[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (28)

ޖިންނިނާ ގާތްވުމުގެ ގޮތުން އެސޮރުމެންނަށް އެއްޗެހި ކަތިލާހަދައެވެ. ފަހެ، މީސްތަކުންގެ ތެރެއިން ޖިންނީންނަށް ކުއްތަންވުމަށް ޖަނަވާރުތައް ކަތިލާމީހުން އެކުރަނީ ﷲ އާއި އެއިލާހުގެ ރަސޫލާ ޙަރާމް ކުރައްވާފައިވާ ޝިރުކުގެ ޢަމަލެކެވެ. ހަމަކަށަވަރުން ޖިންނީންނަށް ކަތިލުން ނަހީކުރައްވާފައިވާ ބަސްފުޅުތައް ރިވާވެގެން އައިސްފައިވެއެވެ. މުޞީބާތް ޖެހިފައިވާމީހަކު ދުޢާކޮށް ޛިކުރުތައް ކިޔާހެދުމުން އެކަމުން ބަރީއަވެއެވެ. އަދި އެސޮރުމެންނަށް އަމުރުކޮށް ނަހީކޮށް އެއްޗެހިކިޔާ ލަޢުނަތްދީހެދުމުން މަޤްޞަދު ޙާޞިލުވެއެވެ. އަދި ހަމައެހެންމެ އެފަދަކަމަކުން ޖިންނީންގެ ތެރެއިން ބައިގަނޑެއް ބަލިވެ ނުވަތަ މަރުވެއްޖެނަމަ، ފަހެ އެއީ އެސޮރުމެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވުމުގެ ސަބަބުންވީ ގޮތެކެވެ. ޤަތުލުކުރުން ހުއްދަވެގެންނުވާ މީހަކު ޤަތުލުކުރުން، ނުވަތަ ބަންދުކުރަން ނުޖެހޭ މީހަކު ބަންދުކުރުމަށް އަމުރުކުރުމުން ކާހިނުންނާއި ސިޙުރުވެރިން ހައްދުފަހަނައަޅާދާ ފަދައިން ފަރުވާކުރާ ރާޤީ ހައްދުފަހަނަ އަޅާ ނުދާނެއެވެ. އެފަދަ ކާހިނުންނާ ސިޙުރުވެރިންނާ ދެކޮޅަށް ޖިންނީން ހަނގުރާމަކޮށްފާނެއެވެ. އަދި އެމީހުން މަރާ ބަލިކޮށް ހަދާވެސް ފާނެއެވެ. އަދި އެމީހުންގެ އަހުލުންނާއި ދަރިންނާއި ޖަނަވާރުތަކަށްވެސް އެފަދައިން ޢަމަލު ކޮށްފާނެއެވެ.

ޢަދުއްވުންގެ ކިބައިން ދިފާޢުވުމަށްޓަކައި ﷲ އާއި އެއިލާހުގެ ރަސޫލާ އަމުރުކުރައްވާފައިވާ ފަދައިން ޢަދުލުވެރި މަގުން ޢަމަލުކޮށްފިނަމަ ފަހެ، އޭނާ (އެބަހީ: އެރާޤީ) އެ ސޮރުމެންނަށް އަނިޔާވެރިއެއް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ. އޭނާއަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންގަންނަމީހެކެވެ. އެހެނީ އޭނާ އެ އެހީވަނީ އަނިޔާލިބިފައިވާ މީހަކަށެވެ. އަދި ކެކުޅުން ތަޙައްމަލުކުރަމުންދާ މީހަކަށެވެ. މުޞީބާތެއް ޖެހިފައިވާ މީހަކަށް ޝަރުޢީ މަގުން އޭނާ އެހީތެރިވަނީއެވެ. އެފަދައިން ޢަމަލުކުރާއިރު އޭނާ ޝިރުކެއް ނުކުރާނެއެވެ. އަދި އެއްވެސް މަޚްލޫޤަކަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި އެފަދަ މީހަކަށް ޖިންނީންވެސް ގޯނާނުކުރާނެއެވެ. އެއީ އެމީހަކީ ޢަދުލުވެރިއެއްކަން އެސޮރުމެންނަށް އެނގޭތީއެވެ. ނުވަތަ އެމީހަކަށް ގޯނާކުރުމަށް އެސޮރުމެން ނުކުޅެދިފައިވުމުންނެވެ. އެމީހަކީ ޟަޢީފުމީހަކަށްވެފައި އެޖިންނިއަކީ އެސޮރުމެންގެ ތެރެއިން އިފުރީތަކަށް ވެއްޖެނަމަ ގޯނާކޮށްފާނެއެވެ. ފަހެ، އެހެންކަމުން މިފަދަ ޙާލަތެއްގައި ރައްކާތެރިވުމުގެ ގޮތުން ކިޔަން ޖެހޭ ޛިކުރުތައް ކިޔުން ހުއްޓެވެ. އާޔަތުލް ކުރުސި އާއި މުޢައްވިޒަތައިނި (ފަލަޤު ސޫރަތާއި ނާސި ސޫރަތް) ކިޔެވުމުންނާއި ނަމާދާއި ދުޢާފަދަ ކަންކަމުން އޭނާގެ އީމާންތެރިކަން ވަރުގަދަކޮށް، އޭނާއަށް އަރައިގަނެވިފައިވާ ފާފަތަކުން ދުރުވެ ރައްކާތެރިވުން ހުއްޓެވެ. ފަހެ، އޭނާއީ ﷲ ގެ މަގުގައި ޖިހާދުކުރާ މީހެކެވެ. އަދި މިއީ އެންމެ މަތިވެރި ޖިހާދުގެ ތެރެއިންވާ ކަމެކެވެ. ފަހެ، އޭނާގެ ފާފައިގެ ސަބަބުން ޢަދުއްވަށް އޭނާގެ މައްޗަށް ގަދަވެގަނެވިދާނެއެވެ. އޭނާގެ ބާރުފޯރުވޭވަރަށްވުރެ މަތީގައިވާ ކަންކަމާމެދު ދަންނައެވެ. އެއްވެސް ނަފްސަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ﷲ ތަޢާލާ އެމީހަކަށް ނުޖައްސަވާނެއެވެ. ފަހެ، އޭނާއަށް ނުވާވަރުގެ ކަންކަމާ ކުރިމަތި ނުލާނީއެވެ.

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް