[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 26

26ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الـمُوَافِقُ لِظَاهِرِ القُرْآنِ مُقَدَّمٌ عَلَى غَيْرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުގެ ބޭރުފުށާ އެއްބަސްވާ ޚަބަރު އެ ނޫން ޚަބަރުގެ މައްޗަށް އިސްކުރެވިގެންވޭ}

މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ބޭރުފުށުން ތަޢާރުޟުވެފައިވާއިރު، އެ ދެ ޚަބަރަކީ ވެސް ޞައްޙަކަމުގައި އެއްވަރު ދެ ޚަބަރުކަމުގައިވެފައި، އެ ތަނުން އެއް ޚަބަރަކީ ކީރިތި ޤުރުއާނުގެ ބޭރުފުށާ އެއްބަސްވާ ޚަބަރަކަށްވާނަމަ، އެފަދައިން ނެތް ޚަބަރުގެ މައްޗަށް އެ ޚަބަރު އިސްކުރެވޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. މި ގޮތަށް ތަޢާރުޟުވާހިނދު ޤުރުއާނުގެ ބޭރުފުށާ އެއްބަސްވާ ޚަބަރު އިސްކުރެވޭ ސަބަބަކީ، އެހާރުން އެހެން ދަލީލަކުން އެ ޚަބަރު ވަރުގަދަކޮށްދޭތީއެވެ.

މިއާ ޚިލާފަށް، ޙަނަފީން ވިދާޅުވަނީ، އެ ގޮތަށް ޤުރުއާނުގެ ބޭރުފުށާ އެއްބަސްވާ ޚަބަރު އިސްނުކުރެވޭނެކަމުގައެވެ. އެ ބޭފުޅުން ދެކިވަޑައިގަންނަވަނީ، ދަލީލެއް ވަރުގަދަވުމުގައި ބަރޯސާވެވޭނީ އެ ދަލީލުގެ ޒާތުގައި އެކުލެވޭ ސިފައަކަށް ކަމުގައެވެ. އެހެން ދަލީލެއް އެ ދަލީލާ ގުޅިލާމެހިފައިވާ ވުމަކަށް ނޫނެވެ. ދެން ފަހެ، ތަޢާރުޟުވާ ދެ ޚަބަރުގެ ތެރެއިން އެއް ޚަބަރަށް އެއްބަސްވާ ގޮތުގައި އޮންނަ ޤުރުއާނުގެ ބޭރުފުށަކީ، އެ ދެ ޚަބަރުގެ ތެރެއިން ރާޖިޙު ޚަބަރުގެ ސިފައަކަށް ނުވާނެއެވެ. އެހެނެއްކަމަކު އެއީ މުސްތަޤިއްލު ދަލީލެކެވެ. އެހެންކަމުން، ޙަނަފީންގެ އަރިހުގައި އެއީ ތަރުޖީޙުދެވޭނޭ ކަމެއް ނޫނެވެ.

ކޮންމެއަކަސް، ޚަބަރެއް ޤުރުއާނުގެ ބޭރުފުށާ އެއްބަސްވާތީ އެހެން ޚަބަރެއްގެ މައްޗަށް އިސްކުރެވޭނަމަ، ޚަބަރެއްގެ މާނައިގެ ގޮތުގައި ދެ މާނައަކާމެދު އިޙްތިމާލު އުފެދިއްޖެ ހާލަތުގައި، އެ ތަނުން އެއް މާނަ ޤުރުއާނުގެ ބޭރުފުށާ އެއްބަސްވާނަމަ، އެ މާނަ އެހެން މާނަތަކުގެ މައްޗަށް އިސްކުރުން މާ އައުލާކަން ބޮޑުވެގެން ވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ((الحج جهاد والعمرة تطوع)) (ޙައްޖަކީ ޖިހާދެއް، އަދި ޢުމްރާއަކީ ސުންނަތް ކަމެއް) ޙަދީޘްއާއި ((الحج والعمرة فرضان لا يضرك بأيهما بدأت)) (ޙައްޖާއި ޢުމްރާއަކީ ދެ ފަރުޟު، އެއިން ކޮންމެ ކަމަކުން ތިބާ ފެށިޔަސް ތިބާއަށް ގެއްލުމެއް ނެތް) ޙަދީޘްއާ ދެމެދު އުފެދިފައިވާ ތަޢާރުޟުވުމެވެ. މި ދެ ޙަދީޘަކީ ވެސް ޞައްޙަ އަދި ދަރަޖައިގެ ގޮތުން އެއްވަރު ދެ ޙަދީޘްކަމަށް ބަލާނަމަ، އައްޝާފިޢީއާއި އަޙްމަދުއާއި ޡާހިރީންގެ އަރިހުގައި މި ތަނުން ދެވަނަ ޙަދީޘަށް ތަރުޖީޙުދެވޭނެއެވެ. އެއީ، ދެވަނަ ޙަދީޘުގައި ޢުމްރާގެ ވާޖިބުކަމާމެދު ޤުރުއާނުގެ ބޭރުފުށާ އެއްބަސްވެފައިވާތީއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. (وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ) (ސޫރަތުލްބަޤަރާ: 196 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ﷲ އަށްޓަކައި ޙައްޖާއި ޢުމްރާ ފުރިހަމަކުރާށެވެ!] އެހެނީ، އާޔަތުގައި ފުރިހަމަކުރުމަށް ކުރެވިފައިވާ އަމުރުން ދަލީލުކޮށްދެނީ އެ ކަމުގެ ވާޖިބުކަމެވެ. ހަމައެފަދައިން، ޙައްޖާއެކު ޢުމްރާ ގެނެސްފައިވުމުން ދަލީލުކޮށްދެނީ ޢުމްރާގެ ވާޖިބުކަމެވެ. އެހެންކަމުން، ދެވަނަ ޙަދީޘް ޤުރުއާނުގެ ބޭރުފުށާ އެއްބަސްވާތީ އެ ޙަދީޘް އިސްކުރެވޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =