[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ބާރަވަނަ މަޖްލިސް

ޤުރުއާން ތިލާވަތުކުރުމުގެ ދެވަނަ ގޮތް

 

ޙަމްދު ހުރީ ﷲއަށެވެ. އެއިލާހީ އެއިލާހަށް ކިޔަމަންތެރިވެ އަދި އެއިލާހުގެ ރަޙުމަތަށް އެދޭމީހަކަށް ގިނަހިނައިން ނިޢުމަތްތައް ދެއްވާ އިލާހެވެ. އަދި އެއިލާހީ، އެއިލާހު ހަނދުމަ ކުރުމުން މޫނުއަނބުރާލައި އަދި އެއިލާހަށް އުރެދޭމީހަކަށް ޢުޤޫބާތްދެއްވުން ގަދަފަދަވެގެންވާ އިލާހެވެ. އެއިލާހުގެ ފަޟްލަވަންތަވެރިކަމުން އިރާދަކުރެއްވި އަޅަކު ހޮއްވަވައެވެ. އެއަޅަކު އެއިލާހާ ކުއްތަންކުރައްވާ ކައިރިކުރައްވައެވެ. އަދި އެއިލާހުގެ ޢަދުލުވެރިކަމުން އިރާދަކުރެއްވި އަޅަކު އެއިލާހާ ދުރުކުރައްވައެވެ. ދެން ފަހެ އެއިލާހަށް ފުރަގަސްދީ އެނބުރިދާ މީހަކު އެއިލާހު ދޫކޮށްލަވައެވެ. ޢާލަމްތަކަށް ރަޙުމަތެއް ކަމުގައްޔާއި ތެދުމަގުގައި ހިނގާބަޔަކަށްވާ ޢަލާމާތެއްކަމުގައި އެއިލާހު ޤުރުއާން ބާވައިލެއްވިއެވެ. ފަހެ އެޤުރުއާނުގައި ހިފަހައްޓައިފި މީހަކު، އޭނާ އެއެދޭ ކަންތައްތައް ޙާޞިލްކޮށްފިއެވެ. އަދި އެޤުރުނުގައިވާ ހައްދުތައް ފަހަނަ އަޅައި، އޭގެ ޙައްޤުތައް ގެއްލުވާލައިފި މީހަކަށް ދުނިޔެއާއި އާޚިރަތުގައި ގެއްލުމާ ހަލާކުހުއްޓެވެ. އިޙްސާންތެރިކަމުގެ ތެރެއިން އެއިލާހު އަހަރެންނަށް ވެދެއްވި ހުރިހާ އިޙްސާންތެރިކަމަކަށް އަހަރެން އެއިލާހަށް ޙަމްދުކުރަމެވެ. އަދި އެއިލާހުގެ ނިޢުމަތްތަކުގެ ތެރެއިން ދީނީ އަދި ދުނިޔެވީ ނިޢުމަތްތަކަށް އަހަރެން ޝުކުރުވެރި ވަމެވެ. ޝުކުރުވެރިވާ އަޅަކަށް އިތުރުވުން ކިހާ އައުލާވެގެންވޭ ހެއްޔެވެ.

 ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އެއިލާހުގެ ޞިފަފުޅުތައް ފުރިހަމަވެގެން ވެއެވެ. އެއިލާހީ، އެއިލާހާ އެއްވެސް އެއްޗެއް ވައްތަރުވެގެން ނުވާ، މަތިވެރިވެ ވޮޑިގެންވާ އިލާހެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ ހުރިހާ އިންސާނުންގެ ތެރެއިން އެއިލާހު އިޚްތިޔާރު ކުރައްވާ ހޮއްވެވި ބޭކަލެކެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި ތާބިޢިންނާ އަދި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބަޢަވީހާ ބަޔަކަށް، އަލިވިލޭހާ ހިނދަކު އަދި އެއަލިކަން ފެތުރިގެން ދާހާ ހިނދަކު ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވީ ސަލާމުން ސަލާމް ލައްވާށިއެވެ.

އަޚުންނޭވެ! ފަސްވަނަ މަޖުލީހުގައި، ޤުރުއާން ތިލާވަތުކުރުން ދެބަޔަކަށް ބެހިގެންވާކަން ބަޔާންވެފައި ވާނެއެވެ. (تلاوة لفظية) މިއީ ޤުރުއާން ކިޔެވުމެވެ. މިކަމުގެ ވާހަކަ އެ މަޖުލީހުގައި އިސްވެ ބަޔާން ކުރެވިފައި ވާނެއެވެ.

އަދި ދެވަނަ ގޮތަކީ: (تلاوة حُكْميَّة) މިއީ އެފޮތުގައިވާ ޚަބަރުތައް ތެދުކޮށް އަދި އެފޮތުގެ ޙުކުމްތަކަށް ތަބަޢަވެ، އަމުރު ކުރައްވާފައިވާ ކަންތައްތައް ކޮށް، އަދި ނަހީކުރައްވާފައިވާ ކަންތައްތައް ދޫކޮށްލުމެވެ.

މިކަމަކީ މިއީ ޤުރުއާން ބާވައިލެއްވުނު އެންމެ ބޮޑު މަޤްސަދެވެ. ﷲތަޢާލާގެ ވަހީ ބަސްފުޅުގައިވާ ފަދައިންނެވެ: ﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ [ص: 29 ] މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންއިލާހު ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަޞޭޙަތް ލިބިގަތުމަށެވެ.” މިހެންވެ ސަލަފުން އެކަމުގެ މަތީގައި ހިންގެވިއެވެ. އެބޭކަލުން ޤުރުއާން އުނގެނެއެވެ. އަދި އެބޭކަލުން އެޤުރުއާން ތެދުކުރެއެވެ. އަދި އެޤުރުއާނުގައިވާ ޙުކުމްތައް ހެޔޮވެގެންވާ ތަޠުބީޤުކުރުމަކުން ތަޠުބީޤުކުރެއެވެ. އެއީ ވަރުގަދަވެގެންވާ އަޤީދާއަކާ ޔަޤީންވެގެންވާ ތެދުވެރިކަމަކާ އެކުގައެވެ.

އަބޫ ޢަބްދު ރަޙްމާނު އައްސުލަމީ ރަޙިމަހުﷲ ވިދާޅުވިއެވެ. ތިމަންބޭކަލުންނަށް ޤުރުއާން ކިޔަވައިދެއްވި ޢުޘްމާނު ބުން ޢައްފާންއާއި ޢަބްދުﷲ ބުން މަސްޢޫދުއާ، އެނޫންވެސް  ބޭކަލުން ކިޔައިދެއްވިއެވެ.

((أَنَّهُمْ كَانُوا يَقْتَرِئُونَ مِنْ رَسُولِ اللهِ صلى الله عليه وسلم عَشْرَ آيَاتٍ ، وَلا يَأْخُذُونَ فِي الْعَشْرِ الأُخْرَى حَتَّى يَعْلَمُوا مَا فِي هَذِهِ مِنَ الْعَمَلِ وَالْعِلْمِ ، قَالَ : فَعَلِمْنَا الْعَمَلَ وَالْعِلْمَ.))[1] މާނައީ: ” ހަމަކަށަވަރުން އެބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ދިހަ އާޔަތް ދަސްކުރާހިނދު، އެއާޔަތްތަކުގެ ޢިލްމު ދަސްކޮށް އަދި އެއާޔަތްތަކަށް ޢަމަލު ކުރުމަށްފަހު މެނުވީ އެހެން އާޔަތްތަކަކަށް ނުދެއެވެ. އެބޭކަލުން ވިދާޅުވިއެވެ. ފަހެ ތިމަންބޭކަލުން ޤުރުއާން ދަސްކުރަމުން ދިޔައީ ޢިލްމާއި ޢަމަލާ އެކުއެކީއެވެ.”

ޤުރުއާން ކިޔެވުމުގެ ގޮތްތަކުގެ ތެރެއިން މިގޮތަކީ، ބާއްޖަވެރިކަން ލިބުން ނުވަތަ އަބާއްޖަވެރިކަން ލިބުންވެސް އެކަމެއްގެ މައްޗަށް ބިނާވެގެންވާ ގޮތެވެ. ﷲތަޢާލާ ވަޙީކުރެއްވިއެވެ. قَالَ اهْبِطَا مِنْهَا جَمِيعًا بَعْضُكُمْ لِبَعْضٍ عَدُوٌّ فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ ﴿١٢٣﴾ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ﴿١٢٤﴾ قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا ﴿١٢٥﴾ قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَٰلِكَ الْيَوْمَ تُنسَىٰ ﴿١٢٦﴾وَكَذَٰلِكَ نَجْزِي مَنْ أَسْرَفَ وَلَمْ يُؤْمِن بِآيَاتِ رَبِّهِ وَلَعَذَابُ الْآخِرَةِ أَشَدُّ وَأَبْقَىٰ ﴿١٢٧﴾ [طه: 123 – 127 ] މާނައީ: “އެއިލާހު ވަޙީ ކުރެއްވިއެވެ. ތިޔަދެކަނބަލުން އެކުގައި ސުވަރުގެއިން (ބިމަށް) ފައިބައިވަޑައިގަންނަވާށެވެ! ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ޢަދާވާތްތެރިން ކަމުގައއިވާ ޙާލުގައެވެ. ފަހެ، ތިމަންއިލާހު ޙަޟުރަތުން ތިޔަބައިމީހުންނަށް ތެދުމަގެއް އަތުވެއްޖެނަމަ، ދެން ތިމަންއިލާހުގެ ތެދުމަގަށް ތަބަޢަ ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު މަގުފުރެދިގެނެއް ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުމެވާނޭމެއެވެ. އަދި ތިމަންއިލާހުގެ ޛިކުރުން (އެބަހީ ޤުރުއާނުން) ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ. އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރައްބެވެ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙުޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެއިލާހު ވަޙީ ކުރައްވާނެތެވެ. ހަމައެފަދައިން ތިމަން އިލާހުގެ އާޔަތްތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެއާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ. އަދި (އުރެދުމުގައި) ހައްދުފަހަނަޅައިގޮސް، އަދި އޭނާގެ ވެރި ރައްބުގެ އާޔަތްތަކަށް އީމާން ނުވިމީހާއަށް، ތިމަން އިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ހަމަކަށަވަރުން، އާޚިރަތުގެ ޢަޛާބު މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ.”

ފަހެ މިއާޔަތްތަކުގައި ﷲތަޢާލާ ބަޔާންކުރައްވަފައި މިވަނީ، އެއިލާހު އެއިލާހުގެ ރަސޫލާ އަށް ބާވައިލެއްވި ހިދާޔަތަށް ތަބަޢަވެއްޖެ މީހަކާށްވާ ޘަވާބުގެ ވާހަކައެވެ. އަދި އެމަތިވެރި ޤުރުއާނުގެ މަތިވެރިކަން ބަޔާން ކުރައްވާފައިވެއެވެ. އަދި ޤުރުއާނުން މޫނު އަނބުރާލާ މީހުންނަށްހުރި ޢުޤޫބާތުގެ ވާހަކަވެސް ބަޔާންކުރައްވާފައި ވެއެވެ.

އަދި ޤުރުއާނަށް ތަބަޢަވީ މީހުންނަށްހުރި ޘަވާބާމެދު ދަންނައެވެ! ފަހެ އެބައިމީހުން މަގުފުރެދިގެން ނުދާނެތެވެ. އަދި އަބާއްޖަވެރިއެއްވެސް ނުވެވާނެތެވެ. އެބައިމީހުންނަށް މަގުފުރެދުމާއި އަބާއްޖަވެރިވުން ނަފީ ކުރެއްވުމުގެ ތެރޭގައި، އެބައިމީހުންނަށް ދުނިޔެއާއި އާޚިރަތުގައި ހިދާޔަތާއި ބާއްޖަވެރިކަން ލިބިގެންވުން ހިމެނިގެންވެއެވެ.

އަދި ޤުރުއާނުން މޫނުއަނބުރާލައި – އެޤުރުއާނަށް ޢަމަލުކުރުމަށް ބޮޑާވެގަތް – މީހުންނަށްހުރި ޢުޤޫބާތާމެދު ދަންނައެވެ! ފަހެ އެއީ ދުނިޔެއާއި އާޚިރަތުގައި މަގުފުރެދި އަބާއްޖަވެރި ވުމެވެ. ފަހެ ހަމަކަށަވަރުން އެމީހަކަށްވަނީ ދަތި އުނދަގޫވެގެންވާ ދިރިއުޅުމެކެވެ. އަދި އޭނާ ދުނިޔޭގައި ވާހުށީ، ހާސްކަމާއި ކަންބޮޑުވުމާއި އަދި ޞައްޙަ އަޤީދާއެއް އަދި ހެޔޮ ޢަމަލެއް ނެތް މީހަކަށެވެ. ﴿أُولَـٰئِكَ كَالْأَنْعَامِ بَلْ هُمْ أَضَلُّ﴾ [الأعراف: 179 ] މާނައީ: “އެއުރެން ނަޢަމްސޫފިތަކެއް ފަދައެވެ. އަދި ކިއެއްތަ! އެތަކެއްޗަށް ވުރެވެސް އެއުރެން މަގުފުރެދުންބޮޑެވެ.” އަދި އޭނާއަށް ކައްވަޅުގައިވަނީ ނުތަނަވަސްކަމާއި ދަތިކަމެވެ. އަދި އެއްކަށިގަނޑު އަނެއް ކަށިގަނޑަށް ވަދެގެންދާވަރަށް އޭނާގެ ކައްވަޅު ފިތި ނުތަނަވަސްވެގެން ދާނެއެވެ. އަދި އޭނާ މަޙްޝަރު ކުރެވޭހުށީ ކަނު މީހެއް ގޮތުގައެވެ. އޭނާއަށް ލޮލަށް ނުފެންނަ ހުއްޓެވެ. ﴿وَنَحْشُرُهُمْ يَوْمَ الْقِيَامَةِ عَلَىٰ وُجُوهِهِمْ عُمْيًا وَبُكْمًا وَصُمًّا مَّأْوَاهُمْ جَهَنَّمُ كُلَّمَا خَبَتْ زِدْنَاهُمْ سَعِيرًا ﴾ [الإسراء: 97 ] މާނައީ: “އަދި ޤިޔާމަތް ދުވަހުން ތިމަންއިލާހު އެއުރެން މޫނުވަތަށް ކަނު، މަންމަން، ބީރުބަޔެއްގެ ގޮތުގައި މަޙުޝަރަށް ފޮނުއްވާހުށީމެވެ. އެއުރެން ތިބެނިވިތަނަކީ ނަރަކައެވެ. އެ ނަރަކައިގެ ހުޅުގަނޑު ކުޑަވާ ކޮންމެފަހަރަކު، އެއުރެންނަށް އެ ހުޅުގަނޑު އަނދައިގަތުން އިތުރުކުރައްވަމެވެ.”

ފަހެ އެބައިމީހުން ދުނިޔެމަތީގައި، ޙައްޤު ބެލުމަށް ލޯތައް ކަނުކޮށް، ޙައްޤު އަޑު އެހުމަށް ކަންފަތްތައް ބީރުކޮށް، ޙައްޤު ބަސް ބުނުމުން މަނާވެގަތެވެ. ﴿وَقَالُوا قُلُوبُنَا فِي أَكِنَّةٍ مِّمَّا تَدْعُونَا إِلَيْهِ وَفِي آذَانِنَا وَقْرٌ وَمِن بَيْنِنَا وَبَيْنِكَ حِجَابٌ﴾ [فصلت: 5 ] މާނައީ: “އަދި އެއުރެން ބުނޫއެވެ. ތިމަންމެންގެ ހިތްތައްވަނީ، ކަލޭގެފާނު ތިޔަ ގޮވައިލައްވާ އެއްޗަކަށް ބަންދުކަމެއްގައެވެ. އަދި ތިމަންމެންގެ ކަންފަތްތަކުގައި ބީރުކަމެއްވެއެވެ. އަދި ތިމަންމެންނާއި، ކަލޭގެފާނާ ދެމެދުގައި ފަރުދާއެއްވެއެވެ.”

އެބައިމީހުން ދުނިޔެމަތީގައި ވީފަދައިން، ﷲތަޢާލާ އެބައިމީހުންނަށް ޖަޒާ ދެއްވާނެތެވެ. އަދި އެބައިމީހުން އެއިލާހުގެ ޝަރީޢަތް ދޫކޮށްލި ފަދައިން އެބައިމީހުންވެސް ދޫކޮށްލައްވާނެތެވެ.

قَالَ رَبِّ لِمَ حَشَرْتَنِي أَعْمَىٰ وَقَدْ كُنتُ بَصِيرًا ﴿١٢٥﴾ قَالَ كَذَٰلِكَ أَتَتْكَ آيَاتُنَا فَنَسِيتَهَا وَكَذَٰلِكَ الْيَوْمَ تُنسَىٰ ﴿١٢٦﴾ [طه: 125 – 126 ] މާނައީ: “އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރިރައްބެވެ! ކަނުމީހެއްގެ ގޮތުގައި މިއަޅާ މަޙުޝަރަށް ފޮނުއްވީ ކީއްވެތޯއެވެ؟ ހަމަކަށަވަރުން، ލޮލަށްފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ. އެއިލާހު ވަޙީ ކުރައްވާނެތެވެ. ހަމައެފަދައިން ތިމަން އިލާހުގެ އާޔަތްތައް ކަލެޔާ ހަމަޔަށްއައެވެ. ފަހެ، އެއާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމައެފަދައިން، މިއަދު ކަލޭގެމަތިން ހަނދާން ނައްތައިލެވޭނެތެވެ.” އަދިވެސް ވަޙީކުރެއްވިއެވެ. ﴿جَزَاءً وِفَاقًا﴾ [النبأ: 26 ] މާނައީ: “(އެއުރެންގެ ޢަމަލުތަކާ) އެއްގޮތްވެގެންވާ ޖަޒާއެއްގެ ގޮތުންނެވެ.” އަދިވެސް ވަޙީކުރެއްވިއެވެ. ﴿مَن جَاءَ بِالْحَسَنَةِ فَلَهُ خَيْرٌ مِّنْهَا وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَى الَّذِينَ عَمِلُوا السَّيِّئَاتِ إِلَّا مَا كَانُوا يَعْمَلُونَ﴾ [القصص: 84 ] މާނައީ: “ހެޔޮކަމާއިގެން އަތުވެއްޖެމީހާ (ދަންނައެވެ!) ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ޘަވާބު ހުށްޓެވެ. އަދި ނުބައިކަމާއިގެން އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ނުބައިކަންތައް ކުރިމީހުންނަށް އެއުރެން ކޮށްއުޅުނު ޢަމަލުތަކަށް މެނުވީ ޖަޒާއެއް ނުލިބޭހުށްޓެވެ.”

ސަމުރާ ބުން ޖުންދުބް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. كَانَ النَّبِىُّ – صلى الله عليه وسلم – إِذَا صَلَّى صَلاَةً أَقْبَلَ عَلَيْنَا بِوَجْهِهِ فَقَالَ « مَنْ رَأَى مِنْكُمُ اللَّيْلَةَ رُؤْيَا » . قَالَ فَإِنْ رَأَى أَحَدٌ قَصَّهَا ، فَيَقُولُ مَا شَاءَ اللَّهُ ، فَسَأَلَنَا يَوْمًا ، فَقَالَ « هَلْ رَأَى أَحَدٌ مِنْكُمْ رُؤْيَا » . قُلْنَا لاَ . قَالَ « لَكِنِّى رَأَيْتُ اللَّيْلَةَ رَجُلَيْنِ أَتَيَانِى … فَانْطَلَقْنَا حَتَّى أَتَيْنَا عَلَى رَجُلٍ مُضْطَجِعٍ عَلَى قَفَاهُ ، وَرَجُلٌ قَائِمٌ عَلَى رَأْسِهِ بِفِهْرٍ أَوْ صَخْرَةٍ ، فَيَشْدَخُ بِهِ رَأْسَهُ ، فَإِذَا ضَرَبَهُ تَدَهْدَهَ الْحَجَرُ ، فَانْطَلَقَ إِلَيْهِ لِيَأْخُذَهُ ، فَلاَ يَرْجِعُ إِلَى هَذَا حَتَّى يَلْتَئِمَ رَأْسُهُ ، وَعَادَ رَأْسُهُ كَمَا هُوَ ، فَعَادَ إِلَيْهِ فَضَرَبَهُ ، قُلْتُ مَنْ هَذَا قَالاَ انْطَلِقْ … وَالَّذِى رَأَيْتَهُ يُشْدَخُ رَأْسُهُ فَرَجُلٌ عَلَّمَهُ اللَّهُ الْقُرْآنَ ، فَنَامَ عَنْهُ بِاللَّيْلِ ، وَلَمْ يَعْمَلْ فِيهِ بِالنَّهَارِ » [2] މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދެއް ކުރެއްވުމަށް ފަހު ތިމަންބޭކަލުންނާއި ދިމާލަށް އެނބުރި ވަޑައިގަނެ ޙަދީޘް ކުރައްވައެވެ. “ތިޔަބައިމީހުންގެ ތެރެއިން ރޭގައި ހުވަފެނެއް ފެނިވަޑައިގަތީ ކޮންބޭކަލަކަށް ތޯއެވެ؟” ރާވީ ވިދާޅުވިއެވެ. ފަހެ އެއްވެސް ބޭކަލަކަށް ހުވަފެނެއް ފެނުނުނަމަ ކިޔައިދެއްވައެވެ. ފަހެ ދެން ﷲ ތަޢާލާ އިރާދަކުރެއްވި މިންވަރަކަށް އެކަލޭގެފާނު ކިޔައިދެއްވައެވެ. ފަހެ އެއްދުވަހަކު އެކަލޭގެފާނު ތިމަން ބޭކަލުންނާ ސުވާލުކުރައްވައި ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން ބޭކަލަކަށް މިއަދު ހުވަފެނެއް ފެނުން ހެއްޔެވެ؟” ތިމަންބޭކަލުން ދެންނެވީމެވެ. ނޫނެކެވެ. ހަދީޘް ކުރެއްވިއެވެ. “އެހެނެއްކަމަކު ތިމަންކަލޭގެފާނުގެ އަރިހަށް ދެބޭކަލަކު ވަޑައިގަންނަވާތީ ރޭގައި ދެކެވަޑައިގަތީމެވެ.” ދެން ތިމަންބޭކަލުން (އެބަހީ: އެ ދެބޭކަލުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ)، އޮށޯވެގެން އޮތް މީހަކާ ހަމައަށް ދެވެންދެން ކުރިޔަށް ދިޔައީމުއެވެ. އަދި އެހިނދު އެހެން މީހަކު އޭނާކައިރި ހިލައެއް ހިފައިގެން ކޮޅަށް ހުއްޓެވެ. ދެންފަހެ އެމީހާ އެހިލަގަނޑު ވައްޓާލުމާއެކު އޮށުވެ އޮތް މީހާގެ ބޯ ފަޅައިގެން ދެއެވެ. އަދި އެ ހިލަގަނޑު ދުރަށް ފޮރޮޅެމުން ފޮރެޅެމުން ދެއެވެ. ދެން އެމީހާ އެހިލަގަނޑު ފަހަތުން ދެއެވެ. އަދި އެހިލަގަނޑު ނަގައެވެ. އަދި އޭނާގެ ބޯ ކުރިންހުރި ހާލަތަށް އެނބުރި އައުމަށްދާންދެން އޭނާގެ ކައިރިއަށް ނައިސް އެމީހާ ހުރެއެވެ. ދެން އެއަށްފަހު (އޭނާގެ ބޯ ކުރިން ހުރި ހާލަތަށް އައުމުން) އެމީހާ، އޭނާގެ ކައިރިއަށް އެނބުރި އާދެއެވެ. ދެންފަހެ ފުރަތަމަ ފަހަރު ކަންތައް ކުރި ފަދައިން ކަންތައް ކުރެއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. މިއީ ކާކު ހެއްޔެވެ؟ ދެން އެދެބޭކަލުން ތިމަންކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. ކުރިއަށް ހިންގަވާށެވެ. (ޙަދީޘްގެ ފަހުކޮޅުގައިވެއެވެ.) ފަހެ ކަލޭގެފާނު އެމީހެއްގެ ކައިރިއަށްދިޔަ، ހިލައިންޖަހާ ބޯފަޅައިލެވޭ މީހާ ދަންނައެވެ! ފަހެ އޭނާއަކީ ޤުރުއާނުގެ ޢިލްމު އުނގެނި އެދޫކޮށްފައި ރޭގަނޑު ނިދާމީހާއެވެ. އަދި ދުވާލުވެސް އެއަށް  ޢަމަލުނުކުރެއެވެ. “

އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. “أن النبي خطب الناس في حجة الوداع فقال: ” إن الشيطان قد يئس أن يُعْبَد في أرضكم ولكن رضي أن يُطَاع فيما سوى ذلك مما تَحاقرون من أعمالكم فاحذروا، إني تركت فيكم ما إن تمسكتم به فلن تضلوا أبدا: كتاب الله وسنة نبيه”[3] މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްޖަތުލްވަދާޢުގައި މީސްތަކުންނަށް ޚުޠުބާ ދެއްވިއެވެ. ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ޝައިޠާނާވަނީ ތިޔަބައިމީހުންގެ ބިމުގައި އަޅުކަންކުރުމަށް އުންމީދު ކަނޑާލާފިއެވެ. އެހެންނަމަވެސް އެބިމުގައި އެހެންކަންތައް ތަކުގެ ތެރެއިން ތިޔަބައިމީހުން އެއީ ކުޑަ ކަންތައްތަކެއްކަމުގައި ދެކޭކަންކަމަށް، އޭނާއަށް ތަބަޢަ ވެވޭނެކަމަށް އޭނާ ރުހެއެވެ. އެކަންތައްތަކާމެދު ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އެއެއްޗެއްގައި ހިފައިފިނަމަ ދުވަހަކުވެސް މަގުފުރެދިގެން ނުދާނެއެއްޗެއް ތިމަންކަލޭގެފާނު ދޫކުރެއްވީމެވެ. ﷲގެފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތެވެ.”

ޢަމުރު ބުން ޝުޢައިބް އެކަލޭގެފާނުގެ ބައްޕަގެ އަރިހުން އަދި އެކަލޭގެފާނުގެ ބައްޕަ އެކަލޭގެފާނުގެ ކާފަގެ އަރިހުން ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (( يُمَثَّلُ الْقُرْآنُ يَوْمَ الْقِيَامَةِ رَجُلاً فَيُؤْتَى بِالرَّجُلِ قَدْ حَمَلَهُ فَخَالَفَ في أَمْرِهِ فَيَتَمَثَّلُ خَصْمًا لَهُ فَيَقُولُ :يَا رَبِّ حَمَّلْته إيَّايَ فَشَرُّ حَامِلٍ تَعَدَّى حُدُودِي وَضَيَّعَ فَرَائِضِي ، وَرَكِبَ مَعْصِيَتِي وَتَرَكَ طَاعَتِي ، فَمَا يَزَالُ يَقْذِفُ عَلَيْهِ بِالْحُجَجِ حَتَّى يُقَالَ : فَشَأْنُك بِهِ ، فَيَأْخُذُ بِيَدِهِ ، فَمَا يُرْسِلُهُ حَتَّى يَكُبَّهُ عَلَى صَخْرَةٍ فِي النَّارِ)) [4] މާނައީ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހުގައި ޤުރުއާން މީހެއްގެ ސޫރައަށް ބަދަލު ކުރެވޭނެއެވެ. ދެންފަހެ އެޤުރުއާން އުފުލައި އަދި އެޤުރުއާނުގައިވާ ކަންތައްތަކާ ޚިލާފުވި މީހެއް ގެނެވޭނެއެވެ. އަދި އޭނާގެ މައްޗަށް ދަޢުވާކުރާ މީހެއްގެ ގޮތުގައި ޤުރުއާން ވާނެއެވެ. އަދި ބުނާނެއެވެ. “އޭ ރައްބެވެ. އިބައިލާހު އޭނާއީ ތިމަންނަ އުފުލާ މީހެއްކަމުގައި ލެއްވީމުއެވެ. ފަހެ އެއުފުލި މީހާގެ ހުރި ނުބާކަމާއެވެ. އެނާ އަހަރެންގެ ޙައްދުތައް (އެބަހީ: ޤުރުއާނުގައި ބަޔާންކުރެވިފައިވާ ޙައްދުތައް) ފަހަނައަޅައި ދިޔައެވެ. އަދި އަހަރެންގެ ފަރުޟުތައް (އެބަހީ: ޤުރުއާނުގައި ބަޔާންކުރެވިފައިވާ ފަރުޟުތައް) އެޅިއެވެ. އަދި އަހަރެންގެ ފާފަތަކަށް (އެބަހީ: ޤުރުއާނުގައި ބަޔާންކުރެވިފައިވާ ފާފަތަކަށް) އަރައިގަތެވެ. އަދި އަހަރެންގެ ހެޔޮޢަމަލުތައް (އެބަހީ: ޤުރުއާނުގައި ބަޔާންކުރެވިފައިވާ ހެޔޮޢަމަލުތައް) ދޫކޮށްލިއެވެ.” ތިބާއާ އޭނާ ހަވާލޭ ބުނެވިއްޖައުމަށް ދާންދެން، އެޤުރުއާން އޭނާގެ މައްޗަށް ޙުއްޖަތް ޤާއިމުކުރަމުން ދާނެއެވެ. ދެންފަހެ ޤުރުއާން އޭނާގެ އަތުގައިހިފައި، އޭނާ ގެންގޮސް ދޫކޮށްލާނީ ބޯކޮޅުވަތަށް ނަރަކައިގައިވާ ހިލައެއްގެ މައްޗަށް އޭނާ އެއްލާ ލެވުމުންނެވެ.”[5]

އަބޫ މާލިކު އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((الْقُرْآنُ حُجَّةٌ لَكَ أَوْ عَلَيْكَ))[6] މާނައީ: “ޤުރުއާނަކީ ތިބާއަށްވާ ނުވަތަ ތިބާގެ މައްޗަށްވާ ޙުއްޖަތެކެވެ.”

އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. الْقُرْآنُ شَافِعٌ مُشَفَّعٌ ، وَمَاحِلٌ مُصَدِّقٌ ، مَنْ جَعَلَهُ أَمَامَهُ قادَهُ إِلَى الْجَنَّةِ ، وَمَنْ جَعَلَهُ خَلْفَهُ سَاقَهُ إِلَى النَّارِ” [7] މާނައީ: “ޤުރުއާނަކީ ޝަފާޢަތްތެރިވާ އަދި އޭގެ މައްޗަށް ޝަފާޢަތްތެރި ވެވޭނެ އެއްޗެކެވެ. ފަހެ އެޤުރުއާން އޭނާގެ ކުރިމައްޗަށްލައިފި މީހަކު، އެޤުރުއާން އޭނާ ސުވަރުގެއަށް ގެންގޮސްދޭނެއެވެ. އަދި އެޤުރުއާން އޭނާގެ ފަހަތަށް ލައިފި މީހަކު، އެޤުރުއާން އޭނާ ނަރަކައަށް ގެންދާނެއެވެ.”

ފަހެ ޤުރުއާން އެއީ އޭނާގެ މައްޗަށް ދަޢުވާކުރާ އެއްޗެއްގެ ގޮތުގައިވެއްޖެ މީހާއަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ތިބާގެ މައްޗަށް ދަޢުވާ ކުރާއެއްޗެއްގެ ގޮތުގައިވާ އެއްޗެއްގެ ޝަފާޢަތްތެރިކަމަށް އެދޭނީ ކޮންފަދައަކުން ތޯއެވެ؟ ވިޔަފާރީގެ ފައިދާ ލިބިގަންނަ ދުވަހުގައި، އެނާގެ މައްޗަށް ޝަފާޢަތްތެރިވާން ހުރި ފަރާތެއް އޭނާގެ މައްޗަށް ދަޢުވާކުރާ އެއްޗެއްގެ ގޮތުގައިވާ މީހާއަށް ހަލާކުހުއްޓެވެ.

އޭﷲގެ އަޅުތަކުންނޭވެ! ﷲގެ ފޮތް ތިޔަބައި މީހުންގެ ކުރިމަތީގައި ކިޔެވެއެވެ. އަދި އަޑުއިވެއެވެ. އެޤުރުއާނަކީ އެއީ، އެޤުރުއާން ފަރުބަދައެއްގެ މައްޗަށް ބާވައިލެވިއްޖެނަމަ އެފަރުބަދައެއް ﷲއަށް ބިރުވެތިވުމުގެ ސަބަބުން ކުދިކުދިވެގެން ތިރިވާތީ ތިބާއަށް ފެނިގެންދާނެ ޤުރުއާނެވެ. މިއާއެކުވެސް އަޑުނީވޭ ކަންފަތްތަކެއް ވެއެވެ. އަދި ކަރުނަ ނާންނަ ލޯތަކެއްވެއެވެ. އަދި ބިރުވެތިކަމެއްނުވާ ހިތްތަކެއްވެއެވެ. އަދި އެޤުރުއާނަށް ޢަމަލުކޮށް އެޤުރުއާން އޭނާގެ މައްޗަށް ޝަފާޢަތްތެރިވާނެ އެއްޗެއްގެ ގޮތުގައިވުމަށް އުންމީދު ނުކުރާ މީހުންވެއެވެ. ހިތްތައްވަނީ ތަޤުވާވެރިކަން ނެތި ހުސްވެފައެވެ. އަދި އެހިތްތައްވަނީ ފާފައިގެ އަނދިރިކަމުން ފުނިޖެހިފައެވެ. ފަހެ އެހިތަކަށް ނުފެނެއެވެ. އަދި އަޑުވެސް ނީވެއެވެ. އަދި އަހަރެމެންގެ މައްޗަށް ޤުރުއާން ކިޔެވެނީ ކިތައްކިތައްފަހަރު ހެއްޔެވެ. އެހެންނަމަވެސް އަހަރެމެންގެ ހިތްތައްވަނީ ހިލަތަކެއްފަދައިންނެވެ. ނުވަތަ އެއަށްވުރެވެސް ހަރެވެ. އަދި އަހަރެމެންނާ ކިތަށް ރަމަޟާން މަސް ބައްދަލުވެފައިވޭ ހެއްޔެވެ. އެހެން ނަމަވެސް އަހަރެމެންގެ ޙާލަތަކީ ހަމަ އަބާއްޖަވެރިންގެ ހާލަތެވެ. އަހަރެމެންގެ ތެރެއިން ޒުވާނުން ހަވާނަފްސަށް އަޅުވެތިވުން ދޫކޮށްލާކަށް ނޫޅެއެވެ. އަދި މުސްކުޅިން ހުތުރުކަންކަން ކުރުން ހުއްޓާލާ ހެޔޮމީހުންނާ ނުގުޅެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ނިދާ އިއްވަވާ ފަރާތުގެ ނިދާއަށް އިޖާބަދޭ ބަޔަކާ އަޅާކިޔާއިރު އަހަރެމެންގެ ޙާލަކީ ކޮބާ ހެއްޔެވެ. އެބައިމީހުންނަށް ﷲގެ އާޔަތްތައް ކިޔައިދެވޭހިނދު އެބައިމީހުންގެ ހިތްތައް އަލިވެ މަޑުމޮޅިވެގެންދެއެވެ. އެބައިމިހުންނީ ﷲތަޢާލާ އެބައެއްގެ މައްޗަށް ނިޢުމަތް ދެއްވި މީހުންނެވެ. އެބައިމީހުން އެއިލާހުގެ ޙައްޤު ދެނެގަނެ އެންމެ ހެޔޮ ގޮތް ޚިޔާރުކުރިއެވެ.

އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ينبغي لقارئ القرآن أن يُعْرَف بليله إذ الناس ينامون، وبنهاره إذ الناس يُفْطِرون، وببكائه إذ الناس يضحكون، وبورعه إذ الناس يخلطون، وبصمته إذ الناس يخوضون، وبخشوعه إذ الناس يختالون، وبحزنه إذ الناس يفرحون.”[8] މާނައީ: “މީސްތަކުން ނިދާފައި ތިބޭހިނދު އޭނާގެ ރޭގަނޑުގައާއި މީސްތަކުން ކައިބޮއިހަދާހިނދު، އޭނާގެ ދުވާލާއި މީސްތަކުން ހޭހިނދު، އޭނާގެ ރުއިމާއި މީސްތަކުން މައްސުނިވެގެންނަހިނދު، އޭނާގެ ވަރައަވެރިކަމާއި މީސްތަކުން ވާހަކައިގެ ތެރެއަށް ގެނބިގެންތިބޭހިނދު، އޭނާގެ ހަމަހިމޭންކަމާއި މީސްތަކުން ބޮޑާވެގަންނަހިނދު، އޭނާގެ ޚުޝޫޢަތްތެރިކަމުންނާއި މީސްތަކުން އުފާކުރާހިނދު، އޭނާގެ ހިތާމަކުރުމުން، ޤުރުއާން ކިޔަވާމީހާ ފާހަގަވާން ޖެހޭނެއެވެ.”

يا نفس فاز الصالحون بالتقى
يا حسنهم والليل قد أَجَنَّهُمْ
تَرَنَّمُوا بالذكر في ليلهمو
قلوبهم للذكر قد تفَرَّغَتْ
أسحارهم بنورهم قد أشرقت
قد حفظوا صيامهم من لغوهم
ويحكِ يا نفس ألا تَيَقَّظِي
مضى الزمان في تَوَانٍ وهَوًى
وأبصروا الحق وقلبي قد عَمِي
ونورهم يفوق نور الأنجمِ
فعيشهم قد طاب بالتَّرَنُّمِ
دموعهم كلؤلؤ منتظمِ
وخِلَعُ الغفران خير القِسَمِ
وخشعوا في الليل في ذكرهِمِ
للنفع قبل أن تَزِلَّ قدمي
فاستدركي ما قد بَقِي واغتنمي

ބައިތުތަކުގެ ޖުމްލަ މާނަ:

އޭ ނަފްސާއެވެ. ތަޤުވާވެރިވުމުގެ ސަބަބުން ޞާލިޙުންތައް ކާމިޔާބު ވެއްޖެއެވެ. އަދި އެބައިމީހުންނަށް ޙައްޤު ފެނިއްޖެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތްވަނި ކަނުވެފައެވެ.

ރޭގަނޑު އަނދިވެގަންނަ ހިނދު، އެމީހުންގެ އެހުރަ ރީތިކަމާއެވެ. އެމީހުންގެ އަލިކަން ތަރިތަކުގެ އަލިކަމުގެ މައްޗަށް ކުރިއަރައި ހިނގައްޖެއެވެ.

އެބައިމީހުންގެ ރޭގަނޑުތައް ޛިކުރު ކުރުމުން ގުގުމާލެވެއެވެ. އެގުގުމުގެ ސަބަބުން އެމީހުންގެ ޙަޔާތް ބާއްޖަވެރިވެގެން ހިނގައްޖައެވެ.

އެމީހުންގެ ހިއްތައްވަނީ ޛިކުރު ކުރުމަށް ހުސްވެގެންނެވެ. އަދި އެމީހުންގެ ކަރުނުތައްވަނީ އަމުނާލެވިގެންވާ މުތްތަކެއް ފަދައިންނެވެ.

އެމީހުންގެ މެންދަމުގެ ވަގުތުތައް އެމީހުންގެ ނޫރުގެ ސަބަބުން އަލިވެގެން ހިނގައްޖައެވެ. ބައިއެޅިގެންވާ މުދާތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ މުދަލަކީ ފާފަ ފުއްސެވުން ލިބުމެވެ.

އެމީހުން އެމީހުންގެ ރޯދަ ބޭކާރުކަންކަމުން ރައްކާތެރިކޮށްފިއެވެ. އެމީހުން ޛިކުރުކުރާހިނދު ރޭގަނޑުގެ ވަގުތުގައި މަޑުމޮޅިވެއެވެ.

އަހަރެންގެ ނަފްސާއެވެ. ކަލެއްއަށް ހަލާކުހުއްޓެވެ. ފައިކައްސާލުމުގެ ކުރިން ހެޔޮކަންތައްތަކަށް ހޭލާކަށް ނުވޭހެއްޔެވެ.

ކަންނެތްކަމާ ހަވާނަފްސައް ތަބަޢަވުމުގައި ޒަމާންތައް ފާއިތުވެ ހިނގައްޖެއެވެ. ޙަޔާތުގެ ބާކީ ދުވަސްތަކުގައި ފާއިތުވެދިޔަ ކަންތައްތައް އަލުން ލިބިގަންނާށެވެ.

އަޚުންނޭވެ! ޤުރުއާން ދަސްކުރުމުގެ ކުޅަދާނަކަން ފާއިތުވެގެން ދިޔުމުގެކުރިން އެޤުރުއާން ދަސްކުރާށެވެ. އަދި ފަރުވާކުޑަ ކުރުމާއި ހަނދާންނެތުމުން އެޤުރުއާނުގެ ޙައްދުތައް ރައްކާތެރިކުރާށެވެ. ޖަޒާދެއްވާ ޙިސާބު ބައްލަވާ ހުރިހާކަމެއްގެ ވެރިއިލާހުގެ ޙަޟުރަތުގައި ތިބައިމީހުންނަށްވާ ނުވަތަ ތިޔަބައިމީހުނގެ މައްޗަށްވާ ހެކިވެރިއެއްގެ ގޮތުގައި އެޤުރުއާން ވާކަންކަން ތިޔަބައިމީހުން ދަންނާށެވެ!

ﷲތަޢާލާ ބާވައިލެއްވި ފޮތް އަހަރެމެންގެ ފުރަގަހަށް އެއްލާލުމަކީ، އެއިލާހު އަރެމެންގެ މައްޗަށް އެފޮތް ބާވާލެއްވުމުގެ ނިޢުމަތަށް ޝުކުރުވެރިވުމެއް ނޫނެވެ. އަދި އެއިލާހުގެ ޙުކުމްތައް މަލާމާތެއްކަމުގައި ހެދުމަކީ، އެއިލާހުގެ ޙުރުމަތްތައް މަތިވެރި ކުރުމެއް ނޫނެވެ. وَيَوْمَ يَعَضُّ الظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا ﴿٢٧﴾ يَا وَيْلَتَىٰ لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا﴿٢٨﴾ لَّقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا ﴿٢٩﴾ وَقَالَ الرَّسُولُ يَا رَبِّ إِنَّ قَوْمِي اتَّخَذُوا هَـٰذَا الْقُرْآنَ مَهْجُورًا ﴿٣٠﴾ وَكَذَٰلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا مِّنَ الْمُجْرِمِينَ وَكَفَىٰ بِرَبِّكَ هَادِيًا وَنَصِيرًا ﴿٣١﴾  [الفرقان: 27 – 31 ]. މާނައީ: “އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ އޭހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ! ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ. އަދި ރަސޫލާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރި ރައްބެވެ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެމީހުން، މިޤުރުއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ. ހަމައެފަދައިން، ތިމަންއިލާހު ކޮންމެ ނަބިއްޔަކަށް ކުށްވެރިންގެ ތެރެއިން ޢަދުއްވަކު ލެއްވީމެވެ. ތެދުމަގު ދައްކަވާ ކަލަކު ކަމުގައްޔާއި، މޮޅަށް ނަޞްރުދެއްވާ އިލާހެއް ކަމުގައި އެއިލާހު ފުދެއެވެ.”

اللهم ارزقنا تلاوة كتابك حق التلاوة، واجعلنا ممن نال به الفلاح والسعادة، اللهم ارزقنا إقامة لفظه ومعناه، وحفظ حدوده ورعاية حرمته، اللهم اجعلنا من الراسخين في العلم، المؤمنين بمحكمه ومتشابهه، تصديقا بأخباره وتنفيذا لأحكامه، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

 

[1] أخرجه ابن أبي شيبة (30549)

[2] البخاري الجنائز (1320) ، أحمد (5/9) .

[3] رواه الحاكم وقال : صحيح الإسناد ، وقد روى الإمام أحمد نحو الجملة الأولى منه من حديث أبي هريرة رضي الله عنه .

[4] ضعيف ونقل عن الحافظ ابن حجر تحسينه ، فإن ثبت أنه حسن فالممثل قراءة القارئ أو جزاؤها وهما مخلوقان ، أو يقال : إن التمثيل يقتضي أن الممثل به غير الممثل فلا يستلزم أن يخلق القرآن .

[5] މިއީ ޟަޢީފު ޙަދީޘެކެވެ.

[6] مسلم الطهارة (223) ، الترمذي الدعوات (3517) ، ابن ماجه الطهارة وسننها (280) ، أحمد (5/344) ، الدارمي الطهارة (653) .

[7] وقد رُوِيَ عنه مرفوعا إلى النبي .

[8] إحياء علوم الدين (274/4)