[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 126

132ވަނަ ޤަވާޢިދު (ޖުމްލަ 189): مَفْهُومُ اللَّقَبِ لَيْسَ بِـحُجَّةٍ

މި ޤަވާޢިދުގެ ތަރުޖަމާ: {مَفْهُومُ اللَّقَبِ އަކީ ޙުއްޖަތެއް ނޫން}

މި ޤަވާޢިދުގެ މުރާދު: ޙުކުމް ސާބިތު ކުރުމާއި ނަފީ ކުރުމުގައި مَفْهُومُ اللَّقَبِ އަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އެ ގޮތުން، ލަޤަބަކުން ޙުކުމް ޤައިދު ކުރެވި، އެއާ ޙުކުމް ގުޅުވައިލެވިފައި ވުމަކުން، އެ ނޫން ލަޤަބުތަކުގައި އެ ޙުކުމް ނަފީ ވާނެ ކަމަކަށް ދަލީލެއް ނުކޮށްދެއެވެ. އަދި އެ ނޫން ލަޤަބުތަކުގައި އެ ޙުކުމް ސާބިތު ވާނެ ކަމަކަށް ވެސް ދަލީލެއް ނުކޮށްދެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިން ކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އަޙްމަދާއި އެ ބޭފުޅާގެ ގިނަ އެކުވެރިންނާއި، އަދި މާލިކުގެ ނަޒަރުގައި، مَفْهُومُ اللَّقَبِ އަކީ ޙުއްޖަތެކެވެ. އެހެންކަމުން، ޙުކުމެއް ނަމަކާ ގުޅުވައިލާފައި ވާނަމަ، އެ ނޫން ނަންތަކުގައި އެ ޙުކުމް ނަފީ ވާނެކަން އެއިން ދަލީލުކޮށްދޭ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އަދި މި ރައުޔު، ޝާފިޢީން ކުރެ އަބޫ ބަކުރު އައްދައްޤާޤަށާއި އައްޞައިރަފީއަށާއި އިބްނު ފޫރަކަށް، އަދި މާލިކީން ކުރެ އިބްނު ޚުވައިޒު މިންދާދަށާއި އިބްނުލްޤައްޞާރަށް، އަދި ދާވޫދުއްޡާހިރީއަށް ނިސްބަތްކުރެވިފައި ވެއެވެ.

އަދި މިއާ ޚިލާފަށް، އަލްމަޖިދު އިބްނު ތައިމިއްޔާގެ ނަޒަރުގައި، ލަޤަބުގެ ކުރިން އެ ލަޤަބަށް ވުރެ ޢާއްމުކަން ބޮޑު އެއްޗެއް ވާނަމަ، އެއީ ޙުއްޖަތެކެވެ. އެއީ، ޢާއްމުން ޚާއްޞަގެ ބާރު ގަދަވުމުގެ ބާބުގެ ދަށުންނެވެ. މިސާލަކަށް، ފުރަތަމަ ((وَجُعِلَتْ لَنَا الأَرْضُ كُلُّهَا مَسْجِدًا)) އޭ އޮވެފައި، އޭގެ ފަހުން ((وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا)) އޭ އޮތުމުން [تُرْبَتُهَا] އަކީ ޙުއްޖަތަކަށް ވާނެއެވެ.

އަދި މިއާ ޚިލާފަށް، އިބްނު ޙަމްދާންފަދަ ބައެއް ޙަންބަލީން އިޚްތިޔާރު ކުރައްވާފައިވާ ރައުޔެއްގައި ވަނީ، ޤަރީނާއަކުން ދަލީލު ކޮށްދޭނަމަ، އެއީ ޙުއްޖަތަކަށް ވާނެ ކަމުގައެވެ. އެހެންނަމަވެސް، ޤަރީނާއަކުން ދަލީލު ނުކޮށްދޭނަމަ، ޙުއްޖަތަކަށް ނުވާނެ ކަމުގައެވެ.

އަދި މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، أَسْمَاءُ الأَنْوَاعِ ގައިނަމަ، އެއީ ޙުއްޖަތެކެވެ. އެހެންނަމަވެސް، أَسْمَاءُ الأَشْخَاصِ ގައިނަމަ، އެއީ ޙުއްޖަތެއް ނޫނެވެ.

ދެން ފަހެ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި ލަޤަބަކީ، ސިފަ ފިޔަވައި ޒާތަށް ދަލީލުކޮށްދޭ ލަފްޒެވެ. އޭގެ ތެރޭގައި، ނަމާއި ލަޤަބާއި ކުންޔާ ވެސް ޝާމިލު ވެއެވެ. އަދި ހަމައެހެންމެ، އޭގެ ތެރޭގައި، ޖިންސުތަކުގެ ނަންތަކާއި (މިސާލަކަށް، ގެރިބަކަރި)، ޖަމްޢުގެ ނަންތަކާއި (މިސާލަކަށް، ޤައުމު)، އިސްމިއްޔާކަން ގަދަވެގަނެފައިވާ މުޝްތައްޤު ނަންތައް (މިސާލަކަށް، ކާތަކެތި) ވެސް ޝާމިލު ވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((وَجُعِلَتْ لَنَا الأَرْضُ كُلُّهَا مَسْجِدًا وَجُعِلَتْ تُرْبَتُهَا لَنَا طَهُورًا إِذَا لَمْ نَجِدِ الْمَاءَ)) މާނައީ: [އަހުރެމެންނަށް މުޅި ބިން މިސްކިތެއް ކަމުގައި ލެއްވުނެވެ. އަދި އޭގެ ވެއްޔަކީ ޠަހޫރު އެއްޗެއް ކަމުގައި ލެއްވުނެވެ. ފެން ނުލިބިއްޖެނަމައެވެ.] مَفْهُومُ اللَّقَب އަކީ ޙުއްޖަތެއް ކަމުގައި ދެކިވަޑައިގަންނަވާ ބޭފުޅުންގެ އަރިހުގައި، ވެލި ނޫން އެހެން އެއްޗަކީ ފެން ނެތް ހާލުގައި ތަޔައްމުމު ކުރަން ބޭނުން ކުރަން ޠަހޫރު އެއްޗަކަށް ނުވާނެއެވެ. އެހެންކަމުން، ތަޔައްމުމު ކުރެވޭނީ ހަމައެކަނި ވެލިންނެވެ. މިއާ ޚިލާފަށް، مَفْهُومُ اللَّقَب އަކީ ޙުއްޖަތެއް ނޫން ކަމުގައި ދެކިވަޑައިގަންނަވާ ބޭފުޅުންގެ އަރިހުގައި، މި ޙަދީޘުގައި [ވެލީ] ގެ ނަން ބަޔާންވެފައި އޮތެއް ކަމަކު، އެއީ ވެލި ނޫން އެހެން އެއްޗެހިން ތަޔައްމުމު ކުރުން ނަފީ ވާކަން ދަލީލުކޮށްދޭ ކަމެއް ނޫނެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =