[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 113

118ވަނަ ޤަވާޢިދު (ޖުމްލަ 189): صِحَّةُ النَّفْيِ دَلِيْلُ الـمَجَازِ

މި ޤަވާޢިދުގެ ތަރުޖަމާ: {ނަފީގެ ޞައްޙަ ކަމީ، މަޖާޒުގެ ދަލީލު}

މި ޤަވާޢިދުގެ މުރާދު: ލަފްޒެއް ބޭނުންކުރެވިފައި ވަނީ، މަޖާޒީ މާނައިގައި ކަން އަންގައިދޭ ޢަލާމާތްތަކުގެ ތެރޭގައި، އަދި އެ ކަމަށް ދަލީލުކޮށްދޭ ދަލީލުތަކުގެ ތެރޭގައި، އެ ލަފްޒު ނަފީ ކުރުން ޞައްޙަވުން ހިމެނެއެވެ. މިސާލަކަށް، މީހަކަށް ދީލަތި މީހަކު ފެނިގެން [އަހުރެންނަށް ކަނޑެއް ފެނުނޭ] ބުނުމެވެ. މި ހާލަތުގައި އޭނާގެ އެ ބުނުން ނަފީކޮށް އެއަށް އިންކާރުކޮށް [ތިބާއަށް ކަނޑެއް ނުފެނެޔޭ] ނުވަތަ [ތިބާއަށް ފެނުނީ ކަނޑެއް ނޫނޭ] ބުނެވިދާނެއެވެ. މި ގޮތަށް އިންކާރުކުރުމުގެ ފުރުސަތު ލިބުމުން އެނގިގެންދަނީ، އޭނާ [ކަނޑު] ބޭނުންކުރީ މަޖާޒީ މާނައެއްގައި ކަމެވެ. ޙަޤީޤީ މާނައެއްގައި ނޫން ކަމެވެ.

މި ޤަވާޢިދުގެ މިސާލަކީ، މީހަކު އޭނާގެ ދަރިންނަށް ވަޤުފެއް ކޮށްފިނަމަ، އޭގެ ތެރެއަށް ކާފަދަރިން ނުވަނުމެވެ. ސަބަބަކީ، ކާފަދަރިންނަކީ އޭނާގެ ދަރިންނެއް ނޫނޭ ބުނެ، ދަރިންގެ ތެރެއިން ކާފަދަރިން ނަފީކޮށް، އެއީ އޭނާގެ ދަރީންގެ ދަރިންނޭ ބުނުމުގެ ފުރުސަތު އޮތީތީއެވެ. މިއިން އެނގެނީ، ކާފަދަރިންނަށް ދަރިންނޭ ކިޔެނީ މަޖާޒީ ގޮތުންކަމެވެ.

119ވަނަ ޤަވާޢިދު (ޖުމްލަ 189): لَا يُـجْمَعُ بَيْنَ الـحَقِيْقَةِ وَالـمَجَازِ فِي اللَّفْظِ الوَاحِدِ

މި ޤަވާޢިދުގެ ތަރުޖަމާ: {އެއް ލަފްޒެއްގައި ޙަޤީޤަތާއި މަޖާޒު ޖަމައެއް ނުކުރެވޭނެ}

މި ޤަވާޢިދުގެ މުރާދު: އެއް ވަގުތެއްގައި، އެއް ހާލަތެއްގައި، އެއް ލަފްޒެއް އޭގެ ޙަޤީޤީ މާނައާއި މަޖާޒީ މާނައިގައި އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެވޭނެއެވެ. މިއީ، ޙަނަފީންނާއި، ޝާފިޢީން ކުރެ މުޙައްޤިޤުންނާއި، ބައެއް މުޢުތަޒިލާއިންނާއި، އައްރާޒީއާއި، އަލްހިންދީއާއި އަދި އައްޝައުކާނީ އިޚްތިޔާރު ކުރެއްވި ރައުޔެވެ.

މިއާ ޚިލާފަށް، ޝާފިޢީން ކުރެ ބައެއް ބޭފުޅުންނާއި ބައެއް މުޢުތަޒިލާއިންގެ ނަޒަރުގައި، އެއީ މުޠުލަޤުކޮށް ހުއްދަ ކަމެކެވެ. އެހެންނަމަވެސް، އެ ދޭތީގެ މެދުގައި އެކަތި އަނެކަތި ނަފީކުރާނޭ ކަމެއް ވާނަމަ، އެ ދޭތި އެއް ފަހަރާ ޖަމައެއް ނުކުރެވޭނެއެވެ.

އަދި މިއާ ޚިލާފަށް، އަލްޣަޒާލީއާއި އިބްނުލްހުމާމުގެ ނަޒަރުގައި، ބުއްދީގެ ގޮތުން ބަލާއިރު އެ ދޭއްޗަށް އެއް ވަގުތެއްގައި ބޭނުންކުރުން ޞައްޙަވެގެން ވެއެވެ. އެހެންނަމަވެސް، ބަހަވީ ގޮތުން ބަލާއިރު ޞައްޙަވެގެން ނުވެއެވެ. އެއީ، މުފުރަދު ނޫން ލަފްޒުތައް (މުޘައްނާއާއި ޖަމްޢު) ފިޔަވައެވެ. ބަހަވީ ގޮތުން ބަލާއިރު، މުޘައްނާއާއި ޖަމްޢުގައި އެ ދެ މާނައިގައި ބޭނުންކުރެވިދާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނި ވަޙީބަސްފުޅެވެ. (أَلَمْ تَرَ أَنَّ اللَّهَ يَسْجُدُ لَهُ مَن فِي السَّمَاوَاتِ وَمَن فِي الأَرْضِ وَالشَّمْسُ وَالْقَمَرُ وَالنُّجُومُ وَالْجِبَالُ وَالشَّجَرُ وَالدَّوَابُّ وَكَثِيرٌ مِّنَ النَّاسِ) (ސޫރަތުލްޙައްޖު: 18 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އުޑުތަކުގައި ވާހާ ބަޔަކާއި، ބިމުގައި ވާހާ ބަޔަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، ﷲ އަށް ސަޖިދަ ކުރާތަން ތިބާއަށް ނުފެނޭ ހެއްޔެވެ؟] ސަޖިދަކުރުމުގެ ޙަޤީޤީ މާނައަކީ، އެނގިގެންވާ ވަކި ގޮތަކަށް ބިމުގައި ނިތްކުރި ޖެއްސުމެވެ. އޭގެ މަޖާޒީ މާނައަކީ، މާތްކޮށް މަތިވެރިކުރުމެވެ. މި އާޔަތުގައިވާ މީސްތަކުންނާއި ޖަނަވާރުންނަށް ނިސްބަތްކޮށް ސަޖިދަކުރުން އޭގެ ޙަޤީޤީ މާނައިގައި ނެގިދާނެއެވެ. އެހެންނަމަވެސް، ދެން ތިބި ތަކެއްޗަށް ނިސްބަތްކޮށް ސަޖިދަކުރުން ނެގޭނީ އޭގެ މަޖާޒީ މާނައިގައެވެ. އެހެންނަމަވެސް، މި އާޔަތުގައި [ސަޖިދަކުރުން] ބޭނުންކުރެވިފައި ވަނީ އެންމެ ފަހަރަކު ކަމުގައިވުމުން، ޙަޤީޤީ މާނައާއި މަޖާޒީ މާނައިގައި ވެސް އެ ލަފްޒު ބޭނުންކުރެވިފައި ވަނީ ކަމަކަށް ނުބުނެވޭނެއެވެ. ބުނަންޏާ ބުނަންޖެހޭނީ އެ ލަފްޒު ބޭނުންކުރެވިފައި ވަނީ އޭގެ ޙަޤީޤީ މާނައިގައި ކަމަށެވެ. ނޫންނަމަ، ބުނަންޖެހޭނީ އެ ލަފްޒު ބޭނުންކުރެވިފައި ވަނީ އޭގެ މަޖާޒީ މާނައިގައި ކަމަށެވެ. ޙަޤީޤީ މާނައިގައި ބޭނުންކޮށްފައިވާ ކަމަށް ބުނެފިނަމަ، ބުނެވޭނީ، ކޮންމެ މަޚުލޫޤެއް ވެސް އެއަށް އެކަށީގެންވާ ގޮތަށް ސަޖިދަ ޖަހާ ކަމުގައެވެ. މަޖާޒީ މާނައިގައި ބޭނުންކޮށްފައިވާ ކަމަށް ބުނެފިނަމަ، ބުނެވޭނީ، އެ ހުރިހާ މަޚުލޫޤުން ވެސް ﷲ ތަޢާލާ މާތްކޮށް މަތިވެރިކުރާ ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =