[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 157

170ވަނަ ޤަވާޢިދު (ޖުމްލަ 189): الاِحْتِمَالُ النَّاشِئُ عَنْ دَلِيْلٍ يُبْطِلُ الاِسْتِدْلَالَ

މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން އުފަންވި އިޙްތިމާލު، ދަލީލު ނެގުން ބާޠިލުކޮށްލަދޭ}

މި ޤަވާޢިދުގެ މުރާދު: ވަކި ދަލީލަކުން ދަލީލު ނެގިއިރު، ދަލީލަކާ ގުޅިފައިވާ އެހެން އިޙްތިމާލެއް އެ ދަލީލު ނެގުމާ ފުށުއަރާނަމަ، އެ އިޙްތިމާލުގެ ސަބަބުން، އެ ދަލީލު ނެގި ނެގުމީ އެއަށް ބަރޯސާ ނުވެވޭނޭ އެއްޗެއް ކަމުގައި ހަދައިލާނެތެވެ.

ދެން ފަހެ، ދަލީލަކުން އުފަންވި އިޙްތިމާލަކީ، އަޞްލު ދަލީލުގައިވާ އިޙްތިމާލާ އެއް ހަމައެއްގެ އިޙްތިމާލަކަށް، ނުވަތަ އޭގެ މައްޗަށް ރާޖިޙު ކުރެވިދާނޭ އިޙްތިމާލަކަށް ވާންޖެހޭނެއެވެ. ނޫންނަމަ، އެ އިޙްތިމާލަކީ ވަހުމެއް ކަމުގައި ކަނޑައެޅި، އެއަކަށް ބަރޯސާއެއް ނުވެވޭނެއެވެ.

އަދި ދަލީލު ނެގުން ބާޠިލުކޮށްލަދެޔޭ ބުނެފައިވާ ބުނުމުގެ މުރާދަކީ، އެ ދަލީލުން ދަލީލު ނެގުމުގައި ދަލީލު ނެގި ފަރާތުން ކަނޑައެޅި ގޮތް (އެބަހީ، އެހެން ދަލީލަކުން އެއާ ފުށުއަރާ ގޮތަށް އިޙްތިމާލު އުފެދުނު ގޮތް) އެކަނި ބާޠިލުވުމެވެ. އެ މުޅި ދަލީލަކީ ދަލީލު ނަގަން އެކަށީގެން ނުވާ އެއްޗަކަށްވުމެއް ނޫނެވެ. އެހެންކަމުން، އެ ދަލީލުން އެހެނިހެން ގޮތްގޮޮތަށް ދަލީލު ނެގިދާނެއެވެ.

ކޮންމެއަކަސް، ޝަރުޢީ ގޮތުން މުޢުތަބަރު ދަލީލަކާ ގުޅިފައިވާ އިޙްތިމާލެއް އެ ދަލީލަކަށް ހުށަހެޅިގެންފައިވާ ދަލީލުގެ ޙުއްޖިއްޔަތު މި ޤަވާޢިދުން ނަފީކުރެތެވެ. އެ ދަލީލަކީ، ޤަޠުޢީ ދަލީލެއް ކަމުގައި ވިޔަސް، ނުވަތަ ޡައްނީ ދަލީލެއް ކަމުގައި ވިޔަސް މެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ބަލިމީހާ އޭނާގެ މަރުބަލީގައި އޭނާގެ ވާރުތަވެރިންކުރެ އެކަކަށް އޭނާ ދަރަންޏެއް ދައްކަންޖެހިފައިވާކަމަށް އިޤުރާރުވުމެވެ. މި ހާލަތުގައި، އެ އިޤުރާރުވުން ޞައްޙައެއް ނުވާނެއެވެ. އެ ވާރުތަވެރިޔާ ފިޔަވައި ދެން ތިބި ވާރުތަވެރިން އެ އިޤުރާރު ތެދު ނުކުރާނަމައެވެ. އެއީ، އެހެން ވާރުތަވެރިން ވާރުތަމުދަލުން މަޙުރޫމުކުރުމުގެ މަޤްޞަދުގައި އެ މީހާ ވީ އިޤުރާރެއްކަމުގެ އިޙްތިމާލު އުފެދޭތީއެވެ. މި އިޙްތިމާލު އުފެދުނީ، ދަލީލަކުންނެވެ. އެ ދަލީލަކީ، އޭނާ މަރުބަލީގައި އޮތުމެވެ. އެހެންކަމުން، އެ އިޤުރާރަކީ ދަލީލަކުން އިޙްތިމާލު އުފެދޭ އިޤުރާރަކަށް ވާތީ، އެ ދަލީލުގެ ސަބަބުން އެ އިޤުރާރު ބާޠިލުވެގެން ދާނެއެވެ. މިއާ ޚިލާފަށް، އޭނާ ސިއްހަތު ސަލާމަތުންހުރެ އެ އިޤުރާރުވިނަމަ، އެ އިޤުރާރު ޞައްޙަ ވާނެއެވެ. އެހެނީ، އެ ހާލަތުގައި ވާރުތަވެރިން އެ މުދަލުން މަޙުރޫމުކުރުމުގެ މަޤްޞަދު އޮތްކަމުގެ އިޙްތިމާލަކީ ހަމައެކަނި ވަހުމެއް ކަމުގައި ބެލެވޭނެތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =