[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 31

33ވަނަ ޤަވާޢިދު (ޖުމްލަ 189): الـخَاصُّ يَتَنَاوَلُ مَدْلُولَهُ قَطْعًا

މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞައިން ދަލާލަތުކޮށްދޭ ކަންތަކަށް އެ އޮންނަނީ ޤަޠުޢީކޮށް}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއްގައި ޚާއްޞަ ލަފްޒެއް ވާރިދުވެއްޖެނަމަ، އެ ލަފްޒުން މުރާދުވެވިގެންވާ މާނައަށް އެ ލަފްޒުން ދަލީލުކޮށްދެނީ ޤަޠުޢީކޮށެވެ. އެހެންކަމުން، ޚާއްޞަ ލަފްޒުން ލިއްބައިދޭ ޝަރުޢީ ޙުކުމް ސާބިތުވެފައިވަނީ ޤަޠުޢީކޮށެވެ. ޡައްނީކޮށެއް ނޫނެވެ. އަދި ހަމައެހެންމެ، ޚާއްޞަ ލަފްޒުން ދަލީލުކޮށްދޭ މާނަ ނޫން އެހެން މާނައެއް އެއަށް ލިބިގެންވާކަމަށް ނިންމޭނީ އެ ލަފްޒު ތައުވީލުކުރުމަށް ދަލީލަކުން ދަލީލު ލިބިއްޖެކަމުގައި ވާނަމައެވެ. މި ކަމާމެދު ޢިލްމުވެރިންގެ މެދުގައި އިއްތިފާޤުވެވިފައިވެއެވެ.

ދެން ފަހެ، ޚާއްޞަ ލަފްޒަކީ ޢާއްމު ލަފްޒުގެ އިދިކޮޅެވެ. އެހެންކަމުން، ވަކި މާނައަކަށް، ނުވަތަ މިންވަރު ކަނޑައެޅިގެންވާ ގިނަ މާނަތަކަކަށް ލަފްޒު އެއް ފަހަރު ބޭނުންކުރުމުން ދަލީލުކޮށްދޭ ލަފްޒަށް ޢަރަބިބަހުގައި ޚާއްޞައޭ ކިޔެއެވެ. މިސާލަކަށް، [މުޙައްމަދު] އާއި [ފިރިހެނެއް] އާއި [އިންސާނެއް] އާއި [ތިނެއް] އަދި [ޢިލްމު] އެވެ.

އަދި މި ތަނުގައި ޤަޠުޢުވުމޭ ނުވަތަ ޤަޠުޢީވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ޢާއްމުކަން ބޮޑު މާނައިގައި ޤަޠުޢުވުމެވެ. މި ނުކުތާގެ ތަފްސީލަށް ނަޒަރުހިންގައިލާއިރު، ޤަޠުޢު ދެ މާނައަކުންކުރެ މާނައެއްގައި ބޭނުންކުރެވެއެވެ. ފުރަތަމަ މާނައަކީ، އިޙްތިމާލު އަޞްލަށް ވެސް ނަފީކުރުމެވެ. އެބަހީ، ޤަޠުޢީކަން ނައްތައިލާނޭ އިޙްތިމާލެއް ނެތުމެވެ. މިސާލަކަށް، އަދަދުތަކުގެ ލަފްޒުތަކެވެ. އެ އަދަދުތަކުން ދަލީލުކޮށްދޭ ކަންކަމަށް އެ ތަކެތިން ދަލީލުކޮށްދެނީ ޤަޠުޢީކޮށެވެ.

އަދި ދެވަނަ މާނައަކީ، ދަލީލަކުން އުފަންވި އިޙްތިމާލެއް ނަފީކުރުމެވެ. އެބަހީ، ދަލީލަކަށް ބިނާވާ މުޢުތަބަރު އިޙްތިމާލެއް ނެތުމެވެ. މި މާނައިގެ ދަށުން، ދަލީލަކަށް ބިނާނުވާ މުޢުތަބަރު ނޫން އިޙްތިމާލެއް އޮތުން މިއަކުން މަނައެއް ނުކުރެތެވެ.

މި ތަނުން ދެވަނަ މާނަ، ފުރަތަމަ މާނައަށްވުރެ ޢާއްމުކަން ބޮޑެވެ. ސަބަބަކީ، ދަލީލަކުން އުފަންވި އިޙްތިމާލެއް ނަފީކުރުމުގެ މުރާދަކީ، ދަލީލަކުން ނޫން އެއްޗަކުން އުފަންވި އިޙްތިމާލެއް އެއާއެކު އޮތުން އެކަށީގެންވާތީއެވެ. އަދި މި ޤަވާޢިދުގައި ޤަޠުޢު ބޭނުންކުރެވިފައިވަނީ ވެސް މި ތަނުގައި އެވާ ދެވަނަ މާނައިގައެވެ. އަދި މި ވައްތަރުގެ އިޙްތިމާލުތަކަކީ، ޚާއްޞަ ލަފްޒުގެ މާނައަށް އެއިން ދަލީލުކޮށްދޭ ޤަޠުޢީ ދަލާލަތުކަމަށް ބުރޫއަރުވައިލާނޭ އެއްޗެހިތަކެއް ނޫނެވެ. މިސާލަކަށް، [واجهتُ أسدًا] (ސިންގާއަކާ ތިމަން ކުރިމަތިލީމޭ) މީހަކު ބުނިއިރު، އޭގެ ޙަޤީޤީ މާނައަށް ހުރަސްއަޅާ ޤަރީނާއެއް އެ ވާހަކައިގައި ހިމަނާފައި ނުވާނަމަ، [أَسَد] (ސިންގާ) ލަފްޒުން ޤަޠުޢީކޮށް ދަލީލުކޮށްދެނީ، އެންމެންދަންނަ ވަކި ޚާއްޞަ ޙައިވާނެއްގެ މާނައެވެ. އަދި ހަމަ އެއާއެކު، އޭނާ [ސިންގާ] އެކޭ ބުނީ ހިތްވަރުގަދަ ފިރިހެނަކަށް މަޖާޒީގޮތުން ކަމަށްވުމުގެ އިޙްތިމާލު ވެސް އުފެދެއެވެ. އެހެންނަމަވެސް، މި އިޙްތިމާލަކީ، ދަލީލަކުން އުފަންވެފައިވާ އިޙްތިމާލަކަށް ނުވާތީ، އޭގެ އެއްވެސް ބުރަދަނެއް ނުވެއެވެ. އެހެންކަމުން، [ސިންގާ] ގެ ޙަޤީޤީ މާނައަށް އެ ލަފްޒުން ޤަޠުޢީކޮށް ދަލީލުކޮށްދޭ ދަލީލުކޮށްދިނުމަށް އެ އިޙްތިމާލުން ބުރޫއެއް ނާރައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ ވަޙީބަސްފުޅު، (لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الْأَيْمَانَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ذَلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ) (ސޫރަތުލްމާއިދާ: 89 ވަނަ އާޔަތުގެ އެއްބައި) (މާނައީ: ޤަޞްދަކާނުލައި، ބުނާ ބަސްތަކަކުން، ﷲ ތިޔަބައިމީހުންނަށް ޢުޤޫބާތެއް ނުދެއްވާނެތެވެ. (އެބަހީ: އާދައިގައި ވާހަކަދައްކާ އުޅޭއިރު، ހުވާކުރުމުގެ ޤަޞްދެއްނެތި، ހުވާގެ ގޮތުގައި ބުނެވޭ ބަހެއް ބޭނުންކުރުމަކީ ކުށެއް ނޫނެވެ.) އެހެނެއްކަމަކު، ޤަޞްދުކޮށްގެންކުރާ ހުވާތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެތެވެ. ފަހެ، ހުވާގެ ކައްފާރާއަކީ، ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެއުރެންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ. ފަހެ، (އެއިންކަމެއް ކުރަން) ނުލިބުނުމީހާ، ތިންދުވަހު ރޯދަޔަށް ހުރުމެވެ. އެއީ ތިޔަބައިމީހުން ހުވާކޮށްފި ހިނދެއްގައި (އެބަހީ: ހުވާކޮށް، އެ ހުވަޔާ ޚިލާފުވެއްޖެ ހިނދެއްގައި) ތިޔަބައިމީހުންގެ ހުވާގެ ކައްފާރާއެވެ.) ގައިވާ [عَشَرَة] (ދިހައެއް) އާއި [ثَلَاثَة] (ތިނެއް) އެވެ. އެހެނީ، އެއީ ޚާއްޞަ ލަފްޒުތަކެކެވެ. އެ ލަފްޒުތަކުގެ މާނަތަކުން އަނބުރައިލާނޭ ދަލީލެއް ލިބޭކަށް ނެތެވެ. އެހެންކަމުން، އެ ވާހުށީ އެއިން ޙަޤީޤީގޮތުން ދަލީލުކޮށްދޭ ގޮތަށް، ޤަޠުޢީކޮށް އޮތް ޙުއްޖަތެއް ކަމުގައެވެ. އެ އަދަދުތަކަށް މަދުވުމެއް ވެސް އަދި ގިނަވުމެއް ވެސް ނުވާ ގޮތުގެ މަތިންނެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =