[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަރިކުރެވޭ އަންހެނާއަށް ފިރިމީހާގެ ފަރާތުންދޭ މުދާ 4

4 ޙުކުމް

މިމައްސަލާގައި ޚިލާފުވެފައިވާ ނުކުތާ

– ފިޤުހުވެރިން އިއްތިފާޤުވެފައިވާ ގޮތުގައި އަނބިމީހާގެ ސަބަބުން ކައިވެނި ރޫޅާލައިފިނަމަ އޭނާއަށް ވަރިކުރުމުން ދޭ މުދަލެއް އޭނާއަށް ޙައްޤުނުވާނެއެވެ. އެއީ މިސާލަކަށް އަނބިމީހާ ޚުލްޢުވަރިއަކުން ވަރިވުމުންނެވެ. ނުވަތަ އޭނާ މުރުތައްދުވުމުންނެވެ.

– އަދި ފިރިމީހާގެ ސަބަބަން ވަރިވާންޖެހިއްޖެ ކޮންމެ ޙާލަތެއްގައި އަނބިމީހާއަށް މުދަލެއް ދިނުމަށް ޝަރުޢުކުރައްވާފައިވާކަމަށްވެސް އެބޭކަލުންވަނީ އިއްތިފާޤުވެފައެވެ.

– ނަމަވެސް ޚިލާފުވެފައިވަނީ މިކަން ޝަރުޢުކުރައްވާފައިވަނީ ކޮން ދަރަޖައެއްގައިކަމާއި، ވަރިކުރެވޭ އަނބީންގެ ތެރެއިން މި ޙައްޤުވަނީ ކޮންބަޔަކަށް ކަމުގައިއެވެ.

 

މިމައްސަލާގައި ޚިލާފުވެފައިވާ ސަބަބު

ފުރަތަމައީ: އަނބީންނަށް މުދަލެއް ދިނުމަށް އައިސްފައިވާ އާޔަތުގައިވާ ޤަރީނާއާ މެދު ވަނީ ޚިލާފުވެފައެވެ. އެއީ ވާޖިބެއްކަމަށް ވިދާޅުވާ ބޭފުޅުންވަނީ އެއާޔަތުގައި އަމުރެއް އައިސްފައިވުމުން އެފަދައިން ވިދާޅުވެފައެވެ. އެއީ ސުންނަތެއް ކަމުގައި ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ ޤަރީނާއެއް އޮތުމުން ވާޖިބުވުމުގެ ދަރަޖައިން ސުންނަތެއްގެ ދަރަޖައަށް އެޙުކުމް ބަދަލުވާކަމުގައެވެ.

 

ދެވަނައީ: ﴿ وَمَتِّعُوهُنَّ ﴾ މިއާޔަތުގެ މުރާދާމެދު ޚިލާފުވެފައިވެއެވެ. އެއީ މިއާޔަތުގެ މުރާދަކީ ހުރިހާ ބާވަތެއްގެ ވަރިން ވަރިކުރެވޭ އަންހެނުން ތޯ ނުވަތަ ބައެއް ވައްތަރުތަކުގެ ވަރިން ވަރިކުރެވޭ އަންހެނުން ތޯ އެވެ.

 

ތިންވަނައީ: މިއާޔަތް ޚާއްޞަ ކުރުމާމެދު ޚިލާފުވެފައިވެއެވެ.

– އެއީ ހުރިހާ ވައްތަރެއްގެ ވަރިން ވަރިކުރެވޭ އަނބިންކަމުގައި ދެކިލައްވާ ބޭކަލުން މިއާޔަތުން ޢާންމު މާނަ ނަންގަވައެވެ. އަދި ހުރިހާ ވައްތަރެއްގެ ވެރިންވަރިކުރެވޭ ކަނބަލުންނަށް ވަރިމުދާ ދިނުމަށް ވާޖިބުކުރައްވައެވެ.

– އެހެން އާޔަތަކުން މިއާޔަތް ޚާއްޞަކުރެވިފައިވާކަމަށް ވިދާޅުވާ ބޭކަލުން ބައެއްވައްތަރުގެ ވަރިން ވަރިކުރެވޭ އަނބީންނަށް ވަރިމުދާ ވާޖިބުކުރައްވައެވެ.

 

ހަތަރުވަނައީ: މިކަމާމެދު ޞަޙާބީ ބޭކަލުން ޢަމަލުކުރައްވާފައިވާ ގޮތް ޚިލާފުވެފައިވެއެވެ. އެގޮތުން ހުރިހާ ބާވަތެއްގެ ވަރިން ވަރިކުރެވޭ އަނބީންނަށް ވަރިމުދާ ބައެއް ޞަޙާބީން ދެއްވިއިރު އަނެއްބައި ޞަޙާބީން ދެއްވާފައިވަނީ ބައެއް ވައްތަރުގެ ވަރިން ވަރިކުރެވޭ އަނބީންނަށެވެ.

 

= ނުނިމޭ =

 

ލިޔެ ޖަމާކުރީ

އައްޝައިޚް ޔާމީން ނާޞިރު

އައްޝައިޚް ޢިމްރާން މުޙައްމަދު

 

________________________

މިލިޔުމުގެ އެހެނިހެން ބައިތައް