[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 140

150ވަނަ ޤަވާޢިދު (ޖުމްލަ 189): الصِّفَةُ فِي الـمَعْرِفَةِ لِلتَّوْضِيْحِ، وَفِي النَّكِرَةِ لِلتَّخْصِيْصِ

މި ޤަވާޢިދުގެ ތަރުޖަމާ: {މަޢުރިފާގައި ސިފަ ބޭނުންކުރެވެނީ އިތުރަށް ސާފުކޮށްދިނުމަށް، އަދި ނަކިރާގައި ބޭނުންކުރެވެނީ ޚާއްޞަ ކުރުމަށް}

މި ޤަވާޢިދުގެ މުރާދު: ސިފައެއް މަޢުރިފާއަކާ ގުޅިގެން ވެސް އަދި ނަކިރާއަކާ ގުޅިގެން ވެސް އައިސްފައި އޮވެދާނެއެވެ. އެ ގޮތުން، ސިފައެއް މަޢުރިފާއަކާ ގުޅިގެން އަތުވެއްޖެނަމަ (މިސާލަކަށް، [الصَّلَاةُ الوُسْطَى] ނުވަތަ މެދު ނަމާދު)، އޭގެ ބޭނުމަކަށް ވާނީ، ސިފަކުރެވޭ އެ އެތީގެ ޙަޤީޤަތް އިތުރަށް ސާފުކޮށް އޮޅުންފިލުވައިދީ ބަޔާންކޮށްދިނުމެވެ. އަދި އެ ސިފަ ނެތް ތަކެތިން އެ ޙުކުމް ނަފީ ކުރުމެއް އެއަކުން ލާޒިމެއް ނުކުރާނެތެވެ. މިއާ ޚިލާފަށް، ސިފައެއް ނަކިރާއަކާ ގުޅިގެން އަތުވެއްޖެނަމަ (މިސާލަކަށް، [آيَـاتٌ مُحْكَـمَاتٌ] ނުވަތަ މުޙްކަމް އާޔަތްތަކެއް)، އޭގެ ބޭނުމަކަށް ވާނީ، ސިފަކުރެވޭ އެ އެތި ޚާއްޞަ ކުރުމެވެ. އަދި އެ ސިފަ ހުރި އަފުރާދުންނަށް އެކަނި އެ ޙުކުމް ހަނިކޮށް، އެ ސިފަ ނެތް އެހެން ތަކެތިން އެ ޙުކުމް ނަފީ ކުރާނެތެވެ. އަދި އެ ވާނީ ޝަރުޠެއްފަދަ އެއްޗަކަށެވެ.

ދެން ފަހެ، މިއީ ޢާއްމު އުޞޫލު ކަމުގައި ވިޔަސް، މަދު ބައެއް ހާލަތްތަކުގައި މީގެ އިދިކޮޅަށް ވެސް އޮވެއެވެ. މި ސަބަބަށްޓަކައި، ބައެއް ސިފަތަކާ ގުޅޭ ގޮތުން އެއީ ޚާއްޞަ ކުރުމުގެ ގޮތުން އޮތް ސިފަތަކެއްތޯ ނުވަތަ އިތުރަށް ސާފުކޮށް ބަޔާންކޮށްދިނުމުގެ ގޮތުން އޮތް ސިފަތަކެއްތޯ ކަނޑައެޅުމުގައި ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ.

އަދި މި ތަނުގައި ސިފައިގެ މުރާދަކީ އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި އޭގެ ޢާއްމު މުރާދެއް ނޫނެވެ. އެހެނެއްކަމަކު، ނަޙޫ ޢިލްމުވެރިންގެ އަރިހުގައި އޭގެ މުރާދެވެ. އެއީ، ޒާތުގެ ބައެއް ހާލަތްތަކަށް ދަލީލުކޮށްދޭ ނަމުގެ މާނައެވެ. މިސާލަކަށް، ދިގާއި ކުރާއިރު ކޮޅަށްހުރުމާއި އިށީނދެއިނުމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޙުނައިނު ހަނގުރާމައަށް ޞަފްވާނު ބްނު އުމައްޔާގެ އަތުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޢާރިޔާއެއްގެ ގޮތުން ގެންދެވި އައްޑަނަތަކާ ގުޅޭ ގޮތުން، އެ ތަކެތި ގެންދަވަނީ ފޭރިގެން ގެންދާ އެއްޗެހިތަކެއްގެ ގޮތުގައިތޯ ޞަފްވާނު (އޭނާއަކީ އޭރު މުސްލިމެއް ނޫން، އިސްލާމްވެވަޑައިގެންނެވީ މައްކާ ފަތަޙަކުރެއްވުމަށްފަހު) ސުއާލުކުރެއްވުމުން، ކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެވެ. ((لاَ، بَلْ عَارِيَةٌ مَضْمُونَةٌ)) މާނައީ: [ނޫނެކެވެ! އެހެނެއްކަމަކު، ޖާމިނުވާ ޢާރިޔާއެއްގެ ގޮތުގައެވެ.] މި ޙަދީޘްފުޅުގައި [مَضْمُونَةٌ] (ޖާމިނުވާ) ސިފަ އައިސްފައި އެ ވަނީ، އެ ޢާރިޔާ ޚާއްޞަ ކުރުމުގެ ގޮތުންނެވެ. އެ ގޮތަށް ބެލެވުނީ، ނަކިރާކޮށް އެ ސިފަ އޮތުމުންނެވެ. އެހެންކަމުން، އެ ޢިބާރާތްކޮޅުގެ މާނައަކީ، ތިބާގެ އަތުން އަހުރެން އެ ތަކެތި ޢާރިޔާއެއްގެ ގޮތުން މި ގެންދަނީ، އެއަށް ލިބޭ ގެއްލުމަށް ޒިންމާ އުފުލަން ޖާމިނުވެއެވެ. ޖާމިނުވުމެއް ނެތް ޢާރިޔާއެއްގެ ގޮތަކަށް ނޫނެވެ. މިއިން އެނގެނީ، ޢާރިޔާގެ ގޮތުގައި ގެންދާ އެއްޗަށް ލިބޭ ގެއްލުމަށް ޒިންމާވާން ޖެހޭނީ، އޭގެ ގެއްލުމަށް ޒިންމާވުމަށް ޖާމިނުވެފައި ވާނަމައެވެ. އަދި ބައެއް ޢިލްމުވެރިންގެ ނަޒަރުގައި، އެއަށް ލިބޭ ގެއްލުމަށް ޒިންމާވާން ޖާމިނުވެފައި ނުވާނަމަ، އެއަށް ލިބޭ ގެއްލުމަށް ޒިންމާވާން ޖެހޭނީ އޭނާގެ ފަރުވާކުޑަކަމުން ނުވަތަ އޭނާ އެއަށް އަރައިގަތުމުގެ ސަބަބުން އެއަށް ގެއްލުން ލިބުނުނަމައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =