[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 161

174ވަނަ ޤަވާޢިދު (ޖުމްލަ 189): الوَاوُ لِمُطْلَقِ الـجَمْعِ لَا لِتَرْتِيْبٍ وَلَا مَعِيَّةٍ

މި ޤަވާޢިދުގެ ތަރުޖަމާ: {ވާވު އަކުރު ބޭނުންކުރެވެނީ މުޠުލަޤުކޮށް ޖަމާކުރުމަށް، ތަރުތީބުކުރުމަކަށް އަދި އެކުގައިވާކަން ބަޔާންކުރުމަކަށް ނޫން}

މި ޤަވާޢިދުގެ މުރާދު: ވާވުގެ ވައްތަރުތަކުގެ ތެރެއިން الوَاوُ العَاطِفَة އިން (ވާހަކަ ގުޅުވައިލުމުގެ ގޮތުން ބޭނުންކުރެވޭ و އަކުރުން) ދޭހަކޮށްދެނީ، ޙުކުމުގައި الـمَعْطُوفُ އާއި الـمَعْطُوفُ عَلَيْهِ މުޠުލަޤުކޮށް ޖަމާވެގެންވާކަމެވެ. އެއީ، އެއިން ތަރުތީބުކުރެވިފައިވުމަށް (މިސާލަކަށް، ޒަމާނުގެ ގޮތުން الـمَعْطُوفُ عَلَيْهِ އަށްވުރެ الـمَعْطُوفُ ފަސްވެފައިވާކަން ފަދަ) އަދި އެކުގައިވާކަން ބަޔާންކުރެވިފައިވުމަށް (މިސާލަކަށް، އެއް ވަގުތެއްގައި އެކުއެކީގައި الـمَعْطُوفُ އާއި الـمَعْطُوفُ عَلَيْهِ އައިސްފައިވާކަން ފަދަ) ދަލީލުކޮށްދިނުމެއް ނެތިއެވެ. މިސާލަކަށް، [جَاءَ مُحَمَّدٌ وَعَلِيٌّ] (މުޙައްމަދާއި ޢަލީ އަތުވެއްޖެ) މިފަދައިން ބުނެފިނަމަ، އެ و އަކުރުގެ ބޭނުމަކީ، އެ ދެ މީހުން ވެސް އައުމުގެ ސިފައިގައި ޖަމާކޮށްލުމެވެ. އެހެންކަމުން، ޢަލީ އައީ މުޙައްމަދަށްވުރެ ފަހުން ކަމަކަށް، އަދި އެ ދެ މީހުން އައީ އެކުއެކީގައި ކަމަކަށް އެއަކުން ދޭހައެއް ނުކޮށްދެއެވެ. މިއީ، ނަޙޫއާއި ފިޤުހާއި އުޞޫލުގެ ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި މަޝްހޫރު ހަތަރު އިމާމުންގެ ވެސް ރައުޔެވެ. އަދި މި ގޮތަށް، ޙަނަފީންނާއި، މާލިކީންނާއި، ބައެއް ޝާފިޢީންނާއި، ގިނަ ޙަންބަލީން ދެކިވަޑައިގަންނަވަތެވެ.

މިއާ ޚިލާފަށް، އައްޝީރާޒީފަދަ ބައެއް ޝާފިޢީންގެ ނަޒަރުގައި، الوَاوُ العَاطِفَة އިން، الـمَعْطُوفُ އާއި الـمَعْطُوفُ عَلَيْهِ ތަރުތީބުކުރުމުގެ މާނަ ލިއްބައިދެއެވެ. އެ ގޮތުން، އެ ހާލަތުގައި ޙުކުމުގައި ފުރަތަމަ އޮންނާނީ الـمَعْطُوفُ عَلَيْهِ އެވެ. ދެން، الـمَعْطُوفُ އެ ޙުކުމުގައި އޮންނާނެތެވެ. އެހެންނަމަވެސް، ތަރުތީބުވާ ގޮތް ކަނޑައެޅުއްވުމުގައި އެ ބޭފުޅުންގެ ތެރޭގައި އެކި ރައުޔުތައް ވެއެވެ.

އަދި މިއާ ޚިލާފަށް، ބައެއް ޙަންބަލީން އިޚްތިޔާރުކުރައްވާފައިވާ، އަދި ބައެއް ޙަނަފީންނަށާއި އެހެން ބައެއް ބޭފުޅުންނަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައި ވަނީ، الوَاوُ العَاطِفَة އިން، އެކުގައިވުމުގެ މާނަ ލިއްބައިދޭ ކަމުގައެވެ. އަދި އެ ނޫން މާނައެއްގައި އެ ބޭނުންކުރެވިއްޖެނަމަ، އެ ބޭނުންކުރެވިފައި އޮންނަހުށީ މަޖާޒީ ގޮތުން ކަމުގައެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާ ހަމަޔަށް ދޮންނާށެވެ!] މި އާޔަތުގައި އެވާ الوَاوُ العَاطِفَة ތަކަށް ބިނާކޮށް، ޙަނަފީންނާއި މާލިކީންގެ އަރިހުގައި، ވުޟޫކުރުމުގައި ވުޟޫގެ ގުނަވަންތަކުގެ މެދުގައި މި އާޔަތުގައި އެވާ ގޮތަށް ތަރުތީބުން ގެންދިޔުމީ، ތަރުތީބުން ދޮވުމީ ފަރުޟެއް ނޫނެވެ. އެއީ، ސުންނަތެކެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =