[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 2

2ވަނަ ޤަވާޢިދު (ޖުމްލަ 189): أَلْفَاظُ العُمُومِ تَقْتَضِي العُمُومَ بِالوَضْعِ

މި ޤަވާޢިދުގެ ތަރުޖަމާ: {عُمُومُ ލަފްޒުތައް وَضْعُ ކުރުމުން عُمُومُ ވުން ލާޒިމުކުރޭ}

މި ޤަވާޢިދުގެ މުރާދު: ބަހުގެ ގޮތުން عُمُومُ އަކީ، ކަމެއް ގިނަ އެއްޗެހިތަކެއްގައި ޝާމިލުވުމެވެ. އެ ކަމަކީ، ލަފްޒެއް ކަމުގައި ވިޔަސް ނުވަތަ އެހެން އެއްޗެއް ކަމުގައި ވިޔަސް މެއެވެ. އިޞްޠިލާޙީ ގޮތުން العُمُومُ (ޢާއްމުކަން) އަކީ، ލަފްޒެއް އެއް ފަހަރު ގެނައުމުން، އޭގެ މާނައިގެ ތެރެއަށް ވަންނަ ތަކެތީގެ ތެރެއަށް ވަދެގެންދިޔުމެވެ. ލަފްޒު އެންމެ ފަހަރަކު ބޭނުންކުރުމުން، އެއަށް އެކަށީގެންވާ ތަކެއްޗަށް ވަދެގެންދިއުމެވެ. އެހެނީ، العَامُّ އަކީ، އެންމެ ފަހަރަކު ބޭނުންކުރުމުން، އެއަށް އެކަށީގެންވާ އެންމެހާ ތަކެއްޗަށް ވަދެގެންދާ ލަފްޒެކެވެ. މިސާލަކަށް، [މުސްލިމުން] މި ލަފްޒުގެ ތެރޭގައި އިސްލާމްކަމުގެ ސިފައިން ސިފަކުރެވޭ އެންމެން ޝާމިލުވާނެއެވެ. އަދި ހަމަ އެ ވަގުތު އޭގެ މައްޗަށް ބިނާކޮށް ދަލީލުނެގުމަށް އެ އެކަށީގެންވެއެވެ. އެންމެ ފަހަރަކު އެ ލަފްޒު ބޭނުންކުރިކަމުގައި ވިޔަސް މެއެވެ. މުޝްތަރިކު ފަދައިން ގިނަ ފަހަރު ބޭނުންކުރާކަށް ނުޖެހޭނެއެވެ. އަދި އިޞްޠިލާޙީ ގޮތުން الوَضْعُ އަކީ، އެއްޗެއް އެއްޗަކުން ތަޚްޞީޞް (ޚާއްޞަ) ކުރުމެވެ. އެއީ، އެ އެތީގެ ނަން ގަނެވިއްޖެހިނދެއްގައި، އޭގެ މުރާދަކީ ދެވަނަ އެތި ކަމުގެ ވިސްނުން ލިއްބައިދޭ ގޮތުންނެވެ. މިސާލަކަށް، ވަކި ބާވަތެއްގެ ވައްތަރެއްގެ ޖަނަވާރަކަށް الأَسَدُ (މިނިކާވަގު) ގެ ނަންދީ އެ ބާވަތުގެ ޖަނަވާރު އެ ނަމަށް ޚާއްޞަކުރުމެވެ. އެގޮތުގެ މަތިން، މިނިކަވަގޭ ބުނެވިއްޖެ ކޮންމެ ފަހަރަކު ވެސް ސިކުނޑިއަށް އަންނާނީ އެ ބާވަތުގެ ޖަނަވާރެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، عُمُومُ އަށް ދަލީލުކޮށްދޭ، ވަކި ޚާއްޞަ ޞީޣާތަކެއް އެއަށް ލިބިގެންވާ ކަމުގައެވެ. އަދި އެފަދަ ޞީޣާތައް ޢަރަބިބަހުގެ އަޞްލުގައި ކަނޑައެޅިފައިވާ ކަމުގައެވެ. އެ ޞީޣާތައް عُمُومُ ގައި ބޭނުންކުރެވެނީ ޙަޤީޤީ މާނައިގައެވެ. خُصُوصُ ގައި ބޭނުންކުރެވިއްޖެ ޙާލަތެއްގައި ބޭނުންކުރެވިފައިވާނީ، މަޖާޒީ މާނައިގައެވެ. ވީއިރު، ޢާއްމުކަމަށް ދަލީލުކޮށްދޭފަދަ ލަފްޒެއް (ނުވަތަ ޞީޣާއެއް) ބޭނުންކުރެވިއްޖެނަމަ، ޢާއްމުކަމަށް ދަލީލުލިބުން އެއިން ލާޒިމުކުރެތެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. މީގެ ތެރޭގައި، ހަތަރު އިމާމުންނާއި، ދާވޫދުއް ޡާހިރީއާއި އެ ބޭފުޅާގެ އެކުވެރިން ހިމެނިވަޑައިގަންނަވައެވެ.

މިއާ ޚިލާފަށް، ވަރަށް މަދު ބޭފުޅަކަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައިވަނީ، އެ ޞީޣާތައް ޢަރަބިބަހުގެ އަޞްލުގައި ކަނޑައެޅިފައިވަނީ خُصُوصُ އަށް ދަލީލުކޮށްދިނުމުގެ ގޮތުން ކަމުގައެވެ. އެއީ، އެކެއްޗަށް ނުވަތަ ދޭއްޗަށް ދަލީލުކޮށްދިނުމުގެ ގޮތުން ކަމުގައެވެ. އެފަދަ ޞީޣާއަކުން عُمُومُ އަށް ދަލީލުކޮށްދޭނީ އިތުރު ޤަރީނާއެއް އޮވެގެން ކަމުގައެވެ. އަދި އެހެން ރައުޔެއްގައިވަނީ، އެ ޞީޣާތަކަކީ، މުޝްތަރިކު ލަފްޒުތަކެއް ކަމުގައެވެ. (އެބަހީ، އެއިން عُمُومُ އަށާއި خُصُوصُ އަށް ވެސް ދަލީލުކޮށްދޭ ކަމުގައެވެ.) އަދި އެހެން ރައުޔެއްގައިވަނީ، އިތުރު ދަލީލެއް ލިބެންދެން އެ ޞީޣާތަކާ މެދު ވަކި ގޮތަކަށް ޢަމަލުނުކޮށް ހުއްޓި ތިބޭނީކަމުގައެވެ. އަދި މި ނޫން އެހެން ރައުޔުތައް ވެސް ހުރެއެވެ.

މިސާލަކަށް، ގިނަ ޢިލްމުވެރިންގެ އަރިހުގައި، ބުއްދިސަލާމަތުންހުރި ބާލިޣުވެފައިވާ އަންހެނާ އެ އަންހެނާގެ ކައިވެނި އަމިއްލައަށް ކޮށްފިނަމަ (އެބަހީ، ވަލީވެރިޔާގެ ވަލީއާ ނުލައި ކައިވެނިކޮށްފިނަމަ)، އެ ކައިވެންޏާމެދު ބެލެވޭނީ އެއީ ބާޠިލު ކައިވެންޏެއް ކަމުގައެވެ. ދަލީލުނަންގަވަނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު ((أَيُّـمَا امْرَأَةٍ نَكَحَتْ بِغَيْرِ إِذْنِ وَلِـيِّـهَا فَنِكَاحُـهَا بَاطِلٌ)) (އެކަނބުލޭގެ ވަލީވެރިޔާގެ ހުއްދައާ ނުލައި އަމިއްލައަށް ކައިވެނިކޮށްފި އަންހެނާ (ދަންނާށެވެ!) ފަހެ، އޭނާގެ ކައިވެނި ބާޠިލުވެގެންވޭ) އިންނެވެ. އެއީ، މި ޙަދީޘްފުޅުގައި ޝަރުޠުކުރުމުގެ ގޮތުން ބޭނުންކުރެވިފައިވާ (أيّ) ޢަރަބިބަހުގައި ބޭނުންކުރެވެނީ عُمُومُ އަށް ދަލީލުކޮށްދިނުމުގެ ގޮތުން ކަމުގައި ވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =