީހާ ތައުބާވެއްޖެކަމުގައި ވަނީނަމަ އޭނާގެ ތައުބާ ޤަބޫލުކުރުމާއި މެދުގައެވެ. އެބަހީ އޭނާ ތައުބާވެއްޖެ ކަމުގައިވަނީނަމަ އޭނާ ޤަތުލު ކުރުމުން ދުރުހެލި ވެވިދާނެތޯއެވެ؟ މިކަމުގައި ޢިލމުވެރިންގެ އަރިހުން މަޝްހޫރުވެގެން އައިސްފައިވަނީ ދެ ބަހެކެވެ.

ފުރައްސާރަކުރުމާއި މަލާމާތްކުރުމަކީ އެންމެ ބޮޑެތި އުނދަނގޫކުރުންތަކުގެތެރޭގައި ހިމެނޭ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

( إِنَّ الَّذِينَ يُؤْذُونَ اللَّـهَ وَرَسُولَهُ لَعَنَهُمُ اللَّـهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا ﴿٥٧﴾ وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا ﴿٥٨﴾)

މާނައީ: “ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ رسول އާއަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ﷲ، އެއުރެންނަށް ދުނިޔެއާއި، آخرة ގައި لعنة ލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި عذاب އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. (57) އަދި އެއުރެން ހޯދައިގަތް ކުށަކާނުލައި مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް އުނދަގޫކުރާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއުރެންނީ بهتان ދޮގަކާއި، ފާޅުވެގެންވާ ފާފައެއް ލިބިގެންފި ބަޔެކެވެ. “. [الأحزاب: 57-58].

ﷲ ތަޢާލާއަށް އުނދަގޫކުރުމުގެ މާނައަކީ އެއިލާހު ތަޢާލާއަށް ގެއްލުމެއް ފޯރުކުރުމެއްނޫނެވެ. އެހެނީ އުދަނގޫކުރުމުގެ ދެ ވައްތަރެއްވެއެވެ. އެއީ ގެއްލުން ފޯރުވާ އުނދަގުލާއި ގެއްލުން ނުފޯރުވާ އުނދަގުލެވެ. ﷲ ތަޢާލާ އަށް އެއްވެސް އެއްޗަކުން ގެއްލުމެއް ނުފޯރުވޭނެއެވެ!

ފަހެ ޤުދުސިއްޔަ ޙަދީޘެއްގައިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(( يا عبادي! إنكم لن تبلغوا ضري فتضروني))

މާނައީ: “އޭ ތިމަން އިލާހުގެ އަޅުންނެވެ! ތިޔަބައިމީހުންނަކަށް ތިމަން އިލާހަށް ގެއްލުމެއްދިނުމާއި ހަމަޔަށް ވާޞިލްނުވެވޭނެއެވެ.”. [رواه مسلم 2577]

  • ﷲ ތަޢާލާވަނީ އެއިލާހަށް އުނދަގޫކުރި މީހަކަށް ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލައްވާފައެވެ. ލަޢުނަތަކީ އެއިލާހު ތަޢާލާގެ ރަޙުމަތުން އެއަޅަކު ބޭރުކޮށްލެވެމުވެ. އަދި މަތީގައި ބާޔާންވެދިޔަ އާޔަތުން އެފަދަ ޢަމަލެއްކުރާ މީހާ ދެ ރަޙުމަތުންވެސް ބޭރުކޮށްލެވޭނެ ކަމަށް އަންގަވާފައިވެއެވެ. އެއީ ދުނިޔެވީ ރަޙުމަތާއި އުޚުރަވީ ރަޙުމަތެވެ. އަދި ﷲ ތަޢާލާގެ މި ދެ ރަޙުމަތުން އެއިލާހަށް ކާފަރުވެފައިވާ ކާފިރަކު މެނުވީ ބޭރުކޮށްނުލައްވާނެއެވެ! މިކަން އަޅުގަނޑުމެންނަށް އެނގިގެންދާ ގޮތަކީ؛ އާޔަތުގެ ފަހުކޮޅުގައި މުއުމިނު ފިރިހެނުންނާއި އަންހެނުންނަށް އުނދަގޫކުރާ މީހުންގެ ވާހަކަ ގެންނެވުމަށް ފަހު އެބައިމީހުންނަށް ދެ ދުނިޔޭގައި ލަޢުނަތްލައްވާފައި ނުވާތީއެވެ. އެހެނީ މީސްތަކުން އެކަކު އަނެކަކަށް އުނދަގޫކޮށް ފުރައްސާރަކޮށް ލަޢުނަތްދީ ޤަޒުފުކޮށް ހެދުމުން އެބަމީހުން ކާފަރުނުވާތީއެވެ. އެހެނެއްކަމަކު އެފަދަ ކަންތައް ޘާބިތުކޮށްދޭނެ ހެކިތަކެއް ނެތްކަމުގައި ވަނީނަމަ އެއީ ބޮޑުވެގެންވާ ދޮގުތަކަކާއި ފާޅުވެގެންވާ ފާފަތަކެވެ.

ދެން އެއަށް ފަހު ﷲ ތަޢާލާ އަންގަވާފައިވަނީ އެއިލާހު ތަޢާލާއަށް އުނދަގޫކުރި މީހަކަށް އިހާނެތިވެގެންވާ އަޒާބު ތައްޔާރުކުރައްވާފައިވާ ވާހަކައެވެ. އިހާނެތިވެގެންވާ ޢަޒާބު ކީރިތި ޤުރުއާނުގައި ކާފަރުންގެ ޙައްޤުގައި މެނުވީ ޒިކުރުކުރައްވާފައި ނުވެއެވެ.

  • ﷲ ތަޢާލާ އަށް ފުރައްސާރަކުރުމަކީ އެންމެހާ ކުފުރުތަކުގެ މަތީގައިވާ ކުފުރެވެ. މިކުފުރު ވަނީ ބުދަށް އަޅުކަންކުރާ މީހުންގެ ކުފުރަށް ވުރެވެސް މަތީގައެވެ. އެހެނީ ބުދަށް އަޅުކަންކުރާ މީހުންވެސް އެ ހިލަތަށް މަތިވެރިކުރަނީ އެ އެއްޗެހި މެދުވެރިކޮށް ﷲ ތަޢާލާ މަތިވެރިކުރުމަށްޓަކައެވެ! އެހެންކަމުން އެބައިމިހުން ﷲ ތަޢާލާގެ ޤަދަރުފުޅު ދަށްކުރުމަށްޓަކައި އެ ހިލަތަކާއި އެއްހަމަ ނުކުރެއެވެ. އެހެނެއްކަމަކު އެބައިމީހުން އެހިލަތަކުގެ ޤަދަރު އެއިލާހު ތަޢާލާ ގެ ޤަދަރާއި އެއްހަމަ ކުރުމަށްޓަކައި އުފުލީއެވެ. މުޝްރިކުން ނަރަކަށް ވެއްދެވުމުން ތިރީގައިވާ އާޔަތުގައިވާ ފަދައިން ބުނަނީ މިހެންވީމައެވެ. ﷲ ތަޢާލާ އެމީހުން އެދުވަހު ބުނާނެ ކަމުގައި ވަޙީކުރައްވާފައިވެއެވެ. (تَاللَّـهِ إِن كُنَّا لَفِي ضَلَالٍ مُّبِينٍ ﴿٩٧﴾ إِذْ نُسَوِّيكُم بِرَبِّ الْعَالَمِينَ ﴿٩٨﴾ ) [الشعراء 97 – 98] މާނައީ: ” ﷲ ގަންދީބުނަމުއެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، بيان ވެގެންވާ ފުރެދުމެއްގައެވެ. (97) (އަޅުކަން ކުރުމުގައި) عالم ތަކުގެ ވެރިއިލާހު އާއި ތިޔަބައިމީހުންނާ ހަމަހަމަކޮށްގެން ތިމަންމެން އުޅުނު ހިނދުގައެވެ. (98) “.

އެބައިމީހުން ހިލަތަކުގެ ޤަދަރު އުފުލީ ﷲ ތަޢާލާ އާއި އެއްހަމަ ކުރުމަށްޓަކައެވެ. އެހެންނަމަވެސް ހިލަތަކާއި އެއްހަމަކުރުމަށްޓަކައި ﷲ ތަޢާލާގެ ޤަދަރުފުޅު ދަށްނުކުރެއެވެ! އެހެންކަމުން އެބައިމީހުން ބުނާގޮތުގައި އެބައިމީހުން އެ ހިލަތައް މަތިވެރިކުރީ ﷲ ތަޢާލާ މަތިވެރިކުރުމަށްޓަކައެވެ! އެހެންނަމަވެސް ﷲ ތަޢާލާއަށް ފުރައްސާރަކުރާ މީހާ އެ ފުރައްސާރަކުރަނީ އެއިލާހުގެ ޤަދަރުފުޅު ހިލަތަކަށްވުރެ ދަށްކޮށްލުމަށްޓަކައެވެ. ފަހެ މުޝްރިކުން އެބައިމީހުންގެ އިލާހުންތަކަށް މަޖަލަކަށްވެސް ފުރައްސާރަނުކުރެއެވެ؛ އެހެނީ އެމީހުން އެތަކެތި މަތިވެރިކުރެއެވެ! އެމީހުން އެ އެއްޗެއްސަށް ފުރައްސާރަކުރާ މީހުންނަށް ފުރައްސާރަކުރަނީ މި ސަބަބަށްޓަކައެވެ!

ހަމަ ކަށަވރުން ﷲ ތަޢާލާ އެއިލާހު ތަޢާލާގެ ނަބިއްޔާގެ މައްޗަށް މި ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.

(وَلَا تَسُبُّوا الَّذِينَ يَدْعُونَ مِن دُونِ اللَّـهِ فَيَسُبُّوا اللَّـهَ عَدْوًا بِغَيْرِ عِلْمٍ ۗ ) [الأنعام 108]

މާނައީ: ” ﷲ ދޫކޮށް، އެއުރެން އަޅުކަންކުރާ ތަކެއްޗަށް ތިޔަބައިމީހުން އެއްޗެހިގޮވައި ނަހަދާށެވެ! އޭރުން ނޭނގިތިބެ އެއުރެން عداوة ތެރިކަމުގެ ގޮތުން اللَّه އަށް އެއްޗެހި ގޮވައިފާނެތެވެ. “.

މުޝްރިކުންނަކީ ކާފަރުން ކަމުގައި ވުމާއެކުވެސް ﷲ ތަޢާލާ މިވަނީ އެއިލާހުގެ ނަބިއްޔާ ޞައްލަﷲޢަލައިހިވަސައްލަމަގެ މައްޗަށް އެބައިމީހުންގެ ބުދުތަކަށް ފުރައްސާރަކުރުން މަނާކުރައްވާފައެވެ. އެއީ އެކާފަރުން ޙައްޤާއި ޚިލާފުވުމުގެ ބޮޑުކަމުގެ ސަބަބުން އެމީހުން ތިބި ކުފުރުގެ މައްޗަށް އިތުރު އެއަށްވުރެ ބޮޑު ކުފުރުގެ ޢަމަލެއްކޮށްފާނެތީއެވެ. އެއީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ އިލާހަށް ފުރައްސާރަކޮށްފާނެތީއެވެ.

  • ﷲ ތަޢާލާ އަށް ފުރައްސާރަކުރުމަށް ބޭނުންކުރެވޭ ބައެއް ލަފުޒުތަކަކީ އެއިލާހު ތަޢާލާ ވޮޑިގެންވާކަމަށް އީމާންނުވާ މީހުންގެ ކުފުރަށްވުރެވެސް ބޮޑު ކުފުރެއް ހިމެނޭ ބަސްތަކެކެވެ. އެހެނީ ކަލަކު ވޮޑިގެންވާނުވާކަމަށް ޤަބޫލްކުރާ މީހާ އިންކާރު ކުރަނީ ކަލަކު ވޮޑިގެންވާ ކަމަށެވެ. ކަލަކު ވޮޑިގެންވާކަމަށް ތިމަންނަޔަށް ޘާބިތުވާނަމަ އެ ކަލާންގެއެއް މަތިވެރި ކުރީމުއޭ އޭނާގެ ޙާލުގެ ދުލުން ބުނާފަދައެވެ!

އެހެންނަމަވެސް ﷲ އަށް އީމާންވާކަމަށް ދަޢުވާކުރާމީހާ އެއިލާހު ވޮޑިގެންވާކަމަށް ޘާބުތުކޮށް ޤަބޫލުކުރާ ޙާލު އެއިލާހަށް ފުރައްސާރަކުރާމީހާ އެވަނީ ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މުލްޙިދު މީހާއަށްވުރެ ފާޅުކަންބޮޑު ގޮތެއްގައި ޙައްޤާއި ޚިލާފުވެ ދެކޮޅުވެރިވެ ޙައްޤަށް ގޮންޖަހާފައެވެ!!

އަދި ޤައުމެއްގައި ބުދެއް ބަހައްޓައިގެން އޭގެ ވަށައިގެން ޠަވާފުކުރުމާއި އެއަށް ސަޖިދަޖެހުމާއި އެއިން ބަރަކާތް ޙާޞިލްކުރުމަކީ ޤައުމުގެ ނަދީތަކާއި މަގުތަކާއި ބާޒާރުތަކާއި މަޖިލިސްތަކުގައި ﷲ ތަޢާލާއަށް ފުރައްސާރަކުރުން ޢާއްމުވެ ފާޅުވުމަށްވުރެ އެއިލާހު ތަޢާލާގެ ހަޟުރަތުގައި ކުޑަކަމެކެވެ. މި ދެކަމަކީވެސް ކުފުރުގެ ދެޢަމަލު ކަމުގައި ވުމާއެކުވެސްމެވެ. އެހެންނަމަވެސް ތަފާތަކީ ﷲ އަށް ޝިރުކުކުރާ މީހާ އެއިލާހު ތަޢާލާ މަތިވެރިކުރެއެވެ! އެހެންނަމަވެސް އެއިލާހު ތަޢާލާއަށް ފުރައްސާރަކުރާމީހާ އެއިލާހުތަޢާލާގެ ޤަދަރުފުޅު ކުޑަކުރެއެވެ! ﷲ ތަޢާލާ އެކަމަށްވުރެ މަތިވެރިވެ ވޮޑިގެންވެއެވެ.

  • އަދި ﷲ ތަޢާލާއަށް ފުރައްސާރަކުރުން ޤައުމެއްގައި ޢާއްމުވެ ފާޅުވުމަކީ އެ ޤައުމެއްގައި ޒިނޭ ހުއްދަކޮށް އެއާއި އެއްގޮތަށް ޤާނޫނު ހެދުމަށްވުރެ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ފާޙިޝް (އެއްޖިންސުން ގުޅުން ހިންގުމުގެ) ކަންތައް ހުއްދަކޮށް އެގޮތަށް އެޤައުމެއްގައި ޤާނޫން ހެދުމަށްވުރެ ނުބައިކަން ބޮޑުވެގެންވާކަމެކެވެ. އެހެނީ ފާޙިޝްކަންތައް ހުއްދަކުރުމުގެ ކުފުރުގެ ސަބަބަކީ ﷲ ތަޢާލާގެ ޝަރުޢުކުރައްވާފައިވާ ޝަރުޢަކަށް އިންކާރުކޮށް އެއިލާހު ތަޢާލާގެ އަމުރުފުޅުތަކަށް އިހާނެތިކޮށް ހިތުމެވެ. އަދި ﷲ ތަޢާލާ އަށް ފުރައްސާރަކުރުމުގެ ކުފުރުގެ ސަބަބަކީ އެ ޝަރުޢުތައް ޝަރުޢުކުރެއްވި ޝާރިޢުގެ ޒާތުފުޅަށް ފުރައްސާރަކޮށް ކާފަރުވުމެވެ. އަދި ޝަރުޢުތައް ޝަރުޢުކުރެއްވި އިލާހުގެ ޒާތުފުޅަށް ކާފަރުވުމަކީ އެއިލާހު ޝަރުޢުކުރެއްވި ހުރިހާ ކަމަކަށް ކާފަރުވުމެވެ. އަދި އެ ކަންތައްތަކަށް އިހާނަތްތެރިވުމެވެ. އަދި ބަޔާންވެދިޔަ ދެކަމަކީވެސް ކުފުރުގެ ދެ ޢަމަލަށްވުމާއިކުވެސް ޝަރީޢަތްތައް ބާވައިލެއްވި އިލާހުގެ ޒާތުފުޅަށް ކާފަރުވުމަކީ މާ ބޮޑުވެގެންވާ މާ ނުބައި ކުފުރެކެވެ. އެހެނީ އީމާންކަމުގައިވެސް މައްޗަށް އަރައިގެންދާ ހަރުފަތްތަކެއް ވާފަދައިން ކުފުރުގައިވެސް ތިރިޔަށް ފައިބައިގެންވާ ހަރުފަތްތަކެއްވެއެވެ.
  • ނަޞާރާއިން ﷲ ތަޢާލާ އަށް ދަރިކަލަކުވާކަމަށް ބުނެ ފުރައްސާރަކޮށް ވީ ކުފުރު ޒިކުރުކުރެއްވި ހިނދު އެޖަރީމާ ޞިފަކުރައްވާފައިވައި އޭގެ އަޘަރު ބަޔާންކުރައްވާފައިވަނީ ބުދަށް އަޅުކަންކުރާ މީހުންނާއި ތަރިތަކަށް އަޅުކަންކުރާ މީހުންގެ ޝިރުކަށްވުރެ ބޮޑުކޮށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَقَالُوا اتَّخَذَ الرَّحْمَـٰنُ وَلَدًا ﴿٨٨﴾ لَّقَدْ جِئْتُمْ شَيْئًا إِدًّا ﴿٨٩﴾ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا لِلرَّحْمَـٰنِ وَلَدًا ﴿٩١﴾ وَمَا يَنبَغِي لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴿٩٢﴾ إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا ﴿٩٣﴾ لَّقَدْ أَحْصَاهُمْ وَعَدَّهُمْ عَدًّا ﴿٩٤﴾ وَكُلُّهُمْ آتِيهِ يَوْمَ الْقِيَامَةِ فَرْدًا ﴿٩٥﴾ ) [مريم 88-95] މާނައީ: ”ރަޙްމާންވަންތަ އިލާހު، ދަރިކަލަކު ހިއްޕެވިކަމަށް ކާފިރުވި މީހުން ބުންޏެެވެ. [88] ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަ ގެނައީ ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ. [89] އެކަމުގެ ސަބަބުން އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. [90] އެއީ ރަޙްމާންވަންތަ އިލާހަށް ދަރިކަލަކުވާކަމަށް އެބައިމީހުން ގޮވުމުގެ ސަބަބުންނެވެ. [91] ފަހެ، ދަރިކަލަކު ހިއްޕެވުން ރަޙްމާންވަންތަ އިލާހަށް އެކަށީގެނެއް ނުވެއެވެ. [92] ރަޙްމާންވަންތަ އިލާހުގެ ޙަޟްރަތަށް އަޅެއްގެ ގޮތުގައި ނާންނާނޭ ހަމައެކަކުވެސް އުޑުތަކުގައްޔާއި، ބިމުގައި ނުވެއެވެ. [93] ހަމަކަށަވަރުން އެއިލާހު އެބައިމީހުން ހިމަނުއްވައި، ފުރިހަމަ ޢަދަދު ކުރެއްވުމަކުން ޢަދަދު ކުރެއްވިއެވެ. [94] އަދި ޤިޔާމަތް ދުވަހުން، އެބައިމީހުންކުރެ ކޮންމެ މީހަކު، އެއިލާހުގެ ޙަޟްރަތަށް އަންނަހުށީ، އެކަނިމާއެކަންޏެވެ. [95]“

 އެހެނީ ﷲ ތަޢާލާއަށް ދަރިކަލަކު ވާކަމަށް ބުނުމަކީ އެއިލާހު ތަޢާލާ އަށް އުނިކަން ނިސްބަތްކުރުމެވެ. އަދި އެއިލާހު ތަޢާލާ އަށް ކުރެވޭ ފުރައްސާރައެކެވެ. ފަހެ މިކަމަކީ އެބައިމީހުން ﷲ ތަޢާލާ އާއި އެކީ އެހެންފަރާތަކަށް އަޅުކަންކުރުމަށްވުރެ ބޮޑުފާފައެކެވެ. އޭރުން އެބައިމީހުން މަޚްލޫޤަކު މަތިވެރިކޮށް ﷲ ތަޢާލާ މަތިވެރިކުރާ ގޮތަށް މަތިވެރިކުރީއެވެ. އެހެން ނަމަވެސް ﷲ ތަޢާލާ އަށް ދަރިކަލަކު ނިސްބަތްކުރުމަކީ އެއިލާހުގެ ތަޢާލާގެ ޤަދަރު ދަށްކޮށް މަޚްލޫޤަކާ އެއްގޮތްކޮށް މަޚްލޫޤެއްގެ ދަށުދަރަޖަޔަށް ގެނައުމެވެ. އަދި ބުދަށް އަޅުކަންކުރުމަކީ މަޚްލޫޤަކު ﷲ ތަޢާލާއާއި އެއްހަމަޔަށް ގެންދިޔުމެވެ. ﷲ الخالق ގެ ޤަދަރު ދަށްކުރުމަކީ މަޚްލޫޤެއްގެ ޤަދަރު ﷲ އާއި އެއްވަރުކުރުމަށްވުރެ ބޮޑުވެންވާ ފާފައެކެވެ. އަދި އެކަމުގެ ކާފަރުކަންވެސް ބޮޑުވެގެންވެއެވެ.

ﷲ ތަޢާލާ އަށް ފުރައްސާރަކުރުމަކީ އެތެރޭގެ އީމާންކަމާއި ބޭރުފުށުގެ އީމާންކަން ނަފީކުރާ ކަމެކެވެ. އަދި ހިތުގެ އިޢުތިޤާދުވެސް ނަފީކުރާކަމެކެވެ. ހިތުގެ ޢިޢުތިޤާދަކީ ﷲ ތަޢާލާ ތެދުކޮށް އެއިލާހު ތަޢާލާ ވޮޑިގެންވާކަމަށް އީމާންވެ އަޅުކަންތަކަކީ އެއިލާހުގެ ޙައްޤުތަކެއްކަން ތެދުކުރުމެވެ. އަދި ﷲ ތަޢާލާ އަށް ފުރައްސާރަކުރުމުން ހިތުގެ ޢަމަލުތައްވެސް ނަފީވެއެވެ. އެއީ ﷲ ތަޢާލާއަށް ލޯބިކުރުމާއި އެއިލާހު ތަޢާލާ މަތިވެރިކުރުމާއި އިޙްތިރާމްކުރުމެވެ. އެހެނީ އެއްވެސް ފަރާތަކަށް ފުރައްސާރަކުރާ ޙާލު އެފަރާތެއް މަތިވެރިކުރާ ކަމުގައި ދަޢުވާކުރިޔަސް  އެއީ ޤަބޫލުކުރެވޭނެ ދަޢުވާއެއް ނޫނެވެ. މިސާލަކަށް ﷲ ތަޢާލާ މަތިވެރިކުރުމާއި މައިންބަފައިންނަށް އިޙްތިރާމްކުރުންވެސް މެވެ. ފަހެ އެމީހެއްގެ މައިންބަފައިންނަށް ފުރައްސާރަކޮށް މަލާމާތްކޮށް ހަދާ ޙާލު އެމީހުންނަށް އިޙްތިރާމްކުރާ ކަމުގައި ކުރާ ދަޢުވާއަކީ ދޮގު ދަޢުވާއެކެވެ!

ހަމަ މިފަދައިން ﷲ ތަޢާލާ އަށް ފުރައްސާރަކުރާ މީހާގެ ބޭރުފުށުގެ އީމާންކަންވެސް ގެއްލި ބާޠިލްވެގެންދެއެވެ. އެއީ އޭނާގެ ދުލުން ކުރާ ހެޔޮޢަމަލުތަކާއި އޭނާގެ އެހެން ގުނަވަންތަކުން ކުރާ ހެޔޮޢަމަލުތަކެވެ.

________________

-ނުނިމޭ-

ކުރީގެ ބައިތައް ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

فضيلة الشيخ عبد العزيز بن مرزوق الطَّريفي ލިޔުއްވާފައިވާ تعظيم الله تعالى و حكم شاتمه ގެ ދިވެހި ތަރުޖަމާ