[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 8

ޤަވާޢިދު: الـمُفْتِـي مُخْبِرٌ عَنِ الـحُكْمِ لَا مُلْزِمٌ بِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {މުފްތީއަކީ ޙުކުމުގެ ޚަބަރުދޭ ފަރާތެއް، ޙުކުމް ލާޒިމުކުރާ ފަރާތެއް ނޫން}

މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދަކީ މުފްތީގެ ވަޒީފާއަކީ ކޮބައިކަން ބަޔާންކޮށްދޭ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ދެ ބައެއް އެބަ ހިމެނެއެވެ. ފުރަތަމަ ބައިގައި ބަޔާންވެފައި އެވަނީ، މުފްތީއަކީ ޝަރުޢީ ޙުކުމުގެ ޚަބަރުދޭ ފަރާތެއް ކަމުގައެވެ. އެއީ، ދިމާސީދަލަށް ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުން ކަމުގައިވިޔަސް، ނުވަތަ މުޖުތަހިދު އިމާމުންކުރެ އެ ބޭފުޅާ ތަބާވާ އިމާމެއްގެ ބަސްފުޅަކުން ދޭހަވި ގޮތެއްގެ މައްޗަށް ބިނާކޮށްކަމުގައިވިޔަސް މެއެވެ. މިއިން ކޮންމެ ގޮތަކުންނަމަވެސް، މުފްތީ އެ ޚަބަރުދެއްވަނީ އެ ބޭފުޅާއަށް އެނގިހުރި އަދި އެ ކަމަކާ މެދު ހިތްހަމަޖެހިގެންވާ ގޮތަށެވެ.

ދެވަނަ ބައިގައި ބަޔާންވެފައި އެވަނީ، މުފްތީއަށް ފަތުވާ ލިބިގަންނަ ފަރާތަށް އެ ބޭފުޅާގެ ފަތުވާއަށް ޢަމަލުކުރަން ލާޒިމުކުރުމުގެ ސިފަ ލިބިގެނެއް ނުވެއެވެ. އެހެންކަމުން، ފަތުވާ ލިބިގަންނަ ފަރާތަށް އެ ފަތުވާއަށް ޢަމަލުކުރުން ލާޒިމުވެގެނެއް ނުވެއެވެ. މަޖުބޫރުވެގެނެއް ނުވެއެވެ. އެހެންނަމަވެސް، އެ ފަތުވާއާ އެއްގޮތަށް ޢަމަލެއް ކުރަން ފަށައިފިނަމަ ނުވަތަ އެ ގޮތަށް ޢަމަލުކުރަން ޢަޒުމްކަނޑައަޅައިފިނަމަ، އެ ފަތުވާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. އެހެނީ، ނިޔަތަކީ ޢަމަލުގެ އަސާސެވެ. ވީއިރު، ޢަމަލެއްކުރުމަށް ނިޔަތްގަނެއްޖެނަމަ، އެ ކަމަށް އޭގެ ޙުކުމް ކަނޑައެޅިގެންދާނެއެވެ. މިއީ، އިބްނުއް ޞަލާޙްއާއި އިބްނު މުފްލިޙްއާއި އަލްމަރްދާވީއާއި އިބްނުއް ނައްޖާރުފަދަ ބައެއް ބޭފުޅުން ގެންނަވާފައިވާ ރައުޔެވެ.

އަދި ބުނެވޭގޮތުން، އެ ފަތުވާއަށް ތަބާވާނޭކަމަށް ދުލުން ބުނެ އެ ޢަމަލުކުރަން ޢަޒުމްކަނޑައެޅުމުން މެނުވީ އެ ފަތުވާއަށް ޢަމަލުކުރުން އޭނާއަށް ލާޒިމެއް ނުވާނެއެވެ. މި ހާލަތުގައި އޭނާގެ އެ ޢަޒުމްކަނޑައެޅުން ވާހުށީ، ފުއްދުން ލާޒިމުވާ ނަދުރެއްފަދަ ކަމަކަށެވެ. މިއީ، އިބްނުއް ސަމްޢާނީ ނައްޞުކުރައްވާފައިވާ، އަދި ޙަންބަލީންގެ ތެރޭގައި އޮންނަ ވަޖުހެއް ކަމުގައި އިބްނުލް ޤައްޔިމު ވިދާޅުވެފައިވާ، އަދި ޞައްޙަކަން ބޮޑު ގޮތް ކަމުގައި އައްޒަރުކަޝީ ވިދާޅުވެފައިވާ ގޮތެވެ.

އަދި ބުނެވޭގޮތުން، ފަތުވާދިނުމާއެކު ފަތުވާ ލިބިގަތް ފަރާތަށް އެއަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. އެއީ، އެ ފަތުވާއަށް ޢަމަލުކުރަން ޢަޒުމުކަނޑައެޅިކަމުގައިވިޔަސް ނުވަތަ ނުވިޔަސް މެއެވެ. އެ ފަތުވާއަށް ތަބާވާނޭ ކަމަށް ދުލުން ބުނިކަމުގައިވިޔަސް ނުވަތަ ނުވިޔަސް މެއެވެ. މިއީ، އިބްނުލް ބަންނާފަދަ ބައެއް އުޞޫލީ ޢިލްމުވެރިންގެ ރައުޔެވެ.

އަދި ބުނެވޭގޮތުން، އެ ފަތުވާގެ ޞައްޙަކަމާއި ޙައްޤުކަންބޮޑުކަމާ މެދު ފަތުވާ ލިބިގަތް ފަރާތަށް ބުރަވެވޭނަމަ، އެއަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. އިބްނުއް ސަމްޢާނީ ވިދާޅުވެފައިވެއެވެ. [މިއީ، އެންމެ އައުލާވެގެންވާ ގޮތެވެ.]

އަދި ބުނެވޭގޮތުން، އޭނާއަށް ފަތުވާދެއްވީ އެންމެ ޢިލްމުވެރި އަދި އެންމެ އިތުބާރުކުރެވޭ ބޭފުޅާކަމުގައިވާނަމަ، އެ ފަތުވާއަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. މިއީ، އައްޒަރުކަޝީ ގެންނަވާފައިވާ ރައުޔެކެވެ.

އަދި އިބްނުއް ޞަލާޙް ވިދާޅުވަނީ، އެ ރަށުގައި އިތުރު މުފްތީއެއް ނެތްނަމަ، އެ ފަތުވާއަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. އެ ރަށުގައި އެއް މުފްތީއަށްވުރެ ގިނަ މުފްތީން ތިއްބެވިނަމަ، އެއިން ކޮންމެވެސް އެއް ބޭފުޅެއްގެ ފަތުވާގައި ހިފުމުގެ ފުރުޞަތު އެބަ އޮތެވެ.

ކޮންމެއަކަސް، މުފްތީގެ ފަތުވާއަށް ޢަމަލުކުރުން ލާޒިމުނުވާނެކަމަށް ޖުމްލަގޮތެއްގައި ދެންނެވިޔަސް، ބައެއް ހާލަތްތަކުގައި މުފްތީގެ ފަތުވާއަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. އޭގެ ތެރޭގައި: އެ ފަތުވާ ނެރެވިފައިވަނީ އުއްމަތުގެ ޢާއްމު މަޞްލަޙަތު ރައްކާތެރިކުރުމާ ގުޅޭ ކަމެއްގައި ނުވަތަ ޢާއްމު ފަސާދައެއް ދުރުކުރުމާ ގުޅޭ ކަމެއްގައި ކަމަށް ވުމެވެ. މިސާލަކަށް، މާދަމާއަކީ ރަމަޟާންމަހުގެ އެންމެ ފަހު ދުވަސްކަމުގައި ކަނޑައަޅައި ވަކި ރަށެއްގައި ފަތުވާދިނުމެވެ. މި ހާލަތުގައި އެ ރަށުގެ އަހުލުވެރިންނަށް އެ ފަތުވާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވާނެއެވެ. އަދި އިސްލާމީ ބޭންކުތަކާއި ކުންފުނިތައްފަދަ އިސްލާމިކް އިންވެސްޓްމަންޓް މުއައްސަސާތަކަށް ޤާނޫނުތަކުންނާއި ޢާއްމު ނިޒާމުތަކުން ލާޒިމުކޮށްގެން، އެ ތަންތަނުން އެ ތަންތަނުގެ ކަންކަން އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކުރިޔަށްދޭތޯ ބެލުމަށާއި އެ ތަންތަނަށް ބޭނުންވާ ކަންކަމުގައި ފަތުވާދިނުމަށް ކަނޑައަޅާފައިވާ ޝަރުޢީ ކޮމިޓީތަކުން ނެރޭ ޤަރާރުތަކާއި ރައުޔުތަކާއި ފަތުވާތަކަށް އެ ތަންތަނުން ޢަމަލުކުރުން ލާޒިމުވާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް