[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الضحى ގެ ތަފްސީރު 8

وَوَجَدَكَ ضَالًّا فَهَدَىٰ އާ ގުޅިފައިވަނީ މިއާޔަތެވެ.

﴿وَأَمَّا السَّائِلَ فَلَا تَنْهَرْ

މާނައީ: :” އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!  “

ކަމަކަށް އެދި އަންނަ މީހުންގެ ތެރެއަށް އެންމެ ފުރަތަމައިނުންވެސް ވަންނާނެ މީހުންނީ، ޝަރީޢަތާއި ޢިލްމާމެދު ސުވާލުކުރާ މީހާއެވެ. އެމީހާއަށް އަޑުލައި ނުހައްދަވާށެވެ. އެހެނީ ހަމަކަށަވަރުން ކަލޭގެފާނުން ކުރެ މީހަކު ޝަރީޢަތާއި މެދު ސުވާލުކޮށްފިނަމަ ޖަވާބު ދިނުން ވަނީ ކަލޭގެފާނަށް ވާޖިބު ކުރެވިގެންނެވެ. އަންނަނިވި އާޔަތުގައިވާ ފަދައިންނެވެ.

﴿وَإِذْ أَخَذَ اللَّهُ مِيثَاقَ الَّذِينَ أُوتُوا الْكِتَابَ لَتُبَيِّنُنَّهُ لِلنَّاسِ وَلَا تَكْتُمُونَهُ فَنَبَذُوهُ وَرَاءَ ظُهُورِهِمْ وَاشْتَرَوْا بِهِ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ [آل عمران : 187]

މާނައީ: ” އަހުލުކިތާބީންގެ ކިބައިން ﷲ، عهد ކަށަވަރު ހިއްޕެވިހިނދު ހަނދުމަ ކުރާށެވެ! އެ ޢަހުދަކީ ތިޔަބައިމީހުން މީސްތަކުންނަށް އެ ފޮތް ބަޔާންކޮށް ދިނުމަށާއި، އެ ފޮތް ވަންހަނާ ނުކުރުމަށް ހިއްޕެވި ޢަހުދެވެ. ދެން، އެއުރެންގެ ފުރަގަހަށް އެ ޢަހުދުއެއްލައިލިއެވެ. އަދި، އެއުރެން އެ ފޮތަށް ކުޑައަގެއް ގަތެވެ. ފަހެ، އެއުރެން އެ ގަންނަ ތަކެތީގެ ނުބައިކަމާއެވެ!”

އެމީހުންނަށް އަޑުލައި ނުހަދާށެވެ. ނޫންނަމަ އެމީހުން ކަލޭގެފާނާއި ދުރުހެލިވެދާނެތެވެ. ހަމައެއާއި އެކު ކަލޭގެފާނު އެމީހާ އަށް އަޑުލައި ހަދައިފިނަމަ ދަންނާށެވެ. އެމީހާ ޤަބޫލުކުރަނީ ކަލޭގެފާނުވަނީ އޭނާއަށް ވުރެ މަތިވެރިވެގެން ކަމަށެވެ. އެހެނީ އޭނާއަށް ވުރެން ކަލޭގެފާނު މަތިވެރިކަމުގައި އޭނާ ޤަބޫލުނުކުރާނެނަމަ، އޭނާ އައިސް ކަލޭގެފާނާއި ސުވާލުނުކުރާނެތެވެ. އޭނާ އެހެން ދެކޭ ޙާލު ކަލޭގެފާނު އެމީހާއަށް އަޑުލައިފިނަމަ އޭނާއަށް ބިރު ހީވެދާނެއެވެ. އަދި އޭނާކުރަން އުޅޭ ސުވާލު ރަނގަޅަށް ނުކުރެވިދާނެއެވެ. ނުވަތަ ޖަވާބު ރަނގަޅަށް ނުވިސްނިދާނެއެވެ. ތިބާ ވިސްނާށެވެ. ތިބާއަށްވުރެ ބޮޑުމީހަކާ ތިބާ ވާހަކަދައްކަން ފެށުމުން އޭނާ ތިބާއަށް އަޑުލައިފިނަމަ ތިބާއަށް އެކަމުން އުނދަގޫކަން އިޙުސާސުވެ ހަމަވިސްނުމުން ވިސްނަން ދަތިވާނެއެވެ. އެހެންކަމުން ކަމަކަށް އެދި އަންނަ މީހާއަށް އަޑު ނުލާށެވެ.

އަދި މިކަމުގައި މުދަލެއް އެދި އަންނަ މީހުން ހިމެނިދާނެއެވެ. އެބަހީ: ތިބާގެ ކައިރިއަށް މީހަކު މުދަލަށް އެދި އަތުވެއްޖެނަމަ ފަހެ އޭނާއަށް އަޑު ނުލާށެވެ. ނަމަވެސް މިޢާންމުކަން ބައެއް ކަންކަމަށް ޚާއްޞަކުރެވިގެންވެއެވެ. މިސާލަކަށް ޢިލްމީ މައްސަލައެއްގައި ތިބާއަށް އުނދަގޫކުރަން މީހަކު ސުވާލުކޮށްފާނެއެވެ. އެގޮތުން ތިބާގެ ރައުޔާއި އެކި އެކި ޢިލްމުވެރިންގެ ބަސްތައް އެއްކޮށްފައި އެ ބަސްތައް ތަފާތުކަން ޘާބިތުކުރަން އުޅެދާނެއެވެ. ތިބާއަށް އެފަދަ ކަމެއް އެނގިއްޖެނަމަ އެފަދަ މީހަކާ ދިމާއަށް އެއްޗެއް ބުނުމުގެ ޙައްޤު ތިބާއަށް ލިބިގެންވެއެވެ.

ތިބާއަށް ބުނެވިދާނެއެވެ. “އޭ މިވެނި މީހާއެވެ! ތިބާ ﷲ އަށް ބިރުވެތިވާށެވެ. މިވެނި މީހަކާ ތިޔަ ސުވާލު ނުކުރަން ހެއްޔެވެ؟ އޭނާއާ ސުވާލުކުރުމަށްފަހުވެސް ތިމަންނައާ ތިޔަ ސުވާލު ތިޔަ ކުރަނީ ކީއްވެ ހެއްޔެވެ؟ ﷲ ގެ ދީނާ ގުޅުންހުރިކަމެއްގައި ތިބާ ކުޅިވަރުކުޅެނީ ހެއްޔެވެ؟ ތިބާ އެދޭ ގޮތަށް ޖަވާބު ދީފިނަމަ ހަނުހުރެއެވެ. އަދި ނުރުހޭ ގޮތަށް ދީފިނަމަ އެކި މީހުންކައިރި އެސުވާލު ތަކުރާރުކުރެއެވެ.”

މިފަދައިން ޖަވާބުދިނުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެއީ އަދަބުވެރިކުރުމުގެ ތެރެއިންވާކަމެކެވެ. ހަމައެފަދައިން މުދަލަށް އެދި އަންނަ މީހާއި މުއްސަންޖެއްކަން ތިބާއަށް އެނގޭނަމަ ފަހެ އޭނާއަށްވެސް އެއްޗެއް ބުނުމުގެ ޙައްޤު ތިބާއަށް ލިބިގެންވެއެވެ. އަދި މުއްސަންޖަކަށްވެ ހުރެ އެފަދަ ކަމެއްކުރުމުން އެކަމަށް އިންކާރުކުރުމުގެ ޙައްޤު ތިބާއަށް ލިބިގެންވެއެވެ. އެހެންކަމުން މިއާޔަތުގައި ޢާންމު މާނައެއް އައިސްފައިވީނަމަވެސް މަޞްލަޙަތު ނިޔާކުރާގޮތަށް ބެލުމަށްފަހު ބައެއް ޚާއްޞަ ޙާލަތްތަކުގައި ކަމަކަށް އެދި އަންނަ މީހަކާ ދިމާއަށްވެސް އެއްޗެއް ބުނެވިދާނެއެވެ.

= ނުނިމޭ =

މިސޫރަތުގެ އެހެނިހެން ބައިތައް