[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 34

36ވަނަ ޤަވާޢިދު (ޖުމްލަ 189): لَا يَـمْتَنِعُ وُرُوْدُ اللَّفْظِ العَامِّ مَعَ اسْتِئْخَارِ الـمُخَصِّص عَنْهُ

މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމު ލަފްޒަށްވުރެ ޚާއްޞަކުރާ އެތި ފަސްވުމީ، ޢާއްމު ލަފްޒު ވާރިދުވުން މަނާކުރާނޭ ކަމެއް ނޫން}

މި ޤަވާޢިދުގެ މުރާދު: އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި، ޢާއްމު ލަފްޒެއް އެ ލަފްޒު އައިސްފައިވާ ދަލީލާއި އެކުއެކީގައި ނޫން ގޮތަކަށް އައިސްފައިވާ ދަލީލަކުން ޚާއްޞަކުރުން ހުއްދައެވެ. އަދި ޢާއްމު ލަފްޒާއެކު މުޚައްޞިޞް (ޚާއްޞަކުރާ އެތި) ގުޅިގެން އައުމީ ޝަރުޠެއް ނޫނެވެ. އަދި އެ ބޭފުޅުން ޚާއްޞަކުރާއެތި ދެ ބަޔަކަށް ބައްސަވަތެވެ. އެއީ، مُخَصِّصٌ مُتَّصِلٌ (ގުޅިފައިވާ ޚާއްޞަކުރާއެތި) އަށާއި مُخَصِّصٌ مُنْفَصِلٌ (ވަކިންއޮންނަ ޚާއްޞަކުރާއެތި) އަށެވެ. ޚާއްޞަކުރާއެތި ގުޅިފައި އޮތުމަކީ، ޢާއްމު ލަފްޒާއެކު އެ ޚާއްޞަކުރާއެތި އޮތުމެވެ. އަދި ޚާއްޞަކުރާއެތި ވަކިން އޮތުމަކީ، ޢާއްމު ލަފްޒާ ވަކިން މުސްތަޤިއްލު ލަފްޒަކުން ޚާއްޞަކުރާއެތި ބަޔާންވެފައި އޮތުމެވެ. އަދި ހަމައެހެންމެ، ގިނަ ޢިލްމުވެރިންގެ އަރިހުގައި، ޢާއްމު ޚާއްޞަކުރާއެއްޗަކީ ޢާއްމުއާ ބާރުގަދަކަމުގެ ގޮތުން އެއްވަރު ނުވަތަ އެއަށްވުރެ ބާރުދެރަ އެއްޗަކަށްވިޔަސް އޭގައި އެއްވެސް ތަފާތެއް ނުވެއެވެ.

މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ޚާއްޞަކުރާއެތި އެއީ ޚާއްޞަކުރާއެއްޗަކަށް ވުމަށްޓަކައި ޢާއްމުއާއެކު އޮތުމީ ޝަރުޠެކެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وأحلَّ اللهُ البيعَ وحرَّمَ الرِّبا) (ސޫރަތުލްބަޤަރާ: 275 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ގަނެވިއްކުން ﷲ ވަނީ ހުއްދަކުރައްވާފައެވެ. އަދި ރިބާވަނީ ޙަރާމްކުރައްވާފައެވެ.] ގަނެވިއްކުމަކީ ޢާއްމު ލަފްޒެކެވެ. ރިބާއަކީ ގަނެވިއްކުމުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. އަދި ރިބާ އެ ވަނީ ނަހީކުރެވިފައެވެ. އެހެންކަމުން، ރިބާއަކީ ގަނެވިއްކުން ހުއްދަވުމުގެ ޢާއްމުކަމުގެ ތެރެއިން ޚާއްޞަކުރެވި ނަހީކުރެވިފައިވާ އެއްޗެކެވެ. ދެން ފަހެ، ޙަނަފީންގެ ނަޒަރުގައި، ޢާއްމުއަށްވުރެ ކުރިން ޚާއްޞަކުރާއެތި އައިސްފައިވާނަމަ، ޚާއްޞަކުރާއެތި އެ ޢާއްމުން މަންސޫޚުކޮށްލާނެއެވެ. އަދި ޢާއްމުއަށްވުރެ ފަހުން ޚާއްޞަކުރާއެތި އައިސްފައިވާނަމަ، އެ ޢާއްމު އެ ޚާއްޞަކުރާއެތިން މަންސޫޚުކޮށްލާނެއެވެ.

ކޮންމެއަކަސް، މި ތަނުގައި މިވާ ގިނަ ޢިލްމުވެރިންގެ ރައުޔާއި ޙަނަފީންގެ ރައުޔުގެ ތަފާތަކީ، ފަހުން އަންނަ ޚާއްޞަކުރާއެއްޗަށް ގިނަ ޢިލްމުވެރިން ޚާއްޞަކުރާއެތީގެ ނަން ދެއްވާކަމެވެ. މިއާ ޚިލާފަށް، ޙަނަފީން އެއަށް ނަސްޚުކުރާއެތީގެ ނަން ދެއްވާކަމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (والذين يرمون المحصنات ثمَّ لم يأتوا بأربعة شهداءَ فاجلدوهم ثمانين جلدة) (ސޫރަތުއްނޫރު: 4 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާމީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ.] މި އާޔަތުގައި އެވާ [الذين] އަކީ ޢާއްމުކަން ދޭހަކޮށްދޭ ލަފްޒުތަކުގެ ތެރެއިން ލަފްޒެކެވެ. އަދި [المحصنات] އަކީ ވެސް ޢާއްމުކަން ދޭހަކޮށްދޭ ލަފްޒުތަކުގެ ތެރެއިން ލަފްޒެކެވެ. އެހެންކަމުން، އޭގެ ތެރެއަށް ޤަޛުފުކުރާ ހަމަ ކޮންމެ މީހަކުމެ ވަންނާނެއެވެ. އަދި ޤަޛުފުކުރެވޭ ހަމަ ކޮންމެ މީހަކުމެ ވަންނާނެއެވެ. އެއީ، އަނބިމީހާ ކަމުގައި ވިޔަސް ނުވަތަ ނުވިޔަސް މެއެވެ. މި ސަބަބަށްޓަކައި، ހިލާލު ބްނު އުމައްޔާ އެ ބޭފުޅާގެ އަނބިމީހާގެ ބޮލުގައި ޝަރީކު އިބްނު ސަޙްމާއުއާއެކު ޒިނޭކުރިކަމުގެ ތުހުމަތު އެޅުވުމުން (ޤަޛުފުކުރުމުން)، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((البينة أو حدّ في ظهرك)) މާނައީ: [ހެކިބަހެވެ. ނޫންނަމަ ތިބާގެ ބުރަކަށީގައި ޙައްދެވެ.] ފަހެ، އޭނާއަށް ޢާއްމުކަމުގެ ލަފްޒެއް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ބޭނުންފުޅުކުރެއްވިއެވެ. އަދި ހެކިން ގެނައުމަށް އޭނާގެ ކިބައިން އެދުނެވެ. އެހިނދު ހިލާލު ދެންނެވިއެވެ: ކަލޭގެފާނު ޙައްޤާއިގެން ފޮނުއްވި ފަރާތް ގަންދީ ބުނަމެވެ. އަޅުގަނޑު މި ހަދަނީ ތެދެވެ. އަޅުގަނޑުގެ ބުރަކަށިން ހައްދު ބަރީއަކުރާނޭ އެންގެވުމެއް ﷲ ބާވައިލައްވާނެތެވެ. އެހިނދު ޖިބުރީލު ޢަލައިހިއްސަލާމް ފޮނުއްވެވި، އަންނަނިވި އާޔަތްތައް ބާވައިލެއްވުނެވެ. (والَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاء إِلاَّ أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّهِ إِنَّهُ لَمِنَ الصَّادِقِينَ (6) وَالْخَامِسَةُ أَنَّ لَعْنَةَ اللَّهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ) (ސޫރަތުއްނޫރު: 6-7) މާނައީ: [އަދި އެއުރެންގެ އަމިއްލަ ނަފްސުތައް މެނުވީ ހެކިދޭ ބަޔަކު އެއުރެންނަށް ލިބިގެންނުވާ ހާލު، އެއުރެންގެ އަނބީންނަށް ޤަޛުފުކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުށްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުށްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، ﷲ ގެ ލަޢުނަތް އޭނާގެ މައްޗަށް ހުރިކަމަށެވެ.] އެގޮތުގެ މަތިން، ހިލާލުއާއި އެ ބޭފުޅާގެ އަންހެނުންގެ މެދުގައި ލިޢާނުކުރެވިގެންދިޔައެވެ. ޙަދީޘުގެ ނައްޞުން އެނގެނީ، ޚާއްޞަކުރާ އަނެއް އާޔަތް ބާވައިލެއްވުނީ ފުރަތަމަ ބާވައިލެއްވުނު ޢާއްމު ލަފްޒު ހިމެނޭ އާޔަތުގެ ފަހުންކަމެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި މިއީ، ޚާއްޞަކުރުމެކެވެ. ޙަނަފީންގެ އަރިހުގައި މިއީ ނަސްޚެކެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =