[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 18

20ވަނަ ޤަވާޢިދު (ޖުމްލަ 189): عُمُومُ الأَفرَادِ يَسْتَلزِمُ عُمُومَ الأَحْوَالِ وَالأَمْكِنَةِ وَالأَزْمِنَةِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަފުރާދުންގެ ޢާއްމުކަމުން، ޙާލަތާއި ތަނާއި ޒަމާނުގެ ޢާއްމުކަން ލާޒިމުކުރޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމުގެ ތެރެއަށް ވަނުން އެކަށީގެންވާ އަފުރާދުންނަށް ނުވަތަ ޝަޚްޞުންނަށް އެ ޢާއްމު ޢާއްމުވާނަމަ، އެއިން ލާޒިމުކުރަނީ، ޙާލަތްތަކާއި ޒަމާންތަކާއި ތަންތަނާއި ގުޅުންހުރި ކަންކަމަށް ވެސް އެ ޢާއްމު ޢާއްމުވުމެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

އެގޮތުން މިސާލަކަށް، މީހަކު އޭނާގެ ޚާދިމުއަށް [ޢިލްމުވެރިންނަށް ކަމޭހިތާށޭ] ބުނެފިނަމަ، ކޮންމެ ޢިލްމުވެރިޔަކަށް ވެސް ކަމޭހިތުން އޭނާއަށް ލާޒިމުވާނެއެވެ. ސަބަބަކީ، [ޢިލްމުވެރިން] މި ލަފްޒަކީ އަލިފުލާމު ބޭނުންކުރެވިފައިވާ ޖަމްޢު ނަމެއް ކަމުގައިވުމުން، އެއިން ޝަޚުޞުންނަށް ޢާއްމުވާތީއެވެ. އަދި ހަމައެފަދައިން، އެއް ހާލަތާއި އަނެއް ހާލަތް ތަފާތު ނުކުރުން ވެސް އޭނާއަށް ވާޖިބުވާނެއެވެ. އެގޮތުން، ޢިލްމުވެރިން ހިމެނިދާނޭ ހުރިހާ ހާލަތްތަކެއްގައި ވެސް އެ ޢިލްމުވެރިންނަށް ކަމޭހިތުން އޭނާއަށް ލާޒިމުވާނެއެވެ. އެ ޢިލްމުވެރިޔަކީ ޢަރަތްބެއް ކަމުގައި ވިޔަސް ނުވަތަ ޢަޖަމީއެއް ކަމުގައި ވިޔަސް، ޒުވާނެއް ކަމުގައި ވިޔަސް ނުވަތަ މުސްކުޅިއެއް ކަމުގައި ވިޔަސް، މުއްސަންޖެއް ކަމުގައި ވިޔަސް ނުވަތަ ފަޤީރެއް ކަމުގައި ވިޔަސް އެއްވެސް ތަފާތުކުރުމެއް ނެތިއެވެ. އަދި ހަމައެގޮތަށް، ޢިލްމުވެރިޔަކު ފެންނަ ކޮންމެ ޒަމާނެއްގައި ވެސް އަދި ތަނެއްގައި ވެސް ކަމޭހިތުން އޭނާއަށް ލާޒިމުވާނެއެވެ. އަދި އޭނާގެ ޢިލްމު ގުޅިފައިވަނީ ޝަރީޢަތާ ކަމުގައި ވިޔަސް ނުވަތަ ޑޮކްޓަރީކަމާ ކަމުގައި ވިޔަސް ނުވަތަ ފަލަކާ ކަމުގައި ވިޔަސް ނުވަތަ އިންޖިނޭރުކަމާ ކަމުގައި ވިޔަސް ނުވަތަ އެހެން ޢިލްމަކާ ކަމުގައި ވިޔަސް މެއެވެ.

ދެން ފަހެ، ޙާލަތުގެ ޢާއްމުކަން އެނގިގެންދަނީ، ދަލާލަތުލްވަޟްޢު އިން ހެއްޔެވެ؟ ނޫނީ ދަލާލަތުލްއިލްތިޒާމު އިން ހެއްޔެވެ؟ އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، އޭގެ ތެރޭގައި އައްރާޒީއާއި އިބްނުއްސަމްޢާނީ ހިމެނިވަޑައިގަންނަވާ، ޙާލަތުގެ ޢާއްމުކަން އެނގިގެންދަނީ، ބަހުގެ ގޮތުން ލަފްޒު ބޭނުންކުރެވޭ އަޞްލު މާނައިން ލިއްބައިދޭ ދަލާލަތުން (އެބަހީ، ދަލާލަތުލްވަޟްޢު އިން) ނެވެ.

މިއާ ޚިލާފަށް، އިބްނުލްމުރައްޙަލްފަދަ ބައެއް ބޭފުޅުންގެ ނަޒަރުގައި، އެ ގޮތަށް ދަލީލުކޮށްދެނީ، އެގޮތަށް ލާޒިމުކުރާތީ، ދަލާލަތުލްއިލްތިޒާމު އިންނެވެ.

އަދި މިއާ ޚިލާފަށް، އަލްޤަރާފީގެ ނަޒަރުގައި، ޝަޚުޞުންނަށް އޮންނަ ޢާއްމު، ޙާލަތްތަކާއި ޒަމާންތަކާއި ތަންތަނާއި ގުޅުންހުރި ކަންކަމުގައި އޮންނާނީ މުޠުލަޤުކޮށެވެ. ޢާއްމުކޮށެއް ނޫނެވެ. މި ރައުޔަށް އިބްނު ޤާޟީ އަލްޖަބަލް ތަބާވެވަޑައިގެންނެވިއެވެ. މި ރައުޔާއި މީގެ ކުރިން ބަޔާންވެދިޔަ ރައުޔުތަކާ ހުރި ތަފާތަކީ، ޢާއްމުއާއި މުޠުލަޤުގެ ތަފާތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =