[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 7

الحديث الثامن:

عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُوْلَ اللهِ قَالَ: ((أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدَاً رَسُوْلُ اللهِ وَيُقِيْمُوْا الصَّلاةَ وَيُؤْتُوا الزَّكَاةَ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءهَمْ وَأَمْوَالَهُمْ إِلاَّ بِحَقِّ الإِسْلامِ وَحِسَابُهُمْ عَلَى اللهِ تَعَالَى)) [رواه البخاري ومسلم]

މާނައީ: އިބްނު ޢުމަރު رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހެއް ނުވާކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި ނަމާދު ޤާއިމުކޮށް އަދި (މުދަލު) ޒަކާތް ދީފުމަށް ދާންދެން މީސްތަކުންނާ ހަނގުރާމަ ކުރުމަށް، ތިމަންކަލޭގެފާނަށްވަނީ އަމުރުވެވިގެންނެވެ.

ފަހެ އެބައިމީހުން އެފަދައިން ޢަމަލުކޮށްފިނަމަ، އެބައިމީހުންގެ ލެޔާއި މުދަލަށް ތިމަންކަލޭގެފާނުގެ ކިބައިން ސަލާމަތްކަން ލިބިގެންވެއެވެ. އެއީ އިސްލާމް ދީނުގެ ޙައްޤުގައި މެނުވީއެވެ. އަދި އެބައިމީހުންގެ ހިސާބުބެއްލެވުން ވަނީ ﷲ تعالى އަށެވެ.”

 

 

الحديث التاسع:

عَنْ أَبِي هُرَيْرَةَ عَبْدِ الرَّحْمَنِ بْنِ صَخْرٍ رَضِيَ الله تَعَالَى عَنْهُ قَالَ: سَمِعْتُ رَسُوْلَ اللهِ صلى الله عليه وسلم يَقُوْلُ: ((مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فأْتُوا مِنْهُ مَا اسْتَطَعْتُمْ؛ فَإِنَّمَا أَهْلَكَ الَّذِيْنَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلافُهُمْ عَلَى أَنْبِيَائِهِمْ)) [رواه البخاري ومسلم]

މާނައީ: އަބޫ ހުރައިރާ، ޢަބްދުއްރަޙްމާނު ބުން ޞަޚްރު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. “ތިމަންކަލޭގެފާނު ނަހީކުރެއްވިހައި ކަމަކުން ތިޔަބައިމީހުން ދުރުވެގަންނާށެވެ. އަދި ތިމަންކަލޭގެފާނު އަމުރުކުރެއްވި ކަންތައްތައް، ތިޔަބައިމީހުންނަށް ކުޅަދާނަވީ ވަރަކުން ކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ކުރީގެ އުންމަތްތައް ހަލާކުވެ ދިޔައީ ސުވާލު ގިނަކޮށް، އެބައިމީހުންގެ ނަބީބޭކަލުންނާ ޚިލާފުވުމުންނެވެ.”

 

 

الحديث العاشر:

 

عَنْ أَبِيْ هُرَيْرَةَ رَضِيَ اللهُ تَعَالَى عَنْهُ قَالَ: قَالَ رَسُوْلُ اللهِ: ((إِنَّ اللهَ تَعَالَى طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبَاً وَإِنَّ اللهَ أَمَرَ المُؤْمِنِيْنَ بِمَا أَمَرَ بِهِ المُرْسَلِيْنَ فَقَالَ: (يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحاً) [المؤمنون: الآية51] ، وَقَالَ: (يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ) [البقرة: الآية172] ثُمَّ ذَكَرَ الرَّجُلَ يُطِيْلُ السَّفَرَ أَشْعَثَ أَغْبَرَ، يَمُدُّ يَدَيْهِ إِلَى السَّمَاء، ِ يَا رَبِّ يَا رَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَغُذِيَ بِالحَرَامِ فَأَنَّى يُسْتَجَابُ لذلك)) [رواه مسلم]

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ އީ އެންމެ ރަނގަޅު ފަރާތެވެ. (އެބަހީ: އެންމެހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ.) ރަނގަޅު އެއްޗެއް މެނުވީ، އެއިލާހު ޤަބޫލެއް ނުކުރައްވައެވެ. އަދި އެއިލާހު މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ، ރަސޫލުންނަށް އަމުރުކުރެއްވި ފަދައިންނެވެ. ފަހެ، ﷲ تعالى ވަޙީކުރެއްވިއެވެ. “އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ފަރިއްކުޅުއްވާށެވެ. އަދި ޞާލިހު ޢަމަލުކުރައްވާށެވެ.” އަދިވެސް ﷲ تعالى ވަޙީކުރެއްވިއެވެ. “އޭ އިމާންވި މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި (ޙަލާލު) ރަނގަޅު ތަކެތިން ކައި އުޅޭށެވެ.”

ދެން އެއަށްފަހު، ދަތުރު ދިގުވެ، ބޯހިރަފުސްވެ، ގައި ކިލާވެފައިވާ މީހެއްގެ ވާހަކަ އެކަލޭގެފާނު ޒިކުރުކުރެއްވިއެވެ. އެމީހާ ދެއަތް މައްޗަށް ނަގައި ދުޢާކުރެއެވެ. “އޭ ތިމަންގެ ރައްބެވެ! އޭ ތިމަންގެ ރައްބެވެ!” އެހެނަސް އޭނާ ކަނީ ޙަރާމްތަކެއްޗެވެ. އަދި ބޮނީ ޙަރާމްތަކެއްޗެވެ. އަދި ލަނީ ޙަރާމް ފޭރާމެވެ. އަދި ހެދިބޮޑުވެފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އެފަދަ މީހެއްގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟!”

 

 

ޙަދީޘެއްގައިވެއެވެ.

((مَنْ تَصَدَّقَ بِعَدْلِ تَمْرَةٍ مِنْ كَسْبٍ طَيِّبٍ – وَلاَ يَقْبَلُ اللَّهُ إِلاَّ الطَّيِّبَ – وَإِنَّ اللَّهَ يَتَقَبَّلُهَا بِيَمِينِهِ ، ثُمَّ يُرَبِّيهَا لِصَاحِبِهِ كَمَا يُرَبِّى أَحَدُكُمْ فَلُوَّهُ حَتَّى تَكُونَ مِثْلَ الْجَبَلِ)) [متفق عليه]

މާނައީ: “– ރަނގަޅު އެއްޗެއް މެނުވީ ﷲ ތަޢާލާ ޤަބޫލުފުޅުނުކުރައްވައެވެ. – ޙަލާލު ޢާމްދަނީއަކުން (ހޯދާފައިވާ މުދަލުން) ކަދުރެއްގެ މިންވަރުވިޔަސް ޞަދަޤާތްކޮށްފިމީހާ ދަންނައެވެ. ހަމަކަށަވަރުން އެއެއްޗެއް ﷲ ތަޢާލާގެ ކަނާއަތްޕުޅުން ހިއްޕަވައެވެ. އެއަށްފަހު އެއެއްޗެއް ފަރުބަދައެއްހާ ބޮޑުވެއްޖައުމަށް ދާންދެން އެއަށް ރިޢާޔަތްކޮށްދެއްވައެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކު އެމީހެއްގެ ކުޑައަހެއް ބަލަހައްޓާ ފަދައިންނެވެ.”

 

 

ހަދީޘުން ލިބޭފައިދާތައް

  1. މި ހަދީސްގައި ޒިކުރުކުރެވިފައިވަނީ ދުޢާ އިޖާބަކުރެއްވުމުގެ ސަބަބުތަކުގެ ތެރެއިން ހަތަރު ސަބަބެއް ލިބިފައިވާ މީހެއްގެ ވާހަކައެވެ. އެއީ އޭނާއަކީ ދަތުރުވެރިއެއްކަމުގައިވުމާއި ބޯހޭވި، ހިރަފުހުން ތަތްތެޅިފައިވާ ނިކަމެތި ޙާލެއްގައިވުމާއި، ދެއަތް އުފުލުމާއި، އަދި ރުބޫބިއްޔަތުގެ އިސްމުފުޅު އެދި ދެންނެވުމެވެ. މި ސަބަބުތަކުގެ ތެރެއިން ސަބަބެއް އައިސްފިނަމަ ދުޢާ އިޖާބަ ކުރައްވާނެ ކަން މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީސްފުޅުތަކުން އެނގެ އެވެ. ނަމަވެސް މިފަދަ މީހަކު، އޭނާގެ ކެއުމާއި ބުއިމާއި ހެދުން ލުމާއި އެނޫން ވެސް ކަންކަމުގައި ޙަރާމް ގޮތުގައި ހޯދާ ތަކެތި ބޭނުން ކުރާ ކަމުގައި ވާނަމަ އޭނާގެ ދުޢާ އިޖާބަ ނުކުރެއްވޭނެ ކަން އަބޫ ހުރައިރާގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ މި ހަދީސުން އެނގެ އެވެ.

އެކަމަކު ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ.

  1. މި ހަދީސް ފައްޓަވާފައި ވަނީ ﷲ އަކީ އެންމެހާ ރަނގަޅު ސިފަފުޅުތަކުން ސިފަ ލިބިވޮޑިގެންވާ ކަލާނގެ ކަމާއި، އެހެންކަމުން ރަނގަޅު އެއްޗެއް ނުވަތަ ރަނގަޅު ކަމެއް މެނުވީ އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަން ބަޔާން ކުރައްވަމުންނެވެ. ރަނގަޅު ތަކެއްޗާއި ކަންކަން ނުވަތަ ޠައްޔިބާތު އަކީ ކިލަނބު ކަމެއް މުޑުދާރު ކަމެއް ނެތް ސާފު ތާހިރު ތަކެއްޗާއި ކަންކަމެވެ. ﷲ ގަބޫލު ކުރައްވަނީ ރަނގަޅު ހަލާލު ތަކެއްޗެވެ. ޢަމަލުތަކާއި ބަސްތަކާއި ގަބޫލު ކުރުންތަކާއި މުދާތަކާއި އަދި އެނޫން އެއްޗެއް ނުވަތަ ކަމެއް ވިއަސް އެއިން ރަނގަޅު ތަކެއްޗެވެ. މިއާ ޚިލާފަށް ނުބައި ކަންކަން ގަބޫލު ނުކުރައްވާނެ އެވެ. އަލްމާއިދާ ސޫރަތުގެ 100 ވަނަ އާޔަތުގެ މާނައިގެ ތެރޭގައި ވެއެވެ. “ނުބައި ކަންތަކުގެ ގިނަކަން، ތިބާ އަޖައިބު ކޮށްލިއަސް، ނުބައި ކަންތަކާއި ރަނގަޅު ކަންތައް ހަމަހަމަ ވެގެނެއް ނުވެ އެވެ.” އެއަށް ފަހު އެ އާޔަތުގައި އަންގަވަނީ ތަޤުވާވެރި ވުމަށެވެ. އެއީ ދިންނަވައި ނަސީބު ލިބުމަށްޓަކައި ކަމަށެވެ.
  2. ޙަރާމް އެއްޗެހި ކައިގެން ޖިސްމު ހެދިބޮޑުވެފައިވާ މީހަކުވެސް ތައުބާވެ، ޙަރާމްގޮތުގައި އާމަދަނީ ހޯދުން ހުއްޓާލައިފިނަމަ، ދެން އޭގެފަހުން އޭނަގެ ދުޢާތައް އިޖާބަކުރެއްވޭހުއްޓެވެ.

 

ބައްލަވާ:

https://dhisalafiyyah.net/article/27963

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް