[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 39

39ވަނަ ޤަވާޢިދު (ޖުމްލަ 60): النَّهْيُ مُقَدَّمٌ عَلَى الأَمْرِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރުގެ މައްޗަށް ނަހީ އިސްކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: ދެ ދަލީލެއް ނުވަތަ ދެ ޙަދީޘެއް ވާރިދުވެފައިވާއިރު، އެ ތަނުން އެކަތީގައި ވަނީ އަމުރެއް ކަމުގައިވެފައި އަދި އަނެކަތީގައި ވަނީ ނަހީއެއް ކަމުގައިވެފައި، އެއީ އެއް ވަގުތެއްގައި ކުރަންއޮތް އެއް ކަމަކާ ގުޅޭ ދެ ދަލީލު ނުވަތަ ދެ ޙަދީޘްކަމުގައިވެފައި، އެ ދޭތި ޖަމްޢުކުރަން ނުކުޅެދިއްޖެނަމަ، އަމުރު އޮތް ދަލީލުގެ މައްޗަށް ނަހީ އޮތް ދަލީލު އިސްކުރެވޭނެއެވެ. ސަބަބަކީ، ނަހީކުރެވިގެންވާ ކަންތައް ދޫކޮށްލުމުގައި ފަސާދަ ދުރުކުރުން ހިމެނޭއިރު، އަދި އަމުރުވެވިގެންވާ ކަންތައް ކުރުމުގައި މަޞްލަޙަތު ރައްކާތެރިކުރުން ހިމެނޭއިރު، މަޞްލަޙަތު ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައްޗަށް ފަސާދަ ދުރުކުރުން އިސްކުރެވޭނެތީއެވެ. އަދި މިއީ ބުއްދީގެ އަހުލުވެރިންގެ އަރިހުގައި ވެސް ޤަރާރުވެވިފައިވާ ގޮތެވެ. އެހެނީ، ހުރިހާ ފަސާދައެއްވެސް މަތަކޮށް ދުރުކުރުން ވާޖިބުވާނެއެވެ. އެހެންނަމަވެސް، ހުރިހާ މަޞްލަޙަތެއް ރައްކާތެރިކުރުން ވާޖިބެއް ނުވާނެއެވެ.

ﷲ ތަޢާލާ އެ އިލާހުގެ އަޅުތަކުންނަށް ޢަމަލުތަކުގެ ތެރެއިން ކުޅަދާނަނޫން ކަމަކަށް ތަކުލީފެއް ނުޖައްސަވަތެވެ. އަދި އަމުރެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، ބުރަކަމެއް އެކުލެވޭތީ އެ ތަކެއް ޢަމަލުތަކެއް އެ އިލާހު ވަނީ އެބައިމީހުންނަށް ކުރަން ނުޖައްސަވައި ދޫކޮށްލައްވާފައެވެ. އެބައިމީހުންނަށް އޮތް ރުޚުޞާއެއްގެ ގޮތުންނާއި ރަޙްމަތެއްގެ ގޮތުންނެވެ. އަދި ނަހީތަކާ މެދު (ދަންނައެވެ!) ފަހެ، އެއިން ކަމަކަށް އަރައިގަތުމަށް އެއްވެސް މީހަކަށް އުޒުރުދެވިފައެއް ނުވެއެވެ. އެއިން ކަމަކަށް އަރައިގަތީ އެއިން ކަމަކަށް ގެންގޮސްދޭ ކަންކަމާއި ޝަހުވާނިއްޔަތުގެ ވަރުގަދަކަމުން ކަމުގައި ވިޔަސް މެއެވެ. އަދި ކިޔެއްތަ! ހުރިހާ ހާލަތެއްގައި ވެސް އެ ކަންކަމުން ދުރުހެލިވާން އެބައިމީހުންނަށް ތަކުލީފުޖެއްސެވިއެވެ. ޟަރޫރީ (މަޖުބޫރީ) ހާލަތުގައި ކުރެވިފައިވާ އިސްތިޘްނާއެއް ފިޔަވައެވެ.

މިސާލަކަށް، މިސްކިތަށް ވަންނަ މީހާ އިށީނުމުގެ ކުރިން ދެ ރަކުޢަތް ނަމާދެއް ކުރުމަށް އަމުރުވެވިފައިވާ ޙަދީޘުގެ މައްޗަށް، ނަމާދުކުރުން މަކުރޫހު ވަގުތުތަކުގައި (އެބަހީ، އިރުއަރަން ފެށީއްސުރެ ބޮންތިއަކާ ހަމައަށް އިރުއަރައްޖައުމަށް ދާންދެން، އަދި އިރު މެދުއުޑުގައިޖެހުމަށްފަހު އޮއްސުމާވީ ދިމާއަށް ކުޑަތަންކޮޅެއް ޖެހިލުމަށް ދާންދެން، އަދި އިރުއޮއްސޭ ވަގުތުފަދަ ވަގުތުތަކުގައި) ނަމާދުކުރުން ނަހީކުރެވިފައިވާ ޙަދީޘް ގިނަ ޢިލްމުވެރިން އިސްކުރައްވަތެވެ. ސަބަބަކީ، އަމުރުގެ މައްޗަށް ނަހީ އިސްކުރެވޭނެތީއެވެ. އެހެންކަމުން، ނަމާދުކުރުން މަކުރޫހު ވަގުތެއްގައި މިސްކިތަށް ވަންނަ މީހާ ތަޙިއްޔަތުލްމަސްޖިދްގެ ދެ ރަކުޢަތްކުރުން ގިނަ ޢިލްމުވެރިންގެ އަރިހުގައި ހުއްދައެއް ނުވާނެއެވެ. (މުތަރުޖިމު: އެހެންނަމަވެސް، ތަޙްޤީޤުކުރައްވާ އެ ތަކެއް ޢިލްމުވެރިންނެއް ދެކިވަޑައިގަންނަވަނީ މަކުރޫހު ވަގުތުތަކުގައި ނަމާދުކުރުން ނަހީކުރެވިފައިވަނީ ސަބަބެއްނެތި ނަމާދުކުރާނަމައެވެ. ސަބަބެއް އޮވެ ނަމާދުކުރާނަމަ، އެ ނަހީގެ ތެރެއަށް ނުވަންނާނެކަމުގައެވެ. މިސްކިތަށް ވަނުމަކީ ތަޙިއްޔަތުލްމަސްޖިދްގެ ދެ ރަކުޢަތްކުރުން ހުއްދަވާ ސަބަބެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، މަކުރޫހު ވަގުތުތަކުގައި ވެސް ތަޙިއްޔަތުލްމަސްޖިދްގެ ދެ ރަކުޢަތް ކުރުން ހުއްދަވާނެއެވެ. ހުއްދަނުވާނީ އިތުރަށް ސުންނަތް ނަމާދު ކުރުމެވެ. އަދި ބޮޑަށް ބުރަވެވެނީ ވެސް މި ރައުޔަށެވެ.)

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =