[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 163

177ވަނަ ޤަވާޢިދު (ޖުމްލަ 189): اللَّامُ لِلْاِخْتِصَاصِ

މި ޤަވާޢިދުގެ ތަރުޖަމާ: {ލާމު ބޭނުންކުރެވެނީ، އިޚްތިޞާޞަށް}

މި ޤަވާޢިދުގެ މުރާދު: އިބިފިލިޖައްސައިދޭ ލާމަކީ، ޢަރަބިބަހުގެ އަޞްލުގައި، الـمُضَافُ إِلَيْهِ އިން، الـمُضَافُ ޚާއްޞަކުރުމަށް ބޭނުންކުރެވޭ ޙަރުފެކެވެ. އެއީ، الـمُضَافُ ގައި އެހެން އެއްޗެއް ބައިވެރިނުވާނޭހެންނެވެ. އަދި ޤަރީނާއެއް ނެތްނަމަ، ލާމުން މި ނޫން މާނައެއް ނުނެގޭނެއެވެ. މިއީ، ބަހަވީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންނާއި، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، އައްޝީރާޒީއާއި، ޙަންބަލީންކުރެ ގިނަ އަދަދެއްގެ ބޭފުޅުންގެ ނަޒަރުގައި، ލާމުގެ އަޞްލަކީ، އެއީ މިލްކުވެރިކަމަށް ޙަޤީޤީ މާނައިގައި ބޭނުންކުރެވޭ ޙަރުފެއް ކަމުގައި ވުމެވެ. ދަލީލަކުން މެނުވީ، އެ ނޫން މާނައަކަށް ލާމު އަނބުރައެއް ނުލެވޭނެއެވެ. މިލްކުވެރިކަން ފިޔަވައި އެހެން މާނައެއްގައި ލާމު ބޭނުންކުރެވިފައިވާނަމަ، އެ ތަނުގައި އެ މާނައަށް ދަލީލުކޮށްދޭ ޤަރީނާއެއް އޮންނާނެއެވެ.

މި ޤަވާޢިދުގެ މައުޟޫޢަކީ، އިބިފިލިޖައްސައިދޭ ލާމެވެ. ބަހަވީ ގޮތުން ބޭނުންކުރާ ކުރުމުގައި މިފަދަ ލާމުތައް އެކި މާނަތަކުގައި އާދެއެވެ. އެ ތަނުން އެންމެ މަޝްހޫރު މާނައަކީ، އިޚްތިޞާޞުގެ މާނައެވެ. މިސާލަކަށް، [الـجَنَّةُ لِلْمُؤْمِنِيْنَ] (ސުވަރުގެއަކީ މުއުމިނުންނަށް ހުރި ތަނެއް) މިފަދައިން ބުނުމެވެ. މީގެ މުރާދަކީ، ސުވަރުގޭގެ ނިޢުމަތްތައް ޚާއްޞަ ކުރެވިފައިވަނީ މުއުމިނުންނަށެވެ. ކާފިރުންނަށް އެ ނިޢުމަތްތަކެއް ނުލިބޭނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((الوَلَدُ لِلْفِرَاشِ)) މާނައީ: [ދަރި ލެއްވިގެންވަނީ ތަންމައްޗަށެވެ.] މި ޙަދީޘުގައި ލާމު ބޭނުންކުރެވިފައި އެ ވަނީ، އިޚްތިޞާޞްގެ މާނައިގައެވެ. އެބަހީ، ދަރިފުޅު ނިސްބަތްކުރެވޭހުށީ އެ ދަރިފުޅު ލިބުނު ދެމަފިރިއަކަށެވެ. އެހެންކަމުން، އަނބިމީހާއާ ދުރުގައި އަހަރުތަކެއް ވޭތުކުރަނިކޮށް، އަނބިމީހާއަށް ދަރިޔަކު ލިބިއްޖެނަމަ ވެސް، އެ ފިރިމީހާ އިންކާރު ނުކުރާނަމަ، އެ ދަރިފުޅު ނިސްބަތްކުރެވޭނީ އެ ފިރިމީހާއަށެވެ. މި ޒަމާނުގައި ތަރައްޤީވެފައިވާ، އެހެން މީހެއްގެ ދަރިފަނި ނުވަތަ ބިސް ނުވަތަ ރަޙިމު ބޭނުންކޮށްގެން ދަރިޔަކު ހޯދުމުގެ މައްސަލައަށް ވެސް މި ޙަދީޘުން ޢިލްމުވެރިން ދަލީލު ނަންގަވައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =