[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (6 ވަނަ ބައި )

ar_t3zeem_Allah_t3alee

ﷲ ތަޢާލާ އަށް ފުރައްސަރަކުރާ މީހާގެ ޙައްދު

ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައި ވާ ގޮތުގައި ﷲ ތަޢާލާއަށް ފުރައްސާރަކޮށްފި މީހަކު ކާފިރުވުމުގެ ސަބަބުން ޤަތުލުކުރެވޭނެއެވެ. އަދި އޭނާ ޤަތުލުކުރެވުމަށްފަހު އޭނާގެ މައްޗަށް މުސްލިމުންގެ ޙުކުމެއް ނުހިނގާނެއެވެ. އެހެންކަމުން އެބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ މައްޗަށް ކަށުނަމާދު ކުރުމެއްވެސް ނުވެއެވެ. އަދި އޭނާ ހިނެވުމެއްވެސް ނުވެއެވެ. އަދި އޭނާ ކަފުންކުރުމެއްވެސް ނުވެއެވެ. އަދި މުސްލިމުންގެ ޤަބުރުސްތާނުގައި އޭނާ ވަޅުވެސް ނުލެވޭނެއެވެ. އަދި އޭނާގެ މައްޗަށް ހެޔޮދުޢާ ކުރުމަކީވެސް ހުއްދަކަމެއް ނޫނެވެ. އޭހެނީ އޭނާ ހިމެނެނީ މުސްލިމުންގެ ތެރެއިން ނޫނެވެ!

ޢިލްމުވެރިން އިޚްތިލާފުވެފައި ވަނީ އޭނާ ﷲ ތަޢާލާގެ ޙައްޤުގައި އެ ބުނި ނުބައި ބަހުން ނުވަތަ އެކުރި ނުބައި ކަމުން އޭނާ ތައުބާ ވެއްޖެނަމަ އޭނާގެ ތައުބާ ޤަބޫލުކުރެވޭނެތޯ ނުވަތަ ނޫންތޯ މިމައްސަލައިގައެވެ. އަދި އޭނާގެ ގާތުން ތައުބާވުމަށް އެދެން ޖެހޭނެތޯއެވެ. ނުވަތަ ދުނިޔޭގައި އޭނާގެ ތައުބާ އަޑުއެހުމެއްނެތި އޭނާ ޤަތުލުކުރެވޭނެތޯއެވެ، އޭރުން އޭނާގެ ކަންތައް ﷲ އާއި ޙަވާލުކުރެވުނީއެވެ. ޢިލްމުވެރިން މި މައްސަލައިގަ ޢިޚްތިލާފުވެފައިވަނީ މަޝްހޫރު ދެ ޤައުލަކަށެވެ:

ފުރަތަމަ ޤައުލު: އޭނާ ތައުބާވިޔަސް އޭނާގެ ތައުބާ ޤަބޫލުކުރުމެއްނެތެވެ. އަދި ތައުބާވުމަށް އޭނާގެ ކިބައިން އެދުމެއްނެތި އޭނާ ޤަތުލުކުރެވޭނެއެވެ. އަދި އޭނާގެ ތައުބާ ޤަބޫލުކުރެއްވުން ވަނީ އާޚިރަތުގައި ﷲ ތަޢާލާގެ މައްޗަށެވެ. މި ޤައުލަކީ މިއީ ޙަންބަލީންގެ ތެރޭގައި މަޝްހޫރުވެފައިވާ އަދި އެބޭކަލުން ފިޔަވައި އެހެން ފިޤުހުވެރިންގެ ޖަމާޢަތެއްގެވެސް ޤައުލެވެ. އަދި މިއީ ކުރީގައިވެސް ބަޔާންވެދިޔަ ފަދައިން ޢުމަރު ބުނުލް ޚައްޠާބާއި އިބްނު ޢައްބާސާއި އެހެން ބޭކަލުންގެ ބަސްފުޅުންވެސް ސާފުވާގޮތެވެ. އަދި އިމާމް އަޙްމަދު ބުން ޙަންބަލް ގެ މަޝްހޫރު ބަސްފުޅަކީވެސް މިއީއެވެ.

މިގޮތަށް މިބޭފުޅުން ވިދާޅުވި ސަބަބަކީ: އެހެނީ ތައުބާ އަކީ ޖަރީމާގެ ބޭރުފުށުން ހިނގައިދިޔަކަންތައް ނަފީކުރާ ކަމެއް ނޫނެވެ. އަދި ތައުބާގެ ސަބަބުން މީސްތަކުންގެ މެދުގައިވާ ﷲ ތަޢާލާ އަށް ފުރައްސާރަކުރުން ފަސޭހަކޮށްގަތުމުގެ ފަސާދަ ނެތި ނުދާނެއެވެ. އެހެންކަމުން އޭނާގެ ތައުބާ ޤަބޫލުކޮށްފިނަމަ މީސްތަކުންގެ މެދުގައި މި ބޮޑުފާފައާއިމެދު ދެކޭގޮތް ކުޑަވެގެން ހިނގައިދާނެއެވެ. ކޮންމެ މީހަކުވެސް ފުރައްސާރަކުރުމަށް ފަހު ހައްޔަރުކުރެވިއްޖެނަމަ ތައުބާވެއްޖައީމޭބުނެ ދޫވެގެން ހިނގައިދާނެއެވެ. އެހެންކަމުން މިއީ ކުފުރުގެ މަތީގައި ދެމިތިބުމަށް ލިބޭ ހިއްވަރަކަށް ވެގެން ހިނގައިދާނެއެވެ. އަދި މީސްތަކުންގެ ހިތްތަކުގައި މި ކަމުގެ ބޮޑުމިން ކުޑަވެގެންދާނެއެވެ. އަދި ޢުޤޫބާތްތައް ޝަރީޢަތުގައި ޝަރުޢުވެގެންވަނީ ޖިނާޔަތަށް އަރައިގަންނަ މީހާ އަދަބުވެރިކުރުވުމަށާއި އޭނާ ފާފައިން ޠޯހިރުކުރުމަށާއި އޭނާ ފިޔަވައި އެފަދަ ބަހެއް ބުނާ ނުވަތަ އެފަދަ ކަމެއްކުރާ އެހެން މީހުން ހުއްޓުވުމަށްޓަކައެވެ. އަދި ﷲ ތަޢާލާ އަށް ފުރައްސާރަކުރާ މީހާގެ ކިބައިން ތައުބާ ޤަބޫލުކޮށް އޭނާ ދޫކޮށްލައިފިނަމަ ޢުޤޫބާތްތައް ޝަރުޢުކުރެއްވުމުގެ މަޤްޞަދުތަކުގެ ތެރެއިން ދެ މަޤްޞަދެއް އެބަގެއްލިގެން ދެއެވެ!

ދެވަނަ ޤައުލު: އެބޭކަލުން ދެކެލައްވާގޮތުގައި އޭނާގެ ކިބައިން ތައުބާވުމަށް އެދެވޭނެއެވެ. އަދި އޭނާ ތައުބާ ވެއްޖެނަމަ އޭނާގެ ކިބައިން ތެދުވެރިކަން ފެނި ކުރިޔަށް އޮތްތަނުގައި މިފަދަ ޖަރީމާއަކަށް އަރައިނުގަންނާނެކަމަށް ބެލެވޭނަމަ ތައުބާ ޤަބުލުކުރެވޭނެއެވެ. މިގޮތަށް ވިދާޅުވަނީ ޖުމްހޫރު ފިޤުހުވެރިންނެވެ.

އެބޭކަލުން އޭނާގެ ތައުބާ ޤަބޫލުކުރެވޭނެކަމަށް ވިދާޅުވި ސަބަބަކީ: ﷲ ތާޢާލާ އަށް ފުރައްސާރަކުރުމަކީ ކުފުރެކެވެ. އަދި ހުރިހާ ކުފުރެއްގައިވެސް ތައުބާވުމުން އޭނާގެ ކިބައިން ޤަބޫލުކުރެވެއެވެ. އެހެންކަމުން މި ކުފުރުގައިވެސް ކުރެވޭނެއެވެ. ކުރީގައި ބުދައް އަޅުކަންކުރާ މުޝްރިކުންގެ ގޮތުގައި ތިބި މިހުންނާއި މުލްޙިދުންގެ ގޮތުގައި ތިބިމީހުން އިސްލާމްދީނަށް ވަނުމުން އެމީހުންގެ ކުފުރު ފޮހޮވިގެންދެއެވެ. އަދި ﷲ ތަޢާލާ އެއިލާހަށް ތައުބާވާމީހެއްގެ ތައުބާ އިޖާބަކުރައްވައެވެ. އަދި އޭނާއަށް މާފުކުރައްވައެވެ. ﷲ ތަޢާލާއަށް ފުރައްސާރަކުރުމަކީ އެއިލާހުގެ ޙައްޤަކަށް އަރައިގަތުމެވެ. އަދި އެއިލާހުވަނީ އެއިލާހަށް ފުރައްސާރަކުރުމުގައި އެބަޔެއްގެ އަމިއްލަ ނަސްފުތަކަށް އަނިޔާވެރިވެފައިވާ މީހުންނަށް ޢަފޫކުރައްވާފައެވެ. އަދި އެއިލާހަށް ޝިރުކުކުރި ކޮންމެ މީހެއްގެ ތައުބާ އެއިލާހު ޤަބޫލުކުރެއްވިއެވެ.

އެހެންނަމަވެސް ރަސޫލުﷲ صلى الله عليه وسلم އަށް ފުރައްސާރަކުރާ މީހާއާއި މެދު މިގޮތަށް ޢަމަލު ނުކުރެވޭނެއެވެ. އެކަލޭގެފާނުގެ ޙައްޤަކީ ކޮންމެގޮތެއްގައިވެސް އަދާކުރަންޖެހޭ ޙައްޤެކެވެ. އެހެނީ އެކަލޭގެފާނު ދުނިޔޭގައި ހުންނެވިއިރު އެކަލޭގެފާނަށް ފުރައްސާރަކުރި އެންމެންނަށް އެކަލޭގެފާނު މާފުދެއްވާފައި ނުވެއެވެ. އަދި މިހާރު އެކަލޭގެފާނުވަނީ އަވަހާރަވެވަޑައިގެންފައެވެ.

އެހެންކަމުން އެކަލޭގެފާނަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ޙައްޤަށް އަރައިގެންފިނަމަ އަޞްލަކީ އެކަލޭގެފާނުގެ މަތިވެރިވެގެންވާ ޙައްޤު އެމީހެއްގެ ކިބައިން ނެގުމެވެ. އެކަލޭގެފާނަށް ފުރައްސާރަކުރުމަކީ ކުފުރެކެވެ. އަދި އެކަންކުރާމީހާ ޤަތުލުކުރުމަކީ ވާޖިބުވެގެންވާކަމެކެވެ.

ދެންފަހެ އެކަލޭގެފާނަށް ފުރައްސާރަކުރުމަކީ މީސްތަކުންގެ މެދުގައި އެކަލޭގެފާނަށް ދެވިފައިވާ މަޤާމް ދަށްކުރެވޭ ކަމެކެވެ. އަދި މީސްތަކުންގެ ހިތްތަކުގައި އެކަލޭގެފާނަށް ދެވިފައިވާ ޤަދަރުކުޑަކުރުވާ ކަމެކެވެ. އެހެން ނަމަވެސް ﷲ ތަޢާލާ އެކަލޭގެފާނާއި ތަފާތެވެ! އެހެނީ ﷲތަޢާލާ އަށް ފުރައްސާރަކުރާ މީހާ އޭނާގެ އަމިއްލަ ނަފްސަށްމެނުވީ ގެއްލުންނުދެއެވެ.

ދެންފަހެ ޙައްޤުބަހަކީ މިއީއެވެ: ﷲ ތަބާރަކަ ވަތަޢާލާއަށް ފުރައްސާރަކޮށްފި މީހަކުނަމަ އެމީހެއްގެ ކިބައިން ތައުބާވުމަށް އެދުމެއްނެތި އެމީހަކު ޤަތުލުކުރެވޭނެއެވެ. އޭނާގެ ތައުބާ ޤަބޫލުކުރެއްވުން ވަނީ ﷲ ތަޢާލާ އަށެވެ. އޭނާ އޭނާގެ ނިޔަތާއި އެކު އެއިލާހާއި ބައްދަލުކުރާނެއެވެ. އަދި އެއިލާހުގެ ޢަދުލާއި އެކު އޭނާއާއި އެއިލާހު މުޢާމަލާތްކުރައްވާނެއެވެ. ނުވަތަ އޭނާއަށް ޢަފޫކުރައްވާނެއެވެ.

ﷲ ތަޢާލާ އަށް ފުރައްސާރަކުރާމީހާ ހޯދައި ހައްޔަރުވުމުގެ ކުރިން އޭނާ ތައުބާވެއްޖެނަމަ އޭނާގެ ތައުބާ ޤަބޫލުކުރެވޭނެއެވެ. އެއީ އޭނާގެ ތެދުވެރިކަން ފާޅުވުމުގެ ސަބަބުންނެވެ. އޭނާގެ ޙުކުމަކީ ކުރީގައި ކުފުރުގެ މަތީގައި ތިބެފައި ހަނގުރާމަފަދަ ބާރުގެ ބޭނުންކުރުމަކާއި ނުލައި އަމިއްލަޔަށް އިސްލާމްވާ ކާފަރުންގެ ހުކުމެވެ. އެބައިމީހުން ކުރީގައި ﷲ ތަޢާލާ އަށް ފުރައްސާރަކުރިކަމުގައި އެއްބަސްވިކަމުގައި ވިޔަސް އެބައިމީހުންގެ އިސްލާމްކަން ޞައްޙަވާނެއެވެ.

________________

-ނުނިމޭ-

ކުރީގެ ބައިތައް ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

فضيلة الشيخ عبد العزيز بن مرزوق الطَّريفي ލިޔުއްވާފައިވާ تعظيم الله تعالى و حكم شاتمه ގެ ދިވެހި ތަރުޖަމާ