[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 8

އެކަލޭގެފާނުގެ އަޚުލާޤު

الخلال ވިދާޅުވިއެވެ. އަބޫ ޢަބްދުﷲގެ އަދަބުވެރިކަމުގެ ވާހަކަ ކިޔައިދެއްވަމުން أبو بكر المروزي ގެ އަރިހުން ރިވާކުރައްވާ محمد بن حسين ތިމަންބޭކަލުންނަށް ކިޔާދެއްވިއެވެ.

“އަބޫ ޢަބްދުﷲ އަކީ ޚުލްޤުނުބައި މީސްތަކުންނާއިމެދު ނުބައިކޮށް ކަންތައްކުރައްވާ ބޭކަލެއްނޫނެވެ. މީހަކު އެކަލޭގެފާނާއި މެދު ނުބައިކޮށް ކަމެއްކޮށްފިނަމަ ޙިލްމުވެރިވެލައްވައެވެ. (އެބަހީ މަޑުމަތިރިވެ ހެޔޮގޮތުގައި މެނުވީ މުޢާމަލާތް ނުކުރައްވައެވެ.) އަދި އެކަންތައްތައް ތަޙައްމަލުކުރައްވައެވެ. އަދި ވިދާޅުވެއެވެ. “ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ.” އަދި އެފަދައިން ކަންތައް ކުރާ މީހަކާއި ޢަދާވާތްތެރިވާނެ ވަގުތެއް ބަލައި ގެއްލުމެއްދޭނެ ފުރުސަތެއް ލިބޭތޯ ނުބައްލަވައެވެ. އަދި އެކަލޭގެފާނު ކަންކަމުގައި އަވަސްއަރިވެސް ނުގަންނަވައެވެ. އެކަލޭގެފާނަކީ ތަވާޟުޢުވެރިކަން ބޮޑުބޭފުޅެކެވެ. ޚުލްޤު ހެޔޮބޭފުޅެކެވެ. އަބަދުވެސް ހުންނަވަނީ ހިނިތުންވެގެންވާ ހާލުގައެވެ. އެކަލޭގެފާނަކީ ކައިރީގައި އުޅުއްވާމީހުންނަށް މަޑުމޮޅިވެލައްވާ ބޭފުޅެކެވެ. ހަރުކަށި ބޭކަލެއް ނޫނެވެ. ﷲއަށްޓަކައި ލޯބިވެ ﷲއަށްޓަކައި ރުޅިއަންނަ ބޭކަލެކެވެ. ދީނުގެ ކަމެއްގައި ނަމަ އެކަލޭގެފާނު ކޯފާއިސްކުރައްވައެވެ. އަވަށްޓެރިންނާއި ކައިރީއުޅޭ މީހުންގެ އުނދަގޫތައް ތަޙައްމަލު ކުރައްވައެވެ.”[1]

أبو داود السجستانيގެއަރިހުން ރިވާވެގެންވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އަޙްމަދު ބުން ޙަންބަލް އަކީ ދުނިޔެވީ ކަންކަމުގައި މީސްތަކުންނާއިއެކު ބޭކާރު ވާހަކަދައްކާ އުޅުއްވާ ބޭކަލެއް ނޫނެވެ. އެހެންނަމަވެސް ޢިލްމީ ކަންކަމުގައި ވާހަކައެއް ދެކެވިއްޖެނަމަ އެކަލޭގެފާނު ވާހަކަފުދައްކަވަން ފައްޓަވައެވެ.”[2]

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.

“އަޙްމަދު ބުން ޙަންބަލުގެ މަޖުލީސްތަކަކީ އާޚިރަތުގެ މަޖުލީސްތަކެކެވެ. އެކަލޭގެފާނުގެ މަޖުލީސްތަކުގައި ދުނެވީ ވާހަކައެއް ނުދައްކަވައެވެ. އެކަލޭގެފާނު ދުނިޔެވީ ވާހަކައެއް ޛިކުރުކުއްވަނިކޮށް ތިމަންކަލޭގެފާނު ދުވަހަކުވެސް އަޑު ނާއްސަވަމެވެ.”[3]

أبو الحسن بن المنادي ގެއަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ކާފަ ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.

“އަޙްމަދު ބުން ޙަންބަލް އަކީ އެންމެ ހެޔޮވެގެންވާ މީސްތަކުންގެ ތެރެއިންވާ ބޭކަލެކެވެ. އަދި މީސްތަކުނެގެ ތެރެއިން އެންމެ މާތްވެގެންވާ ބޭކަލުންގެ ތެރެއިންވާ ބޭކަލެކެވެ. އަދި މީސްތަކުނެގެ ތެރެއިން އެންމެ އަދަބުވެރި، އެންމެރިވެތި ދިރިއުޅުމެއް އުޅުއްވާ ބޭކަލުންގެ ތެރެއިންވާ ބޭކަލެކެވެ. އަދި މަޑުމައިތިރިކަމުގެ ގޮތުން ގިނަވަގުތު އިސް ޖައްސަވައިގެން ހުންނަވާ ބޭކަލެކެވެ. އަދި ހުތުރު ކަންތައްތަކުންނާއި ބޭކާރު ކަންތައްތަކުން މޫނުއަނބުރާލައިގެންވާ ބޭކަލެކެވެ. ޙަދީޘް ކިޔުއްވާއަޑާއި ޞާލިޙުންގެ ވާހަކައާއި ޒުހުދުވެރިކަމުގެ ވާހަކައާއި ހިތްމަޑުމޮޅިކުރުމުގެ ވާހަކައާއި މަޑުމައިތިރިވުމުގެ ވާހަކައާއި އަދި މިނޫންވެސް ކޮންމެވެސް ހެޔޮބަހެއް މެނުވީ އެކަލޭގެފާނުގެ އަރިހުން އަޑުނުއިވޭނެއެވެ. މީހަކާއި ބައްދަލުވެއްޖެނަމަ އެކަމާ އުފާކުރައްވާ އެމީހަކާ ކުރިމަތިލައްވައެވެ. އަދި އެކަލޭގެފާނުގެ ޝައިޚުންގެ އަރިހުގައި ވަރަށް ބޮޑަށް ތަވާޟުޢުވެރިވެ ލައްވައެވެ. (މަޑުމައިތިރިވެލައްވައެވެ.) އެބައިމީހުންނަށް މާތްކޮށް ހިއްތަވާ މަތިވެރިކުރައްވައެވެ. އަދި ޚާއްޞަކޮށް ޔަޙްޔާ ބުން މަޢީންގެ އަރިހުގައި އެހެން އެއްވެސް ބޭކަލަކަށްވުރެ ބޮޑަށް ތަވާޟުޢުވެރިވެލައްވާ މަތިވެރިކުރައްވައެވެ. ޔަޙްޔާ ބުން މަޢީން އެކަލޭގެފާނަށްވުރެ ގާތްގަނޑަކަށް ހަތް އަހަރު ބޮޑުވާނެއެވެ. އަދި އެކަލޭގެފާނު މިސްކިތުން ގެއަށް ވަޑައިގަންނަވާއިރު ގެޔަށް ވަދެވަޑައިގަތުމުގެ ކުރިން ފައިން ބިންމަތީގައި ޖައްސަވައެވެ. އެއީ ގޭގެ އަހުލުވެރިންނަށް އެކަލޭގެފާނު ގެއަށް ވަދެވަޑައިގަންނަވާކަން އެންގެވުމަށްޓަކައެވެ.”[4]

أبو نعيم އެކަލޭގެފާނުގެ ސަނަދުން عباس بن محمد الدوريގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ތިމަންކަލޭގެފާނު މަންމަ ނުހިނގިފައި ގާތްގަނޑަކަށް ވިއްސަކަށް އަހަރު ހުންނެވިއެވެ. އެއްދުވަހަކު މަންމަ ތިމަންކަލޭގެފާނަށް ދަންނަވައިފިއެވެ. “އަޙްމަދު ބުން ޙަންބަލްގެ އަރިހަށް ދާށެވެ. އަދި ތިމަންކަމަނާއަށް ދުޢާކޮށްދެއްވުމަށް އެދޭށެވެ.” ދެން ތިމަންކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް ދިޔައީމެވެ. ދެން އިމާމު އަޙްމަދުގެ ގޭގެ ފެންޑާގެތެރޭގައި ހުރެ އެކަލޭގެފާނުގެ ގޭގެ ދޮރުގައި ޓަކި ޖެހީމެވެ. އެކަލޭގެފާނު ތިމަންކަލޭގެފާނަކަށް ދޮރު ހުޅުވައެއް ނުދިނެވެ. އަދި ދެންނެވިއެވެ. “ކާކުހެއްޔެވެ؟” ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. “ތިމަންނައަކީ މިވެނި ހިސާބުގަނޑެއްގެ މީހަކީމެވެ. ތިމަންކަލޭގެފާނު މަންމަ ތިމަންކަލޭގެފާނުގެ އަރިހުން އެދި ދެންނެވީ ކަލޭގެފާނުގެ އަރިހަށްގޮސް މަންމަ އަށް ދުޢާކޮށްދެއްވުމަށް އެދި ދެންނެވުމަށެވެ. އެކަމަނާ ނުހިނގި އިންނަތާ ޒަމާންތަކެއް ވެއްޖެއެވެ.” ދެން އެކަލޭގެފާނު ދަންނަވައިފިއެވެ. “ތިމަންބޭކަލުންވަނީ ތިޔަބައިމީހުންގެ ދުޢާއަށް މާބަށް ބޭނުން ޖެހިގެންނެވެ.” ތިމަންކަލޭގެފާނަށް އެކަލޭގެފާނުގެ އަޑު އިވުނީ ވަރަށް ރުޅިއައިސްފައި ހުރި މީހެއްގެ އަޑު އިވުނުހެންނެވެ. ދެން ތިމަންކަލޭގެފާނު އެނބުރި ދިޔުމަށްޓަކައި ހިނގައިގަތީމެވެ. އެވަގުތު އެކަލޭގެފާނުގެ ގެކޮޅުން މުސްކުޅި އަންހެނަކު ނުކުތެވެ. އޭނާ ދެންނެވިއެވެ. “ދެންމެ އަބޫ ޢަބްދުﷲއާ ވާހަކަދެއްކީ ކަލޭހެއްޔެވެ؟” ތިމަންނަ ދެންނެވީމެވެ. “އާއެކެވެ.” އޭނާ ދަންނަވައިފިއެވެ. “ކަލޭ އޭނާ ދޫކޮށްފައި ތިދަނީ އެކަމަނާއަށް ދުޢާކުރައްވަން ހުއްޓައެވެ.” ދެން ތިމަންކަލޭގެފާނު އަވަސް އަވަހަށް ގެއަށް އައީމެވެ. ގެއަށް އައިސް ގޭގެ ދޮރުގައި ޓަކި ޖެހީމެވެ. އެވަގުތު ތިމަންކަލޭގެފާނުގެ މަންމަ ދެފައިން ހިނގައިފައި އައިސް ދޮރު ހުޅުވާ ނުކުމެއްޖެއެވެ. އަދި ވިދާޅުވިއެވެ. “ﷲތަޢާލާ ތިމަންކަމަނާއަށް ޝިފާ ދެއްވައިފިއެވެ.””[5]

الحسين بن إسماعيلގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕަ ވިދާޅުވަނިކޮށް އަޑުއެއްސެވީމެވެ.

“އިމާމު އަޙްމަދުގެ މަޖުލީހުގައި ފަސްހާސް ނުވަތަ އެއަށްވުރެވެސް ގިނައަދެއްދެގެ މީހުން ޖަމާވެއެވެ. އޭގެތެރެއިން އެކަލޭގެފާނު ކިޔުއްވާ އެއްޗެއް ލިޔުއްވަނީ ފައްސަތޭކައަަށްވުރެވެސް މަދު ބައެކެވެ. ބާކީ ތިބިހާ ބަޔަކު ދަސްުކުރައްވަނީ އެކަލޭގެފާނުގެ އަދަބުވެރިކަމާއި އަޚުލާޤާއި ރިވެތިގޮތުގައި ހަނުހުންނަ ހުރުމެވެ.”[6]

أبو بكر الموعي ގެއަަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“ބާރަ އަހަރު ވާންދެން ތިމަންކަލޭގެފާނު އަޙްމަދު ބުން ޙަންބަލްގެ އަރިހަށް ގޮސްއުޅުނީމެވެ. އެކަލޭގެފާނުގެ އަރިހަށް ދާއިރު އެކަލޭގެފާނު އިންނަވާނީ އެކަލޭގެފާނު ލިޔުއްވާފައިވާ “މުސްނަދު” އެކަލޭގެފާނުގެ ދަަރީންނަށް ކިޔައިދެއްވާށެވެ. އެއިން އެންމެ ޙަދީޘެއްވެސް ތިމަންކަލޭގެފާނު ނުލިޔުއްވަމެވެ. އެހެންނަމަވެސް ތިމަންކަލޭގެފާނު ބެއްލެވީ އެކަލޭގެފާނު ދައްކަވާ ރިވެތި ގޮތްތަކަށާއި އަޚުލާޤަށާއި އެކަލޭގެފާނުގެ އަދަބުވެރިކަމަށެވެ.”[7]

(ނުނިމޭ)


[1] سير أعلام النبلاء للذهبي (11/214)

[2]  المنهج الأحمد (1/27)

[3]  المنهج الأحمد (1/27)

[4]  المنهج الأحمد (1/27)

[5] أبو نعيم في الحلية (9/187,186 )

[6]  المنهج الأحمد (1/26)

[7]  المنهج الأحمد (1/27)

މިލިޔުމުގެ އެހެންބައިތައް