[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 102

106ވަނަ ޤަވާޢިދު (ޖުމްލަ 189): تَأْخِيرُ البَيَانِ عَنْ وَقْتِ العَمَلِ مُـمْتَنَعٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ބަޔާން ކުރުން ޢަމަލު ކުރުމުގެ ވަގުތަށް ވުރެ ފަސްކުރުން މަނާވެގެން ވޭ}

މި ޤަވާޢިދުގެ މުރާދު: ބަޔާނަކަށް ބޭނުންޖެހޭ މުޖުމަލާއި ޢާއްމާއި މަޖާޒާއި މުޝްތަރަކާއި މުޠުލަޤާއި ދެކޮޅަށް ކިރޭ ފިޢުލުގެ ބަޔާން އެ ޢަމަލު ކުރަންޖެހޭ ވަގުތަށް (ޙާޖަތުގެ ވަގުތަށް ވުރެ) ފަސްކުރުން ހުއްދަވެގެން ނުވެއެވެ. ޙާޖަތުގެ ވަގުތަކީ، އެ ވަގުތަށް ވުރެ ބަޔާން ކުރުން ފަސްވެއްޖެނަމަ، މުކައްލަފަށް ޚިޠާބުގައިވާ ކަންތައް ދެނެގަނެ އެއާ އެއްގޮތަށް ޢަމަލު ކުރަން ކުޅަދާނަވެގެން ނުވާނޭ ވަގުތެވެ. މި ކަމާ މެދު ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ.

ދެން ފަހެ، މި ޤަވާޢިދާ ގުޅޭ ގޮތުން ދެކެވޭ ވާހަކަ އައިސްފައި ވަނީ، ކުޅަދާނަކަން ލިބިގެން ނުވާ ކަމަކަށް ތަކުލީފު ޖެއްސެވުމާ ގުޅޭ މައްސަލައިގެ ދަށުންނެވެ. ކުޅަދާނަވެެގެން ނުވާ ކަމަކަށް ތަކުލީފު ޖެއްސެވުން މަނާ ކުރައްވާ ބޭފުޅުން، ޙާޖަތުގެ ވަގުތަށް ވުރެ ބަޔާން ކުރުން ފަސްކުރުން ހުއްދައެއް ނުކުރައްވަތެވެ. މިއާ ޚިލާފަށް، އެ ކަން ހުއްދަ ކުރައްވާ ބޭފުޅުން، ޙާޖަތުގެ ވަގުތަށް ވުރެ ފަސްކުރުން ވެސް ހުއްދަ ކުރައްވަތެވެ. އެހެންނަމަވެސް، އެ ކަން އެ ގޮތަށް ވެފައި ނުވާ ކަމަށް ދެކިވަޑައިގަންނަވަތެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އުނައިސަށް ޙަދީޘްކުރެއްވި ބަސްފުޅެވެ. ((وَاغْدُ يَا أُنَيْسُ عَلَى امْرَأَةِ هَذَا، فَإِنَ اعْتَرَفَتْ فَارْجُمْهَا)) މާނައީ: [އޭ އުނައިސެވެ! މި އަންހެނާގެ ގާތަށް ދާށެވެ! ފަހެ، އެ ކަނބުލޭގެ އިޢުތިރާފު ވެއްޖެނަމަ، އެ ކަނބުލޭގެ ރަޖަމު ކުރާށެވެ!] އެހެން ރިވާޔަތެއްގައި ވަނީ މިފަދައިންނެވެ. ((فَاعْتَرَفَتْ فَأَمَرَ بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَرُجِمَتْ)) މާނައީ: [އެ އަންހެނާ އިޢުތިރާފުވިއެވެ. އެހިނދު، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަމުރުފުޅު ކުރެއްވުމުން، އެ ކަނބުލޭގެ ރަޖަމު ކުރެވުނެވެ.] މި ޙަދީޘުގެ ބޭރުފުށުން ދަލީލުކޮށްދޭ ގޮތުގައި، ޒިނޭއަށް އިޤުރާރުވުމުގައި ވަކި އަދަދެއް ފުރިހަމަވުމީ ޝަރުޠެއް ނޫނެވެ. އެއް ފަހަރު އިޤުރާރުވުމުން ޒިނޭ ކުރިކަން ސާބިތު ވާނެއެވެ. ޒިނޭ ކުރިކަން ސާބިތުވުމަށް ހަތަރު ފަހަރު އިޤުރާރުވާން ޖެހޭނަމަ، [އެ ކަނބުލޭގެ ހަތަރު ފަހަރު އިޤުރާރުވުމުން…] ރަޖަމު ކުރާށޭ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވީހެވެ. އެހެންނަމަވެސް، އެ ގޮތަށް އެ ކަލޭގެފާނު ޙަދީޘްކުރައްވާފައެއް ނުވެއެވެ. އެއިން އެނގެނީ އެއް ފަހަރު އިޤުރާރުވުމުން ފުދޭ ކަމެވެ. އެހެނީ، ޙާޖަތުގެ ވަގުތަށް ވުރެ ބަޔާން ކުރުން ފަސްކުރުން ހުއްދަވެގެން ނުވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =