[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 25

25ވަނަ ޤަވާޢިދު (ޖުމްލަ 60): عُلُوُّ السَّنَدِ مُعْتَبَرَةٌ فِي التَّرْجِيْحِ بَيْنَ الـخَبَرَيْنِ بَعْدَ تَسَاوِيْهِمَا فِي الصِّحَّةِ

މި ޤަވާޢިދުގެ ތަރުޖަމާ: {ދެ ޚަބަރު ޞައްޙަކަމުގައި އެއްވަރުވުމުން، އެ ދޭތީގެ މެދުގައި ތަރުޖީޙުދިނުމުގައި ސަނަދުގެ ޢުލުއްވުއަށް ބަރޯސާވެވޭނެ}

މި ޤަވާޢިދުގެ މުރާދު: ބޭރުފުށުން ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، ސަނަދުގެ ޞައްޙަކަމުގައި އެ ދޭތި އެއްވަރުވެފައި، އެ ތަނުން އެއް ޚަބަރުގެ ސަނަދު އަނެއް ޚަބަރަށްވުރެ ޢުލުއްވުވެފައި ވާނަމަ، ސަނަދު ޢުލުއްވު ޚަބަރު އަނެއް ޚަބަރުގެ މައްޗަށް އިސްކުރެވޭނެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ.

ސަނަދު ޢުލުއްވުވުމޭ ނުވަތަ އިސްނާދު ޢުލުއްވުވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ސަނަދުގެ ޠަބަޤާތަކުގައި ހިމެނޭ ރާވީންގެ އަދަދު މަދުވުމެވެ. އެހެން ޢިބާރާތަކުންނަމަ، ޙަދީޘް ފޯރުކޮށްދެއްވި ރާވީއާއި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ދެމެދު ސަނަދުގައިވާ ރާވީންގެ އަދަދު މަދުވުމެވެ. މިސާލަކަށް، އިމާމު ބުޚާރީ ރިވާކުރެއްވި އެއް ޙަދީޘުގެ ސަނަދުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައާ ދެމެދު ފަސް ރާވީން ތިބެފައި، އަނެއް ޙަދީޘުގެ ސަނަދުގައި ހަތް ރާވީން ތިބިނަމަ، މި ތަނުން ސަނަދު ޢުލުއްވު ޙަދީޘަކީ ނުވަތަ ޚަބަރަކީ، ފަސް ރާވީން ސަނަދުގައި ތިބި ޙަދީޘެވެ.

މިއާ ޚިލާފަށް، ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމުވެރިންގެ ޢިބާރާތްތަކުގެ ބޭރުފުށުން ފެންނަންއޮތީ، އިސްނާދު ޢުލުއްވުވުމަށް ބިނާކޮށް ތަރުޖީޙުދިނުން އެ ބޭފުޅުން މަނާކުރައްވާ ކަމުގައެވެ. މި ކަމުގައި ޙަނަފީން މަޞްދަރެއްގެ ގޮތުގައި ބޭނުންކުރަނީ، އަލްއައުޒާޢީ އަލްމަސްޖިދުލްޙަރާމްގައި އަބޫޙަނީފާއާ ބައްދަލުވި ކަމަށް ރިވާވެފައިވާ ރިވާޔަތެވެ. އަލްއައުޒާޢީ ވިދާޅުވިއެވެ: [ޢިރާޤުގެ އަހުލުވެރިން ރުކޫޢުއަށް ދާއިރުގައްޔާއި ރުކޫޢުއިން ތެދުވާއިރު އަތްތައް ނުއުފުލަނީ ކީއްވެގެން ހެއްޔެވެ؟ އަހުރެންނަށް ޒުހުރީ ކިޔައިދެއްވިއެވެ. (ޒުހުރީ) ސާލިމުގެ އަރިހުން، (ސާލިމު) އިބްނު ޢުމަރުގެ އަރިހުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ((كان يرفع يديه عند الركوع وعند رفع الرأس منه)) (ރުކޫޢުއަށްދާއިރުގައްޔާއި ރުކޫޢުއިން ތެދުވާއިރު އެ ކަލޭގެފާނުގެ ދެ އަތްޕުޅު އުފުއްލަވާ ކަމަށެވެ.)] ޖަވާބުގައި އަބޫޙަނީފާ ވިދާޅުވިއެވެ: [އަހުރެންނަށް ޙައްމާދު ކިޔައިދެއްވިއެވެ. (ޙައްމާދު) އިބްރާހީމުގެ އަރިހުން، (އިބްރާހީމް) ޢަލްޤަމާގެ އަރިހުން، (ޢަލްޤަމާ) އިބްނު މަސްޢޫދުގެ އަރިހުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ((كان يرفع يديه عند تكبيرة الافتتاح، ثم لا يعود)) (ހަށަންބަން ތަކުބީރު ކިޔާއިރު ދެ އަތް އުފުއްލަވާ ކަމަށާއި، ދެން އެ ކަން ތަކުރާރު ނުކުރައްވާ ކަމަށެވެ.)] އެހިނދު އަލްއައުޒާޢީ ވިދާޅުވިއެވެ: [އަބޫޙަނީފާއާމެދު އަޖާއިބު ހީވެއެވެ. އަހުރެން ސާލިމުގެ އަރިހުން ޒުހުރީ ގެނެސްފައިވާ ޙަދީޘް އެބަ ކިޔައިދެމުއެވެ. އެ ބޭފުޅާ ތިމަންނައަށް އިބްރާހީމް އައްނަޚްޢީގެ އަރިހުން ޙައްމާދު ގެނެސްފައިވާ ޙަދިޘް އެބަ ކިޔައިދެއެވެ.] އެހިނދު އަބޫޙަނީފާ ވިދާޅުވިއެވެ: [ޙައްމާދުއާމެދު (ދަންނައެވެ!) ފަހެ، އެ ބޭފުޅާގެ ފިޤުހުވެރިކަން އައްޒުހުރީއަށްވުރެ ބޮޑެވެ. އަދި އިބްރާހީމް އައްނަޚްޢީއާމެދު (ދަންނައެވެ!) ފަހެ، އެ ބޭފުޅާގެ ފިޤުހުވެރިކަން ސާލިމަށްވުރެ ބޮޑެވެ. އަދި އިބްނު ޢުމަރަކީ ޢަލްޤަމާއަށްވުރެ ކުރީގެ ބޭފުޅެއްކަމުގައިނުވީނަމަ ޢަލްޤަމާއަކީ އެ ބޭފުޅާއަށްވުރެ ފިޤުހުވެރިކަން ބޮޑު ބޭފުޅެއްކަމުގައި އަހުރެން ބުނީމުހެވެ. އަދި ޢަބްދުﷲ (އެބަހީ، ޢަބްދުﷲ ބްނު މަސްޢޫދު) އާމެދު (ދަންނައެވެ!) ފަހެ، އެ ބޭފުޅާއީ ހަމަ ޢަބްދުﷲ (އެބަހީ، ޢަބްދުﷲ ބްނު ޢުމަރުފަދަ ބޭފުޅެކެވެ.]

އެހެންނަމަވެސް، ޢަބްދުލްޢަލިއްޔު އަލްއަންޞާރީއާއި އަލްމުޠީޢީފަދަ ޙަނަފީންކުރެ ބައެއް ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި، ސަނަދު ޢުލުއްވުވުމަށް ބިނާކޮށް ތަރުޖީޙުދިނުމަށް މުޠުލަޤުކޮށް އިންކާރުކުރުމަކަށް މި ހާދިސާއަކުން ލާޒިމެއް ނުކުރެއެވެ. އެހެނެއްކަމަކު، މި ހާދިސާއިން އެނގިގެންދަނީ، ސަނަދު ޢުލުއްވުކޮށް އޮތް ޚަބަރުގެ އިދިކޮޅުގައިވާ ޚަބަރުގެ ރާވީންގެ ފިޤުހުވެރިކަން ބޮޑުނަމަ، ފިޤުހުވެރިކަން ބޮޑު ރާވީން ހިމެނޭ ސަނަދު އޮތް ޚަބަރަށް ތަރުޖީޙުދިނުން އިސްކުރެވޭނެކަމެވެ. އެހެންކަމުން، މި ހާދިސާގައި އެ ވަނީ، ތަރުޖީޙުދެވޭނޭ ދެ އެތި ތަޢާރުޟުވާ ހާލަތުގައި ކަންކުރެވޭނެ ގޮތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =