[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަޤީޤީ އީމާންކަމަކީ ކޮބާ؟

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا محمد وعلى آله وصحبه أجمعين. أما بعد

ތިމަންމެން އީމާންވެއްޖައީމޭބުނެ ގިނަމީހުން ކުރާ ދަޢުވާއަކީ ބާޠިލު ދަޢުވާއެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ (يوسف : 103)

“އަދި ކަލޭގެފާނު ކިތަންމެވަރަކަށް ބެނުންވެވަޑައިގަތަސް، މީސްތަކުންކުރެ ގިނަމީހުން އީމާންވާ ބަޔަކު ކަމުގައެއް ނުވެތެވެ.”

އީމާންކަމަކީ، މި ކައުނު އުފެއްދި އިލާހަކުވާކަމާއި، އުޑުތަކާއި މިބާއި އެދެމެދުގައިވާހައި އެއްޗެއް ޚަލްޤުކުރެއްވީ އެއިލާހުކަން ޤަބޫލުކުރުން އެކަނިކަމުގައި ހަދައި، އެވަރުން ފުއްދާލަނީ ކިތައްމީހުންތޯއެވެ؟ މިއީ ޤުރައިޝުންގެ ތެރޭގައި އުޅުނު ބުދައް އަޅުކަންކުރާމީހުންނާއި، އެހެނިހެން މުޝްރިކުންވެސް އިންކާރުކުރި ކަމެއް ނޫންކަމާއި، އެކަމުގެ ސަބަބުން އިމާންކަމުގެ އަހުލުވެރިންކަމުގައި އެމީހުން ވެގެންނުދާކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ.

ބައެއްމީހުން ދެކޭގޮތުގައި އީމާންކަމަކީ ހަމައެކަނި ޝަހާދަތުގެ ދެކަލިމަ ދުލުންކިޔުމެވެ. އެއާއެކު ޢަމަލުނުކުރިޔަސް އަދި ހިތުންތެދުކޮށް ޤަބޫލުނުކުރިޔަސްމެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި އިމާންކަމަކީ ހަމައެކަނި ހިތުގެ ޢަމަލެކެވެ. ހަމައެކަނި، ﷲތަޢާލާއީ އުޑުތަކާއި ބިމާއި އެދެމެދުގައިވާހައި އެއްޗެއް އުފެއްދެވި އިލާހުކަމާއި، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ އަޅާކަމަށާއި ރަސޫލާކަމަށް ހިތުން ޤަބޫލުކުރުމުން އެމީހުންނަށް ނިމުނީއެވެ. ދުލުން ޝަހާދަތުގެ ދެކަލިމަ ނުކީކަމުގައިވިޔަސް، އަދި ޢަމަލެއް ނުކުރިކަމުގައިވިޔަސްމެއެވެ. އަދި ކިއެއްތަ! ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ފުރައްސާރަކޮށް، އެކަލޭގެފާނުގެ ޝަރީޢަތަށް ފުރައްސާރަކޮށް، މިފަދަ ކިތަންމެބޮޑު ނުބައިކަމަކަށް އަރައިގަތް ކަމުގައިވިޔަސްމެއެވެ.

އަދި އަނެއްބަޔަކު ދެކޭގޮތުގައި އީމާންކަމަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވީ ކިހިނެއްތޯ ބެލުމެއްނެތި، އެމީހުން ހިތުހުރިހާ ގޮތަކަށް ﷲއަށް އަޅުކަންކުރުމެވެ. އެމީހުންނަށް އެއީ ރަނގަޅުކަމެއްކަމަށް ފެނިއްޖެހިނދު، އަޅުކަމުގެ ތެރެއަށް ކަންތައް އިތުރުކޮށްލަންވެސް އެމީހުން ފަހެއް ނުޖެހެއެވެ. އަދި އެހެންމީހުންނަށްވެސް އެގޮތަށް ޢަމަލުކުރުމަށް މަޖުބޫރުކުރަން މަސައްކަތްކުރާތަންވެސް ފެނިގެންދެއެވެ.

އީމާންކަމަކީ، އެމީހުންގެ ކާބަފައިން ކުރަމުން އައިގޮތަށް ޢަމަލުކުރުންކަމުގައި ދެކޭމިހުންވެސް މަދެއްނޫނެވެ. އެއީ ކޮންމެފަދަ ބަޔަކަށް، އެމީހުންގެ ކާބަފައިން ވީކަމުގައިވިޔަސްމެއެވެ. އަދި ކިއެއްތަ! އެމީހުންގެ އީމާންކަން ބިނާވެފައިވަނީ، ‘މިއީ އަހަރެމެންގެ ކާބަފައިންގެގޮތް’ ކަމުގައި ބުނުމާއި، ‘ކާބަފައިން ޢަމަލުކުރިގޮތް އެއީ ރަނގަޅުގޮތް’ ކަމަށް ބުނުމުގެ މައްޗަށެވެ.

އަދި އީމާންކަމަކީ، ރިވެތި އަޚްލާޤާއި، ރަނގަޅު މުޢާމަލާތާއި، އެހެންމީހުންނަށް ހެޔޮކޮށްހިތުމާއި، މީސްތަކުން ކޮންމެގޮތަކަށް އުޅުނަސްހެޔޮ ކަމުގައި ދެކުމާއި، ހިނިތުން މޫނަކާއެކު އެހެންމީހުންނާ ބައްދަލުކުރުން އެކަނިކަމުގައި ދެކޭ މީހުންވެސް މަދެކޭ ނުދެންނެވޭނެއެވެ.

އަދި އިމާންކަމަކީ، ދުނިޔޭގެ ހުރިހާކަމަކުން އެއްކިބާވެ އުޅުން ކަމުގައި ދެކޭ ބަޔަކުވެސް އުޅެއެވެ. އެގޮތަށް އުޅޭމީހަކު ފެންނައިރަށް، އެވަރު މީހަކު ނެތްކަމުގައި ދެކި، އެމީހާއީ އެމީހުންގެ އިމާމުކަމުގައި އެފަދަ މީހުން ހަދަތެވެ. އެއީ ޙަޤީޤަތުގައި ބޮޑު ބިދުޢަވެރިއެއްކަމުގައި ވިޔަސްމެއެވެ.

ނަމަވެސް ޙަޤީޤީ އީމާންކަމަކީ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ގެނެސްދެއްވި ކަންތައް ދެނެގަނެ، ހިތުން އެހުރިހާކަމެއް އެއްވެސް ޝައްކަކާއި ނުރުހުންތެރިކަމަކާއި ނުލައި ތެދުކުރުމާއި، ދުލުން އެކަމަށް އިޤުރާރުވުމާއި، ލޯތްބާއިއެކު އެއަށް ބޯލަނބައި ކިޔަމަންވުމާއި، އެތެރެފުށާއި ބޭރުފުށުން އެއަށް ޢަމަލުކުރުމާއި، ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެހެންމީހުންނަށް ދަޢުވަތު ދިނުމެވެ.

މިފަދައިން އީމާންކަން ފުރިހަމަވެއްޖެހިނދު، އޭނާ ލޯބިކުރާނީވެސް ﷲއަށްޓަކައެވެ. އަދި ރުޅިއަންނާނީވެސް ﷲއަށްޓަކައެވެ. އަދި މީހަކަށް އެއްޗެއް ދޭނީވެސް، ނުދީ ހިފަހައްޓާނީވެސް ﷲއަށްޓަކައެވެ. އޭނާ ކޮންމެ ކަމެއްކުރިޔަސް ކުރާނީ ﷲގެ ދީނުގައި އައިސްފައިވާ އެންމެ ރަނގަޅުގޮތް ހޯދުމަށްފަހު، އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައެވެ. މިކަމަށްޓަކައި އޮތް މަގަކީ، އެތެރެފުށާއި ބޭރުފުށުންވެސް ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެންނެވި މަގުގައި ހިފުމެވެ.