[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 46

48ވަނަ ޤަވާޢިދު (ޖުމްލަ 189): الغَايَةُ تُخَصِّصُ العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {ޣާޔަތު، ޢާއްމުކަން ޚާއްޞަ ކުރޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއް ވާރިދުވެފައި، ޣާޔަތުގެ މާނަ ދޭހަކޮށްދޭ ޙަރުފެއް އެ ޢާއްމު ލަފްޒާ ގުޅިއްޖެނަމަ، އެ ޣާޔަތަކީ އެ ޢާއްމު ލަފްޒުގެ ޢާއްމުކަން ޚާއްޞަ ކުރާނޭ އެއްޗެކެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ޝަރުޠާއި ސިފައިގައި ވެސް އޮންނަ ގޮތަށް، ޣާޔަތުން ޚާއްޞައެއް ނުކުރެވޭނެއެވެ. އެހެނީ، ދަލީލުތަކުގެ ތެރެއިން ގުޅިގެން އައިސްފައި ހުންނަ ދަލީލުތަކަކީ (އޭގެ ތެރޭގައި ޣާޔަތު ވެސް ހިމެނޭ) ޢާއްމުކަން ޚާއްޞަ ކުރާނޭ ދަލީލުތަކެއް ކަމަކަށް އެ ބޭފުޅުން ދެކިވަޑައެއް ނުގަންނަވަތެވެ.

ދެން ފަހެ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި ޣާޔަތަކީ، އެތި ނިމޭ ހިސާބެވެ. އެ ނިމޭ ހިސާބަކީ، އެ ހިސާބާ ޖެހިއްޖައުމަށް ދާންދެން ޙުކުމް ސާބިތުވާ، އެ ހިސާބު ފަހަނަޅައިދިޔުމުން ޙުކުމް ނަފީވެގެންދާ ހިސާބެވެ.

މި ޤަވާޢިދުގައި އެވާ ގޮތަށް ޚާއްޞަ ކުރާ އެއްޗެހީގެ ތެރޭގައި ޣާޔަތު ހިމެނުމީ، މަފްހޫމުލްޣާޔަތަށް ޢަމަލުކުރުމުގެ ނަތީޖާއެކެވެ.

ކޮންމެއަކަސް، ޢާއްމުކަން ޚާއްޞަ ކުރާ ޣާޔަތަށް މައިގަނޑު ދެ ޙަރުފެއް ލިބިގެން ވެއެވެ. އެއީ، حَتَّى އާއި إِلَى އެވެ. އަދި އަޞްލުގައި ޣާޔަތުގެ ބޭނުމުގައި އުފަންކުރެވިފައިވާ، އެހެންނަމަވެސް، އެ ޙަރުފުތައް ބޭނުން ކުރާ ބައެއް ފަހަރު ޣާޔަތުގެ މާނަ ލިއްބައިދޭ ޙަރުފުތަކެއް ވެސް ހުރެއެވެ. އޭގެ ތެރޭގައި، اللَّامُ އާއި البَاءُ އާއި عَلَى އާއި فِـي އަދި الفَاءُ ހިމެނެއެވެ. އަދި ބައެއް ފަހަރު ޣާޔަތުގެ މާނަ ނޫން އެހެން މާނަތަކުގައި حَتَّى އާއި إِلَى ވެސް ބޭނުންކުރެވިފައި ހުރެއެވެ.

އަދި ޣާޔަތު ފެށޭހިސާބާއި ނިމޭހިސާބަކީ، ޝަރުޢީ ގޮތުން އެދެވިފައިވާ މުޣައްޔާގެ (ޣާޔަތާ ޖެހިއްޖައުމަށް ދާންދެން އޮންނަ ބައިގެ) ޙުކުމުގެ ތެރެއަށް ވަންނާނެ ތަނެއްތޯ ކަނޑައެޅުމުގެ މައްސަލައަކީ މި ޤަވާޢިދާ ގުޅުންހުރި މުހިއްމު މައްސަލައެކެވެ. އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި، ޚާއްޞަ ދަލީލަކުން މެނުވީ، މުޣައްޔާގެ ޙުކުމުގެ ތެރެއަށް ޣާޔަތެއް ނުވަންނާނެއެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ) (ސޫރަތުލްބަޤަރާ: 187 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ!] މި ތަނުގައި [اللَّيْلِ] (ރޭގަނޑު) އެ ވަނީ، ރޯދައިގެ ޣާޔަތުގެ ގޮތުގައި (ރޯދައަށް ހުންނަންޖެހޭ ވަގުތު ނިމޭހިސާބުގެ ގޮތުގައި) ލައްވާފައެވެ. އެހެންނަމަވެސް، ރޯދައަށް ހުންނަންޖެހޭ ވަގުތުގެ ތެރެއަށް ރޭގަނޑެއް ނުވަދެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، ތިޔަބައިމީހުން، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ!] މި އާޔަތުގައި ﷲ ތަޢާލާ އެ ވަނީ، ވުޟޫ ކުރާއިރު ދެ އަތް ދޮވުމަށް އަމުރު ކުރައްވާފައެވެ. ޢަރަބިބަހުގައި [އަތޭ] ކިޔެނީ، އަތުކުރިން ފެށިގެން ކޮނޑުހުޅާ ޖެހެންދެނެވެ. އެހެންނަމަވެސް، އަތް ދޮވުމުގެ ޢާއްމުކަން، [إِلَى الْمَرَافِقِ] (އުޅަނބޮށިތަކާ ހަމަޔަށް) މި ލަފްޒުގައިވާ ޣާޔަތުން ޚާއްޞަ ކުރެވިފައިވެއެވެ. އެއިން އެނގެނީ، އުޅަނބޮށްޓަށްފަހު އޮންނަ އޮންނަ ބަޔަކީ ދޮވުމަށް އެ އާޔަތުގައި އެދެވިފައިވާ ބަޔެއް ނޫންކަމެވެ. (މުތަރުޖިމު: މި މިސާލަކީ، އެ އާޔަތުގައި އެވާ إِلَى ވާރިދުވެފައި އެ ވަނީ ޣާޔަތުގެ މާނައިގައި ކަމަށް ވިދާޅުވާ ބޭފުޅުންގެ ރައުޔުގެ މައްޗަށް ބިނާކުރެވިފައިވާ މިސާލެކެވެ. އެހެންނަމަވެސް، ބޮޑަށް ރާޖިޙު ރައުޔަކީ އެ إِلَى ވާރިދުވެފައިވަނީ مَعَ [އެކުގައި] ގެ މާނައިގައި ކަމަށް އޮންނަ ރައުޔެވެ.)

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =