[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التكاثر ގެ ތަފްސީރު 5

﴿ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ﴾ 

މާނައީ: “ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ.”

އެބަހީ: އެމަތިވެރިވެގެންވާ މަޤާމުގައި އެހިނދުން ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުވެވޭނެއެވެ.

މިއާޔަތުގެ މުރާދާމެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އެއީ ކާފިރުންނާ ސުވާލުވެވުންތޯ ނުވަތަ މުއުމިނުންނާ ކާފިރުންނާވެސް ސުވާލުވެވުންތޯއެވެ.

ރަނގަޅު ގޮތަކީ: ދެބައިމީހުންނާވެސް އެދުވަހުން ނިޢުމަތްތަކާމެދު ސުވާލުވެވޭނެކަމެވެ. ނަމަވެސް ކާފިރުންނާ ސުވާލުކުރެވޭނީ އެބައިމީހުން ބަދުނާމުވެ ދެރަވާ ގޮތަށެވެ. އަދި މުއުމިނުންނާ ކުރެވޭނީ އެބައިމީހުންނަށް އެނިޢުމަތްތައް ހަނދުމަކޮށްދެވޭ ގޮތަށެވެ. މިއާޔަތުގައި މިވާ ސުވާލުކުރެއްވުމަކީ ހުރިހާ އެންމެނަށް ޢާންމުކޮށް ހިނގާނޭކަމުގެ ދަލީލަކީ ނަބިއްޔާ صلى الله عليه وعلى آله وسلم އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ހާދިޘާއެވެ.

އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ. އެއްދުވަހަކު ނުވަތަ އެއް ރެއަކު ނަބިއްޔާ صلى الله عليه وسلّم ނުކުމެވަޑައިގަތެވެ. ފަހެ އެހިނދު އަބޫބަކުރުގެފާނާއި ޢުމަރުގެފާނާ ބައްދަލުވެވަޑައިގަތެވެ. ޙަދީޘްކުރެއްވިއެވެ. “މިވަޤުތު ތިޔަބޭކަލުން ގެތަކުން ނެރުނީ ކޮންކަމެއް ހެއްޔެވެ؟” ޖަވާބުގައި އެދެބޭކަލުން ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ބަނޑުހައިހޫނުކަމެވެ.” ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުވެސް މެއެވެ. އެއިލާހެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. ތިމަންކަލޭގެފާނުވެސް ގެއިން ނެރުނީ ތިޔަދެބޭކަލުންވެސް ގެއިން ނެރުނު ކަންތަކެވެ. ތެދުވާށެވެ.” ފަހެ އެދެބޭކަލުން ތެދުވެގެން އެކަލޭގެފާނާއެކު އަންޞާރިއްޔަ ބޭކަލެއްގެ ގެއަށް ވަޑައިގަތެވެ. އެކަލޭގެފާނު އެވަޤުތު ގޭގައި ނޫޅުއްވައެވެ. ފަހެ އޭނާގެ އަނބިމީހާއަށް ރަސޫލާ ފެނިވަޑައިގަތުން ދެންނެވިއެވެ. “މަރުޙަބާއެވެ.” ފަހެ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “މިވެނި މީހަކު (އެބަހީ: ފިރިކަލުން) ކޮބާ ހެއްޔެވެ؟” ދެންނެވިއެވެ. “އޭނާ ދިޔައީ އަޅުގަނޑުމެންނަށް ބޯ ފެންފޮދެއް ގެންނާށެވެ.” އެހިނދުން އެއަންޞާރިއްޔަ އަތުވެއްޖެއެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلّم އާ އެކަލޭގެފާނުގެ ދެއެކުވެރިންނަށް ބައްލަވާލެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. “ﷲ އަށް ޙަމްދު ހުއްޓެވެ. މިއަދު އަޅުގަނޑަށް ލިބިފައިމިވާފަދަ މާތް މެހެމާނުންތަކެއް އެހެން މީހަކަށް ނުލިބޭނެއެވެ.” ދެން އެއަށްފަހު ކަދުރު ކޯޅިއެއް ހިފައިގެން އަތުވެއްޖެއެވެ. އޭގައި ރޯކަދުރާ ހިކިކަދުރާ އަދި އެދެމެދުގެ ކަދުރުވެއެވެ. ދެންނެވިއެވެ. “މީގެން ފަރީއްކުޅުވާށެވެ.” ދެން އެކަލޭގެފާނު ވަޅި ނެގުމުން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ކިރުލިއްބައިދޭ ޖަނަވާރެއް ކަތިލުމުން ރައްކާތެރިވާށެވެ.” ދެން ކަންބަޅިއެއް ކަތިލެއްވުމުން އެބޭކަލުން އެއިން ފަރީއްކުޅުވިއެވެ. އަދި އެކަދުރުކޯޅިންވެސްމެއެވެ. ދެންފަހެ ހައިހޫނުކަން ފިލުމުން ﷲ ގެ ރާސޫލާ صلى الله عليه وسلّم އަބޫބަކުރުގެފާނަށާ އަދި ޢުމަރުގެފާނަށް ޙަދީޘްކުރެއްވިއެވެ. ” އެއިލާހެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން މިނިޢުމަތްތަކާމެދު ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ސުވާލުވެވޭނެއެވެ. ތިޔަބޭކަލުން ގެތަކުން ނެރުނީ ބަނޑުހައިހޫނުކަމެވެ. އެއަށްފަހު ތިޔަބޭކަލުން ގެއަށް ތިޔަ ރުޖޫޢަވަނީ މިނިޢުމަތް ލިބިގެންނެވެ. ” [أخرجه المسلم]

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

” އެއިލާހެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. މިއީ ޤިޔާމަތްދުވަހުން އެނިޢުމަތްތަކާމެދު ތިޔަބައިމީހުންނަށް ސުވާލުވެވޭނެ ނިޢުމަތްތަކެވެ. ފިނި ހިޔާވެހިކަމާއި ރަނގަޅު ކަދުރާ އަދި ފިނިފެނެވެ.”

 

ކާފިރުންނާ އަދި މުސްލިމުންނާވެސް ސުވާލު ވެވޭނެކަމުގެ ދަލީލަކީ މިއީއެވެ. ނަމަވެސް ކުރެވޭ ސުވާލު ތަފާތުވާނެއެވެ. މުއުމިނުންނާ ކުރެވޭނީ ﷲގެ ނިޢުމަތްތައް ހަނދުމަކޮށްދިނުމުގެ ސުވާލެވެ. އޭގެ ސަބަބުން އޭނާއަށް އުފާވެރިކަން ލިބޭނެއެވެ. އަދި އޭނާއަށް މިދުނިޔޭގައި ނިޢުމަތްދެއްވި ފަރާތުން އާޚިރަތުގައިވެސް ނިޢުމަތްދެއްވާނެކަން އެނގޭނެއެވެ. އެބަހީ: މިދުނިޔޭގައި ﷲ ގެ ނިޢުމަތްލިބުމުގެ މަތިވެރިކަންލިބުނު ފަދައިން އާޚިރަތުގައިވެސް އޭނާއަށް އެކަން ލިބޭނެއެވެ. ނަމަވެސް ކާފިރުންނާ ކުރެވޭނީ ބަދުނާމުކޮށް އެއުރެންނަށް ކުރެވުނު ކަންކަމާމެދު ހިމާތަކުރާފަދަ ސުވާލެވެ.

 

نسأل الله تعالى أن يستعملنا في طاعته، وأن يجعل ما رزقنا عونًا على طاعته، إنه على كل شيء قدير.

 

=ނިމުނީ =

މިލިޔުމުގެ އެހެނިހެން ބައިތައް