[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التكاثر ގެ ތަފްސީރު 3

އެއަށްފަހު އެއިލާހު ވަޙީކުރެއްވިއެވެ.

كَلَّا سَوْفَ تَعْلَمُونَ﴿٣﴾ ثُمَّ كَلَّا سَوْفَ تَعْلَمُونَ ﴿٤﴾ 

މާނައީ: ” ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

[3] ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. [4]  “

﴿ كَلَّا ﴾ ގެ މާނައަކީ ބިރުގެންނެވުންކަމުގައިވެސް ބުނެވެއެވެ. އެބަހީ: ތިޔަބައިމީހުން އެފަދައިން ގިނަކުރުމަށް ބިރުވެތިވާށެވެ.

އަދި އޭގެ މާނައަކީ: ޙައްޤުގޮތުގައިކަމުގައިވެސް ބުނެވެއެވެ.

އަދި ﴿ سَوْفَ تَعْلَمُونَ ﴾ ގެ މާނައަކީ ތިޔަބައިމީހުން ކުޅަ ޢަމަލުތަކުގެ ނިމުން އާޚިރަތް ދުވަހުން ތިޔަބައިމީހުންނަށް އެނގޭނެތެވެ. އަދި އެފަދައިން އިތުރުކުރުމުން ތިބާއަށް އެއިން ފައިދާއެއް ނުކުރާނެއެވެ. ނަބިއްޔާ صلى الله عليه وعلى آله وسلم ގެ އަރިހުން އިމާމު މުސްލިމު ރިވާކުރެއްވި ޙަދީޘްގައި އައިސްފައިވެއެވެ.

« يَقُولُ ابْنُ آدَمَ مَالِى مَالِى – قَالَ – وَهَلْ لَكَ يَا ابْنَ آدَمَ مِنْ مَالِكَ إِلاَّ مَا أَكَلْتَ فَأَفْنَيْتَ أَوْ لَبِسْتَ فَأَبْلَيْتَ أَوْ تَصَدَّقْتَ فَأَمْضَيْتَ » [رواه مسلم]

މާނައީ: ” އާދަމުގެ ދަރިޔާ ބުނެއެވެ. އަހަރެންގެ މުދަލެވެ. އަހަރެންގެ މުދަލެވެ. ތިބާއަށް ތިބާގެ މުދަލުން ތިބާކައިގެން ހަޖަމުކުރި އެއްޗައް ނުވަތަ ލައިގެން ބާކުރި ހެދުމެއް ނުވަތަ ޞަދަޤާތްކޮށްގެން އިސްކުޅަ އެއްޗެއް މެނުވީ ވޭ ހެއްޔެވެ؟ “

އޭގެ އިތުރަށްވާ އެއްޗަކީ އެހެން މީހުންނަށް ތިބާ ދޫކޮށްފައިދާނޭ ތަކެއްޗެވެ. އަހަރުމެންގެ މުދަލަކީ އަހަރުމެންގެ ކުރިމަތީގައި މިވާ ތަކެއްޗެވެ. އެއީ ކައި ފަނާކުރި އެއްޗެކެވެ. ނުވަތަ ލައިގެން ބާކުރި ހެދުމެކެވެ. ނުވަތަ ޞަދަޤާތްކޮށްގެން ޤިޔާމަތް ދުވަހަށްޓަކައި އިސްކުރި އެއްޗެކެވެ. ނުވަތަ އެހެން މީހުންނަށްޓަކައި ދޫކޮށްފައިދާ އެއްޗެކެވެ. މިހަތަރުބައިން ވުރެ އިތުރުކަމަކަށް އަހަރެމެންގެ މުދާ ހޭދަނުކުރެވޭނެއެވެ. އެގޮތުން އާޚިރަތުން އެއްކިބާވެ (ދުނިޔަވީ ކަންތައްތައް) ގިނަކުރުމަށްޓަކައި ކުރި މަސައްކަތުގެ ނިމުން ތިބާއަށް އެނގޭނެތެވެ.

﴿ثُمَّ كَلَّا سَوْفَ تَعْلَمُونَ﴾ ގައި މިވާ ޖުމުލައަކީ ކުރިން ބަޔާންކުރެވުނު އިންޒާރު ދެވަނަފަހަރަށް ކަށަވަރުކޮށްދިނުމެވެ.

ދެން އެއަށްފަހު ވަޙީކުރެއްވިއެވެ.

﴿كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ﴾ 

މާނައީ: “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.

އެބަހީ: ޔަޤީންކަމުގެ ޢިލްމުން ތިޔަބައިމީހުންނަށް އެނގޭނަމަ، ތިޔަ ތިބީ ބޮޑުވެގެންވާ އޮޅުމަކާ މަގުފުރެދުމެއްގައިކަން އެނގޭނެއެވެ. ނަމަވެސް ޔަޤީންކަމުގެ އެނގުމުން ތިބާއަށް ނޭނގެނީއެވެ. އެހެނީ ތިޔަބައިމީހުން ތިޔަވަނީ މިދުނިޔޭގައި ޣާފިލުކަންމަތީގައެވެ.

=ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް