[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާ ފިލާވަޅު 1 (އަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

الحمد لله، والصّلاة والسّلام على نبيّنا محمّد وعلى آله وصحبه أجمعين. أمّا بعد!

ޙައްޤުމަގުގައިވާ ޞައްޙަ ޢަޤީދާއެއްގެ މުހިއްމުކަން ބޮޑުކަމާހުރެ، ޢިލްމުވެރިންގެ ބަސްފުޅުތަކުގެ ޢަލީގައި މިޞައްޙަ ޢަޤީދާ އަޅުގަނޑުގެ ދިވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް، އަޅުގަނޑަށް ލިބިފައިވާ ޢިލްމެއްގެ އަލީގައި ހުށަހަޅައިލުމަކީ މުހިއްމުކަމެއް ކަމުގައި ދެކެމެވެ. އެގޮތުން “ޢަޤީދާ ފިލާވަޅު” މިނަމުގައި ސިލްސިލާކޮށް މިގެނެސްދެވޭ ލިޔުންތަކަކީ އިސްލާމީ ޢަޤީދާގެ މުހިއްމު މައްސަލަތަކަށް އަލިއަޅުވާލައްވާ  އިމާމުއް ޠަޙާވީ ރަޙިމަހުﷲ ލިޔުއްވާފައިވާ، “އަލްޢަޤީދަތުއް ޠަޙާވިއްޔާ”ގެ ނަމުން މަޝްހޫރުވެފައިވާ ފޮތުގެ މެދުމިނުގެ ޝަރަޙައެކެވެ. މިފޮތުގައި އިމާމުއް ޠަޙާވީ ރަޙިމަހުﷲ ޢަޤީދާގެ މުހިއްމު މައްސަލަތައް ކުރުގޮތަކަށް އަލިއަޅުއްވާލައިފައިވެއެވެ. ފޮތަކީ ޒާތުގައި ކުޑަ ފޮތަކަށް ވީނަމަވެސް، މިފޮތަކީ ޢަޤީދާގެ މައްސަލަތަކުގައި އިސްލާމީ ބޮޑެތި ޢިލްމުވެރިން އެފޮތަކަށް އިޢުތިމާދުވާ ފޮތެކެވެ. އެގޮތުން އެތައް ޢިލްމުވެރިންނެއް ވަނީ މިފޮތުގެ ޝަރަޙަތައް ލިޔުއްވާފައެވެ. އެގޮތުން މިފޮތުގެ އެންމެ މަޝްހޫރު ޝަރަޙައެއް ލިޔުއްވާފައިވަނީ ޞަދުރުއްދީން ޢަލީ ބިން ޢަލީ ބިން މުޙައްމަދު ބިން އަބުލް ޢިއްޒުލް ޙަނަފީ ރަޙިމަހުﷲ އެވެ.

އަލުގަނޑު މިޝަރަޙަ ލިޔުމުގައި އެންމެ މުހިއްމު މަޞްދަރުތަކެއްގެ ގޮތުގައި ބަލާލުމަށް ޤަޞްދުކޮށްފައިވަނީ މިފޮތުގެ ހަތަރު ޝަރަޙައަކަށެވެ. އެއީ:

ހ. ޝަރްޙުއް ތަޙާވިއްޔާ ފީ ޢަޤީދަތިއް ސަލަފިއްޔާ – ޞަދުރުއްދީން ޢަލީ ބިން ޢަލީ ބިން މުޙައްމަދު ބިން އަބުލް ޢިއްޒުލް ޙަނަފީ.

ށ. ޝަރްޙު ޢަޤީދަތުއް ޠަޙާވިއްޔާ – ޞާލިޙު ބިން ޢަބްދުލް ޢަޒީޒް ބިން އާލުއް ޝެއިޚް.

ނ. ޝަރްޙު ޢަޤީދަތުއް ޠަޙާވިއްޔާ – ޢަބްދުލް ޢަޒީޒް އައްރާޖިޙީ.

ރ. އައްތަޢުލީޤާތުލް މުޚްތަޞަރާ ޢަލާ މަތުނި އަލްޢަޤީދަތުއް ޠަޙާވިއްޔާ – ޞާލިޙް ބުން ފަވްޒާން ބުން ޢަބްދުﷲ ފަވްޒާން.

ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑަށް މިކަން ފުރިހަމަގޮތުގައި ކުރުމުގެ ތަވްފީޤް ދެއްވުމެވެ. އަދި މީގެ ފައިދާ އަޅުގަނޑުގެ ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފުރިހަމަގޮތުގައި ދެއްވުމެވެ. وما توفيقي إلا بالله وهو حسبي ونعم الوكيل.

އަލްއިމާމުއްޠަޙާވީ ރަޙިމަހުﷲ

އަލްއިމާމުއް ޠަޙާވީ ރަޙިމަހުﷲ ގެ ނަންފުޅަކީ އަބޫ ޖަޢުފަރު އަޙްމަދު ބިން މުޙައްމަދު ބިން ސަލާމާ ބިން ސަލްމަތު ބިން ޢަބްދުލްމަލިކު ބިން ސަލަމަތު ބިން ސަލީމް ބިން ސުލައިމާން ބިން ޖަވާބުލްއަޒްދީ އައްޠަޙާވީއެވެ. އެކަލޭގެފާނު ނިސްބަތްވެފައިވަނީ މިޞްރުގެ އަވަށަކަށެވެ. އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 239 ވަނަ އަހަރުއެވެ.

އެކަލޭގެފާނު އުޅުއްވި ޒަމާނަކީ ފިޤުހާއި ޙަދީޘް ޢިލްމުގެ ރަން ޒަމާނެވެ. އެއީ އިމާމް ބުޚާރީ، މުސްލިމް، އަބޫދާވުދު، ތިރުމިޛީ، ނަސާއީ ރަޙިމަހުމުﷲ ފަދަ މަޝްހޫރު އެތައް ޢިލްމުވެރިންނެއް އުޅުއްވި ޒަމާނެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ޢިލްމު ހޯއްދަވާފައިވަނީ، އަލްއިމާމުއް ޝާފިޢީ ރަޙިމަހުﷲގެ އެންމެ އިސްދަރިވަރުކަމުގައިވާ، އެކަލޭގެފާނުގެ މަންމަ ފަރާތުގެ ބޮޑުބޭބެ އިސްމާޢީލް ބިން ޔަޙްޔާ އަލްމުޒަނީގެ އަރިހުންނެވެ. ހަމައެފަދައިން މިޞްރަށް ވަޑައިގަންނަވާ ކޮންމެ ޢިލްމުވެރިޔެއްގެ ކިބައިން ޢިލްމު ހޯއްދެވުމަށް ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު ޢިލްމު ލިބިވަޑައިގެންނެވި ޢިލްމުވެރިންގެ ޢަދަދު ތިންސަތޭކައަށް އަރައެވެ.

ފިޤްހީ މައްސަލަތައް ދިރާސާކުރެއްވުމުގައި އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ ގެ މަޝްހޫރު ދެދަރިވަރުން ކަމުގައިވާ އަބޫ ޔޫސުފް ޔަޢްޤޫބު ބިން އިބްރާހީމުލް އަންޞާރީއާއި، އަބޫ އަބްދުﷲ މުޙައްމަދު ބިން އަލްޙަސަން އައްޝައިބާނީ ރަޙިމަހުމަﷲ ގެ ފޮތްތަކަށް ގިނަގިނައިން ރުޖޫޢަވަޑައިގަންނަވައެވެ. ނަތީޖާއެއްގެ ގޮތުން އިމާމް ޠަޙާވީ ރަޙިމަހުﷲ ފިޤްހީ މައްސަލަތަކުގައި ބުރަވެވަޑައިގަންނަވާ މަޛްހަބެއްގެގޮތުގައި އިމާމް އަބޫ ޙަނީފާގެ މަޛްހަބު ޚިޔާރުކުރެއްވިއެވެ. ނަމަވެސް ދަލީލާއި މަޛްހަބުގެ ބަހާއި ޚިލާފުވާހިނދު ދަލީލުތަކުގައި ހިއްޕަވައެވެ.

އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި ފިޤްހުން އަރާ ހުންނެވި ބޭކަލެކެވެ. ހަމައެފަދައިން ޙަދީޘް ޢިލްމުގައިވެސް ފާހަގަކުރެވޭ ބޭކަލެކެވެ.      އެކަލޭގެފާނު ލިޔުއްވާފައިވާ ފޮތްތަކަކީ ނުހަނު ގިނަގުނަ ފައިދާތަކެއް އެފޮތްތަކުން ލިބިދޭ، ޢިލްމުވެރިން އެފޮތްތަކަކަށް އިޢްތިމާދުވާ ފޮތްތަކެކެވެ. އެކަލޭގެފާނު ލިޔުއްވާފައިވާ މުހިއްމު ފޮތްތަކުގެ ތެރޭގައި:

1. އަލްޢަޤީދަތުއް ޠަޙާވިއްޔާ

2. މަޢާނިލް އާޘާރު

3. މުޝްކިލުލް އާޘާރު

4. އަޙްކާމުލް ޤުރުއާން

5. އަލްމުޚްތަޞަރު

6. ޝަރްޙުލް ޖާމިޢުލް ކަބީރު

7. ޝަރްހުލް ޖާމިޢުލް ޞަޣީރު

8. އައްޝުރޫޠު

9. އައްނަވާދިރުލް ފިޤްހިއްޔާ

10. އައްރައްދު ޢަލާ އަބީ ޢުބައިދު

11. އައްރައްދު ޢަލާ ޢީސަ ބިން އަބާން، މިފަދަ އެތައް ފޮތެއް ހިމެނެއެވެ.

އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 321 ވަނަ އަހަރުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 82 އަހަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ރަޙްމަތް ލައްވާށި!

(ނުނިމޭ)

ސުވާލު:

1. އިމާމުއް ޠަޙާވީ ރަޙިމަހުﷲގެ ފުރިހަމަ ނަންފުޅަކީ ކޮބާ؟ އަދި އެކަލޭގެފާނުގެ އުފަން ތާރީޚަކީ ކޮބާ؟

2. އިމާމުއް ޠަޙާވީ ރަޙިމަހުﷲ ލިޔުއްވާފައިވާ ބައެއް ފޮތްތަކަކީ ކޮބާ؟

3. އިމާމުއް ޠަޙާވީ ރަޙިމަހުﷲ ލިޔުއްވާފައިވާ “ޢަޤީދަތުއް ޠަޙާވިއްޔާ” ނަމުން މަޝްހޫރުވެފައިވާ ފޮތުގެ އެންމެ މަޝްހޫރު ޝަރަޙައެއް ލިޔުއްވާފައިވަނީ ކޮން ބޭކަލެއް؟

4. “ޢަޤީދަތުއް ޠަޙާވިއްޔާ” އޭ ކިޔުނު ފޮތުގައި އިމާމުއް ޠަޙާވީ އަލިއަޅުއްވާލައިފައިވަނީ ކޮން ކަމަކަށް؟

5. އިމާމުއް ޠަޙާވީ ރަޙިމަހުﷲ އަވަހާރަވި ތާރީޚަކީ ކޮބާ؟