[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 10

Ifku ge haadhisaa

 

ޢާއިޝާ رضي الله عنها އަށް ރަސޫލާ صلى الله عليه  وسلم ގެ ދޫޕުޅުން އިވިވަޑައިގެންނެވި މިކަލިމަތަކާމެދު ވަރަށް ބޮޑަށް ހައިރާންވެވަޑައިގެންނެވިއެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އުފުއްލަވަމުން ދިޔަ ވޭނާ ހިތްދަތިކަމުގެ މައްޗަށް ވޭނާ ހިތްދަތިކަން އިތުރަށް އިޙްސާސްވިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެހެނީ އެކަމަނާއަށް އެންމެ ކަމޭހިތްތަވައި އިތުބާރުކުރެއްވި އެކަމަނާގެ ލޮބުވެތި ފިރިކަލުން ކަމުގައި ވުމުގެ އިތުރުން ﷲ ތަޢާލާގެ މަތިވެރި ނަބިއްޔާ صلى الله عليه  وسلم ގެ ދޫފުޅުން އެފަދަ ބަސްފުޅެއް އެކަމަނާއަށް އިވިވަޑައިގެން ހިނގައިދާނެކަމަކަށް ދުވަހަކުވެސް ހީފުޅުއެއް ނުކުރައްވައެވެ. ޢާއިޝާ رضي الله عنها އަށް އިވިވަޑައިގެންދިޔަ އެބަސްފުޅުތަކުން ކުރިއަސަރު ބަޔާންކުރައްވައި ވިދާޅުވިއެވެ: “ތިމަން ކަމަނާއަށް އެބަސްފުޅުތައް އަޑުއިވުމާއެކު ތިމަންކަމަނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައްވެސް ވަގުތުން ހުސްވެ އެއިން ތިއްކެއްހާ މިންވަރުވެސް އިހުސާސް ނުވާ ފަދައިން ތިމަންކަމަނާގެ ކަރުނަ ހިކިގެން ދިޔައެވެ”.

ކޮންމެއަކަސް ނަބިއްޔާ صلى الله عليه  وسلم ގެ ކިބައިން އިވިވަޑައިގެން ދިޔަ ބަސްފުޅުތަކަށް ދެއްވާނެ ޖަވާބެއް އެނގިވަޑައިނުގެންވާ ޙާލު އެކަމަނާގެ މަތިން ޖަވާބުދާރީވުމަށް އެދި މަންމާފުޅާ ދިމާލަށް އެނބުރިވަޑައިގެން ދެންނެވިއެވެ: “ތިމަންގެ މަތިން ރަސޫލާ صلى الله عليه  وسلم އަށް ޖަވާބު ދެއްވާށެވެ”. ޖަވާބުގައި މަންމާފުޅުވެސް ހިތްދަތިކަމާއެކު ދެންނެވިއެވެ: “ﷲ ގަންދީ ބުނަމެވެ! ރަސޫލާ صلى الله عليه  وسلم އަށް ޖަވާބެއްދޭން ބުނާނެ ވަކިއެއްޗެއް ތިމަންކަމަނާއަކަށްވެސް ނޭނގެއެވެ”. އެހާރުން ރަސޫލާ صلى الله عليه  وسلم ގެ އެންމެ ގާތް އެކުވެރި ލޮބުވެތި ޞާޙިބާ އަދި އެކަމަނާގެ ބައްޕާފުޅާ ދިމާލަށް އެނބުރިވަޑައިގެން ޢާއިޝާ رضي الله عنها ހަމަ އެފަދައިން އެދިލެއްވިއެވެ. ނަމަވެސް ބައްޕާފުޅުގެ އަރިހުންވެސް ޖަވާބުގައި އެކަމަނާއަށް އިވިވަޑައިގެންދިޔައީ ހަމަ މަންމާފުޅުވެސް ދެއްވި ޖަވާބެވެ. އެހިނދުން މުޅިތަނަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. ފަހެ މި ދުނިޔެމަތީގައި އެކަމަނާގެ ދިފާޢުގައި ބަހެއް ބުނާނެ އެކަކުވެސް ނެތްކަން އެކަމަނާއަށް އިޙުސާސްވެވަޑައިގެންނެވިއެވެ. އެކަމަނާ ބަނޑުއަޅައި ވިހެއި މަންމާފުޅަށްވެސް ކޮށްދެވޭނެ ކަމެއް އެދުވަހަކު ނެތެވެ. އަދި އެކަމަނާ ކުޑައިރުއްސުރެ އިއްފަތްތެރިކަމާއި ރައްކާތެރިކަމާއެކު ގެންގުޅެ ތަރުބިއްޔަތު ދެއްވި ބައްޕާފުޅަކަށްވެސް އެހިނދުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. ޢާއިޝާ رضي الله عنها އެކަމަނާގެ ޙާލު ސިފަކޮށްދެއްވައި ވިދާޅުވިއެވެ. “ތިމަންކަމަނާވީ އުމުރުން ހަގު ޅަ އަންހެން ކުއްޖެއްކަމުގައެވެ. އަދި ޤުރްއާނުންވެސް މާގިނަ އެއްޗެއް ހިތުން ދަސްވެފައެއް ނުވެއެވެ”.

 

(ނުނިމޭ)